މައުމޫންއާއެކު، ބޭއްވި ބައްދަލުވުމަށް ފަހު، އިދިކޮޅު މެމްބަރުން މިއަދު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
10 އޮކްޓޯބަރ 2018 - 19:10
ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދޫކޮށް، އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރުންނާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މައުމޫން ފައުންޑޭޝަންގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މައުމޫނާ އެކު، އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިތުރުން ދަރިކަނބަލުން ޔުމްނާ މައުމޫނާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ދާދި ފަހުން ކަނޑައެޅި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު ބައިވެރިވެވަޑައިގެންނެވި އެވެ.
މައުމޫން ފައުންޑޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
މި ބައްދަލުވުމުގައި މައުމޫން ވިދާޅުވީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކާމިޔާބު ކުރެއްވުނީ އިދިކޮޅު ލީޑަރުންގެ ވަރަށް ބޮޑެތި މަސައްކަތްތަކާއި ރައްޔިތުންގެ ތާއީދާ އެކު ކަމަށެވެ. އެހެންވެ، ރައްޔިތުންގެ މަސްލަހަތު އޮތީ ކުރިއަށް އޮތް ފަސް އަހަރު ކޯލިޝަން ރޫޅިގެން ނުގޮސް، ދެމެހެއްޓުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން، އިދިކޮޅު ކޯލިޝަނަކީ ރައްޔިތުންނަށް ހިދުމަތް ކުރަން އެއްބައިވަންތަ ކޯލިޝަނެއްގެ ގޮތުގައި ހެދުމަށް މެމްބަރުން މަސައްކަތްކޮށް ދެއްވުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.
މައުމޫންއާ ބައްދަލު ކުރެއްވި މެމްބަރުންގެ ތެރެއިން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރެއް ފަހުން، ސުޕްރީމް ކޯޓު ވަނީ އެ މެމްބަރުންގެ ގޮނޑި ހުސްނުވާ ކަމަށް ހުކުމްކޮށްފަ އެވެ.
އިދިކޮޅު މެމްބަރުން، މައުމޫނާއެކު މިއަދު ބޭއްވި ބައްދަލުވުން. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ހަތަރު މެމްބަރުންގެ އިތުރުން، މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އަށް މެމްބަރުން ކަމަށްވާ ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެ މައްސަލަތައް އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ބައެއް މެމްބަރުން މާދަމާ ސުޕްރީމް ކޯޓަށް ހާޒިރުވާން ވަނީ ޗިޓު ފޮނުވައިފަ އެވެ.
މައުމޫން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އަށް މެމްބަރުންނަށް ވެސް މަޖިލިހުގައި ތަމްސީލް ކުރެއްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
15 October 2018
ހަސަން ސައީދު...ވަރައް ބޮޑު ތެދެއް...ހީވަނީ މިއީ މިމީހުންގެ ތަރިކަ މުދާ ގަނޑެއްހެން.. ސަހަރޯ.. މި އާފާތުން އަޅަމެން މިންޖު ކޮށްދެއްވާނދޭވެ،،، އާމީން.
ހަސަން ސައީދު
11 October 2018
މިވައްތަރަށް އުޅެން އަބަދުވެސް ބޭނުންވަނީ އެތިބީނު ކުރީސަފުގައި ވަރަށް ވެފަ މުޅި މިޤައުމު ހަލާކުކޮށްލީ މައުމޫނާ ބުރުމާ
ވަޒީރު
11 October 2018
އަޅުގަނޑު މިފަހަރު މަޖިލިސް އަށް ކުރިމަތިލާނަން.. މި ވާނުވާ މީހުން ނާ ވާދަކޮށް!! ވޯޓު ދެއްވާތި !! 28 އަހަރު !! މާސްޓާސް ކިޔަވަިގެން މިހުރީ !! ނިކަން ކިޔަވަިގެން ތިބި މީހުން ހޮވާބަލަ !!
ޢަބްދުﷲނާފިޒް
11 October 2018
އަޅުގަނޑު، ވަޒީރުގެ ހުށަހެޅުމަށް ތާއީދު..............
އުނބުށެން
11 October 2018
މަޖިލީހުގެ ދައުރެއް ނިމޭއިރު ކޮންމެ މީހަކު މަހުޖަނަކަށްވެއެވެ. ވީމާ އަޅުގަނޑަށްވެސް ފެންނަނީ އަބަދުވެސް ލައްގާހުރައަށް ލައްގާ އުސޫލުން އަބަދު އެއްބަޔަކު ދައުލަތުގެ ފައިސާއިންނާއި އެކިއެކި ފުރުޞަތުތަކުގެ ތެރެއިން މުއްސަނދިކޮށް ދިނުމުގެ ބަދަލުގައި ކޮންމެ 5 އަހަރަކުން މުޅިން އައު ބަޔަކު މުއްސަނދިކޮށްދިނުން މާ ރަނގަޅުވާނެ ކަމުގައެވެ. މިކަން ވައިގައި ހިފާތޯ ލިބޭ ކޮންމެ މިފަދަ ފުރުޞަތެއްގައި ވެސް ވީހާ ގިނަ ބަޔަކު މަސައްކަތް ކޮށްދިނުން އެދެމެވެ.
ކަނދިކަމަނާ
11 October 2018
އެކުވެރިކަމަކީ ގަދަފަދަ ބާރެއް .ވަކިވެގަތުމަކީ ނިކަމެތިކަމެއް.
ޝޮކްތެރަޕީ
11 October 2018
ތިތާ ތިތިބީ ރީލޯޑު ކުރިމީހުން.
ބަޑިތަކުރު
11 October 2018
އެކަމަކު ލަގްޒަރީ ފްލެޓްގަނެ ބޮޑެތި ވިޔަފާރިވެރިންނަށް ވެފައިވަނީ އެތާނގައި ނެތް މީހުންނެވެ. ދެން ރީލޯޑްކުރީ ކޮން ބަޔެއްތޯއެވެ.
ރަޝީދު2
10 October 2018
އަޅުގަޑަކީ ޕާޓީއެއްގެ މީހެއް ނޫން. ދުވަހަކު މުޒާހަރާއެއްވެސް ކުރި މީހެއް ނޫން. ނަމަވެސް މި ކަމުގައި ރައްޔިތުންގެ ނިންމުން ބަދަލުކޮށްފިނަމަ، މުޅި އާއިލާ ގޮވައިގެން މުޒާހަރާއަށް ނުކުންނަން މިހުރީ ތައްޔާރަށް. މިއީދެން ތަންފުކެއް ބޮޑުވަރެއް!
ރަޝީދު1
11 October 2018
ތެދެއް ބޭބެ އެބުނީ. އެންމެންވެސް ދާނެ
Solah
10 October 2018
ތިމަރަފުށީ މުޞްޠަފާ މައުމޫނާ ދިމާއަށް ހެއްދެވި ނެހެއްދެވިއަށް ގޮވާފައި ލަދެއް ނުގަނޭދޯ އެތަނަށް ވަދެ އިންނާކަށް.
ކޮކްޓެއިލްރައީސް
11 October 2018
ލަދޭ! ކޮން ލަދެއް! ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ކިބައިގަނެތް ލަދެއް ރައްޔިތުންގެ ކިބައިގަ ހުންނަން ޖެހޭބާ! އެމީހަކާހެދި ރައްޔިތުން މިތިބެނީ ބޮލާފޮށާއެޅިފަ.
ބަޑިތަކުރު
11 October 2018
އެންމެ ހެޔޮގޮތަކީ ހައްގު ފާޅުވީމާ ބާޠިލު ދޫކޮށް ހައްޤަށް ރުޖޫޢަވުމެވެ. އެއީ މާޒީއެވެ. މިއަދު އެންމެން މިތިބީ މާބޮޑުކަމެއް ކުރާށެވެ. ފާލުން ނެއްޓިފައިވާ މިގައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތުގައި އަތުކުރި އޮޅާލައިގެންނެވެ. ބައިބައިވުމާއި ފަސާދަ އުފެއްދުމަށް ހިތްވަރު ނުދޭށެވެ. ހެޔޮކަމެއްގައި ވާގިވެރިވެވެން ނެތިއްޔާ ހަނުހިމޭނުން ހުރުން މާއައުލާކަން ބޮޑެވެ.