ރިޕޯޓް / ޕްރޮސެކިއުޓާ ޖެނެރަލް

ހަމައެކަނި ނަޝީދުގެ މައްސަލައިން ޕީޖީއަށް ނިންމާލެވޭކަށް ނެތް!

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް: ބައެއް ވަކީލުން ވިދާޅުވަނީ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައި ވާތީ އޭނާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށް -- މިހާރު ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ރަނގަޅަށް ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުން ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ކައިރި ބުނަމުންނެވެ. އާންމުންގެ ގިޔަ ބަޔަކު ދިޔައީ އެ ވާހަކަ ދައްކަމުންނެވެ. އެންމެ ފަހުން އެ މައްސަލަ އޭނާގެ ފަރާތުން އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. ނަޝީދުގެ ފަރާތްޕުޅުން އެކަމަށް އެދިވަޑައިގަތުމާއި އާންމު މަސްލަތު ވެސް އެކަމުގައި އޮތް ކަމަށް ވިދާޅުވެ އެވެ.

ނަޝީދުގެ މައްސަލާގައި ތިން އަހަރު ވަންދެން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ދިނީ ބީރު ކަންފަތެކެވެ.

"މި ދަނޑިވަޅު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އަޅުގަނޑަށް ސިފަ ވަނީ މިކަމުގެ ގްރިޕް ގެއްލުމުން [ކޮންޓްރޯލް ގެއްލުމުން] މައްސަލަ ހުށަހެޅުނީ ކަމަށް. ޕީޖީގެ އިހްލާސްތެރިކަމާ މެދު އަދި ނަޒާހާތްތެރިމާ މެދު އަޅުގަނޑަށް ސުވާލު އުފެދޭ،" ގާނޫނީ ވަކީލު މުހައްމަދު ޝަފީއު ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން ސިޔާސީ އެތައް ލީޑަރުންނެއް ޖަލަށް ދާން ޖެހުނު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެން ކައިރިވުމާ އެކު ނަޝީދުގެ މައްސަލަ ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބައެއް ވަކީލުން ގެންދަނީ މީގެ ކުރިން ޕީޖީ އަމަލްކުރެއްވި ގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިޝާމަށް ޕީޖީގެ މަގާމު ދެއްވި ރައީސް ޔާމީންގެ ދައުރު ނިމެން ކުޑަތަންވުމުގެ އިތުރުން ނަޝީދުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި އޮތް ދަނޑިވަޅެއްގައި ކުއްލިއަކަށް ބިޝާމްގެ ހިޔާލު ބަދަލުވުމަކީ، މިނިވަން އެހެން މުއައްސަސާތަކުން ވެސް، އިންތިހާބަށް ފަހު ދައްކަމުން އަންނަ މަންޒަރުތަކުގެ ބައެކެވެ.

ޕީޖީއަކީ ޖިނާއީ ދައުވާ ކުރުމަށް ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން ފަރާތެކެވެ. ޕީޖީއަކަށް ހުންނަވާ ބޭފުޅަކު އެ މަސްއޫލިއްޔަތު އަދާކުރައްވަން ޖެހެނީ އިންސާފުވެރިކޮށެވެ.

ނަޝީދު، ސްރީ ލަންކާގެ ބައެއް ނޫސްވެރިންނާ އެކު އެ ގައުމުގައި.

ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، ބިޝާމްގެ ކުރިން ޕީޖީއަކަށް ހުންނެވި މުހުތާޒު މުހުސިނެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، އޭނާ ޕީޖީއަކަށް ގެނައުމާ އެކު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ބަދަލުވީ، ރައީސް ޔާމީނާއި އޭރު އެންމެ ބާރުގަދަ މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބުގެ ކުޅޭކުޅޭ ތަނަކަށެވެ. ރައީސް ޔާމީނަށް އަމާޒުކޮށް "ފިނިފެންމާ" ލޯންޗު ގޮއްވާލުމުގެ ހާދިސާއަށް ފަހު އަދީބުގެ ބާބު ނިމުނު އިރު މުހުތާޒަށް މަގާމު ގެއްލި، އެންމެ ފަހުން ޖަލުގެ ހުކުމަކާ ވެސް ކުރިމަތިވެވަޑައިގަތީ އެވެ.

މުހުތާޒު ޕީޖީ ކަމުގެ ހުވާކުރައްވަނީ: ނަޝީދުގެ މައްޗަށް ދައުވާ އުފުލީ މުހުތާޒް

ރައީސް އޮފީހުގެ ލީގަލް އެފެއާޒް ބައިގައި ހުންނެވި ބިޝާމަށް ޕީޖީކަން ލިބިވަޑައިގަތީ، އަދީބަށް ފަހު ހުރިހާ މުއައްސަސާއެއްގެ ފުރިހަމަ ކޮންޓްރޯލް ރައީސް ޔާމީން ހޯއްދެވި ހިކުމަތުގެ ތެރެއިންނެވެ. އޭގެ ފަހުން ބިޝާމް ވެސް ފެނުނީ ރައީސް ޔާމީން ބޭނުންފުޅުވި ހުރިހާ ކަމެއް، ޕީޖީގެ ތެރެއިން ކުރައްވަމުން ގެންދެވި ތަނެވެ. އަދި ނަޝީދު ފަދަ ސިޔާސީ ލީޑަރުންނާ ދެކޮޅަށް އިއްވާފައިވާ ބޭއިންސާފު ހުކުމްތަކާ މެދު އަޅާނުލެއްވި ތަނެވެ.

ޖިނާއީ މައްސަލައެއްގައި ކޯޓުތަކުން ގޯސްކޮށް ކަމެއް ނިންމައިފައި އޮތް ނަމަ ހައްގު ގެއްލުނު ފަރާތަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރުމަކީ ޕީޖީގެ ޒިންމާއެކެވެ.

"މިހާރު، ގާސިމް އިބްރާހިމް، ފާރިސް މައުމޫން އަދި މައުމޫން އަބްދުލްގައްޔޫމްގެ މައްސަލަތައް ހައި ކޯޓުން ނިންމި އިރު އެ މައްސަލަތަކުގައި ދަށު ކޯޓުގައި ކަންކަން ހިނގާފައި ވަނީ ގޯސްކޮށްކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. ޕީޖީ ވެސް އެބަ އިއުތިރާފުވޭ އެ މައްސަލަތައް ނިންމާފައި ވަނީ ބައެއް އުސޫލުތަކާ ހިލާފަށް ކަމަށް،" ޝަފީއު ވިދާޅުވި އެވެ.

އެކަމަކު އުސޫލުތަކާ ހިލާފަށް މައްސަލައެއް ނިންމާފައިވާ ނަމަ އެ މައްސަލަތައް ދަށު ކޯޓުގައި ހިނގިއިރު ޕީޖީގެ ފަރާތުން އެކަމާ ވާހަކަ ނުދެއްކުމަކީ އޭނާގެ ޒިންމާއާ ދުރަށް ދިއުމެވެ.

ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކަށް ދިފާއުވާން އެކަށީގެންވާ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އެ މައްސަލައެއްގައި ވަކީލުން ތަނާޒުލްވި ނަމަވެސް ތުހުމަތުކުރެވޭ މީހާއަށް އާ ވަކީލުންނާ އެކު ނަމަވެސް ދިފާއުވާން އެކަށީގެންވާ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ހައި ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު އެ ހައްގުތައް އެތައް ބައެއްގެ ފަރާތުން ނިގުޅައިގެން އިރު ޕީޖީ އަޅާލައްވާފައެއް ނުވެ އެވެ.

"މިއީ ރައީސް ނަޝީދުގެ މައްސަލައިގައި ވެސް ހިނގާފައި ހުރި ކަންކަން. ޕީޖީގެ މަސްއޫލިއްޔަތަކީ އެ މައްސަލައަކުން މޮޅުވުމެއް ނޫން. ހަމަ ހުރެފައި މީހަކު ޕްރޮސެކިއުޓް ކޮށްލުމެއް ނޫން. ތުހުމަތުކުރެވޭ މީހާއަށް އިންސާފުވެރި ޝަރީއަތެއް ކަށަވަރުކޮށްދިނުން،" ޝަފީއު ވިދާޅުވި އެވެ.

"އެކަމުގައި ޕީޖީގެ ދައުރު ވަރަށް ބޮޑު. އޭނާ އެބަ ޖެހޭ ދެ ތޮތްޕެއް އަޅަން. އެއީ ޕްރޮސެކިއުޓް ކުރަން އަޅާ ތޮތްޕަކާއި އަދި ތުހުމަތުކުރެވޭ މީހުންނަށް ހުރިހާ ހައްގުތަކެއް ލިބިދީގެން އިންސާފުވެރިކޮށް ޝަރީއަތް ގެންދަން އަޅަން ޖެހޭ ވަކި ތޮތްޕެއް."

ބައެއް ވަކީލުން ފާހަގަކުރާ ގޮތުގައި ރައީސް ޔާމީނާ އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްސަލަތަކުގައި ޖިނާއީ ދައުވާކޮށްފައި ހުރީ އެކަށީގެންވާ މިންވަރަށް ޕީޖީގެ ފަރާތުން ނުބައްލަވަ އެވެ. އެފަދަ ބައެއް ކަންކަން މި ފަހުން ހައި ކޯޓުން ނިންމި ބައެއް މައްސަލަތަކުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"މިސާލަކަށް [ކުރީގެ ޕީޖީ] މުހްތާޒް މުހްސިންގެ މައްސަލަ. އެ މައްސަލައިގައި ވެސް ޓެރަރިޒަމްގެ ދައުވާ ކުރަން ޖެހޭ ހާލަތެއް ވުޖޫދުވެފައެއް ނެތް. ހައި ކޯޓުގެ ފަނޑިޔާރުން ވެސް ވަނީ އެކަން ފާހަގަކުރައްވައިފައި،" ގާނޫނީ ވަކީލު ހަސަން ފަލާހު ވިދާޅުވި އެވެ.

"އެކަމަކު ޕީޖީ އަށް ފާހަގަކުރެވެނީ ކ. މާފުއްޓަށް މީހަކު ފުރައިގެން ދިޔައިމަ އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް."

ފަލާހު ވިދާޅުވީ މުހުތާޒަށް ޕީޖީން އުފުލާފައި ވަނީ ހައްގު ދައުވާއެއް ނޫނެވެ.

"މިނިވަން ޕީޖީއެއް އުފެއްދުމުގެ ބޭނުމަކީ ފުލުހުން ފޮނުވާ ކޮންމެ މައްސަލައެއްގައި ދައުވާ ކުރުމެއް ނޫން. އަދި ވަކި ގޮތަކަށް ބައްޓަން ކޮށްފައި ދައުވާ ކުރުމެއް ވެސް ނޫން. ޕީޖީއަކު ދައުވާ ކުރަން ޖެހޭނީ ގާނޫނުގައި އޮތް ގޮތަށް، އެ ހާދިސާއަކާ ގުޅޭ އެންމެ އެކަށޭނަ ދައުވާތަކެއް. މިސާލަކަށް ކުށެއް ކުރި ނަމަވެސް އެ ކުށަކާ ނުބައްދަލު އަދަބު ލިބޭ ވަރުގެ ދައުވާއެއް ކޮށްގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ މައްސަލަ ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަކީ ރަނގަޅު ކަމެކެވެ. ހަމައެހެން އެކަހަލަ އެހެން މައްސަލަތަކުގައި ވެސް ޕީޖީގެ ޒިންމާ ނަގަން ޖެހޭ ކަމަށް ވަކީލުން ބުނެ އެވެ.

"ޕީޖީގެ މަސްއޫލިއްޔަތެއް ގާނޫނު ނެގެހެއްޓުމަކީ. އެހެންވީމަ ގާނޫނާ ހިލާފަށް ހުރި ކަންކަން ބަލައި އެކަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ ޕީޖީގެ ވާޖިބެއް،" ފަލާހު ވިދާޅުވި އެވެ.

"އެކަމަކު ސެލެކްޓިވް ޖަސްޓިސް ނުވަތަ ވަކި ބަޔަކަށް އިންސާފު ފޯރުކޮށްދެވޭ ނަމަ އެއީ މައްސަލައެއް. އޭގެ ބަދަލުގައި އެކަން ވާން ޖެހޭނީ ހުރިހާ އެންމެންގެ މައްޗަށް އާންމުވެގެންވާ އެއް އުސޫލަކުން އަމަލު ކުރުން."

ނަޝީދުގެ މައްސަލަ ފެށުނީއްސުރެ ނިމެންދެން ވެސް އަދި މިއަދާ ހަމައަށް ވެސް އެކި ފަރާތްތަކުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވި އެވެ. އޭރު އަޅާނުލެއްވީ މުހުތާޒެވެ. އޭގެ ފަހުން، އިއްޔެއާ ޖެހެންދެން، ބިޝާމެވެ. މިހާރު މި އޮތީ ނަޝީދުގެ އިތުރުން ނުހައްގު ދައުވާތަކުން ހުކުމްތަކާ ކުރިމަތިވި އެހެން މީހުންގެ މައްސަލަތަކާ މެދު ވެސް އަލުން ވިސްނަން ޖެހިފަ އެވެ. އެކަމަކު މިދިއަ ފަސް އަހަރުގެ ތެރޭގައި އެކި ޕީޖީންނާ މެދު އެފެދުނު ޝައްކާއި ގެއްލުނު އިތުބާރު ހޯދަން ވާނީ އުނދަގޫ ކަމަކަށެވެ.

"މިހާރު ކަންތައް ދާ ގޮތަކުން އެއްވެސް ކަހަލަ ގެރެންޓީއެއް ނެތް ޕީޖީގެ ފަރާތުން ދައުވާ ކުރާއިރު އެ ބަލަން ޖެހޭ މިންވަރަށް ބެލުމަށް ފަހު ދައުވާ ކުރަމުންދާނެ ކަމަށް. އެހެންވީމަ މިފަދަ ހާލަތެއްގައި ޕީޖީގެ ނަޒާހާތްތެރިކަން އޮތް ކަމަށް ގަބޫލެއް ނުކުރެވޭ،" ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޕީޖީ އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މި ހުރިހާ ކަމަކަށް ބަލާއިރު."

އެކަމަކު މަސްއޫލިއްޔަތު ނުއުފުލިގެން އިސްތިއުފާ ދިނުމަކީ މި ފަސް އަހަރު ފެނުނު މަންޒަރެއް ނޫނެވެ.

65 ކޮމެންޓް, 75 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 1%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަންބުއްދި

16 November 2018

ގާނޫނާ ގަވާއިދާ ހިލާފަށް ކުރި ދައުވާތަކާ މީހުން ގެ ހައްގު ތަކާ މެދު އެއްވެސް ކަހަލަ ފަރުވާލެއް ނުބަހައްޓަ ޕީޖީ ހިތުހުރި ގޮތަކަށް ނުވަތަ ސިޔާސި މީހުން އެދުނުހާ ގޮތަކަށް ކުރި އެން މެހާ ނުހައްގު ދައުވާ ދެވަނަ ފަހަރަށް ރަގަޅުކުރަން ކޯޓަށް ފޮނުވިއަސް ކަމަކު ނުދާނެ.ޕީޖީ ވިއަސް ގާނުނޫނުން ރައްޔިތުން ނަށް ލިބިދޭ ހައްގުތަކަށް އަރާ އަނިޔާވެރިވެފަ ވާނަމަ އެކަމާމެދު ފިޔަވަޅުއަޅާ އޭނާ އަށް އަދަބު ދޭންޖެހޭ."ނޯބޮޑީ އިޒް އަބަވް ދަ ލޯ"

The name is already taken The name is available. Register?

ހަބޭސް222

30 October 2018

ރާއްޖޭގެ ރައްޔިތުން ނޭއެވެ! ދިރިތިބީންނަށް ޢިބުރަތެއް ކަމުގައި ދެކޭށެވެ. ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލި މީހުންނާއި، އެކަމަށް ވާޤިވެރިވެ ބައިއަތު ހިފި ހުރިހާއެންމެން ނަށް! ޖަލުގޮޅިއަށް ނުވަދެ ފަރު ޖެހުނުތޯއެވެ. މިކަމުގައި ޒާތީވެގެން ރައީސް ނަޝީދު ކުރީ ކޮންކަމެއްތޯއެވެ. އެހެންވީމަ ދަންނަވަން ޖެހެނީ ގޯހަކުން ރަނގަޅެއް ނުނިކުންނާނެ ކަމަށެވެ. ބަގާވާތް ކުރުމަކީ ހާދަ ނުބައި ކަމެކެވެ. ދެންވެސް އެކަހަލަ ކަމެއް ނުކުރުމަށް ހަދާން ކޮށްދެން.

The name is already taken The name is available. Register?

ފަރޭ

29 October 2018

ތި ވަހަކަ ދައްކާނެ ކަމެއް ނެތް. ޕީޖީ އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކުރެވިއްޖެ

The name is already taken The name is available. Register?

އިއްބާ

29 October 2018

"އެކަމަކު ޕީޖީ އަށް ފާހަގަކުރެވެނީ ކ. މާފުއްޓަށް މީހަކު ފުރައިގެން ދިޔައިމަ އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް." މުހްތާޒްގެ މައްޗަށް ޓެރަރިޒަމްގެ ދަޢްވާކުރީމަ އޭނާގެ ވަކީލުން މިހާރު މިބުނަނީ މިހެން. އެކަމު ހަގީގަތަކީ މުހްތާޒް ޕީޖީއަކަށް ހުރިއިރު ސިޔާސީ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދަޢްވާތައް ކުރީ ހަމަ މި ބީދައިން. އޭނާގެ މައްޗަށް އެފަދަ ދަޢްވާތައް ކުރީމަ ހުރިހާކަމެއް ގޯސްކަމަށް އޭނާގެ ވަކީލުންވެސް މިހާރު މިބުނަނީ. ބޯހަކާލު.

The name is already taken The name is available. Register?

އަބްދޫ

29 October 2018

ނަސީދުގެ މައްސަލަ ޖިނާއީކޯޓުން ނިންމީ ރަނގަޅަށް . ހައިކޯޓުން މިންމީ ރަނގަޅަށް ސްޕްރީމްކޯޓުން ނިންމީވެސް ރަނގަޅަށް .ވީއިރު އެންމެ މީހެއްގެ މިމައްސަލަ ބެލުމަކީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ހިލާފު ކަމެއް. އަދި 18 ވަނަ މާއްދާއާ 20 ވަނަމާއްދާއާ ވެސް ހިލާފުވޭ . މިމައްސަލަ އިތުރަށް ބެލުމަކީ ގާނޫނުއަސާސިގެ 115 ގެ ޒ އާއީ ޒ ގެ ދަށުންހެދިފައިވާ ގާނޫނަށްވެސް ގޮންޖެހުމަކަށް ނޫނީ ނުވާނެ.

The name is already taken The name is available. Register?

ރުބީނާ

29 October 2018

ފްރީ އަވަރ ޕްރެޒިޑެންޓް ނައު!

The name is already taken The name is available. Register?

ދައްތި

29 October 2018

ކާނަލް ނާޒިމްގެ ވާހަކަ އެކަކުވެސް ނުދައްކާ މިހާރު. އޭނާގެ މައްސަލަވެސް ޕީޖީ ރިވިއުކުރަން ގޮވަންވީއެއްނު. މީ ހަމައެކަނި އެންމެ ފަރުދެއްގެ މަސްލަޙަތު ހިމާޔަތްކުރަން އުޅޭ ބައެއްތަ؟ ދެރަކަމެއް. ބޭއިންސާފުގެ ވާހަކަ އަންނަންވީ ހަމައެކަނި ރައީސް ނަޝީދުގެ ވާހަކަ އަންނައިރުތަ؟

The name is already taken The name is available. Register?

އައްލާ

29 October 2018

ވަރަށް ރަނގަޅު ވާހަކައެއް. ކާނަލް ނާޒިމްއަކީ އެންމެ ފުރަތަމަ މިގޮތަށް ފްރޭމްކޮށް ޖަލަށް ލެވުނު މީހާ. އޭނާގެ މައްސަލައަކީ ވަރަށް ބޭއިންސާފުން ކުރެވުނު ކަމެއް. ނަޝީދުގެ މައްސަލައިގައި އެމަނިކުފާނު ގާޒީއެއް ހައްޔަރުކުރިކަން އެންމެންނަށްވެސް އެނގޭ. އެކަމު ދެވުނީ އެކަމާ އެކަށޭނެ އަދަބެއް ނޫން. ކާނަލް ނާޒިމް ހަމަސީދާ ފްރޭމްކުރީ. އެހެންވީމަ އެންމެ ފުރަތަމަ މިނިވަންކުރަންޖެހޭ އެކަކީ ކާނަލް ނާޒިމް.

The name is already taken The name is available. Register?

‫ހުސޭނުބެ

29 October 2018

‫މިހިސާބަކުން ނުނިމެއެވެ. ދެ ނާޒިމާއި އިމްރާނާއި އަދިވެސް ކިތަންމެ ބަޔަކު ފްރޭމްކުރެވި, ނުހައްގުން އަދަބުދެވިފައި އެބަތިއްބެވެ. މިއެންމެން ދޫވާން އެބަޖެހެއެވެ.

The name is already taken The name is available. Register?

ހައްޖަ

29 October 2018

ޚާއްސަކޮށް ސީނުކަރަންކާގޭ ނާޒިމް ދޫކުރަންޖެހޭ

The name is already taken The name is available. Register?

ލަބަރި

29 October 2018

ގައުމުގެ ވިންދު ނޭނގޭ ރަނޑައިން ލީމަ ވާނެގޮތް ވެ ނިމުނީ ދެން އޮތީ އެފަދަ ބޭއިންޞާފު އަމަލްކުރި ފަރާތްތަކަށް ފުރުޞަތުދީގެން އިންޞާފް ޤާއިމް ކުރުން އިކޮނޮމިސްޓެކޭ ކިޔައިގެންވެސް އުޅުނީ ހެދި ހުރި ކަނޑު ލަބަރިއެއް

The name is already taken The name is available. Register?

ސްޓޭން

29 October 2018

އަމިއްލަ އެދުމައިގެން ހުރިހާ އެންމެން. ހަމަ އެކަނި ބިޝާމުތަ؟ ބިޝާމު އެކަންޏެއް ކަންކަމެއް ނުކުރެވޭނެ. ކަންކަން ގޯސްކޮށް ކޮށްފަ ހުރިއްޔާ ގޯސްކޮށް ކޮށްދޭނެ ބަޔަކުވެސް ކައިރީގަ ތިބީތާ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454