126 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ސިފައިންގެ އަގުވަޒަންކުރުމުގެ ޖަލްސާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
09 ސެޕްޓެމްބަރ 2018 - 16:15
އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ދިފާއީ ސިޔާސަތު ތަންފީޒުކޮށް، ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަސްކަރީ ދައުރު އޮންނާނެ ހަމައެކަނި މުއައްސަސާއަކީ އެމްއެންޑީއެފް ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.
މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެކުލަވައިލި މެނިފެސްޓޯގައި ބުނެފައިވަނީ ރާއްޖޭގައި ދިފާއީ ސިޔާސަތު ތަންފީޒު ކުރާނެ ވުޒާރާ އަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ޑިފެންސް މިނިސްޓްރީ ކަމަށެވެ. އަދި އިދިކޮޅު ވެރިކަމެއްގައި ގައުމީ ސަލާމަތުގެ ގާނޫނެއް ހަދައި، ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ނޭޝަނަލް ކޮމާންޑް އޮތޯރިޓީގެ އިތުރުން ފޮރިން މިނިސްޓްރީ ގުޅިގެން، ބައިނަލްއަގުވާމީ ސަލާމަތާއި މަސްރަހާ ގުޅޭ ގޮތުން ދޭން ޖެހޭ އެހީތެރިކަމާ މަޝްވަރާ ޑިފެންސް މިނިސްޓްރީ އަށް ދޭނެ ކަމަށް ވެސް މެނިފެސްޓޯގައި ބުނެފައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ބޮޑު ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބޫ އަދި ރަނިންމޭޓު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަސްކަރީ ދައުރު އޮންނާނެ ހަމައެކަނި މުއައްސަސާއަކީ ދިފާއީ ބާރު ކަމަށް އިދިކޮޅު މެނިފެސްޓޯގައި ބުނެފައިވާއިރު، ސަރުކާރާއި ޕީޕީއެމްގެ ބައެއް ބޭފުޅުން، މީގެ ކުރިން ވިދާޅުވި ގޮތުގައި، އިދިކޮޅުގެ ވިސްނުން ހުރީ އެމްއެންޑީއެފް އުވައިލުމަށެވެ.
އެކަމަކު، ގިނަ އަދަދެއްގެ ބަޔަކާއެކު، އިދިކޮޅު ކޯލިޝަނުން ކާނިވަލުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ފުލުހުންނާއި ސިފައިންނަށް ޣައިރު ގާނޫނީ އަމުރުތަކެއް ނުކުރާނެ ކަމަށެވެ.
އޭގެ ބަދަލުގައި ފުލުހުންނާއި ސިފައިންނަކީ ތަމްރީނާއި ވަސީލަތް ލިބިފައިވާ ޕްރޮފެޝަނަލް އަދި ގާނޫނުއަސާސީ އާއި ޑިމޮކްރެޓިކް އުސޫލުތައް ނަގަހައްޓާނެ ބަޔަކަށް ވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިދިކޮޅު މެނިފެސްޓޯގައި ވެސް ވަނީ ސިފައިންނަށް ވަސީލަތްތައް އިތުރުކޮށްދޭނެ ވާހަކަ ހިމަނައިފަ އެވެ.
އިދިކޮޅު މެނިފެސްޓޯގައި ބުނި ގޮތުގައި، އެމްއެންޑީއެފް ރާވާ ހިންގާނެ އުސޫލުތައް ހަރުދަނާކޮށް ސްޓްރެޓީޖިކް އަމުރު ނެރެ މަގު ދައްކައިދީ ދިފާއީ ބާރުގެ މައްޗަށް މަދަނީ ކޮންޓްރޯލް އޮންނާނީ ޑިފެންސް މިނިސްޓްރީއަށެވެ. އަދި ޑިފެންސް މެނޭޖްމަންޓްގެ ގާބިލްކަން އަދި ފަންނީ ހުނަރުވެރިކަން ލިބިފައިވާ ދިފާއީ އަދި ގައުމީ ސަލާމަތުގެ ރޮނގުން މަތީ ތައުލީމް ލިބިފައިވާ މުވައްޒަފުން އިތުރުކޮށް، ދިފާއީ ވުޒާރާގެ އޮނިގަނޑު ވަރުގަދަ ކުރެވޭނެ ކަމަށް ވެސް އިދިކޮޅު މެނިފެސްޓޯގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
- ގައުމީ ސަލާމަތުގެ ގާނޫނެއް ވުޖޫދަށް ގެންނާނަން.
- ސައިބާ އިކޮނޮމިކް ކްރައިމްސްއާ ގުޅޭ ކުށްތައް ހުއްޓުވަން ފިޔަވަޅު އަޅާނަން.
- ރާއްޖޭގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނަން.
- އަމާންކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދޭނަން.
- ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް، ކަނޑު ފޭރޭ މީހުންނާއި ސުމަގުލްކުރާ ފަރާތްތަކުގެ ނުރައްކަލުން ރައްކާތެރިކުރުމަށް ސަރަހައްދު ބެލެހެއްޓުން
އިދިކޮޅު މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އެއްގަމާއި ކަނޑާއި ވައިގެ ސިފައިންގެ ހިދުމަތް ދިނުމަށް އެކަށީގެންވާ ވަސީލަތާއެކު ކޮމްބެޓެންޓް ކޮމާންޑްތަކެއްގެ ހިދުމަތް ދޭނެ ނިޒާމެއް ގާއިމް ކުރާނެ އެވެ. އަދި އެމްއެންޑީއެފަށް ބޭނުންވާ ވަސީލަތްތައް އިތުރު ކޮށްދިނުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
ގައުމީ ސަލާމަތުގެ ސްޓްރެޓީޖީ އަދި ދިފާއީ ސިޔާސަތުގެ ނަމުގައި އާންމު ކުރި މެނިފެސްޓޯގައިވާ ގޮތުން، އެމްއެންޑީއެފަކީ އެ މައްޗަށް މަދަނީ ކޮންޓްރޯލް އޮންނަ ދިފާއީ ބާރެއްގެ ގޮތުގައި ބައްޓަން ކުރެވި ޕްރޮފެޝަނަލް މިލިޓަރީ އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓެއްގެ ދަށުން މަސައްކަތް ކުރާ މުއައްސަސާއަކަށް ހެދޭނެ އެވެ. އަދި ފަސާދަ އާއި ކޮރަޕްޝަނުން މިންޖުވެފައިވާ، ދިވެހިން ފަހުރުވެރިވާ ފަދަ ދިފާއީ ބާރަކަށް ވާސިލްކޮށް ދެވޭނެ ކަމަށް ވެސް އިދިކޮޅު މެނިފެސްޓޯގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހައްމާ
10 September 2018
އެމްއެންޑީއެފް އަކީ އުވާލަން ޖެހޭ ތަނެއް. ކަނޑުގެ 6 ލޯންޗް 6 ސަރަހައްދުގައި ބާއްވާފައި ދެންތިބި މީހުން މަސްވެރިކަމަށް ނުވަތަ ދަނޑުވެރިކަމަށް ފޮނުވަންވީ. އެމީހުންނަށް އެކަން ކުރެވިދާނެ. ތާހިރު ދިރިއުޅުމެއް އަނބިދަރިން ގޮވައިގެން އުޅެވޭނެ އެމަަސައްކަތުންވެސް. ބަޖެޓްގެ އެންމެ ބޮޑު ބައެއް ހަރަދު ވަނީ އެމީހުންނަށް. ބޭރުގެ ފަރާތަކުން އަތުވެދާނެ ނުރައްކަލެއް ދިފާއުކުރުމަށް އިގިރޭސި/ އެއެރިކާ / އިންޑިޔާ އާ އެކު އެގްރީމަންޓެއް ކުރިޔަސް ހަރަދުގެ އެތައްބައެއް ސަލާމަތްވާނެ. މިފަދަ އެގްރީމަންޓުތައް އެބަ ހިނގަމުންދޭ އަހަރެމެންނަށްވުރެ ބޮޑެތި އަދި ފުންދުންތެރި ގައުމުތަކުގައިވެސް. މިޒަމާނަކީ ކަންކަން ހައްލުކުރެވޭނެ ޒަމާނެއް. ރާއްޖޭގެ އެއްވެސް ބައެއްގެ މިނިވަންކަމަކަށް އެއްވެސް ބުރުލެއް ނާރާނެ.
އަލް އަޙް
10 September 2018
އެމް.އެން.ޑީ.އެފް އުވާލާނެ އެމް.ޑީ.ޕީ އިން ވެރިކަމަށް އައިސްފިއްޔާ. އެހެންވެ ސިފައިންގެ އެންމެ ވޯޓެއްވެސް އެމް.ޑީ.ޕީ އަށް ނުދޭނެ.
އަހުމަދު އަލީ
10 September 2018
ދެ މުއައްސަސާ ސިޔާސީ ފުންކަނޑަށް ފަތަންނޭގެނީސް އެއްލަލީ ނަޝީދު، ނަތީޖަ ވެރިކަން ވެއްޓުން، ވަހީދު އަރައި އަޅާވެސް ނުލާ، ނަތީޖަ މުއައްސަސާތައް އިތުރަށް ސީޔާސީ ވީ، ޔާމިން އަރައި ރަގަޅަށް ފައިދާ ނަގާލީ... ކިލަބުވީ ދެ މުއައްސަސާވެސް ސިޔާސީ މީހުންގެ ސަބަބުން ކުލަޔަކުން ނޫން. ފުލުހުން އުވާލަން ޖެހޭ. އަދި ލާމަރުކަޒީ ކުރަންޖެހޭ
ހަސަން
10 September 2018
ސިފައިންނާއި ފުލުހުންނަކީ ހަމައެކަނި އެމީހުންނަށް ބޭނުންވާ ފީލްޑް ތަމްރީން ލިބިފައިވާ ރޮބޮޓް ތަކެއް ކަމުގައި ވުމަކީ ވަރަށް ބޮޑު މައްސަލައެއް. ޤާނޫނު އަސާސީ އާއި ހެވާނުބައި އަދި ދީނީގޮތުން ރޯފިލާފަ ތިބުން ވަރަށް މުހިންމު. އެހެންނޫނީ 2012 ފެބް އަނެއްކާވެސް ތަކުރާރު ވާނެ. 2012 ވެރިމީހާގެ އަމުރަށް ކިޔަމަން ނުވި ގިނަ ފުލުހުނާއި ސިފައިންނަކީ ވާނުވާ ނުއެނގިތިބެ ގޯސް ހެދުނު މީހުން.
ވާނުވާ
10 September 2018
ވޯޓު ކައިރިވީމަ ތިކަހަލަ މެނިފެސްޓޯތަށް ޕްރޮމޯޓުކުރާނެ ހުރިހާ ޕާޓީއަކުންވެސް....ދިވެހި ސިފައިން ތިއަށްވުރެ މާސްމާޓުވާނެ. ތިކަހަލަ ދަޅަޔަކަށް ނުހެއްލޭނެ...މިހާރުވެސް ހަމަޔަޤީނުންވެސް އެންމެ ފަންނުވެރި ކޮންމެކަމަކަށްވެސް އެންމެ ޤާބިލްމީހުން ތިބީ ސިފައިންގޭގަކަން ޤބޫލުނުކުރާ އެއްވެސް ދިވެހި ރައްޔިތެއް ނުހުންނާނެ..
އަލިބެއްޔާ
10 September 2018
ހެހޭ ޕީޕީއަށް އަދި ތިއުޅެނީ މިފަދަ ވައުދެއްގެ ވާހަކަވެސް ނުބުނެވިގެން. މެނިފެސްޓޯގެ ވާހަކަ ނުދައްކާ. ނަޝީދު ނަޝީދު ނަޝިދު ނޫންއެއްޗެއް ޕީޕީއަކަށް ނުކިޔޭ.
ނަންނޭނގޭ
10 September 2018
ދެން ސިފައިންގެ މުސާރަ ބޮޑު ކޮށްދޭން ވެއްޖެ ދޯ. ސިފައިންނަކީ ލިބޭ މުސާރަާއި ބަލާ ވަރަަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް.
ލާމު
09 September 2018
ވޯޓުން ކާޔާބުވެއްޖެއްޔާ އަމިއްލަ ވިސްނުމުގައި މަސައްކަތްކުރާނަންތަ؟ ނޫނީ އެހެންބައެއްގެ ވިސްނުމަށް ދީލާލާނަންތަ؟
ރ.ނަޝީދު
09 September 2018
ދިފާއީ ސިޔާސަތު ބަލަހައްޓަން އިންޑިޔާ ސިފައިން ދެއްތޯ ބައިތިއްބަނީ
ޢާދަނު
09 September 2018
ގޯނިފުލަކަށް ނުލެވޭނެ
ޕެޕާ
09 September 2018
ކޮބާހޭ ޔާމީނުގެ މެނިފެސްޓޯ. ވޯޓަކުން ނުހޮވޭނެކަން ޔާގީންވާތީ މެނިފެސްޓޯ ދައްކާ ރައްޔިތުންގެ ލޯބިހޯދަން މަސައްކަތް ކުރާކަށްވެސް ނުޖެހޭންނު. އެހެންގޮތްގޮތުން މޮޅުވާން މިހާރު ހިފާލާފަ ހުންނާނީ.
ބައިބަލާ
09 September 2018
ކޮބާހޭ އިބޫގެ މެނިފެސްޓޯ ވޯޓަކުން ހޮވުނަސް ކޮއްދޭންބުނި ވައުދުތަ ފެންނާކަށް ނުހުންނާނެނުން މެނިފެސްޓޯ ނުދެއްކީމަ. ދޮޅުއަހަރުން ބްރިޖުއަޅާ އެއާރޕޯޓުތައަޅާ ހޮސްޕިޓަލުތައަޅާ ހިލޭ ކާޑުގެސާނުދީ ހިލޭ ޑިގުރީނަގާދީ ހިލޭ ފުލުޓްދީ ކަރަންޓުހިލޭ ފެންހިލޭ މުސާރަފިސާރިބޮޑުކޮއްދީ ދެންމިހެން ހުސްނުވާވަރަށް.. މެނިފެސްޓޯގަ ފެންނަންއޮތީ ކުއްވެރިން ދޫކުރުން އެކަންނިމުނީމަ އިބޫދާންވީ ގެއަށް ވެރިކަން ގަދަމީހަކަށް ގާސިމާ މައުމޫނާ ނަޝީދާ އިމްރާނާ ގަދަހިފުމަކުން ހިފާފަ މޮޅުވިމީހަކަށް.