ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ ބަހުސް

މަޖިލިސް: އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލަން މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައި --- މިހާރު ފޮޓޯ/ހުސެއިން ވަހީދު

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބަށް ފަހު ވަރަށް ގިނަ ކަންކަން ދަނީ ބަދަލުވަމުންނެވެ. ކުރިން ވާހަކަ ދެއްކި ރާގާއި ބަސްމަގު ވެސް ބަދަލުވެއްޖެ އެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

ސިޔާސީ މަސްރަހުގައި ބަދަލުވި މަންޒަރާ އެކު މިހާރު އެންމެ ބޮޑު ބަހުސެއް އޮތީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ މައްސަލާގަ އެވެ. އެ ގާނޫނަށް އެންމެ ބޮޑަށް ދެކޮޅުހެދި އަދި އެ ގާނޫނު އުވާލަން އެންމެ ބޮޑަށް ކުރިން މަސައްކަތް ކުރި އިދިކޮޅު ބައެއް މެމްބަރުންގެ ވިސްނުން މިއަދު ހުރީ އެ ގާނޫނު އުވާނުލުމަށެވެ. އިސްލާހުތަކެއް ގެނެސްގެން ވެސް، އެފަދަ ގާނޫނެއް ރާއްޖެއަށް މުހިންމު ކަމަށް އެ މެމްބަރުން މިހާރު ދެކެވަޑައިގަންނަވަ އެވެ.

އަނެއް ކޮޅުން، އެ ގާނޫނު ފާސްކުރަން ކުރިން ވޯޓު ދީ އަދި އެ ގާނޫނުގެ ދިފާއުގައި އެންމެ ބޮޑަށް އޭރު ވަކާލާތުކުރި ޕީޕީއެމްގެ މެމްބަރުން މިހާރު ތިބީ އެ ގާނޫނުގެ މަޅި އެ މީހުންގެ ކަރަށް މެހިދާނެ ކަމުގެ ބިރުވެރިކަމުގަ އެވެ. ސިޔާސީ މަސްރަހަށް މި އައި ކުއްލި ބަދަލަށް ފަހު، "ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރި"، މެމްބަރު ކަމުގެ ގޮނޑި ގެއްލިިދާނެތީ ޕީޕީއެމްގެ ގިނަ މެމްބަރުންގެ ވިިސްނުން މިހާރު ހުރީ އެ ބޭފުޅުން އޭރު އެންމެ ބޮޑަށް ދިފާއުކުރި އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމަށެވެ.

އެންޓި ޑިފެކްޝަނަކީ އޭގެ ޒާތުގައި ބަރުލަމާނީ ނިޒާމާ ގުޅޭ އުސޫލެކެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރުތައް އުފެދިގެން އަންނަނީ މަޖިލީހުގެ ތެރެއިން ކަމަށް ވެފައި، އެއިރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ބަޔަކީ ސަރުކާރު ހިންގާ ބަޔަކަށް ވާތީ ބަރުލަމާނީ ނިޒާމުތަކުގައި މަޖިލިސް މެމްބަރުން ޕާޓީ ބަދަލު ކުރުމަކީ ސަރުކާރު ވެއްޓުމުގެ ބިރު އޮންނަ ކަމެކެވެ. އެހެންވެ، ޕާޓީ ބަދަލު ކުރުމުން މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަނީ އާންމުކޮށް ބަރުލަމާނީ ނިޒާމު ހިންގާ ގައުމުތަކުގަ އެވެ.

އެންޓި ޑިފެކްޝަނަކީ ރާއްޖޭގައި މި އޮތް ރިޔާސީ ނިޒާމާ އެހާ ރަހުމަތްތެރި އެއްޗަކަށް ނުވިޔަސް، އެންޓި ޑިފެކްޝަންގެ ގާނޫނެއް ރާއްޖެ އަށް މުހިންމު ކަމަށް ގަބޫލުކުރާ މީހުން މިހާރު މަދެއް ނޫނެވެ. އާ ގާނޫނު އަސާސީއާ އެކު ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް ރާއްޖެއަށް ލިބުނު ފަހުން، ވޭތުވެދިޔަ 10 ވަރަކަށް އަހަރު މަޖިލީހުގައި ފެނިގެންދިޔަ "ގަނެ ވިއްކުމުގެ" ވިޔަފާރިތަކަކީ އެންޓި ޑިފެކްޝަން އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ މީހުން ދައްކާ ސަބަބެވެ.

އެހެންވެ، ވަކި ފިކުރެއްގައި އިންތިޚާބަށް ނިކުމެ މެމްބަރު ކަން ލިބުމުން، ވޯޓު ދިން ރައްޔިތުންގެ ބޮލުގައި ކޮޅު ފައިން ޖަހައި، ޕާޓީ ބަދަލުކުރާ ކުރުން ހުއްޓުވަން ޖެހޭނެ ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ. އެންޓި ޑިފެކްޝަންގެ ގާނޫނު އޮވެއްޖެ ނަމަ، އެކަން ހުއްޓުވޭނެ ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އެކަމަކު އަނެއްކޮޅަށް ވިސްނާލާއިރު، އޭގެ ސަބަބުން ނިކުމެދާނެ މައްސަލަތައް ވެސް ވަކި ކުޑައެއް ނޫނެވެ. އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ވެސް މިކަމުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތެވެ. އެހެންކަމުން މިއީ ދެކޮޅަށް ވެސް ބަހުސް ކުރެވެން އޮތް ބޮޑު މައުޟޫއުއެކެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން މަޖިލީހުގެ މެމްބަރުން އަބަދުވެސް އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާ ކުރަންވާނީ މުޅި ގައުމާއި ރައްޔިތުންގެ މަންފާއަށް އިސްކަން ދީގެންނެވެ. އެ މެމްބަރަކު ނިސްބަތްވާ ފިކުރެއް ނުވަތަ ޕާޓީއެއްގެ މަސްލަހަތަށް އިސްކަން ދިނުމުގެ ވާހަކައެއް ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކު ނެތެވެ. މިހާރު އޮތް ފަދަ އެންޓި ޑިފެކްޝަން ގާނޫނެއް އޮވެއްޖެ ނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް ވުރެ ޕާޓީގެ ފިކުރު އިސް ކުރަން މެމްބަރުންނަށް މަޖުބޫރު ވުމެވެ.

އެހެންވުމުން ގައުމުގެ މަސްލަހަތާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުންގެ މަންފާއަށް ބަލައިގެން ވޯޓު ދިނުމުގެ ބަދަލުގައި، ޕާޓީގެ އެންގުމާ އެއްގޮތަށް ވޯޓު ދިނުން މަޖުބޫރުވާ ހާލަތްތައް އުފަންވުމުގެ ފުރުސަތު އެންޓި ޑިފެކްޝަންގެ ގާނޫނަކުން އެބަ އޮތެވެ. ސަބަބަކީ ޕާޓީގެ އެންގުމަށް ތަބާ ނުވެއްޖެ ނަމަ، ގޮނޑި ގެއްލުމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭތީ އެވެ. ވޭތުވެދިޔަ ކުރު މާޒީގައި ވެސް މަޖިލީހުގައި އެފަދަ އެތައް މަންޒަރުތަކެއް ފެނިގެން ހިނގައްޖެ އެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތައް ކިތަންމެ ޑިމޮކްރަޓިކް ކަމަށް ދެއްކިޔަސް، އެތެރޭގެ ޑިމޮކްރަސީ ދޯހަޅި އެވެ. ޕާޓީތަކުގެ ލީޑާޝިޕުން ބޭނުންވާހާ ގޮތަކަށް އެ ޕާޓީއެއްގެ އެތެރޭގެ ގުނަވަންތަކުގެ މަސައްކަތްތައް އޮންނަނީ ބައްޓަންވެފަ އެވެ. މިފަދަ ހާލަތެއްގައި ޕާޓީތައް އޮތުމުގެ ނަތީޖާއަކީ ރައްޔިތުންގެ އެތައް ހާސް ބައެއްގެ ވޯޓުން އިންތިޚާބުކުރާ މަޖިލިސް މެމްބަރުން ކޮންޓްރޯލް ކުރުމުގެ ފުރުސަތު ޕާޓީތަކުގެ ލީޑާޝިޕްގެ މަދު ބަޔަކަށް ލިބުމެވެ. އެހެން ގޮތަކަށް ބުނާ، މެމްބަރުން "ކަސްތޮޅު އެޅުވުމުގެ" ބާރު ޕާޓީތަކަށް ލިބުމެވެ.

ދެން އޮތީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނެވެ. ގިނަ މީހުން މިހާތަނަށް ވެސް އެ ކޮމިޝަން ސިފަކުރަމުން އައީ އެ އިރެއްގައި "ވައި ޖެހޭ ކޮޅެއްގައި" ތިބޭ ބައެއްގެ ގޮތުގަ އެވެ. މަޖިލީހުގައި 60،000 ރައްޔިތުން ތަމްސީލުކުރާ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން މިދިޔަ އަހަރު ނިންމި ނިންމުމާއި އޭގެ ފަހުން އެކަމުގައި އެ ކޮމިޝަނުން އަމަލުކުރި ގޮތަކީ އޭގެ ސާފު މިސާލެކެވެ.

މަޖިލީހުގެ ޖަލްސާއެއް --- ފޮޓޯ/މަޖިލިިސް

ކުރިން ވެސް ފާހަގަކުރިހެން، އެންޑި ޑިފެކްޝަންގެ ގާނޫނެއްގެ ދަށުން މެމްބަރުން ކޮންޓްރޯލް ކުރުން ޕާޓީތަކާއި މިނިވަން މުއައްސަސާތަކުގެ އަތްމަތީގައި ބޭއްވުމަކީ އެކަމުން ފައިދާއަށް ވުރެ، ރައްޔިތުންގެ ހައްގާއި މަސްލަހަތު ގެއްލުމަށް އޮތް ބިރު ބޮޑު ކަމެކެވެ. އެހެންވެ، ސީދާ ރައްޔިތުންނަށް ބާރު ދިނުން ކިހިނެއް ހެއްޔެވެ؟.

އިންތިޚާބީ މަގާމުތަކުގައި ތިބޭ މީހުން މަގާމުން ދުރުކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމަކީ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު ވެސް ކުރާ ކަމެކެވެ. އޭރުން ކަނޑައެޅޭ ވަކި އަދަދެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅުމުން އެ މެމްބަރަކު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ރައްޔިތުންގެ މެދުގައި ރި ކޯލް ވޯޓަށް ދާނެ އެވެ. އެ ވޯޓުގައި، އެ މެމްބަރަކު މަގާމުން ދުރުކުރަން ގިނަ ރައްޔިތުން ވޯޓު ދީފި ނަމަ، ދައުރު ހަމަނުވިޔަސް އެ މީހެއްގެ މަގާމު ގެއްލުނީ އެވެ. މިއީ މިހާރު މި އޮތް ނިޒާމަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވޭ ފަދަ ފޯމިއުލާއަކަށް ވެދާނެ އެވެ.

އެކަމަކު ގާނޫނު އަސާސީ އިސްލާހުކޮށްގެން މިފަދަ ބާރެއް ސީދާ ރައްޔިތުންނަށް ދޭ ނަމަ ވިސްނަން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. ދައުރުގެ މެދު ތެރެއިން ރިކޯލް ވޯޓުތައް ބާއްވަން ޖެހޭ ނަމަ، އެކަމަށް ހިނގާނެ ޚަރަދުތައް ބޮޑުވާނެ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނު އެ ގޮތުގައި ބޭއްވުން ރަނގަޅެއް ނޫނެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވެސް ފާހަގަކުރަނީ ރައްޔިތުންގެ މަސްލަހަތަށް ވުރެ ބޮޑަށް، އެ ގާނޫނުގެ ނާޖާއިޒް ފައިދާ ޕާޓީތަކުން ނެގުމެވެ.

"މިހާރު އޮތް ގާނޫނަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ހެދި އެއްޗެއް. އެހެންވެ، އެ އޮތީ މަގްސަދު ގޯސްވެފައި. މަގްސަދު ގޯސްވީމަ އެއިން ނިކުންނަ ނަތީޖާ ވެސް ގޯސްވާނެ. އެހެންވީމަ މިހާރު އޮތް ގޮތަކަށް ގާނޫނެއް ބޭއްވުން ރަނގަޅެއް ނޫން." ވަކީލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީ ބަދަލުކުރާ ހާލަތުގައި މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ހަދާ ނަމަ، އެކަން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. ސަބަބަކީ މިހާރު ގާނޫނު އަސާސީގައި ޕާޓީ ބަދަލު ކުރުމަކީ މެމްބަރުންގެ ގޮނޑި ގެއްލޭ ކަމެއް ކަމަށް ބަޔާން ކޮށްފައި ނެތުމެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި، އެކަމަށްޓަކައި ޚާއްސަ ގާނޫނެއް ހަދަން ޖެހޭނީ ވަރަށް ބޮޑަށް ދިރާސާ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި އޮތް ގޮތަށް މުތުލަގަށް އޮތީމަ މައްސަލަތައް ދިމާވާނެ ވަރަށް ބޮޑަށް. އެހެންވީމަ ދިރާސާ ކޮށްގެން އެކަމަށް ވަކި ގާނޫނެއް ހަދަން ވާނީ. އޭގައި އޮންނަން ވާނެ ފްލޯ ކްރޮސް ކުރެވޭނެ އިސްތިސްނާ ހާލަތުތަކެއް ވެސް،" އޭނާ ވިދާޅުވި އެވެ.

އެހެން ވަކީލަކު ވެސް ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަންގެ ގާނޫނު ބޭއްވުން މުހިންމު ކަމަށް ދެކޭ ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ވާއިރު، އޭގެ ތެރޭގައި ޕާޓީ ބަދަލު ކުރުން މިހާރު ހިމެނިފައި ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެންޓި ޑިފެކްޝަން ގޯހެކޭ ނުދަންނަވަން. އެކަމަކު އެގޮތަށް އެކަން ކުރަންޏާ ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭނީ އެންޓި ޑިފެކްޝަންގެ އުސޫލުތައް ހިމަނައިގެން. އެހެން ނޫނީ ގާނޫނު އަސާސީ އިސްލާހު ކޮށްފައި ލިޔަންވީ ޕާޓީ ބަދަލު ކުރުމުގެ ގޮނޑި ގެއްލޭ ހާލަތްތައް ގާނޫނަކުން ބަޔާން ކުރެވިދާނެއޭ. މިގޮތަށް މިކަން ކުރެވޭނީ. އެހެން ގައުމެއްގައި އެކަން ކުރާތީއޭ ކިޔާފައި އަހަރުމެން ކޮށްގެން ނުވާނެ. ކުރާ ނަމަ، ކުރަން ޖެހޭނީ ރަނގަޅު ގޮތުގައި،" އެ ވަކީލް ވިިދާޅުވި އެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނަކުން ލިބޭ ފައިދާއާ އެއް ވަރަށް އޭގެ ސަބަބުން ކުރިމަތިދާނެ މައްސަލަތައް ވެސް އެބަ ހުއްޓެވެ. އެފަދަ ގާނޫނެއް ބޭއްވުމާއި ނުވަތަ އުވާލުމާ މެދު މަޖިލީހުން ގޮތެއް ނިންމުމުގައި ފުޅާ ދާއިރާއެއްގައި އެކަން ކަމަށް ވިސްނަން ޖެހެ އެވެ.

8 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންބެ.

31 October 2018

ތިޔަ ބިލެއްވެސް ގެންނަން ކެރުނީ ތަރައްގީގެ ރައީސް އަށް. އިބޫރައީސް މިގައުމު ތަރަށްގީ ކުރާކަށް މާކަ ގިނަކަންތަކެއް ކުރާކަށް ނުހުންނާނެ. ހުރިހައި ކަމެއްގެ ބިންގާ އެއޮތީ ތަރައްގީގެ ރައީސް އަޅުއްވައިދެއްވާފައި. އިތުރު ފަސްއަހަރު ލިބުނު ނަމަ ގްރޭޓާރ މާލޭ އޭރިޔާ ފެނިފައި ސިންގަޕޫރު ވެސް ލަދުން ދެފައި ކާރިނުވާނެ. އިބޫރައީސް ހުރޭ ފެއަރ އަންޑް ލަވްލީ އުގުޅައިގެން މިހާރު ހިގާ މަޝްޝޫރޫތައް ހުޅުވުމުގެ ރަސްމީއާތު ތައް ޝަރަފްވެރިކުރަން ރެޑީގައި.

The name is already taken The name is available. Register?

ިއިނސާފް

31 October 2018

ބަންދު ގެއަދަބު ދެވެންޖެހެނީ އެހެންމީހުންގެ ފުރާނައަށް ނުވަތަ މުދަލަށް ގަސދުގާ ގެއްލުން ދީ އަދި ގެއްލުންދޭން އުޅޭމީހުން. އެޔާޚިލާފަށް މީހުން ހައްޔަރު ކޮށް ގެން އަނިޔާ ކުރާނެ ގޮތް ކަނޑައަޅައިގެން އިނަސާފުން ހުކުމް ކުރެވޭނެ އެއްވެސްގޮތެއް ނެތް. އެއީ އެގޮތަށް މީހުން ހައްޔަރު ކުރުމަކީ ފުރަތަމަ އިންސާފާ ޚިލާފް ކަމެއް. އިނސާފަކީ ކިޔަވައިގެން ދަސްކުރާކަމެއް ނުން.އިންސާފަކީ މިނިވަންކަން އެއީ ދުނިޔެއަށް އުފަންވުމާއިއެކު ލިބޭ ނޭވާ ލުމުގެ ހައްގު

The name is already taken The name is available. Register?

ޖޯއި

31 October 2018

އަދި ގިނަ އިންތިޚާބުތަކެއް ބާއްވަން ރާއްޖޭގެ އިޤްތިޞާދު ތަން ނުދޭ. މިޤާނޫނަށް ގެންނަން ޖެހޭ އިސްލާޙަކީ މަޖިލީހުން ހުސްވެފައިވާ މެމްބަރުންގެ އަދަދަށްވުރެ ކުޑަ ފަރަޤަކަކުން ނިމޭ ވޯޓުތައް އަލުން މެމްބަރުން އިންތިޚާބުކުރުމަށްފަހު ނަގަންޖެހޭ ގޮތަށް ނިންމުން. އޭރުން ޤާނޫނުގެ ނާޖާއިޒް ފައިދާ ނުނެގޭނެ. ސިޔާސީ ވިސްނުން ދޫކޮށް، ޤައުމާމެދު ވިސްނުން މުހިއްމު.

The name is already taken The name is available. Register?

ޖޯއި

31 October 2018

މިއަޓިކަލްގަ ރިކޮމެންޑް ކޮށްފަ އޮތް ސިސްޓަމަކީ ވޯޓުލާ އާބާދީގެ %25 ސޮއިކުރުމުން ގޮޑި ގެއްލުންކަމަށް ވާނަމަ، އިންތިޚާބީ ސްޓެޓްސް ބައްލަވާލައްވާ. ޤާސިމް ފިޔަވައި ހުރިހާ މެމްބަރުންނަށްވެސް ލިބިފައިވަނީ 75% ދަށް. އެހެންކަމަށްވާނަމަ ދިވެހިން ޕަރޓީ ވިސްނުމުގައި މެމްބަރުންނާ ދެކޮޅަށް ޕެޓިޝަން ހުށަނާޅާނެތޯ. މިސިސްޓަމް އޮތްނަމަ ރާއްޖޭގައި އެއްވެސް މެމްބަރެއްގެ ގޮޑިއެއް ނޯންނާނެ.

The name is already taken The name is available. Register?

ޖޯއި

31 October 2018

ދިވެހިންގެ ވިސްނުމުގެ ހަނިކަން. އީ.ސީ އިން ނުވަތަ ޕަރޓިން ގޮޑި ގެއްލުވާލުމުން އެގޮޑިއަށް މީހަކު ނެގުމުގެބާރު އޮތީ ހަމަ ރައްޔޮތުންނަށް ދެއްތޮ. ރައްޔިތުން ބޭނުންނަމަ އަލުން ހަމަ އެމީހާވެސް ހޮވަންވީ.

The name is already taken The name is available. Register?

ވާލުސޮރު

31 October 2018

ރާއްޖެއަކީ ޤާނޫނަކަށް ގަވައިދަކަށް އަމަލުކުރާ ގިނަ ބަޔަކު އުޅުނު ގައުމެއްވެސްނޫން އަދި މިހާރުވެސް އުޅޭގައުމެއްނޫން. ރެއާ ދުވާލު ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން މިދަނީ އެކަން. އެވަގުތަކު ބާރުގަ ތިބޭ ބަޔަކު ބޭނުންވާގޮތް އެއީ ގާނޫނު. ކޮންމެހެން މާ މާ ފުރިހަމަ ގާނޫނުތަކެއް ހެދުމުގެ މާނައެއްނެތް. އެކަމަށް ރުހޭ ބަޔަކު ރުހެންވީ ނުރުހޭބަޔަކު ނުރުހެންވީ. އެނޫންގޮތެއް އަދި ފެންނާކަށްވެސްނެތް.

The name is already taken The name is available. Register?

ނަޖްވާ

31 October 2018

ވަރަށް ރަނގަޅު ލިޔުމެއް ކަމަށް ދެކެން!

The name is already taken The name is available. Register?

ބަޑިތަކުރު

31 October 2018

އެބަޔަކު ފޭއްސި އިލޮށި އެބަޔެއްގެ ލޮލަށް ހެރެންދެން ތިޔަ ބާއްވަން ވީއެވެ. ދެން އުވާލުމުގެ ބަދަލުގައި އިޞްލާޙު ކުރާނީއެވެ. އެހެނީ ދެން އިރާދަކުރެއްވިއްޔާ އިއްތިހާދަށް މުޅި މަޖިލިސް އެކުގައިހެން ލިބޭނެއެވެ. ދެން ކަމެއް ކުރަންޏާ ކުރަންވީ ކަމަކީ އެކަކަށްވުރެ ގިނައިން ކުރިމަތިލައިފިއްޔާ ރިޔާސީ އިންތިޚާބުވިޔަސް މަޖިލިސް ވިޔަސް އަދި ކައުންސިލް އިންތިޚާބު ކަމަށް ވިޔަސް ޕްރައިމަރީއަކާ ނުލައި ޕާޓީތަކުން ޓިކެޓް ނުދެވޭގޮތަށް ޤާނޫނަށް ބަދަލު ގެނައުމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454