ޚިޔާލު / ފަސް މިނިޓް

ފާޑު ކިޔުމާއި އަބުރާ ބެހުން، މުޅިން ތަފާތު ދެ ކަމެއް

އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއް ފުލުހުން ހުއްޓުވަނީ: ޚިޔާލު ފާޅުކުރުމާއި ފާޑުކިޔުމަކީ އަބުރަށް އަރައިގަތުމެއް ނޫން. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އިސްލާމް ދީނަކީ ބުއްދީގެ ދީނެވެ. ﷲގެ އެއްކައުވަންތަކަމަށް ވާސިލުވުމަށް ވެސް އިސްލާމް ދީނުގައި ދައްކަވާފައިވާ މަގަކީ ބުއްދީގެ ބޭނުން ހިފައި ވިސްނައި ފިކުރު ކުރުމެވެ. ކުރީގެ އެއްވެސް ޝަރީއަތެއްގައި އަދި އެއްވެސް ދީނެއްގައި ބުއްދި އަށް ދީފައި ނުވާ ފަދަ މަތިވެރި މަގާމެއް އިސްލާމް ދީނުގައި ދެއްވާފައިވެ އެވެ. އަދި ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް ލައްވާފައިވަނީ ވެސް ބުއްދީގެ އަހުލުވެރިންނަށްޓަކަ އެވެ.

ވިސްނައި ފިކުރު ކުރުމުން ބުއްދި އަށް ފެންނަ ގޮތް ފާޅުކޮށް އަނެކުންނާ ހިއްސާ ކުރުމަށް ވެސް އިސްލާމް ދީން ބާރު އަޅަ އެވެ. އަދި ކަންކަމާ މެދު، ބިނާކުރަނިވި ގޮތެއްގައި ފާޑު ކިޔައި އިސްލާހަށް މަގު ދެއްކުމަކީ މުސްލިމުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. ކޮންމެ މުސްލިމަކު އޭނާގެ އަޚާ އަށް މަގު ދައްކަންޖެހެ އެވެ. އަދި އޭނާ ކުރާ ކަންކަމާ މެދު ފާޑު ކިޔައި ހެޔޮ ނުބައި ވަކިކޮށްދޭން ޖެހެ އެވެ.

އިސްލާމީ އުންމަތުގެ ބިންގާ އެޅިގެން އައީ ވެސް މަޝްވަރާކޮށް ކަންކަމާ މެދު ފާޑު ކިޔައި، ކަންކަން އިސްލާހު ކުރުމުގެ ތެރެއިންނެވެ. އެއަށް ފަހުގައި ހަތަރު ޚަލީފާއިންގެ ޒަމާނުގައި ވެސް ކަންކަން އިސްލާހު ކުރުމަށްޓަކައި ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތެވެ. ނަމަވެސް ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިންނެވެ. ދުލުގެ ލަގަނުން އެކީ އެކަށް އަތް ދޫކޮށްލައިގެންނެއް ނޫނެވެ.

އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިހާރަކަށް އައިސް އެންމެ މަޝްހޫރުކޮށް ފާހަގަކުރާ އެއް ހާދިސާގެ މައްޗަށް ބަލައިލުން މި ދަނޑިވަޅުގައި މުހިންމެވެ. އެއީ މުސްލިމުންގެ ދެ ވަނަ ޚަލީފާ ޢުމަރުގެފާނާއި ސަލްމާނުލް ފާރިސީގެފާނާ ދެމެދު ހިންގައި ދިޔަ "ފޮށާކޮޅުގެ ހާދިސާ" އެވެ.

އިސްލާމީ އުންމަތަށް ލިބުނު މުދާތަކުގެ ތެރެއިން ފޮށާތަކެއް މުސްލިމުންގެ މެދުގައި ބެހުމުން ކޮންމެ ފިރިހެނަކަށް ލިބުނީ އެއް ފޮށަ އެވެ. އެ ދުވަހު ޢުމަރުގެފާނު މީސްތަކުންނާ މުޚާޠަބު ކުރެއްވުމަށް މިންބަރަށް އަރައިވަޑައިގެން ވިދާޅުވި އެވެ؛ އެންމެހައި މީސްތަކުންނޭވެ! ތިމަންކަލޭގެފާނަށް އަޑު އަހައި ކިޔަމަންވާށެވެ! އެހިނދު ސަލްމާނުލް ފާރިސީގެފާނު މީސްތަކުންގެ ތެރެއިން ތެދުވެވަޑައިގެން ފާޅުގައި ވިދާޅުވި އެވެ؛ ކަލޭގެފާނުގެ އަޑު އެހުމެއް އަދި ކަލޭގެފާނަށް ކިޔަމަންގަތުމެއް ވެސް މިއަދު އަޅުގަނޑުމެންގެ މައްޗަކަށް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދުއާ ކުރަނީ: ސަރުކާރު ޒިންމާދާރު ކުރުވުމުގައި ގެންގުޅެން ޖެހޭ ހަމަތަކަކާއި އުސޫލުތަކެއް ކަނޑައެޅިފައިވޭ

އެ ހިނދު ޢުމަރުގެފާނު ވިދާޅުވި އެވެ؛ އެއީ ކީއްވެތޯ އެވެ؟ ޖަވާބުގައ ސަލްމާންގެފާނު ވިދާޅުވި އެވެ؛ އަޅުގަނޑުމެންނެކޭ އެއްފަދައިން ކަލޭގެފާނަށް ވެސް ލިބިވަޑައިގަންނަވަން ވާނީ އެއް ފޮށާކޮޅެވެ. ކަލޭގެފާނަށް ދެ ފޮށާކޮޅު ލިބުނު ގޮތެއް ސާފުކޮށްދެއްވައިފުމަށް ދާންދެން ކަލޭގެފާނުގެ އަޑެއް ތިމަންމެން ނާހާނޫ އެވެ. އަދި ކިޔަމަނެއް ވެސް ނުވާނޫ އެވެ.

ދެން ޢުމަރުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ އަށް ވިދާޅުވި އެވެ؛ ބައްޕާގެ ގައިގައި މިވާ ދެ ވަނަ ފޮށާގެ ހަގީގަތް ބަޔާންކޮށްދެއްވާށެވެ! ދެން ޢަބްދުﷲގެފާނު ތެދުވެވަޑައިގެން، އެއްވެފައި ތިބި މީހުންނަށް ވިދާޅުވި އެވެ. ތިޔަބައި މީހުންނެކޭ އެއްފަދައިން ތިމަންކަލޭގެފާނުގެ ބައްޕާފުޅަށް ލިބިވަޑައިގަތީ އެއް ފޮށަ އެވެ. ބައްޕާފުޅަކީ ދިގު ބޭކަލަކަށް ވާތީ އެއް ފޮށައިން ހަށިކޮޅު ނިވާ ނުވާތީ ތިމަންކަލޭގެފާނުގެ ފޮށާ ވެސް ބައްޕާފުޅަށް ދިނީ އެވެ. އެ ހިނދު ސަލްމާންގެފާނު ޢުމަރުގެފާނަށް ވިދާޅުވި އެވެ؛ މިހާރު ކަލޭގެފާނުގެ ބަސްފުޅު އަހައި ކިޔަމަންވާނޫ އެވެ.

މި ހާދިސާގައި ސަލްމާންގެފާނު، ޢުމަރުގެފާނުގެ އިސްތަށިފުޅުގައި އެ އެޅުވީ އެ ދުވަސްވަރުގެ އިސްލާމީ އުންމަތުގެ ހައިބަތާއި ކަރާމާތަށް ބަލާއިރު ވަރަށް ބޮޑު ތުހުމަތެކެވެ. އެކަލޭގެފާނު ފާޅުގައި ޢުމަރުގެފާނަށް އެ ތުހުމަތުކުރެއްވީ، އެކަލޭގެފާނު ވެރިކަމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރައްވާ ކަމަށެވެ. އަދި މުސްލިމުންގެ މުދާތަކުން އަމިއްލަ ބޭނުން ފުއްދަވައި ނާޖާއިޒު ފައިދާ ނަންގަވާ ކަމަށެވެ.

ސަލްމާންގެފާނު އެ ބޮޑު ތުހުމަތު އެ ކުރެއްވީ ސިއްރަކުން ނޫނެވެ. އެތައް ސަތޭކަ ބައެއްގެ ކުރިމަތީގަ އެވެ. އެ ތުހުމަތުތައް އެ ރައްދު ކުރެއްވީ އާދައިގެ ބޭފުޅަކަށް ނޫނެވެ. މުސްލިމުންގެ މާތް ޚަލީފާ އަށެވެ. ނަމަވެސް އެ ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުމުގައި ސަލްމާންގެފާނު ގެންގުޅުއްވި އަދަބުވެރިކަމުގެ ހަމަތަކާއި ބަސްމަގުގެ އުސްލޫބަށް ވިސްނައިލުން މުހިންމެވެ. އެކަލޭގެފާނު ޢުމަރުގެފާނާ މުޚާތަބު ކުރައްވައި، "އޭ މިހިރަ ވަގާއޭ" ވިދާޅެއް ނުވެ އެވެ. ނުވަތަ "ކަލޭގެފާނު ތި ހުންނެވީ މުސްލިމުންގެ މުދާތައް ކާލައިގެންނޭ" ވެސް ވިދާޅެއް ނުވެ އެވެ. "ދައުލަތުގެ ޚަޒާނާ ލޫޓުވާލައިގެންނޭ" ވެސް ނޫނެވެ.

މި ހާދިސާ އިން ފާހަގަކޮށްލެވޭ އެއް ކަމަކީ، މުސްލިމުންގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ ޢަމަލުފުޅުތަކާ މެދު އާންމު ރައްޔިތުން ފާރަވެރިވާން ޖެހޭ ކަމެވެ. އަދި ވެރިންގެ ޢަމަލުތަކާ މެދު ޝައްކެއް އުފެދުނަސް، އެކަން އެ ބޭކަލުންގެ ސަމާލު ކަމަށް ގެންނަންޖެހޭ ކަމެވެ.

އެ ދުވަހު ސަލްމާންގެފާނު ޢުމަރުގެފާނާ މެދު ތުހުމަތު ކުރެއްވީ ޢުމަރުގެފާނާ ދާދި ގާތުގައި ހުންނަވައިފަ އެވެ. ނަމަވެސް މިއަދު ދައުލަތުގެ ވެރިންނާ ބައްދަލުކޮށް ކޮންމެ ކޮންމެ ވާހަކައެއް ދެންނެވުމުގެ ފުރުސަތެއް ނެތެވެ. މިއަދު ރައްޔިތުންގެ އަޑު ވެރިންނާ ހަމައަށް ފޯރުކޮށްދެނީ، މީޑިއާގެ ތަފާތު ވަސީލަތްތަކުންނާއި ސިޔާސީ ބައްދަލުވުންތަކާއި މުޒާހަރާތަކާއި އެއްވުންތަކުގެ ޒަރީޢާއިންނެވެ.

އެ ދުވަހު ސަލްމާންގެފާނު ފާޅުގައި ޢުމަރުގެފާނާ ރިވެތި ގޮތުގައި ޖަދަލު ކުރެއްވީ ކީއްވެތޯ އެވެ؟ ޢުމަރުގެފާނު ޚިލާފަތާ ހަވާލުވެވަޑައިގެންނެވި ދުވަހު މުސްލިމުންނަށް އެ ކަމަށް ދަޢުވަތު ދެއްވީމަ އެވެ. އެކަލޭގެފާނަށް ގޯސްކޮށް ކަމެއް ކުރެވޭ ނަމަ، އެ ކަމެއް ރަނގަޅު ކޮށްދިނުމަށް މުސްލިމުންގެ އަރިހުން އެދިވަޑައިގެންފައި ވީތީ އެވެ. އަބޫބަކުރުގެފާނު ވެސް ކަންތައް ކުރެއްވި ފަދައިންނެވެ.

މާލެ، އޮގަސްޓް 5 2016-މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިން އިންތިޒާމް ކޮއްގެން ބީޗް ސަރަހްއްދުގައި ބޭއްވި އެއްވުން..—ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މި ހާދިސާ އިން އެނގޭ އަނެއް ކަމަކީ ވެރިންގެ އަމަލުތަކާ މެދު ރައްޔިތުން ސުވާލު ކުރާ ނަމަ، އެ ކަމަށް ވެރިން ޖަވާބުދާރީ ވާންޖެހޭ ކަމެވެ. އެހެން ނޫން ނަމަ، "މިއީ މުސްލިމުންގެ ޚަލީފާއޭ، ސަލްމާންގެފާނާ ބެހޭ ކަމެއް ނޫނޭ" ޢުމަރުގެފާނަށް ވިދާޅުވެވުނީހެވެ. އަދި ވެރިޔާއާ މެދު ރައްޔިތުންގެ މެދުގައި އުފެދޭ ޝައްކުތައް ފިލުވާލައި ހަގީގަތް ހާމަކޮށްދޭން ޖެހޭ ކަމެވެ. އަދި ކުރެވޭ ތުހުމަތަކީ ހަގީގަތެއް ނޫން ކަން ސާބިތުކޮށްދިނުމާއި، ހެއްކާއި ދަލީލުތަކުން، އެ ތުހުމަތުތައް ނަފީކުރުމަކީ ވެސް ވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަން ވެސް މި ހާދިސާ އިން އެނގެ އެވެ. އެއީ އިސްލާމީ ޝަރުއީ ސިޔާސަތުގެ އެއް މަގްސަދެވެ.

ފާޑުކިޔުމާއި ޚިޔާލު ފާޅުކުރުމަކީ، ތިމާގެ ދުލަށް އައިހައި ބަސްތަކެއް ސާޅަނގައެއްގައި ރުވާފައި ދޫކޮށްލުމެއް ނޫނެވެ. އިހްތިރާމްގެ މިންގަނޑާއި އަދަބު އަޚުލާގުގެ ހަފޮޅުން ބޭރު ވެސް ނުވެ، އަނެކުންގެ އަބުރާއި އިންސާނީ ކަރާމާތް ވެސް ނަގާނުލައި އެކަން ކުރެވޭނެ އެވެ. އިސްވެ ދެންނެވީ އެފަދަ ވަރަށް ކުޑަކުޑަ މިސާލެކެވެ.

އަނެކުންނަށް އިހްތިރާމާ އެކު ފާޑުކިޔައި ޚިޔާލު ފާޅުކުރުމުގެ ވަރަށް ކުޑަކުޑަ މިސާލެއް، ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ފާހަގަކޮށްލާނަމެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާގެ އެންމެ ބޮޑު ދުޝްމަނަކީ އަބޫ ޖަހުލެވެ. މުސްލިމުންގެ އަތުން އޭނާ މަރުވީ ބަދުރު ހަނގުރާމައިގަ އެވެ. އޭނާގެ ދަރިކަލުން ޢިކްރިމާއަކީ ވެސް އިސްލާމްވުމުގެ ކުރިން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަތަކުގައި ބައިވެރިވި ގުރައިޝުންގެ ފަހުލަވާނެކެވެ. ނަމަވެސް އޭނާ އިސްލާމް ދީން ގަބޫލުކޮށް ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެން ހިނދު އެކަލޭގެފާނު ކަންތައް ކުރެއްވީ ކިހިނެއްތޯ އެވެ.

ޢިކްރިމާ އިސްލާމް ވުމުގެ ބޭނުމުގައި ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެންނަވާ ޚަބަރު ލިބިވަޑައިގެން، އަރިހުގައި ތިއްބެވި ޞަޙާބީންނަށް ހަދީސް ކުރެއްވި އެވެ؛ މުއުމިނެއްގެ ގޮތުގައި މައްކާއިން ހިޖްރަ ކުރައްވައި ތިޔަ ބައި މީހުންގެ ގާތަށް ޢިކްރިމާ ވަޑައިގަންނަވާނެ އެވެ. ތިޔަބައި މީހުން އެކަލޭގެފާނުގެ ބައްޕާ އަށް (އަބޫޖަހުލަށް) ހުތުރު ބަހެއް ރައްދު ނުކުރާ ހުށި ކަމެވެ! ތިޔަބައި މީހުން، މަރުވެފައިވާ މީހަކަށް ހަޑިހުތުރު ބަސްތައް ރައްދު ކޮށްފިއްޔާ އެކަމުން ތުރާ ލިބޭނީ ދިރިތިބީންނަށެވެ. އެ ބަސްތަކެއް އެ މައްޔިތަކާ ހަމައަށް ނުފޯރާނެ އެވެ."

މި ހާދިސާގައި ކީރިތި ރަސޫލާ ބަޔާންކޮށްދެއްވީ، އަނެކުންނަށް އިހްތިރާމް ކުރުމުގެ މުހިންމު ކަމެވެ. ޢިކްރިމާއަކީ ކީރިތި ރަސޫލާ އަށް އީމާންވެގެން ހުންނެވި އެކަލޭގެފާނުގެ ޞަޙާބީއެކެވެ. ޢިކްރިމާގެ ބައްޕައަކީ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަނެވެ. ނަރަކަވަންތަވެރިންގެ ތެރޭގައި ލައްވާފައިވާ މީހެކެވެ. އެހެން އެކަން އޮތް އިރު ވެސް، އެފަދަ ނުބައި މީހަކަށް ރައްދުކުރެވޭ އިހާނެތި ބަހެއްގެ ސަބަބުން، މުސްލިމެއްގެ ހިތަށް ތުރާލެއް ވެދާނެ ކަމަށްޓަކައި، ކީރިތި ރަސޫލާ އެކަން މަނާކުރެއްވީ އެވެ.

ވީއިރު، އަޅުގަނޑުމެން މުސްލިމުން އެކަކު އަނެކަކަށް ހަޑިހުތުރު ބަސްތައް ރައްދުކުރުމާއި، މީހުންގެ އަބުރު ނަގައިލުން ހުއްދަވާނެ ހެއްޔެވެ؟ ޚިޔާލު ފާޅުކުރުމުގެ މިންގަނޑުތަކާއި ހަމަތައް، އިސްލާމީ އުންމަތުގެ ކުރީކޮޅު އެ ވަނީ އެކަށައެޅި ނިމިފަ އެވެ. އިސްލާމީ އުންމަތުގެ ވެރިންގެ އަމަލުތަކާ މެދު ފާޑުކިޔާ ކޮންމެ ފަހަރަކު އެ ބޭކަލުންގެ އަބުރަށް އަރައިގެންފައެއް ނުވެ އެވެ. އަދި ފާޑުކިޔައި ޚިޔާލު ފާޅުކުރާ ކޮންމެ ފަހަރަކު، ތިމަންނާގެ އަބުރު ކަތިލިއްޔޭ ކިޔައި އާންމު ރައްޔިތުންނަށް އަނިޔާ ދިނުމަކީ ވެސް މި އުންމަތުގެ ހެޔޮލަފާ ވެރިންގެ މަންހަޖެއް ނޫނެވެ.

32 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 6%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބިރިހިން ތައްކާނު

07 October 2016

ވަރަށް އުފައު ވެއްޖެ. މިއީ ހެޔޮ ނޫސްވެރިކަން. ޝުކުރިއްޔާ.

The name is already taken The name is available. Register?

މެރިން

08 August 2016

އަދި ކިރިޔާ މި ފެންނަނީ ވެއްޓޭތަން

The name is already taken The name is available. Register?

ފަތުޙީ

08 August 2016

ބިނާކުރަނިވި ފާޑުކިއުމަކީ ރަގަޅުކަމެކެވެ. އެކަމަކު ގަސްތުގައި އޮޅުވާލައި މީހުންގެ ބޮލުގައި އިލްޒާމުތައް އެޅުވުމަކީ ބިނާކުރަނިވި ފާޑިކިއުމެއް ނޫނެވެ.

The name is already taken The name is available. Register?

ސިފަ

08 August 2016

ސަޢީދުގެ މިލިޔުންވެސް ވަރަށް ކަމުދޭ. އކަމަކު އެހެންތޯ ރާއްޖެޓީވީގަ އަރާތިބެގެން އެކިޔަނީ. މިވެނި މީހަކީ ވަގެކޭ. އެތައް މިލިޔަން ރުފިޔާ ވަގަށް ނަގާފައޭ އެހެރީ. ވަގުތުން އިސްތިއުފާ ދޭށޭ. މިފަދަ ޢިބާރާތްތައްކުން ކޮންމެ ރެއަކުން އެތިބަ ގެންދަނީ ގޮވަމުން. އެއެއްނޫން ދޯ އަޙްމަދުގެ ލިޔމުގައިވެސް ގެނެސްދީފައިވަނީ. ރިވެތި ގޮތުގައި މީހުންނާ މުޚާޠަބު ކުރުމަށް. މިކަމުންވެސް މިނޫސް ވިދާޅުވާ ބޭފުޅުންނަށް ޢިބުރަތަކަށް ފުދޭނެ. ޝުކުރިއްޔާ އަޙްމަދު

The name is already taken The name is available. Register?

ރިޔާޟް

08 August 2016

މިފޮޓޯތަކުން މިފެންނަ މީހުން ޖައްސާ ކަހަލަ ހުތުރު ވައްތަރު އޭރަކު ނުޖައަސާ ދޯ...

The name is already taken The name is available. Register?

މުހައްމާ

08 August 2016

800 މިލިއަން ޑޮލަރ މިވެނި މީހަކު ވަގަށް ނަގައިފިއޭ ބުނުމަކީ ވެސް އެއީ ޚިޔާލު ފާޅު ކުރުން ތޯއެވެ. ވަގަށް ގޮވުމާ ޣީބަ ބުނުމަކީވެސް ޚިޔާލު ފާޅުކުރުން ތޯއެވެ.

The name is already taken The name is available. Register?

އަލިފާން

08 August 2016

ދުނިޔެއާ ދިމާ މަތީގައި ވަރަށް ބޮޑު އަލިފާންގަނޑެއް އެބަ އެނބުރޭކަމަށާ އެ އަލިފާންގަނޑު ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮޑު ބަކަށް ވެއްޓި ގެއްލުންތަކެއް ވާނެކަމަށް، ހަރުގޭގެ ޖަލްސާގައި ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވެއްޖެނަމަ، ހަމަ ޔަގީނުންވެސް އެވާހަކަ ނޫހުގާ ލިޔާނީ އެކަމަކީ ހަމަ ރަނގަޅު ވާހަކައެއްތޯ ބަލާ ހޯދުމަށްފަހުގައެވެ!؟

The name is already taken The name is available. Register?

ލލ

08 August 2016

ފާޑުކިޔައި ޚިޔާލު ފާޅުކުރާ ކޮންމެ ފަހަރަކު، ތިމަންނާގެ އަބުރު ކަތިލިއްޔޭ ކިޔައި އާންމު ރައްޔިތުންނަށް އަނިޔާ ދިނުމަކީ ވެސް މި އުންމަތުގެ ހެޔޮލަފާ ވެރިންގެ މަންހަޖެއް ނޫނެވެ.

The name is already taken The name is available. Register?

ސިޔާސީ

08 August 2016

އަޅުގަނޑުމެން މުސްލިމުން އެކަކު އަނެކަކަށް ހަޑިހުތުރު ބަސްތައް ރައްދުކުރުމާއި، މީހުންގެ އަބުރު ނަގައިލުން ހުއްދަވާނެ ހެއްޔެވެ؟ ޚިޔާލު ފާޅުކުރުމުގެ މިންގަނޑުތަކާއި ހަމަތައް، އިސްލާމީ އުންމަތުގެ ކުރީކޮޅު އެ ވަނީ އެކަށައެޅި ނިމިފަ އެވެ. އިސްލާމީ އުންމަތުގެ ވެރިންގެ އަމަލުތަކާ މެދު ފާޑުކިޔާ ކޮންމެ ފަހަރަކު އެ ބޭކަލުންގެ އަބުރަށް އަރައިގެންފައެއް ނުވެ އެވެ. އަދި ފާޑުކިޔައި ޚިޔާލު ފާޅުކުރާ ކޮންމެ ފަހަރަކު، ތިމަންނާގެ އަބުރު ކަތިލިއްޔޭ ކިޔައި އާންމު ރައްޔިތުންނަށް އަނިޔާ ދިނުމަކީ ވެސް މި އުންމަތުގެ ހެޔޮލަފާ ވެރިންގެ މަންހަޖެއް ނޫނެވެ.

The name is already taken The name is available. Register?

އަމްޖަދު ޚާން

08 August 2016

ސަޅިލިޔުމެއް. ވަރަށް ފުރިހަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454