ފިނިފެންމާ ލޯންޗު ގޮވި ހާދިސާގެ ވީޑިއޯ ތަހުގީގުކުރަން ޕީޖީއާ މަޝްވަރާކުރާނަން: ހަމީދު

ރައީސްގެ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މަންޒަރު ފެންނަ ވީޑިއޯއާ މެދު ސުވާލު އުފައްދާތީ އޭގެ މައްސަލަ ތަހުގީގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ ކުރައްވާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.


ދައުލަތުގެ މީޑިއާ، "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ ރިިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅޭ ދެ ވީޑިއޯއެއް މިހާރު ދައުރުވަމުންދާ ކަމަށެވެ. އެހެންވެ އެކަން ބެލުމަށް ޕީޖީ މަޝްވަރާދެއްވައިފި ނަމަ އެކަން ކުރާނެ ކަމަށާއި އެހެން ނޫނީ މައްސަލަ ބަލާނީ ޝަރީއަތުން އަމުރުކޮށްފި ހިނދެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އެ ހާދިސާގައި ފާތުމަތު އިބްރާހިމަށް އަނިޔާތަކެއް ލިބިވަޑައިގެންނެވި އެވެ.

އެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޔާމީންގެ ނައިބު ރައީސަކަށް އޭރު ހުންނެވި އަހުމަދު އަދީބާއި އެ މަނިކުފާނުގެ ދެ ބޮޑީގާޑުން ކަމަށްވާ އަހުމަދު އާމިރާއި ހަސަން ރިކާޒްގެ މައްޗަށް ކުށް ސާބިތުވި އެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް އައީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ފިިނިފެންމާ ލޯންޗުކޮޅާ ގުޅޭ އާ ވީޑިއޯއެއް މި ފަހުން ސަންގު ޓީވީން ވަނީ ދައްކައިފަ އެވެ. އެ ވީޑިއޯގައި، މީގެ ކުރީގެ ވީޑިއޯގައި ފެންނަ އަލިފާނެއް ނުފެނެ އެވެ.

ޕީއެސްއެމަށް ހަމީދު ވިދާޅުވީ ލޯންޗުކޮޅުގެ ހާދިސާ ތަހުގީގުކުރުމަށް ކޯޓުން އަމުުރުކޮށްފި ނަމަ އެ މައްސަލަ ބެލުމަށް ފުލުހުން އޮތީ ތައްޔާރަށް ކަމަށެވެ.

ޔާމީން ދިފާއުކުރެއްވުމުގައި މިދިއަ ފަސް އަހަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް މުއާޒު ވެސް ވަނީ ފިނިފެންމާގެ ހާދިސާއާ ގުޅޭގޮތުން އާ ވާހަކަތަކެއް މި ފަހުން ދައްކަވައިފަ އެވެ.

މިދިޔަ ބުދަ ދުވަހު އޭނާ ބޭއްވެވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި އަލިފާނުގެ "ކަންޏެއް" ވެސް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ ދުވަހުގެ ހާދިސާ ހިނގުމުގެ ކުރިން "އާދަޔާ ހިލާފު ބައެއް ކަންކަން" ހިނގާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.