އިދިކޮޅު ޕާލަމެންޓްރީ ގްރޫޕުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) އަނާރާ، ރިޔާޒް ރޮޒެއިނާ އަދި ވަހީދު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 އޮކްޓޯބަރ 2018 - 18:55
އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.
މީޑިއާތަކަށް އަމާޒުކޮށް، މަޖިލިހުން ފާސް ކުރި އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ބައެއް ޓީވީތައް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. ބައެއް މީޑިއާތަކުން ސިފަ ކުރި ގޮތުގައި، އަބުރުގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމެއް ކުރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި، މަޖިލިހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، ސުޕްރީމް ކޯޓުން ވަނީ އެ ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގައި ހުކުމްކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ އުސޫލުތަކުން ބޭރުން ފާސްކޮށްފައިވާ ގާނޫނެއް ކަމަށެވެ. އަބުރުގެ ގާނޫނަކީ މީޑިއާތަކަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުމަށް ފާސްކޮށްފައި އޮތް ގާނޫނެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މަޖިލިހުގެ ތެރެއިން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިއިރު، ސަރުކާރުން ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަތަކާއި މީހުންގެ ހައްގުތައް ގެއްލޭ ގޮތަށް ކުރި ކަންކަން ބެލުމުގެ މަސައްކަތް ވެސް ފައްޓަވާނެ ކަމަށެވެ. ރިޔާޒް ވިދާޅުވި ގޮތުގައި، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަޖިލިހުގެ މަސައްކަތް ހުއްޓުވީ ރައީސް އަބްދުﷲ ޔާމީނާއި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހެވެ.
"އެހެންވީމަ އެކަންކަމަށް ހުއްޓުމެއް އައިސް، އަޅުގަނޑުމެން އުންމީދު ކުރަނީ މާދަމާ ވެސް މަޖިލިހުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދާނެ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.
އަބުރުގެ ގާނޫނު އުވައިލުމަކީ އިންތިހާބީ ރައީސް އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރިޔާސީ އެއް ވައުދެވެ. އަބުރުގެ ގާނޫނުގެ އިތުރުން، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ފާސްކޮށްފައި ހުރި އެހެން ގާނޫނުތައް އުވާލުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ.
ރިޔާޒް އެހެން ވިދާޅުވި އިރު، މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ މަސައްކަތްތައް ކުރިއަށް ނުދާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. މަޖިލިހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން، ފަހު ދައުރުގެ މަސައްކަތްތައް މިދިޔަ އޮގަސްޓް 27 އިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދާން ޖެހެ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ފުރަތަމަ 100 ދުވަހުގެ ވެރިކަމުގެ ޕްލޭން ހަދަމުން އަންނައިރު، ބަދަލު ކުރަން ޖެހޭ ގާނޫނުތަކާއި އުވާލަން ޖެހޭ ގާނޫނުތައް ހިމަނާނެ ކަމަށެވެ.
"ފަހަރަކު ކަމެއް އަޅުގަނޑުމެންނަށް ކުރެވިގެން ދާނީ. ހުރިހާ ކަމެއް އެއް ފަހަރާ ނުކުރެވޭނެ. ދެ ގާނޫނަށް ފަހު މިނިވަންކަން ނަގާލުމަށް ނޫނީ އަސާސީ ހައްގުތައް ނިގުޅައިގަތުމަށް ހަދާފައި ހުރި ގާނޫނުތައް ދާނީ ނިންމަމުން،" އެއްވެ އުޅުމުގެ ގާނޫނާއި ވަކި ބަޔަކަށް އަމާޒުކޮށް، މަޖިލިހުން މީގެ ކުރިން ފާސްކޮށްފައި ހުރި ގާނޫނުތަކަށް އިޝާރާތް ކުރައްވައި ރޮޒެއިނާ ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރުމަށް މަޖިލިހުގެ ތެރެއިން ވަރަށް ގިނަ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ.
ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރިން ހެދި ގާނޫނުތަކަށް ބަދަލު ގެނެސް، ހުދުމުހުތާރު ވެރިކަމެއް ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ގާނޫނުތައް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމުގައި ޕީޕީއެމްގެ މެމްބަރުން ވެސް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަޖިލިހުގައި އިންނަވާ ހަމައެކަނި އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުނައިޓެޑް އައްޑޫ
04 October 2018
އެންޓި ޑިފެކްޝަން ލޯ އުވާލަންވީ ކީއްވެތޯ؟ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވޯޓް ސޭލް އަޅުވައިގެން ގައުމު ވިއްކާލަން 70 މެމްބަރުން ވޯޓްދިން. މި ގާނޫނު އުވާލައިގެން އަނެއްކާވެސް ފުރުސަތު ހޯދަމުން އެދަނީ ވޯޓް ވިއްކުމަށައި ގޮނޑި ވިއްކުމަށް. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރާއިރު، މިގާނޫނު ދަމަހައްޓާނެ އިޚްލާސްތެރި މެމްބަރުން އިންތިޚާބުކުރަންޖެހޭ.
އެޑްމުންޑޯ
04 October 2018
މިންބަރުންނަ ޕާރޓީ ތަކުން ހޮވުމައްފަހު ރިޝްވަތުގެ ހުތުރު ވަބާގައި ޖެހި އެހާފަސޭހައިން ޕާރޓީ ބަދަލުވެވިގެން ނުވާނެ ، ނަމަވެސް މިހާރު މިއޮތްމިގޮތަށް ވޯޓްދޭ ގޮތަކުން ، ނުވަތަ ޕާރޓީ އަށް ފެނިއްޖެ ހިދެއްގައި ވަކިކުރާ އުސޫލް ހަރުދަނާ ކުރަންވީ ، ޕާރޓީން ބޭނުންވީމާ އެހާފަސޭހައިން ވަކިކުރެވޭކުރެވުން ބަދަލުކުރަންވީ ، ކޮންމެ ޕާރޓީ އެއްގައި ހުއްޓަސް އެމިންބަރަކަށް ވޯޓް ދިނުމުގެ އިޚްތިޔާރު އޮންނަންވާނެ
ހަބީބާ
04 October 2018
އެންޓި ޑިފެކްޝަން ގާނޫނު އުވާލާކަށް ނުފެނޭ. އޭތި އިސްލާހު ކުރަން އޯކޭ.. މެމްބަރުންނަށް ރައްޔިތުން އޮޅުވާލައިގެން ވޯޓު ހޯދައިގެން ލާރި ކޮޅަށް ދޭއިރަށް ކޮޅު ބަދަލު ކުރެވިގެން ނުވާނެ.. ބަދަލު ކުރަންޖެހޭނީ ރައްޔިތުން އަލުން ވޯޓު ދީގެން އާއެކޭ ބުނެފިއްޔާ
މޮޔަ މީހާ
04 October 2018
އާމޫނު ތަކެއް އަޅެ ފެންނާނީ ކޮންއިރަކުންބާ!!!!
އަބްދުއްލާ
03 October 2018
މީވީ ގޮތޭ ބަލާބަލަ ގާނޫނުއަސާސީގެ 16 ވަނަ މާއްދާ
ލޯޔަރު
03 October 2018
އިއްޒަތްތެރި މެމްބަރުން. ކޮންއިރަކުންތޯ ބޭރުމީހުންނަށް ބިން މިލްކު ކުރެވޭ ގާނޫނު އުވާލަނީ؟ ހަނދާންވާ ގޮތުން ކޮންމެވެސް މީހަކު ޖަލުން ސަލާމަތްކޮށް ބޭރަށް ފޮނުވަން ޑީލް ހަދައިން އެންމެން އެކުވެގެން ފާސްކުރި ހުރިހާ ދިވެހި ރައްޔިތުންނަށް ގެއްލުން ހުރި ބިލެއް އެއީ. ގައުމަށްވުރެ ލީޑަރުން މުހިންމުވީމަ ވާނެ އެހެންވެސް. އިޚްލާސްތެރިކަން ދައްކަވާ!
ނަންފުޅު
03 October 2018
އިހަށް ތިފްލޯކްރޮސިން ބާތިލްނުކޮށް އަދި ބާއްވާ. ކޯޓަށް ގޮސްގެން ޔާމީންއަތުން ޕީޕީއެމް އަތުލެވޭނެކަން ޔަގީން. ޕީޕީއެމް އަތުލުމަށްފަހު ނިހާނާއި އަދުރޭ ޕާޓީން ވަކިކޮށް މެންބަރުކަން ގެއްލުވާލަންވީ. އަނިޔާވެރިންގެ ނިމުން ހިތިވާނެކަން ދިރިތިބީންނަށް އަންގައިދޭންޖެހޭ. މިއީ އިބްރަތަކަށްޓަކައިވެސް ކުރަންޖެހޭކަމެއް.
އަބްދޫ
03 October 2018
އަބުރުގެ ގާނޫނަކީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާ އިން ބާރުލިބިގެން ހެދިފައިވާ އޮންނަންޖެހޭ ގާނޫނެއް. ވީމާ މިގާނޫނަށް އިސްލާހުގެނަޔަސް އުވާލައިގެނެއްނުވާނެ . އެއްވެސް ކަމަކީ ވަކީ ހައްދެއްނެތި ބޭނުންކުރެވޭނެ ކަންކަމެއްނޫން. އަބުރާބެހުމަކީ އިސްލާމްދީނުގާވެސް ހަރާމްކަމެއް .އަބުރާބެހުމަކީ ފާފަ ވެރިވާކަމެއް.
ކިއްލިބާޝާ
03 October 2018
އަޅެ ކަންތައްތައް މިގެންދާ ސްޕީޑުގާ މަރުގެ ހުކުން ތަންފީޒުކޮށްބަލަ. ބޭކާރުކަންކަމުގާ ވަރަށް ސްޕީޑުހުންނާނެ. އެކަމަކު ފައިދާހުރިކަމެއްގާ ދުވާނީ ކަހަނބު ނުވަތަ ގާހަކަ ދުވެލީގާ.
ވަރަށް ސަލާމް
03 October 2018
ޓްރާންސްފާ މާކެޓް އޯޕެންކޮށްލީ. ދެން ރޮޒޭ ފެންނާނީ އިންޑިޔާއިން ރާއްޖެއަށް ކަނޑަ އަޅާ ސަފީރެއްގޮތުގައި. ސީނު މީދޫ ދާއިރާޔަކުން ނުލިބޭނެ.