އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން މީޑިއާއާ ބައްދަލުކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
01 އޮކްޓޯބަރ 2018 - 19:25
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ ކަންބޮޑުވުންތަކާއި މައްސަލަތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖަވާބުދާރީ ވުމަށް، އެ އިންތިޚާބުގައި ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހުނު ޕީޕީއެމުން މިއަދު ގޮވާލައިފި އެވެ.
އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ އިންތިޚާބާ ގުޅޭ ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ވޯޓު ކަރުދާސް ބޮޑު އަގެއްގައި ޗާޕްކުރި މައްސަލަ އެވެ.
އިބްރާހިމް ދީދީ ވިދާޅުވީ ވޯޓު ކަރުދާސް ޗާޕް ކޮށްދިނުމަށްޓަކައި ކުޑަ އަގެއް ހުށަހަޅާފައި ވަނިކޮށް، އެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ހަވާލުކުރީ ބޮޑު އަގު ހުށަހެޅި ފަރާތާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރި އިދިކޮޅު ކޯލިޝަނާ ގުޅުން ހުރި މީހުންގެ ތަންތަނުން ވެސް ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯޓު ކަރުދާސް ޗާޕުކުރީ އެކަމަށް ކުރިމަތިލި ދެ ވަނަ ޗާޕްޚާނާ އިން ހުށަހެޅި އަގަށް ވުރެ ތިން މިލިއަން ރުފިޔާ ބޮޑު އަގެއްގައި އެމް ސެވަން ޕްރިންޓާސް އިންނެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ އަދި އެންމެ ބޮޑު ޗާޕްޚާނާ، ނޮވެލްޓީން ހުށަހެޅީ 25 ވޯޓުކަރުދާސް ހިމެނޭ ފޮތެއް ޗާޕުކުރަން 63.80ރ. އެވެ. އެކަމަކު 25 ކަރުދާސް ހިމެނޭ ފޮތެއް ޗާޕްކުރެވޭނެ އަަގަކަށް އެމް ސެވަން އިން ހުށަހެޅީ 345.85ރ. އެވެ.
އިބްރާހިމް ދީދީ ވިދާޅުވިގޮތުގައި، އިންތިޚާބު އޮޅުވައިލަން އެކި ގޮތްގޮތަށް ފާހަގަ ޖެހުމަށްޓަކައި އެކި ފާޑުގެ އެއްޗެހި ބޭނުންކުރި ކަމަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ދައްކަމުންނެވެ. އެހެންވެ، އެ ކަންބޮޑުވުންތަކަށް އީސީން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
"ހަމައެއާ އެކު، އަޅުގަނޑުމެންނަށް ސޯޝަލް މީޑީއާ އާއި އެކި ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބާ ގުޅޭ ކަންކަން ކުރަމުން ދިޔަ ވަގުތު، އިލެކްޝަންސް ކޮމިޝަންގެ ޑާޓާބޭސް އެތައް ފަހަރު ހެކް ކުރެވިގެން ދިޔަ ކަމާއި ނޫނީ ހަމަލާދެވުނު ވާހަކަ އަކީ އަޅުގަނޑުމެން އަޑު އަހަމުން ވާހަކައެއް. އެހެންވީމާ މި އަށް ތަފްސީލް ޖަވާބުތަކެއް ލިބެން އެބަޖެހޭ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންތިޚާބުގައި މަކަރެއް ހަދާފައިވާ ކަމުގެ ތުހުމަތު ކުރާ ނަމަ، އެ ވޯޓާ ދޭތެރޭ މީހުން ތުހުމަތުތަކެއް ކުރާނެ ކަމަށެވެ. އެހެންވެ، އެ ތުހުމަތުތަކަށް އީސީން ޖަވާބުދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އިންތިޚާބާ ގުޅޭ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ވުމަށް ޕީޕީއެމުން، އިލެކްޝަންސް ކޮމިޝަނަށް ގޮވައިލިއިރު، އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކޮށްދެއްވުމަށް ފަހު، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ އިންތިޚާބާ ގުޅޭގޮތުން 400 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ އެއްވެސް ކަމެއް އޭގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.
މިއަދުގެ ނިއުސް ބްރީފިންގައި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ތެރޭގައި މައްސަލަތައް ޖެހި، އެ ކޯލިޝަން ރޫޅޭތަން އަދި ފެންނާނެ ކަމަށެވެ. އެހެން ހުރިހާ އެންމެން ވެސް "ފިލްމު" ބަލަން މަޑުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރިފާއު ވިދާޅުވިގޮތުގައި، އިދިކޮޅު ކޯލިޝަނުން ވެފައިވާ ވައުދުތައް ނުފެއްދިގެން އުޅޭ މަންޒަރު ވަރަށް އަވަހަށް ފެންނާނެ އެވެ. އަދި މިހާރު ފެންނަނީ ފިލްމުގެ މޭކިން ކަމަށާއި މޭކިންގެ މަންޒަރުތައް ވަރަށް މަޖާ ކަމަށް ވެސް ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ވިދާޅުވީ ބިނާކުރުވަނިވި ހިޔާލުތައް ދިނުމަށް ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ދިން 96،000 އަށް ވުރެ ގިނަ މީހުން ތިބީ އެއް އަޒުމެއްގައި ކަމަށެވެ. އެހެންވެ، ދެން މަސައްކަތް ކުރާނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމަށް ތާއީދުކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ. އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވީ 134،705 ވޯޓުންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތޯ
02 October 2018
ބައްލަވާ އަޅުގަނޑު ޔާމީނަށް ވޯޓު ދިނީ އެއްވެސް ހާލެއްގައި ޔާމީނު ކަމުދާތީއެއް ނޫން... ޔާމީނު ގެނައި ތަރައްގީ އަދު 5 އަހަރަށް ކުރިއަށް ގެންދަން ބޭނުންވެފައި ކޯލިޝަންތައް އަބަދުވެސް ރޫޅޭތީ.. އޭގެ މާނައަކީ އަޅުގަނޑަކީ ޕީޕީއެމް އަށް މަރުދޭނޭ މީހެކޭ ނޫން. އަޅުގަނޑަށް އެންމެ ފުރަތަމަ ގައުމު. ވޯޓު ވަރަށް ސާފު. ގިނަމީހުން ޔާމީނަށް ނޫނުކޭ ބުނެފި. އަޅުގަނޑަށް އެކަން ފެނިއްޖެ. ދެން ވޯޓު ނެގިޔަސް އަޅުގނޑުގެ ޒަމީރެއް ގަބޫލެއް ނުކުރޭ ޔާމިނާށް ވޯޓު ލާކަށް.
އަހަންމާ.
02 October 2018
އިންޑިޔާ މީހުން ހުރިހާ ނުބަޔެއް ހެދީ، އެކަން ތަޙްޤީޤް ކުރަންވީ.މި ފަހަރު އެންމެން ވެގެން ހިގާބަލަ ފިސާރި ރަގަޅަށް އެމީހުންނަށް (އިންޑިޔާ) އަށް މި "ބެކްޔާޑު" ގަ ހުރި ފަންވަރު ދައްކާލަމާ.
އަޙުމަދު
02 October 2018
ހަމަ އެކަނި އިންޑިޔާ މީހުންތޯއެވެ؟ ބަނަގާޅު މީހުން ނުބައެއް ނުހަދާތޯ އެވެ؟
ތަރަބެ
02 October 2018
ވޯޓިން ބަލިވުމުން ޝަރީފް "ކަންބަޅި" އަކަށް އެހެދީ
ދެރަކަލޯ
02 October 2018
މާތްކަލާކޯ ތިކަމެއް ކުރީވިއްޔާ ކުރީ މިސަރުކާރުން ވޯޓްލީ ރައްޔިތުން ބަލިގަބޫލް ކުރީ ޔާމީން މަނިކު ފާނު ހަމާގަ ތޯ ތިޔަހުންނަވަނީ މަގުމަތި ހަލަބޮލިކުރަން ތިޔަނިކުންނަވަނީ ހަމަމަނިކުފާންތޯ މީއަރަތެއް ދެން ޕީޕީއެމް ކުދިން ބޯކޮށް އަތްޖަހާ ދެންލަލާ
ތިނު
02 October 2018
ބަލަގަ ދެންވެސް ކޮމިޝަނަށް ލާ މީހުންވެސް މަކަރު ހަދާފާނެ ؟ ކުރަންވީކަމަކީ މާލޭގައި ވޯޓްލުމަށް 1 ފޮށި ބެހެއްޓުމަށްފަހު ފޮށީގެ ވެރިޔަކަށް ރައީސް އިންނަވާފައި ހުރިހާ މީހުން އެފޮއްޓަށް ވޯޓްއަޅަންވީ މިހާރު އެމަނިކުފާނަށް އިތުބާރުކުރެވޭ މީހަކު ހުރިހެނެއް ހީއެއްނުވޭ
ކަންބޮނޑި
02 October 2018
ޕީޕީ ބޭނުންވެގެން ޕީޕީއަށް ކަޓެއް ދޭންވެގެން ކުރިކަމެއް. ގުދޯ ގުދޯ.
ބޮޑުރިޔާ
02 October 2018
ތިޔަ ބުނާ ވޯޓްކަރުދާސް ޗާޕްކުރީ އަގުބޮޑުކޮން ޗާޕްކޮށްފައިވާތީ އެވާހަކަތަށްވަރަށް ތަފްސީލާއެކު މިހާރު ނޫހުން ކިޔުންތެރިންނަށްކިޔައިން އޭރުވެސް ވެރިކަމުގާ ތިބީ ތިމީހުން އަދި މިހާރުވެސް ވެރިކަމުގައި ތިބީ ހަމަ ތިމީހުން ދެން އޭރު ކަންބޮޑުނުވެ މިހާރު ދެން ފޭލްވީމާ އެކަމާ ކަންބޮޑުވާންޖެހޭ ސަބަބެއް މަށަކަށް ނުވިސްނުނު
ފޫހި
02 October 2018
މިތިބަ ބައެއް. ކުރިކަމެއް ކުރަންއުޅުނު މީހުން މިހާރުތިޔަ އެވާހަކަތައް ދައްކަނީ.
ޖަހޯބަރާ
01 October 2018
ޖަވާބުދާރީ ވެފަ އޮތީ..! ރަސްމީ ޖަވާބު ވެސް ދެވިފަ އޮތީ..! ދާއިމީ ޖަވާބު ވެސް ދީފި..! ދެންކޮން ޖަވާބުދާރީއެއް..؟ ލުލް
އަލީމޫސަ
01 October 2018
ޕޕމ ދެން މާ ނޫންކަމަށް ހެދިގެން، މާ ޒިންމާދާރު އިދިކޮޅު ބައެކޭ ކިޔައިގެން އުލުމުގެ ބޭނުމެއްނެތް! ތިޔަ ތުހުމަތުކުރާ ހުރިހާކަމެއްވެސް، ކުރިކަމަށްވަންޏާ ކޮއްފައި އޮންނާނީ ތިޔައެންމެނަށްވެސް އެނގިގެންކަން ހުރިހާ ދިވެހިންނަށްވެސް އެނގޭ! ވޯޓްގެ ނަތީޖާ ބޭނުންގޮތަށް ފުރޮޅާނުލެވުނީމައި، އަދި ބޮޑުތަނުން ބަލިވީމައި، ދެންތިޔަ ހާވަންއުޅެނީ ހަޑި! މިވަގުތު މަޑުންތިބުން މާ ބުއްދިވެރި!