އަބުރުގެ ބިލު ދިރާސާކުރާ ކޮމެޓީގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޝަހީބު ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 އޯގަސްޓް 2016 - 12:56
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު އިސްލާހުކޮށްގެން ފާސްކުރާ ނަމަ، ނޫސްވެރިކަން ވަޅުނުޖެހޭނެ ކަމަށް ވިދާޅުވިޔަސް ބިލްގައި ހުރި ގިނަ ކަންކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)ގެ ރައީސް މުހައްމަދު ޝަހީބު މިއަދު ތާއީދުކުރައްވައިފި އެވެ.
އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޝަހީބު ވިދާޅުވީ އިސްލާހުތަކާ އެކު މި ބިލު ގާނޫނަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެކަމަކު މިހާރު އޮތް 2 މިލިއަން ރުުފިޔާގެ ޖޫރިމަނާ ކުޑަކުރާކަށް އޭނާ ހުށައެއް ނާޅުއްވަ އެވެ.
ބްރޯޑްކޮމްގެ ވާހަކަ މިއައީ ރާއްޖޭގެ މީޑިއާގެ ގިނަ ބަޔަކާއި ސިިޔާސީ ބައެއް ފަރާތްތަކާއި ސަރުކާރަށް ނިސްބަތްވާ މަޖިލިހުގެ ބައެއް މެމްބަރުން ވެސް، މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އަދި ރާއްޖޭގެ މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ބިލެއް ކަމަށް ޔަގީންކުރެވޭ ގިނަ މާއްދާތަކެއް ބިލްގައި ހިމަނާފައިވެ އެވެ.
ޝަހީބު ވިދާޅުވި ގޮތުގައި މީހެއްގެ އަބުރާ ބެހުމާ ބެހޭ އެއްވެސް ވާހަކައެއް ބްރޯޑްކާސްޓް ކުރެވިގެން ނުވާނެ އެވެ. މިނިވަންކަމާ އެކު ނޫސްވެރިކަމާއި ހިޔާލުފާޅުކުރުން އޮންނަން ޖެހޭނީ އަބުރު ނުގެއްލޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބުރުގެ ބިލު ދިރާސާކުރާ ކޮމެޓީގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ: ނިޝާން އަލީ/ މިހާރު
"އަޅުގަނޑު ގަބޫލެއް ނުކުރަން، ބިލު އިސްލާހުތަކާ އެކު ފާސްކޮށްގެން ނޫސްވެރިކަން މަރުވީ ކަމަކަށް، ވަޅުޖެހުނީ ކަމަކަށް ވެސް ގަބޫލެއްނުކުރެވޭ. މިކަމުގެ ސަބަބުން އިންސާނީ ކަރާމާތް ހިމާޔަތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވޭނެ ކަމަށް ގަބޫލުކުރެވެނީ،" ޝަހީބު ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވި ގޮތުގައި ނޫސްވެރިކަމަކީ "ބަޑިއަކަށް ވުރެ" ނުރައްކާތެރި އެއްޗެކެވެ. އަދި އަބުރުގެ ބިލު ވުޖޫދަށް އަންނަނީ އެކަން ހުއްޓުވުމުގެ މާތް މަގްސަދެއް އޮވެގެން ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
ނަމަވެސް ބިލު މިހާރު އޮތް ގޮތުން މިނިވަން ނޫސްވެރިކަން ހުއްޓުމަކަށް އަންނާނެތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޝަހީބު ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިން ވަނީ މީޑިއާ ކައުންސިލާއި ބައެއް މީޑިއާތަކުން ފާހަގަކުރި ކަންތައްތައް ކޮމެޓީއާ ހިއްސާކޮށްފަ އެވެ. އެގޮތުން ޖޫރިމަނާކުރުމުން އިސްތިއުނާފް ކުރެވޭ ގޮތް ހަނިކޮށްފައި އޮތްއޮތުން ބަދަލުކުރުމާއި ސަލާމަތަށް ނުރައްކާވާ ގޮތަށް ހިޔާލުފާޅުކުރުމަކީ ކޮބައިކަން ތަފްސީލްކޮށް ދޭން އެދުން ހިމެނެ އެވެ.
"ޒިންމާދާރުކަމާ އެކު މިކަން ކުރިއަށް ގެންގޮސްގެން ނޫނީ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ގެއްލިގެން ދާނެ ކަމަކަށް ގަބޫލެއްނުކުރަން. އިޖުތިމާއީ ފޭރާން ވަނީ ވަރަށް ބޮޑަށް ވީދިގެން ގޮސްފައި، އެކަން އިސްލާހުކުރަން ޖެހޭ،" ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރެއްވި ޝަހީބު ވިދާޅުވި އެވެ.
އަބުރުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އަބުރާ ބެހުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން އޮތް އަދަދާ މެދު ކޮމިޝަނުން ވަނީ މަޝްވަރާކޮށްފަ އެވެ. އެކަމަކު ބިލްގައި އޮތް އެންމެ ބޮޑު އަދަދު ޖޫރިމަނާގެ ގޮތުގައި ނަގާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ޝަހީބު ވިދާޅުވި އެވެ. އަދި ޖޫރިމަނާ ބޮޑުކޮށް އޮތީ ކަމުގެ ސީރިއަސް ކަމަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖޫރިމަނާ ބޮޑުކޮށް އޮތީ ޖޫރިމަނާ ނެގުމުގެ މުހިންމު ކަމުގައެއް ނޫން، ކަމުގެ ސީރިއަސް ކަމަށް ބަލާފައި ކަމަށް ވިސްނާތީ އަދަދު ބޮޑުކޮށްފައި އޮތީ،" ޝަހީބު ވިދާޅުވި އެވެ.
ބިލްގައި އޮތް ގޮތުން އަބުރުގެ މައްސަލަތަކުގައި ބައި ލައްކައިން ފެށިގެން 2 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ. ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބޭނީ ވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް ކަމަށް، މަޖިލިހުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ބިލުގައި ޖޫރިމަނާގެ އަދަދު ކަނޑައަޅާފައި އޮތީ އަބުރާ ބެހުން ހުއްޓުވަން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުނު ޢަލީ
05 August 2016
ބްރޯޑުކޮމްގަ ތިބީ ސަރުކާރަށް ތާއީދު ކުރާ އެކްޓިވިސްޓުންކޮޅެއް. ސަރުކާރުން ބޭނުން ގޮތަކަށް ބަސްބުނެދިނުމާއި ސަރުކާރުން އެދޭ ގޮތަކަށް މީޑިއާ ތަކާއިމެދު ފިޔަވަޅު އެޅުން އެއީ އެމީހުންގެ ޒިންމާއަކީ. ޢެކަމުގައި ފަރުވާ ކުޑަކޮށްފިނަމަ އެމީހުނަށް ވެސް މަރުހަބާ ކިޔާނީ ޖަލުގެ ގާޑުން. ޖ.ނާޒިމާއި އަދީބާއި ދެމެދު ޢަމަލުކުރެވުނުގޮތް އެއީ ނަމޫނާ.
އަޙްމަދު
05 August 2016
ޝަހީބަކީ ޔަމީނާ ތިމަގެ މީހެއް.ދެވަނަ ފަހަރަށް އޭނާ އ ކޮމިޝަނަށް ހޮވުނީ ވެސް އެހެންވެގެން.ސަރުކަރުން ބުނާ ކޮންމެ އެއްޗަކަށް އޭނަ ތާއީދު ކުރާނެ.
ނެގަޓިވް ކޮމެންޓް
04 August 2016
ތިޔަ ބިލަށް ވަރަށް ވަރަށް ތާއީދު. ދީނުގައިވެސް ދޫ ރައްކާކުރަން ނަސޭހަތް ތެރިވޭ. ދުލުން ބުނެވޭ ކިތަންމެ ކުޑަ އެއްޗަކުންވެސް ބޮޑެތި ކުއްފާފަތަކަށް އަރައިގަނެވޭ. ކޮމެންޓު ކުރައްވާ ބޭފުޅުންނަށް ހަމަ ނުވިސްނެނީބާ. ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް އަހަރެންގެ ގައިން މަދުވާނެ އެއްޗެއްނެތް. އަހަންނަށް ބުނެވޭ އަދި ކުރެވޭ ކަމަކުން އަހަންނަށް ގެއްލުން ވާނީ. މަށަށް ހެޔޮ ތިޔަ ކޮމެޓީގަ ކޮންމެ މީހަކު ހުއްޓަސް. ރަނގަޅު ކަމެއް ކުރުމުން ތާއިދު ކުރާނަން. އެކަމަކު ނުބައި ކަމެއް ކުރުމުން ހެއްދެވި ނުހެއްދެވި އަށް ގޮވާ މަލާމާތެއް ނުކުރާނަން. ދޭނީ ނަސޭހަތް. ދުލުން ބޭރު ކުރާނީ ހެޔޮވިސްނުން ދެއްވުމަށް އެދި ދުއާ.
ޕޮޒިޓިވްކޮމެންޓް
05 August 2016
ދުއާ ކުރީމާ ވާގޮތް ނުފެނޭތޯ؟
އަލީ ރަޝީދު/ހޯރަފުށީ
04 August 2016
ޝަހީބުއާއިދޭތެރޭ ޝައްކުގެ ނަޒަރަކުން ބަލަންވެއްޖެ އަނެއްކާ ގޯނި ހިފައިގެން މިގެއަށް ގޮއްސްބެހީތަ؟
ނަސީމް/ގދ.ތިނަދޫ
04 August 2016
ޝަހީބުގެ އަކީ ކާކުކަން ދިވެހިންނަށް މިއަދު އެގިއްޖެއެވެ. ރައްޔިތުން އަޅުވެތި ކުރުމަށްކުރާ ކަންތައްތަކުގައި ބަޔަކަށް ހިތްވަރުދީ ތިހިންގާ ނާތަހުޒީބް އަމަލް އެންމެ ހަރުކަށި އިބާރާތުން އަޅުގަނޑު ކުއްވެރިކުރަމެވެ. އަޅުގަނޑު އެދެނީ ޝަހީބު ރައްޔިތުންގެ ޓެކްސްލާރިން މުސާރަ ނަންގަވައިގެން ނުހުންނަވާ ރައްޔިތުން އެދޭގޮތައް އަވަހަށް އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަތުމެވެ.
ޙަސަން
04 August 2016
ޝަހީބު މީ ކުޑަގޮޅި ކިޔާ ވާހަކަ އެއް ލިޔެގެން ކުޑަ ގޮޅިއަށް ލީ މީހެއް ... މިއަދު މީނާ ކުއްޅަވައްފަލު ރަނިން ހެދިގެން އުޅުނަސް ،،،، ޙަޤީޤަތް ފެނި ޤަބޫލުކުރެވުނަސް ، ފައިސާ އާއި މަޤާމާ ހެދި ބޫތު ކެއީމާ މިހާ ޤަބޫލު ކުރާނެ އުސޫލެއް ލަދެއް ޙަޔާތެއް ނޯންނާނެ..
ހުސޭނު
05 August 2016
ތާއީދު
ޢަހުމަދު
04 August 2016
ޕީޕީއެމްގެ ޔާމީން ފެކްޝަނެއް ނޫންތޯމީ..
މަންސޫރު
04 August 2016
ސަރުކާރުގެ ބަތަށް ރިހަ އަޅަން މުސާރަ ދީފައި ތިބޭ ބެޔެއް ވިއްޔާ!
Maldives
04 August 2016
ޝަހީބުގެ އަސްލު ސިފަ މިހާރު ފެނިއްޖެ.
އަޖިތު
04 August 2016
ހަމަ ފިތިބާރުވެފަ........
ބަޖުޔަސް
05 August 2016
ފިތިފަކަ ނޫން. މި ފެންނަނީ އަސްލު ސިފަ.