މި ރަށުގައި ބޭއްވި ޖަލްސާގައި އިބޫ އާއި ފައިސަލްއާ އެކު ނަސްރީނާ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު އަބްދުއްﷲ ސައީދު/މިހާރު
24 ސެޕްޓެމްބަރ 2018 - 23:14
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކޮށްފައިވާއިރު، އުފައްދާ އެ ކޯލިޝަންގެ ސަރުކާރު ދަމަހައްޓާނެ ގޮތާ ގުޅޭގޮތުން ވަރަށް ގިނަ ސުވާލުތައް ކުރިމަތިވާ ކަމަށާއި އެކަމަކު ސަރުކާރު ދެމެހެއްޓުމަށް، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ކޯލިޝަނުން މިރޭ ބުނެފި އެވެ.
ރިޔާސީ އިންތިހާބު، ބޮޑު ތަފާތަކުން އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޖުމްހޫރީ ޑެޕިއުޓީ ލީޑަރު ހުސެން ރަޝީދު ހަސަން ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ހެދި ކޯލިޝަންތަކާއި އެބޭފުޅުންގެ ކޯލިޝަން ތަފާތު ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ ކޯލިޝަންތައް ކުރިން ހަދަނީ، އިންތިހާބުގެ ދެ ވަނަ ބުރުގައި ކަމަށެވެ. އެކަމަކު، މި ފަހަރުގެ ރިޔާސީ އިންތިހާބުގެ މާ ކުރިން، އިދިކޮޅު ޕާޓީތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ހުސެއިން ވިދާޅުވި އެވެ. އެހެންވެ، ދިމާވެދާނެ މައްސަލަތަކާއި އެކަންކަން ކުރިމަތި ވުމަށް މަގުފަހިވާނެ ކަންކަން އެނގޭ ކަމަށާއި ޕާޓީތަކުގެ މެދުގައި ދެ ބަސްވާ ހާލަތްތަކުގައި އަމަލު ކުރާނެ އިޖުރާއަތްތައް ވެސް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑަށް ދަސްވެ، އެކަކު އަނެކަކުގެ މަސްލަހަތު ދަނެ، ކަންކަން ހައްލު ކުރާނެގޮތް އެނގިފައި. ސަރުކާރު ދެމެހެއްޓުމުގައި މި ތަޖުރިބާ ވަރަށް މުހިއްމު ވާނެ،" ހުސެއިން ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު އިދިކޮޅު ފަރާތްތަކުން އުފާ ފާޅުކުރަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވިގޮތުގައި، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތު ވުމަކީ ފިތުރަތުގައިވާ ކަމެކެވެ. އަދި އެކަންކަން ހައްލު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ހުސެއިން ވިދާޅުވީ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު، އެ މީހަކު ފަހަތަށް ޖައްސަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ހިޔާލު ތަފާތު ވުމަކީ ބައެއް ފަހަރަށް، ރަނގަޅަށް ކަންކަން ކުރުމަށް ދިމާވާ ސަބަބަކަށް ވެސް ވެފައިވާ އެބަހުރި. އެ ހިޔާލު ތަފާތުވުންތައް އަޅުގަނޑުމެން އޮބަހައްޓައެއް ނުހަދާނަން. އެއީ އުފެއްދުންތެރި ކަމެއް ނަމަ އޭގެ ބޭނުން ހިފާނަން،" ހުސެއިން ވިދާޅުވި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އަލީ ނިޔާޒް ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ޕާޓީތައް ގުޅިގެން މަސައްކަތް ކުރަން ފެށީ ހައެއްކަ ދުވަސް ކުރިން ނޫން ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ "އަނިޔާވެރި" ކަމާއި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާތާ މިހާރު ތިން އަހަރު ވެއްޖެ ކަަމަށެވެ. އެހެންވެ، ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އެއީ އެކުގައި މަސައްކަތް ކުރެވޭނެ ކޯލިޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެކުގައި މަސައްކަތް ކުރާއިރު، ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެކަން ހަނދާން ނުނެތޭނެ ކަމަށެވެ. އެކަމަކު މި ވަގުތު އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ކުރަހައިދިން މަންޒަރު ފުރިހަމަ ކޮށްދިނުން ކަމަށާއި އެކަން ކާމިޔާބުކޮށް ދައްކާނެ ކަމަށް ޕާޓީތަކުން ބުންޏެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު، އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރީ 58 ޕަސެންޓް ވޯޓުންނެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134,616 ވޯޓު ވަނީ ލިބިފަ އެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަމީނާ
25 September 2018
ޔާމީން ވަރެއްނެތް. ޢަހަރެމެން އެމަނިކުފާނަށް ފަޚުރުވެރިވަން
އަހްމަދު
25 September 2018
އިބޫ،ފައިސަލް ގެންދަވާނީ ރައްޔިތުންނަށްވީ ވައުދާއެކު، އެނޫން ގޮތަކަށް ދަނީނަމަ،ރައްޔިތުން ތިބިކަން ހަނދާން ބަހައްޓާތި،ޔާމިން އަށްވީގޮތް ނުވާތި،އެކަމުގެ އަދަބު ރައްޔިތުންދޭނެ، މީވަރަށް ވަރުގަދަބަޔެއް.
މިހާރ
25 September 2018
އެމްޑީޕީއާ މެދު އާ ނަޒަރަކުން ބަލައިގެން ކަންކަން ކުރިއަށް ގެންދެވޭނީ. ކުރީގެ ވަހުމާ ޝައްކުތަކާ ފިލުވާލާފަ އިބޫގެ ވެރިކަން ތަފާތުވާނެ ކަމަށް ބަލައިގެން ގެންދެވޭނީ. ކޯލިޝަންގަ ރައްޔިތުންގެ ބޮޑުފަޅި އޮތީމަ އެއީ ރައްޔިތުންގެ ސަރުކާރަކަށް އެވީ. އެކަމު ތަރައްގީ ނުގެނެވުނަސް ރައީސް ޔާމީންގެ ކޮރަޕްޝަންގެ ތަފްސީލު ގެންނަންވާނެ. އެއީ ކާމިޔާބު ލިބުނު ދެވަނަ ސަބަބަކީ. އެއީ ދޮގަކަށްވެއްޖެނަމަ އެކަން ވާނެ ކޯލިޝަންގެ ހަލާކަށް.
ޝޮކްތެރަޕީ
25 September 2018
މި އެމްޑީޕީގަ އުޅޭނެ ކަތުރުފަންޏެ އޭގެސަބަބުން ތިކޮލިށަން ރޫޅޭނެ. މިޤައުމު އިންޑިޔާގެ ނުފޫޒުގެދަށަ ވަރައްބޮޑަ ދާނެ މިނިވަންކަން ގެއްލި ބައެއްގެ މުށުތެރެޔަ ދާނެ. ވިސްނާބަޔަކަ މިކަން ފާހަގަވާނެ.
މައިމޫނާ އަލީ
25 September 2018
ﷲ ސުބުހާނަހޫ ވަތައާލާ، މިހާރު މިގައުމުގަ މިއުފެދޭ އެއްބައިވަންތަ ސަރުކާރަށް ތެދުވެރިކަމާއި އެކުވެރިކަމުގައި ދެމިތިބުމުގެ ހިތްވަރާއި ގާބިލުކަން ދެއްވައި މިހާރު މިއޮތް ގުޅުން ހެޔޮގޮތުގައި އޮތުމުގެ ތައުފީގު ދެއްވުން އެދި ދުއާ ދަންނަވަމެވެ. ކޯލިޝަނުން ހިތްވަރާއިއެކު މަސައްކަތް ކުރަންވީ ދެބަސްވުން މެދުވެރި ނުވާނެ ގޮތައް ވީހާވެސް ސުލްހަވެރިކަން އިސްކޮށް ކޮންމެ ކަމެއްގައިވެސް މަސައްކަތް ކުރުމެވެ. އެއިރުން ނަސްރު ދެއްވާނެއެވެ.
ހަސަންބެ.
25 September 2018
ބޯކިބާ ފަޅާ މަންޒަރު ބަލަން އަހަރެމެން މިތިބީ. ގާސިމް އަށް ވީކަމަށް އޭނަ ބުނާ ގެއްލުމުގެ ބަދަލުގެ ގޮތުން އެތަށް ފަޅުރަށެއް އޭނަ އަށް ދޭންޖެހޭނެ. އިންޑިޔާ ކަޑުގެ ސަލާމަތަށް "އެންމެ އެކުވެރި" ގައުމަށް ރާޑާރު ބަހަށްޓާނެ އެތަށް ފަޅުރަށެއްދޭންޖެހާނެ. އެކްޓިވިސްޓުން ނަށް މާލޭގެ ހުސްބިންތައް ބަހަންޖެހޭނެ. ހަތް އަހަރު ވަންދެން ޖަގަހަ ތަކުގައި މަސައްކަތެއް ނެތިފައި ތިބި ތައުލީމާއި ގާބިލް ކަންނެތް މީހުންނަށް ސަރުކާރުގެ ވަޒީފާ ދޭންޖެހޭނެ.
ނިއުޓްރަލް
25 September 2018
ރައީސް ޔާމީނުއަކީ ޤައުމު ފަޚުރުވެރިވާނެ ބޭފުޅެއް! ދުވަސްކޮޅަކުން ކީހާލެން ފަރިއްސަށް ވާތަން ބަލަން ހުންނާތި! ރައީސް ޔާމީން ޤައުމު ހަމަމަގަށް އަޅުވަން ކުރެއްވި ބުރަ މަސައްކަތަށް ހަމަ ސާބަސް! ޝުކުރިއްޔާ ރ ޔާމީން
ވަހީދު
25 September 2018
ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދާނީ ވެރިކަމަށް އަންނަން. ވެރިކަމަށް އާދެވުނީމަ ބައިވެރިން ފަހަަތަށް ޖައްސާނެ. އޮންނާނީ ހަމަ އެކަނި ވެރިކަން ކުރާ ޕާޓީ.
އަލިފުޅުބެ
25 September 2018
ބަޔަކު އޮޅުވާލާގެން މަކަރުހަދަގެން ދޮގުހަދާގެން ހާސިލް ކުރަންއުޅުނު ހުރިހާކަމެއް ހާސިލްވެއްޖެ މާދަމާ ތިޔަބައި މީހުން ޔާމީނަކީ ބަތޮލެކޭ ނުގޮވައިފިއްޔާ މަ އޮންނާނީ އެކޮޅުކޮޅުން އެހެންނަމަ މައުމޫނަކައް ލޮބުވެތި ޒައީމެކޭ ތިޔަބައިގަނޑު ނުކީސް
ހައްޖަ
25 September 2018
އިބޫއަށް ވޯޓު ދިނީ.. އަންނި އަކަށް ނޫން.. ނަމަ ނަމަ ހަދާންނައްތާ ނުލާތި ...ގިނަ ވަކިކޮޅަކަށް ނުޖެހޭ ފަރާތްތައް ވޯޓު ދިނީ އެމްޑީޕީ އަކަށް ނޫން.. ކޯލިޝަން އަށް ..އަދުލް އިންސާފަށް ..އިބޫ ހަމަހަމަކޮށް ކަންކުރާނެ ކަމުގެ އުއްމީދުގަ...އިބޫ އެންމެހާ ރައްޔުތުންގެ ރައީސްކަމަށްވަންޏާ އެމްޑީޕީގެ އަޑު އެކަނި ނާހާތި .. މިބުނަނީ އިބޫއަށް ވޯޓު ދިން މީހެއްގެ ހައިސިއްޔަތުން ވަރަށް އިތުބާރުކޮށްފަ ވޯޓު ދިނީމަ.. ދީންވެސް ހިމާޔަތް ކުރާނެ ކަމުގެ ފުރިހަމަ އުއްމީދުގައި