ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ގއ. ކޮލަމާފުށީ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލިނގިލީ ދާއިރާގެ ބައި އިލެކްޝަނަށް ވަގުތު ކުޑަތަންވެފައި އޮތްއިރު، ދާއިރާގެ ރައްޔިތުންގެ އިހްލާސްތެރިކަން ވޯޓުން ދައްކައި ދެން ޖެހޭ ކަމަށެވެ. އެކަމުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ކޮލަމާފުށީގައި ދިރިއުޅޭ މީހުންގެ "ހިތުގެ ތަޅުދަނޑި" ކަމަަށް ވިދާޅުވި އެވެ.

ކޮލަމާފުށި ހިމެނެނީ ވިލިނގިލީ ދާއިރާގަ އެވެ. ވިލިނގިލީ މެމްބަރު ސައުދު ހުސެއިންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ބައި އިލެކްޝަން އޮންނާނެކަން އެ ކޮމިޝަނުން އިއުލާންކުރި ނަމަވެސް، ގާނޫނުއަސާސީގައި އޮންނަ މުއްދަތު ހަމަވިއިރު ވެސް އިންތިހާބަކަށް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ސަރުކާރުން އަންނަނީ، ގޮނޑިި ގެއްލުނު ކަމަށް އިލެކްޝަންސުން ކަނޑައެޅި އިދިކޮޅު ހަ މެމްބަރަކު ނިސްބަތްވާ ދާއިރާތަކަށް ކެމްޕޭން ކުރަމުންނެވެ.

"އަޅުގަނޑުމެން ސިޔާސީ މީހުން ލައްކަ ވާހަކަ ދައްކާނެ. އެ ފަހަރަކު ރައްޔިތުންނަށް ގަބޫލުކުރާ މިންވަރަށް ރައްޔިތުން ވާވައްދަން ވާހަކަ ދައްކާނެ. އެކަމަކު، އަޅުގަނޑުމެންނަށް ނުދެއްކޭ ވާހަކައަކީ ކުރާ ކަމެއްގައި، ހާއްސަ ގޮތެއްގައި ބައެއްގެ ހާލަތު ބަދަލުކުރާ ވަރުގެ ނިންމުމެއް ނިންމާއިރު، އެކަން ކުރަންވާނީ އިހްލާސްތެރިކަމާ އެކު،" ރައީސް ވިދާޅުވި އެވެ.

"އިހްލާސްތެރިކަމާ އެކު އެކަން ނުކުރެވޭ ކަމަށްވާ ނަމަ، އެ ގޮނޑިއާ ހަވާލުވެގެން އަންނަ މީހުންގެ އިހްލާސްތެރިކަން އުފެދުމުގައި ނެތް ނަމަ، މި ބައި އިލެކްޝަން ކަހަލަ އެތައް އިލެކްޝަނެއް ކުރިމަތިލާނެ."

ޕީޕީއެމުން މަޖިލިހުގެ ބައެއް މެމްބަރުން ވަކިވެގެން ދިއުމަކީ "ބަޣާވާތެއް" ކަމަށް ސިފަވާ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ޕާޓީން ވަކިވެގެން ބަޔަކު ދިޔައީ އިހްލާސްތެރިކަން ނެތީމަ ކަމަށެވެ. ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ދިމާލަކަށް ތަރައްގީ ގެނައުމާއި ދިވެހިން ގަބޫލުކުރާ އިސްލާމީ ރިވެތި އުސޫލުގެ މަތީގައި ދެމިތިބުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ހާލަތު ބަދަލުކުރުމުގެ ހިޔާލު ސަރުކާރުގައި ނެތް ނަމަ، އެތަނެއް ތަރައްގީ ނުވާނެ ކަމަށެވެ. އަވައްޓެރި ގައުމުތަކުގައި އުޅޭ ބަޔަކު އެ ހާލަތު ބަދަލުކުރަން ނާންނާނެ ކަމަށާއި ހާލަތު ބަދަލުކުރަން ޖެހޭނީ ދިވެހިން އަމިއްލަ އަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު، ކޮލަމާފުށިން އެކަނި 80 ޕަސަންޓު ވޯޓު ލިބޭނެކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދީފަ އެވެ. އެހެންވެ ޕީޕީއެމްގެ ފިކުރާ، ހިޔާލު ތަފާތުވާ މީހުންނާ ބައްދަލުކޮށް، އެ ހިޔާލު ތަފާތުވަނީ ކީއްވެގެން ކަން ދެނެގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމީހުންނާ މުއާމަލާތް ކުރެވޭ ނަމަ، ހިޔާލު ބަދަލުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްޑީޕީއެއް، އަދާލަތެއް، އެހެން ޕާޓީއެއް ކިޔާނެ ކަމެއް ނެތް. ޕާޓީއަކަށް ނުވަދެ ތިބި ނަމަވެސް އަޅުގަނޑުމެންގެ ފިކުރަށް ތާއީދުނުކުރެވޭ ކަމަށްވާ ނަމަ އެކަން އެނގެން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.