ގާސިމް: އޭނާގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ 112 މިލިއަން ޑޮލަރު ހޯދަން --ފޮޓޯ/މިހާރު
15 އޯގަސްޓް 2018 - 11:36
ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން 112 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލަ ދަށު ކޯޓާއި ހައި ކޯޓުން ވެސް ނާކާމިޔާބުވުމުން އެންމެ ފަހުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފި އެވެ.
ޑަބްލިއުއެލްޓީ އިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ސަރުކާރު ކުންފުނިތަކެއް ގުޅިގެން ކުރިން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް) ކުންފުނިން ޑަބްލިއުއެލްޓީ އަށް 2007 ގައި ރިސޯޓް ހެދުމަށް ރަށްތަކެއް ދޭން ނިންމުމަށް ފަހު އެ ތަންތަން ހަވާލު ނުކުރި މައްސަލާގަ އެވެ. އެ މައްސަލާގައި ޑަބްލިއުއެލްޓީ އިން ދައުވާކުރީ ގެއްލުމުގެ ބަދަލަށް 112 މިލިއަން ޑޮލަރާއި ރަށްތަކުގެ އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު ހޯދުމަށެވެ.
އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު ޑަބްލިއުއެލްޓީ އަށް އަނބުރާ ދެއްކުމަށް ސިވިލް ކޯޓާއި ހައި ކޯޓުން ދައުލަތުގެ މައްޗަށް އަމުރު ކުރިޔަސް، އެ ދެ ކޯޓުން ވެސް ނިންމާފައި އޮތީ ގެއްލުމުގެ ބަދަލަށް 112 މިލިއަން ޑޮލަރު ދައްކަން ދައުލަތުގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ ޑަބްލިއުއެލްޓީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް އެ ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން ޑަބްލިއުއެލްޓީ އިން އެޑްވާންސްގެ ގޮތުގައި ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުގެ ފަރާތުން ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް މާދަމާ ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ދޫކޮށްފައި އޮތް ފަސް ރަށެއް ސަރުކާރުން ކުރިން އަތުލީ ވެސް ޑަބްލިއުއެލްޓީ އިން ދައުލަތާ ދެކޮޅަށް އެ ދައުވާ ކުރާތީ ކަމަށް ބުނެ އެވެ. ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރުމަށް ވިލާ ކުންފުންޏާއި ސަރުކާރާ ދެމެދު ސެޓްލްމަންޓް އެގްރިމެންޓެއް ހަދާފައި އޮއްވާ ވިލާގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީ އިން އެ ދައުވާ ދައުލަތާ ދެކޮޅަށް ކުރުމަކީ ސެޓްލްމަންޓް އެގްރިމެންޓާ ޚިލާފް ކަމެއް ކަމަށް ބުނެ އެ ރަށްތައް ސަރުކާރުން އަތުލީ 2015 ގައި އެވެ.
އެކަމަކު މިދިޔަ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ހުކުމްކުރީ ވިލާއަށް ދޫކުރި އެ ރަށްތައް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށާއި އެ ރަށްތަކުގެ އެއްބަސްވުން އަދިވެސް ބާތިލް ނުވެ، ދެމި އެބައޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޅުވެރިން
16 August 2018
އެއްވެސް އަޞްލެއް ނެތް ދަޢުވާއެއް! މިފަދަ ބޮޑު ބަދަލެއް ހޯދުމަށް ދައުލަތުގެ މައްޗަށް ދަޢުވާއެއް އުފުލުމުން އެނގިގެންދަނީ، ރައްޔިތުންނަށް ހެޔޮއެދޭ އޯގާތެރި މީހުންނޭ ކިޔައިގެން އުޅޭ މީހުންގެ ޙަޤީޤީ ނިޔަތް ހުރިގޮތް! ދައުލަތުން ބަދަލު ހޯދުމަކީ، ރައްޔިތުންގެ ފައިސާ އަތުލުން! ދިހަބާރަ ރަށް ނަގައިގެން އެއިން އެއްވެސް ތަނެއް ނުހަދައި ދިހަބާރަ އަހަރު ފާއިތުވާއިރުވެސް މީނަ ސަރުކާރަށް ދައްކަންޖެހޭ ލޯލާރިއެއްވެސް އޮންނަ ކަމަކަށް ނުވޭ! އެކަމަކު ރަށް ނަގާ ފަރާތާ އެކުގައި ސަރުކާރުން ވާ އެއްބަސްވުމުގައި އެބައޮވޭ ދޮޅު އަހަރު ތެރޭގައި ރަށް ހަދަންޖެހޭ ކަމަށް! ނުހެދިއަސް މީނަގެ އަތުން ސަރުކާރަށް ލިބެންޖެހޭ ޖޫރިމަނާއެއްވެސް ނޯވެޔޯ! މިއީދެން އަރަތެއް ނޫންތަ؟ މިކަން މިހެން އޮއްވައި އަނެއްކާ ސަރުކާރުންނޯ މީނައަށް ބަދަލު ދޭން މިޖެހެނީ!! މިކަހަލަ ވާހަކަ ދައްކަން ހެޔޮ ނުވާނެ!!
ސަމަދު
15 August 2018
މި މީހުންގެ ކޯޅުމުގެޓެރެއިން ގަންނަގަޑުގެ ނަތީޖާއަކީ ގައުމުގެ ހަލާކު. މި މީހުންގެ ސަކަރާތްގަޑުގަ މި މީހުންގެތެރޭގައި ގައުމުގަ ހުރިއްޔާ ހުރި ހުރިހާ ރައްތަކެއް އެއްގޮތަކުން ނޫނީ އަނެއްގޮތަކުން ބަހާހުސްކުރާނެ
މުނީރު
15 August 2018
ވެރިކަމާއިގެން ތިޔައުޅެނީވެސް ހަމަ އާރާޢި ބާރުގައި ދައުލަތުގެ މުދަލާއި ފައިސާގައި ޖެހެންވެގެން ދެން އެހެން ނޫނީ ކޮންކަމެއް ރައްޔިތުންނަށް ވަރަށް ރަގަޅަށް އެނގި ސާފުވެއްޖެ ވެރިކަމާއިގެން ތިއުޅޭ ގްރޫޕްތައް ތިޔައުޅެނީ ރައްޔިތުންނާއި ގައުމަށްޓަކާ ނޫންކަން
ދަތްނެތްކުއްޖާ
15 August 2018
ސާބަހޭ ޤާސިމު ދަރިޔާ. ޒައްރެއްގެ މިންވަރުވެސް ދޫނުކޮއްލާތި. ތިމާ ގެނބިގެން ދާތަނުގައި ރަގަލަށް ގެނބިގެން ދާންޖެހޭނެ ކަމަށް މަމެން ދެކެން.
މަހޭބެ
15 August 2018
މިދެން ސިމްޕަލް ރަށް ނުލިބި ލާރިކޮޅު ނުލިބި އެހާދުވަސްވާއިރު އެއަށް އިންޓަރެސްޓް އަރާނެކަން ކުޑަކުދިންނަށްވެސް ވިސްނޭނެ... އެކަމަކު ސަރުކާރުން ގާސިމު ދައުލަތަށް ދަންކަންޖެހޭ ބައިވަރު ފައިސާ އޮތްކަމަށް އަދުރޭމެން ޕޯޑިއަމްތަކުގަ ގޮވާއިރު ދައުލަތުން ގާސިމަށް ދަންކަންޖެހޭ ފައިސާ އޮތް ވާހަކަ ނުގޮވައެއްނު...
ކަޅުސޮރު1
15 August 2018
ފައިސާ ނުދައްކައިގެން ކުރާ ޖުރުމަނާއަކީ ހަމައެކަނި ރައްޔިތުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދެއްކިއްޔާ ކުރަން އޮންނަ އެއްޗެއް. ދައުލަތުން ނުވަތަ ސަރުކާރުން ޢާއްމު ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުދެވި 20 ނުވަތަ 30 އަހަރުވިޔަސް ޖުރުމަނާއަށް އެންމެ ލާރިއެއްވެސް އަރައިގެން ނުވާނެ.. މިއީ މި ގައުމުގެ އިންސާފަކީ.. ތިޔަ ކިޔާ މީރާއަކުންވެސް ނުބައިކޮށް ޓެކްސްގެ ހިސާބުހަދައި މީހުންގެ އަތުން ފައިސާ އަތުލުމަށް ފަހު އެ ފައިސާ އަބުރާ ލިބިދެވޭނެ އެއްވެސް ގޮތެއް ނޯވޭ.