ރިޕޯޓް

#މައްސަރުޓެކްސް: ދެބެއިން ހެދި ހޭޝްޓެގް ކާމިޔާބީ އަށް

ޕެޑުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް ގޮވާލައި #މައްސަރުޓެކްސް ކެމްޕެއިން ފަށަން ބޭނުންކުރި ފޮޓޯއެއް: ކަމާ ބެހޭ ބިލް އިއްޔެ މަޖިލީހަށް ވަނީ ހުށަހަޅާފައި.

ޕީރިއަޑް ވުމުން އަންހެނުން ބޭނުންކުރަން ޖެހޭ ޒަރޫރީ ބާވަތްތަކުގެ ޓެކްސް އުވާލުމަކީ އިސްކަން ދޭ ކަމަކަށް ވެ، ރައްޔިތުންގެ މަޖިލީހަށް ބިލަށް ހުށަހެޅުމުން ސަރުކާރަށް ޝުކުރިއްޔާ އެވެ! އެކަމަކު އެ ކަމުގެ ތައުރީފު ހައްގު ވަނީ "މައްސަރު ޓެކްސް" ނެގުމާ ދެކޮޅަށް ޝަފާ ރަމީޒާއި އޭނާގެ ދައްތަ އަފާ ރަމީޒު އަހަރުތަކެއް ވަންދެން ހިންގި ކެމްޕެއިނަށެވެ.

"ކިތަންމެ ކުޑަޔަސް، ކިތަންމެ ބޮޑަސް، މިއީ ދައްކަން ޖެހިގެންވާނެ ޓެކްސްއެއް ނޫން. އެއް ލާރި ވިޔަސް، އެއީ ދޭން ޖެހޭ އެއްޗެއް ނޫން."

ޕެޑާއި ޓެމްޕޮން އިން ހަ ޕަސެންޓް ޖީއެސްޓީ ނެގުން ހުއްޓާލުމަކީ ރިޔާސީ ވައުދަކަށް ވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އެކަމާ މެދު ފިޔަވަޅު އަޅަން ނިންމައި، ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްބާރީ އަބްދުﷲ އާދީއްތަދުވަހު މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަކީ ޝަފާ އާއި އަފާ ސޯޝަލް މީޑިއާގަ އާއި އެހެނިހެން ގޮތްގޮތުން ވެސް އެކަމަށް ވަކާލާތުކޮށް މީހުން ހޭލުންތެރިކުރުމުގެ ނަތީޖާ އެވެ. ޒުވާން ދެބެއިން ބުނަމުން އައީ ގުދުރަތީ ގޮތުން ބަޔަކަށް ކުރިމަތިވާ ކަމަކުން ޓެކްސް ނަގައިގެން ނުވާނެ ކަމަށެވެ. އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ނެޕީއެކޭ އެއްގޮތަށް ޕެޑަކީ ވެސް އަސާސީ އެއްޗަކަށް ވާތީ ޓެކްސް ނުނަގާ ބާވަތްތަކުގެ ލިސްޓަށް ޕެޑު ވެސް އަރަން ޖެހޭނެ ކަމަށެވެ.

ނިމިގެން ދިޔަ ޕީޕީއެމްގެ ވެރިކަމުގައި އެކަމަށް އެއްވެސް އަލިމަގެއް ނުލިބި ހުއްޓާ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނިގެން ހުށަހެޅި ބިލްގެ ފުރަތަމަ ކިޔުން އިއްޔެ މަޖިލީހުގައި ވަނީ އިއްވައިފަ އެވެ. މިކަން ހަގީގަތަކަށް ވެދާނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތިފައި ތިބި ޝަފާ އަށާއި އޭނާގެ ދައްތަ އަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ.

"ކުރީ ސަރުކާރުގެ ބައެއް މީހުން ވަރަށް ހުވަފެން ދެއްކި. އެކަމަކު ކަމެއް ނުވި،" ސްރީ ލަންކާގައި މެޑިސިން ކިޔަވަމުން އަންނަ ޝަފާ، 23، ބުންޏެވެ.

"އެހެންވީމާ ވެރިކަން ބަދަލުވިޔަސް، ދިވެހި ސަރުކާރަށް އޮންނަ އިތުބާރު ކުޑަކޮށް ގެއްލިފައި ހުރީ."

ޕެޑުން ޓެކްސް ނަގާކަން އެނގި، އެއީ ގޯހެއްކަން ޝަފާ އަށް ވިސްނުމާ އެކު 2014 އިން ފެށިގެން އޭނާ އައީ އެކަމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ. އެކަމަކު މީގެ އެންމެ ހަތަރު އަހަރު ކުރިޔަސް، އޭރުގެ ހާލަތު ވަރަށް ތަފާތެވެ.

"އޭރު މީހުން އެހާ އޯޕަންއެއް ނޫން. ޕީރިއަޑްގެ ވާހަކައެއް ނުވަތަ އަންހެނުންގެ ހައްގުތަކުގެ ވާހަކަ ވެސް އެހާ ބޮޑަކަށް ނުދައްކާ. ދައްކާ ބަޔަކު ވެސް ލޭބަލްވެފައި އޮންނަނީ މާ ޒީލަގަދަ ބައެއް ގޮތަށް. އެހެންވީމާ ކައިރީގައި ތިބޭ މީހުން ކައިރީގައި ބޮޑަށް ކުދި ކިޔެނީ،" ޝަފާ ކިޔައިދިނެވެ.

"ދެން އެއް ދުވަހަކު ރައްޓެއްސަކު ބުނީ ކަމެއް ކުރަން އުޅޭށޭ، މަޖިލިސް މެމްބަރުންތަކަކާ ވާހަކަދައްކައިގެން ނަމަވެސް. މީހުންނަށް ލިޔެގެން ނުވަތަ ޕޯސްޓަރުތަކެއް ހަދައިގެން މި ކަމާ އުޅެން ޚިޔާލު ދިނީ. ޝަފާ ހިތަށް އެރީ އަބަދުވެސް ސޯޝަލް މީޑިއާގައި އުޅޭ އިރު ސޯޝަލް މީޑިއާ އިންނޭ ކަމެއް ކުރާނީ."

އޭރު ޓްވިޓާގައި ނޫޅޭތީ ޝަފާ ވަކާލާތުކުރަން ފެށީ ފޭސްބުކްގަ އެވެ. އެކަމަކު ފޭސްބުކް މެދުވެރިކޮށް މާ ގިނަ ބައެއްގެ ސަމާލުކަން ހޯދެން ނެތުމުން ދައްތަގެ ލަފަޔާ އެކު އޭނާ ޓްވިޓާއާ ގުޅުނެވެ. ކެމްޕެއިނެއްގެ ގޮތުގައި އެ ދެބެއިން ޓްވިޓާގައި މި ހަރަކާތް ފެށީ 2016 ވަނަ އަހަރު އެވެ. އެއާ އެކު އޮންލައިން ޕެޓިޝަނެއް ވެސް ހުޅުވާލި އެވެ. އަފާ، 25، ގެ ޚިޔާލަކަށް "#މައްސަރުޓެކްސް" އުފަންވީ އެ ހިސާބުންނެވެ.

"ހޭޝްޓެގަކަށް ބޭނުންކުރަން ދައްތަ ހެދި ނަމެއް މައްސަރު ޓެކްސްއަކީ،" ޝަފާ ބުންޏެވެ.

"އެންމެ ފުރަތަމަ މީރާ އަށް މެސެޖުކޮށްފައި ޔަގީންކުރީ ޕެޑުން ޓެކްސް ނަގާތޯ. ދެން މީރާ އިން ދިން ޖަވާބުގެ ސްކްރީންޝޮޓެއް ނަގާފައި މަޖިލީހުގެ ބައެއް އަންހެން މެމްބަރުން ޓެގްކޮށްފައި ޓްވީޓްކުރީ، އެކަން ހައްލުކޮށްދެވިދާނެތޯ. އެ ޕޯސްޓް ވަރަށް ބޮޑަށް ބްލޯ އަޕް ވެގެން މީހުންނަށް މި ކަންތައް އެނގުނީ. އަސްލު އޭރު ވަރަށް ބައިވަރު މީހުންނަކަށް ނޭނގޭ، މިއީ ނެގޭ ޓެކްސްއެއްކަން. ޓްވިޓާ އަށް މީތި ލީ ހިސާބުން ތަރުހީބު އެހާ ބޮޑުވެގެން ދިޔައިމަ ދެ މީހުން ތިބީ ވަރަށް ހައިރާން ވެސް ވެފައި."

"#މައްސަރުޓެކްސް" އުވާލަން މަޖިލީހުގެ އޭރުގެ އިދިކޮޅު ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ފުރަތަމަ ދުވަހު ވެސް ލިބުނެވެ. އެކަމަށްޓަކައި އެ މެމްބަރުންނަށް، ޚާއްސަކޮށް އީވާ އަބްދުﷲ، މާރިޔާ އަހުމަދު ދީދީ އަދި ރޮޒައިނާ އާދަމަށް ޝަފާ އާއި އަފާ ޝުކުރުވެރިވެ އެވެ. އެކަމަކު މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޓެކްސްއެއް ނަގަން ނުވަތަ އުނިކުރަން ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށް ވާތީ އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެފަދަ ބިލެއް ހުށަހަޅައިފި ނަމަ ވޯޓު ދެއްވާނެ ކަމަށެވެ. އެކަން ކާމިޔާބުކުރެވޭތޯ ޝަފާމެން ބެލި އެވެ. އެކަމަކު އެކަމުގައި އެހީތެރިވެދެއްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ފޯރަމެއްގައި ވިދާޅުވެފައި ވެސް، ނަތީޖާ ނެރެދެއްވޭ ވަރެއް ނުވި އެވެ.

"ޝަފާ އާއި ދައްތައާ ދެ މީހުން ލަންކާގައި ތިބީމާ ވަރަށް އުނދަގޫވި މީހުންނާ ބައްދަލުކޮށް ހަދަން. އެކަމަކު އެހެން މީހުން މެދުވެރިކޮށް ވަރަށް ގިނަ ކަންކަން ކުރެވުނު. ޖޭސީއައި އިން ވެސް މަސައްކަތްކޮށްދިން. އެކަމަކު ޕީޕީއެމް ޕީޖީ ގްރޫޕުން ޚަބަރެއް ނުވެގެން ކުރިއަށް ނުގޮސް އޮތީ،" ޝަފާ ކިޔައިދިނެވެ.

"#މައްސަރުޓެކްސް" ކެމްޕެއިނަށް ބޮޑު ތަރުހީބެއް ލިބުނަސް ސަރުކާރާއި އާއްމުންގެ ތެރެއިން އެކަމަށް ދެކޮޅުހަދައި ފާޑުކީ ބަޔަކު ވެސް ތިއްބެވެ. ޝަފާމެން ބެލީ އެފަދަ މީހުންނާ ވާހަކަދައްކައި ހޭލުންތެރިކުރެވޭތޯ އެވެ.

"އެ ގޮތަށް ވާހަކަ ދައްކާ މީހުންނަށް ޖަވާބުދީ ވިސްނައިދެވޭތޯ ބެލިން. ބައެއް މީހުންނަށް ވަކިން މެސެޖުކޮށްގެން އެ މީހުންގެ ވިސްނުން ބަދަލުވެފައި ވެސް އެބަހުރި،" ޝަފާ ބުންޏެވެ.

"ބައެއް މީހުން ހަމަ މުޅިން ދެކޮޅު. އަންހެނުންގެ އެއްޗަކަށް ވީތީ ޓެކްސް އުނިކުރެވިގެނެއް ނުވާނެއޭ، ކޮންޑަމް އިން ވެސް ޓެކްސް އުނިކުރަން ޖެހޭނެއޭ، މި ގޮތަށް ވާހަކަ ހުރީ. އަސްލު ގިނަ މީހުންނަކަށް ނޭނގޭ ކޮންޑަމުން ޓެކްސް ނުނަގާ ކަމެއް. އެކަމަކު އަބަދުވެސް ކޮންޑަމްގެ ވާހަކަ ދައްކަނީ. އެއީ ހަމަ ހުއްޓުމެއް ނެތި އައި ކަމެއް. ދެން ބައެއް މީހުން ގެންނަނީ ފައިނޭންޝަލް އޭންގަލް. ކީއްކުރަންހޭ އެހާ ކުޑަކުޑަ ކަމެއްގައި ހިފާ ތި ދަމަނީ."

ކުޑަކުޑަ ކަމަކަށް ވެދާނެ އެވެ. އެކަމަކު ޝަފާ އާއި އަފާ އަށް މައްސަލައަކަށް ވީ އުފުލަން ޖެހިގެން ނުވާނެ މާލީ ބުރައެއް އަންހެނުން އުފުލަން ޖެހުމެވެ.

"ކިތަންމެ ކުޑަޔަސް، ކިތަންމެ ބޮޑަސް، މިއީ ދައްކަން ޖެހިގެންވާނެ ޓެކްސްއެއް ނޫން. އެއް ލާރި ވިޔަސް، އެއީ ދޭން ޖެހޭ އެއްޗެއް ނޫން،" ޝަފާ ފާހަގަކުރި އެވެ.

ޖީއެސްޓީ ގާނޫނު ހެދި އިރު، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ނެޕީ އިސްތިސްނާކޮށްފައި، އަސާސީ ތަކެތީގެ ލިސްޓުގައި ޕެޑު ނުހިމެނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ދެކެ އެވެ. ޝަފާ ގަބޫލުކުރާ ގޮތުގައި އެއިން ދައްކައިދެނީ މަޖިލީހުގައި އަންހެނުން މަދުވުމުގެ އުނިކަމެވެ. އަދި ގާނޫނު ހަދާ އިރު އަންހެނުންގެ ބޭނުންތަކާ މެދު ފަރުވާ ކުޑަކުރާ ކަމާއި އަންހެނުންގެ ހައްގުތަކަށް މުޖުތަމައުގެ ހޭލުންތެރިކަން ކުޑަކަން ވެސް "މައްސަރު ޓެކްސް"ގެ މައްސަލައިން ހާމަވާކަން އޭނާ ފާހަގަކުރެ އެވެ.

"އަސްލު މިއީ ކުޑަ ކަމަކަށް ވިޔަސް މި ކަހަލަ ބައިވަރު ކަންތައްތައް އެކުވެގެން، ދިވެހިރާއްޖޭގައި އަންހެނުންނަށް ލިބެން ޖެހޭ ހައްގުތައް ނުލިބި މިހާރު ހުންނަނީ،" ޝަފާ ބުންޏެވެ.

"މި ކަހަލަ ކުދިކުދި ކަންތައްތަކާ އަޅާނުލެވޭ ކަމަށް ވަންޏާ ގެވެށި އަނިޔާ ކަހަލަ ބޮޑެތި ކަންކަމާ އަޅާލެވޭނެތޯ އެއީ ސުވާލެއް."

"#މައްސަރުޓެކްސް" ކެމްޕެއިނަށް ފަހު ވެސް އަންހެނުންގެ ހައްގުގައި ޝަފާ އާއި އަފާ ކުރިއަށްދާން ބޭނުންވާ ސަބަބަކީ އެއީ އެވެ.

"އަދި ވަރަށް ބައިވަރު މަސައްކަތް ކުރަން އެބަހުރި. ރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރަންޏާ އެއީ ނިމުމެއް އަންނާނެ ކަމެއް ނޫން. އެހެންވީމާ އެ ކަމުގައި ކުރިއަށް ދާން އަޒުމު ކަނޑައަޅައިގެން މި ތިބީ،" ޝަފާ ބުންޏެވެ.

މި ވަގުތަށް، ޝަފާ އާއި އަފާ ތިބީ "#މައްސަރުޓެކްސް" އުވާލުމުގެ ކެމްޕެއިން ކާމިޔާބީއާ ގާތްވުމުގެ އުފަލުގަ އެވެ. ދެން އޮތީ، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނެސް ޓެކްސް އުވާލާ ހިސާބުން ޕެޑުގެ އަގު ހެޔޮވެދާނެތޯ ބައެއް މީހުންގެ ހިތުގައި އުފެދިފައި އޮތް ސުވާލެވެ.

"އުއްމީދުކުރަން ވިޔަފާރިވެރިން ވެސް މި ކަމާ ވިސްނައި އަގު ހެޔޮކުރާނެ ކަމަށް. އެކަމަކު ބޭނުންވާ މިންވަރަށް އަގު ހެޔޮ ނުވިޔަސް، ޓެކްސް ކަނޑާލުން ވެގެން ދާނީ ކާމިޔާބީއަކަށް،" ޝަފާ ބުންޏެވެ.

އެ ކާމިޔާބީން ޝަފާ މެންނަށް ސާބިތުކޮށްދެވޭނެ އެއް ކަމަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ކަންކަން ބަދަލުކުރެވިދާނެ ކަމެވެ. މި ތަޖުރިބާ އިން އެ ދެބެއިން ދޭ ނަސޭހަތަކީ މިފަދަ މުހިއްމު މައްސަލަތަކުގައި ތެދުވަން ބޭނުންވެފައި ތިބި އެހެން މީހުން ވެސް ހިތްވަރާ އެކު ނުކުތުމެވެ.

"ޝަފާމެން ވެސް ރެންޑަމްކޮށް ޓްވީޓެއްކޮށްލައިގެން މި ކަންތައް ވެފައި މި އޮތީ. އެހެންވީމާ ޝަފާ ބުނާނީ މަސައްކަތް ފަށާށޭ. މީހުން ކިޔާ އެއްޗަކަށް އެހާ ބޮޑަށް އަޅާނުލާށޭ،" ޝަފާ ބުންޏެވެ.

"ވަރަށް ބައިވަރު މީހުން ބުނި، ސޯޝަލް މީޑިއާގައި ކަމެއް ކުރަން އުޅެގެނެއް ނުވާނެއޭ، ތިހެން ޓްވީޓް ކޮށްލަ ކޮށްލާ، ފޭސްބުކް ސްޓޭޓަސް ލިޔެލަ ލިޔެލާ ހުންނާށޭ ޖެހޭނީ. އެހެންވީމާ ބިލް ފާސް ވެއްޖެއްޔާ އެއީ އެ ކަހަލަ މީހުންނަށް ދެވޭ ރައްދެއް ކަންނޭނގެ."

"މައްސަރު ޓެކްސް" އުވާލުމުގެ ކްރެޑިޓް ދޭން ޖެހޭނީ ޝަފާ އަށާއި އަފާ އަށް ކަމަށް ވިޔަސް އެ ދެބެއިން ހުރިހާ ތައުރީފެއް އޮތީ ޓްވީޓްކުރި މީހުންނަށެވެ.

"ޝަފާމެންގެ ވަރަށް ޚާއްސަ ޝުކުރެއް، ރާއްޖޭގެ ޓްވިޓާ ކޮމިއުނިޓީ އަށް. މި ވާހަކަ ކުރިއަށް ގެންގޮސްދިނީ އެ މީހުން. ތެދަށް ބުނަންޏާ، އެންމެ މައްޗާ ހަމައަށް މި ވާހަކަ ދިޔައީ އެ މީހުން ކެނޑިނޭޅި ކުރި ޓްވީޓްތަކުގެ ސަބަބުން،" ޝަފާ ބުނެލި އެވެ.

31 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 1%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޯވަހިޓެކްސް

29 November 2018

ޕީރިއަޑް ވުމަށް ދިވެހިން ކިޔާ އުޅެނީ ޙައިޟު ވުން

The name is already taken The name is available. Register?

ނުޒްޒަ

13 January 2019

ބައްލަވާ އެއީ އަރަބި ބަހެއް. ދިވެހީގަ އެއަށް ކިޔަން ނަމެއް ނެތް.

The name is already taken The name is available. Register?

ބޮސް

29 November 2018

ތި ދެބެންގެ މަސައްކަތަށް ސާބަސް

The name is already taken The name is available. Register?

ދޮންމަނިކެ

29 November 2018

އާއި.... މަޖަހަނީ ޓެމްޕޮންސް

The name is already taken The name is available. Register?

ސަލީމާ

29 November 2018

މިއީ އިންޑިޔާގެ ފަގީރު އަވަށްތަކުން ހިންގި ކެމޕޭނެއް.. އަހަރެމެން ލަދުގަންނަންޖެހޭނެ ..

The name is already taken The name is available. Register?

އެޔާމީނު

29 November 2018

ނުޖެހޭ ލަދު ގަންނަން. ރާއްޖެއަކީ ފުދިގެން އުޅޭ ބަޔަކު އުޅޭ ގައުމެއް، ޕެޑް އަގުބޮޑުވެގެން ނޫނީ ނުލިބިގެން ބަޔަކު ނޫޅޭ.

The name is already taken The name is available. Register?

ޓެކްސް

28 November 2018

މަހަކު 20-30 ރުފިޔާވަރު ނިސްބަތުން ޕެޑު ބޭނުންކުރާ ކޮންމެބޭކަނބަލެއްގެ ޓެކްސްއިން ސޭވްވާނީ... މިރޭޓުން މުޅިޖުމްލަ މިލިއަނުން ދައުލަތައްގެއްލޭނެ.. ކޮންމެމަހަކު ރޭޓުން 500 ރުފިޔާއަށްވުރެގިނައިން ބޭކާރުއެތައްހަރަދެށް ރަށްޔިތުމީހާކުރޭ!

The name is already taken The name is available. Register?

އަތަ

29 November 2018

މަހަކު 20-30ރ ސޭވް ވާނެއޭ؟؟ ތީގެ މާނައަކީ 350-500ރ ޕެޑަށް ހަރަދު ކުރެއޭތަ؟ ސާބަސް އެނގިހުރެ ކޮމެންޓްކޮށްބަލަ.

The name is already taken The name is available. Register?

އައިމިނާ

28 November 2018

މީހުންގެ ހަސަދަވެރިކަންހުންނަ ވަރަކީ ތައުރީފުކޮށް ލިއުމެއްލިއުނުކަމުގައިވިޔަސް ޒާތީގޮތުން އެއްޗިހިކިޔޭތޯ މި ބެލެނީ. ވަރަށް ހިތާމަހުރި ދެރަވަރުކަމެއްމިއީ. މަރުހަބާ! ދެކުދިން! ތިގޮތުގައި ކުރިއަށް ކުރިއަށް ބާރަށްކުރިއަށް.

The name is already taken The name is available. Register?

ފާތުމަތު

28 November 2018

ތި ކަމައް ތާއިދު ނޫނީ ކީ ނޫން ..ދިވެހިންނަކީ ޕެޑް ޕެކެއް ނުގަނެވޭ ވަރު ފަގީރު ބައެއް ނޫން .. ދިވެހިންނަކީ މުއްސަނދި ބައެއް އެކަން އިނގޭނެ މާލެ ހުޅުމާލެ ހަވީރު ނޫނީ ރޭގަނޑު ގަޑިއެއްގަ ބަލާލީމަ .. އެންމެ ރެސްޓޯރެންޓެއް ކެފޭ އެއް ވެސް ނުހުންނާނެ ހުސް ކޮއް އެއްކޮއް ފުރި ބާރުވެފަ .. ނިސްބަތުން ބޭރުން ކާ މިޙުން ގިނައި . ރާއްޖެ ތެރެ ވެސް ހަމަ މިހެން

The name is already taken The name is available. Register?

ޝުގާ

29 November 2018

ފާތުމަތު، ދިވެހިން ފަޤީރުތޯ މުއްސަނދިތޯ ބެލުމެއް ނޫން ޕޮއިންޓަކީ. އަހަރެމެންގެ ހައްްގު ހޯދުން މުހިއްމީ. ކިތައްމެކުޑަޔަސް ބޭއިންސާފުން އަންހެނުންނަށް ކަންތައްތައް ވިޔަނުދިނުން މުހިއްމީ. ފާތުމަތު އަންހެނަކަށްވެ ހުރެ އެކަން އިހުސާސް ނުވީތީ ހިތާމަކުރަން.

The name is already taken The name is available. Register?

އަލީ ރަމީޒު

28 November 2018

މަރުހަބާ ޝަފާ ރަމީޒާއި އޭނާގެ ދައްތަ އަފާ ރަމީޒު.

The name is already taken The name is available. Register?

ޙްމް

28 November 2018

މަރުހަބާ ރައީސް. މަރުހަބާ އަފާ.

The name is already taken The name is available. Register?

އަބަހައްދައޭ

28 November 2018

ޕެޑުން އެކަނި ތޭ ޓެކްސް ފްރީ ކުރަންވީ ކޮބާތޭ ޕޭންޓީ ތައް އެއިން ވެސް ޓެކްސް އުވާލަންވީ އެއް ނޫންތޭ ދެން ކިރުހިއްޕިން ވެސް ޓެކްސް އުވާލަންވީ އެއް ނޫންތޭ ދެން ސެންޓުން ވެސް ޓެކްސް އުވާލަންވީ އެއް ނޫންތޭ..

The name is already taken The name is available. Register?

ހަސަންބެ.

28 November 2018

ޕެޑުގެ ވާހަކަ ދައްކައިގެން ތި އޮތީ މަޝްހޫރުވެފައި. އަވަހަށް ސިޔާސީ ޕޯޑިއަމަކަށް އަރާ މަޖިލީހަށް ކުރިމަތިލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454