މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް ގާސިމް ބަލަހައްޓަވަނީ. -- ފޮޓޯ: މަޖިލިސް
29 ނޮވެމްބަރ 2018 - 00:02
އުމުރުން 65 އަހަރު ވުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީގައި ހިމެނި ޝަރުތު ބާތިލް ކުރަން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަދަ ބޭފުޅުންނަށް އަމާޒުކޮށް، 2015 ގައި ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ނ) އަށް 65 އަހަރުގެ ޝަރުތު ހިމެނީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ ހުށައެޅުއްވުމަކަށެވެ. މި ޝަރުތުގެ އިތުރުން 30 އަހަރު ވުމުން ރައީސް ކަމަށް ކުރިމަތިލެވޭނެ ގޮތަށް ވެސް ހެދި އެވެ. ކުރިން ގާނޫނުއަސާސީގައި އޮންނަ ގޮތުން ރައީސްގެ މަގާމަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ މީހުންނަށެވެ. ދޮށީވެގެން ވަކި އުމުރެއް ކަނޑައަޅާފައެއް ނުވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އެންމެ އަރިސް ވާގިވެރިޔަކަށް އޭރު ހުންނެވި ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބު އަޑީގައި ހުންނަވައިގެން ގެނައި އެ ބަދަލު މިރޭ ބާތިލްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
ގާނޫނުއަސާސީ އަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެއީ މިހާރު ތިއްބެވި 79 މެމްބަރުންގެ ތެރެއިން މަދުވެގެން 64 މެމްބަރުންގެ ވޯޓެވެ.
އާ ގާނޫނުއަސާސީ އައި ފަހުން ބޭއްވި ފުރަތަމަ ދެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި ގާސިމަށް ކުރިމަތިކުރި ހުރަސް އެންމެ ފަހުން ބާތިލް މިކުރީ އެމަނިކުފާނު، ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އިންނަވަ އެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެއް ސަބަބަކީ، އިންތިހާބުގައި ވާދަނުކުރެއްވިޔަސް، ގާސިމެވެ.
ރައީސް ކަމަށް ކުރިމަތި ލެވޭނީ 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ އަށް ބަދަލު ގެނައީ، ޔާމީންގެ ވެރިކަމުގައި ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ އޮތް އިރުގަ އެވެ. އެކަން ކުރިން އޮތް ގޮތަށް ބަދަލުކުރަން ހުށައެޅީ ވެސް ޕީޕީއެމުންނެވެ.
އުމުރު 30 އަހަރަށް ހަގުކުރީ އޭރު 35 އަހަރު ނުވާ އަދީބު، ނައިބު ރައީސްގެ މަގާމަށް ގެނައުމުގެ ބޭނުމުގަ އެވެ. އޭރު ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންތަކެއް ތިއްބެވީ އަދީބުގެ ދަށުވެފަ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އާދެވެނީ އެންމެ ހަގުވެގެން 35 އަހަރު ވުމުންނެވެ. ބައެއް ގައުމުތަކުގައި އެންމެ ހަގު އުމުރު 40 އަހަރަށް ވެސް ހަދާފައި އެބަ ހުއްޓެވެ. އުމުރު ދޮށީވެގެން އެ މަގާމަށް ނާދެވޭނެ ހުރަހެއް ގިނަ ގައުމުތަކުގައި ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޓް ފޯ ސޭޓް
02 December 2018
ސޭޓް 2023
ކުޑަދޫ
29 November 2018
65 އަހަރުގެ ޝަރުޠު ހިމެނި ބޭފުޅާއަށް ވަރަށް ސަލާމް
އިސްމާލި
29 November 2018
ސޭޓަށް އުފަލުން ނުވެސް ނިދޭނެ. ދުވަހަކަށްވުރެ ދުވަހެއް އެ ދަނީ ވެރިކަމުގެ ކޮއިލާ ގާތަށް.
އަނބިމީހާގެފިރިމީހާގެއަނބިމީހާ
29 November 2018
ކޮންމިހެން ފޮރިންގ މިނިސްޓާރ ޓުއިޓު ކޮށް ނުކުރަމޭ ބުނުމުގެ ބޭނުމެއްނެތް.. އަހަރުމެންގެ ދަރީންގެ ދަރީންގެ ހައްގު ދިފާއުކުރުމަކީ މިއަދު އަހަރުމެންގެ ޒަރޫރީ ވާޖިބެއް. ފޮރިންމިނިސްޓަރަކަށްވިތީއޭކިޔާފައި ވަކި އިތުރު ޕަސެންޓޭޖެއް މިގައުމަކުން ނުލިބޭނެ. ފަރަންޖީންނަށް ގައުމު ވިއްކާ އިސްލާހު ބަދަލު ކުރުމަށްވުރެ މީތި މުހިއްމުވީ ސޭޓުގެ ޖީބު މުހިއްމުވީތަތޯ އަހާލަ ދީބަލަ
ހަސަދު
29 November 2018
ހާދަ އަވަހަކަށް މިބަދަލު މިގެނައީ. އަނެއްކާ ސޭޓު އަނެއް ބަޙާވާތައް ތައްޔަރު ވަނީބާ؟
ގގގގގ
29 November 2018
ބުރޯ ފަރަންޖީންނަށް ގައުމު ވިއްކާ އިސްލާހު ބަދަލު ކުރުމަށްވުރެ މީތި މުހިއްމުވީ ސޭޓުގެ ޖީބު މުހިއްމުވީތަތޯ އަހާލަ ދީބަލަ
ފިތުރޯނު
29 November 2018
ޔާމީނު ވަރަށް އުފާ ވާނެ
ހަބީގެއަންހެނުންގެފިރިމީހާ
29 November 2018
ދެންހިނގާ ބަލަމާ 3 ސަރަހައްދުގެ ސިއްހީ ނިޒާމު ރަނގަޅުވޭތޯ ނުނިމިހުރި އެއާޕޯޓުތައް 3 މަސްތެރޭ އޮޕަރޭޝަނައް އާދޭތޯ ރިސޯޓު މުވައްޒަފުންނައް ރަނގަޅު ގޮތެއްވޭތޯ ނުހެދިހުރި ގެދޮރު ހެދުމައް %3 ގަލޯނުދޭތޯ
ތނސމމ
29 November 2018
ކޮންމެ ބަޔަކު ވެސް އަމިއްލަ އެދުން ކުރިއަށް ނެރެވެތޯ މަސައްކަތް މި ކުރަނީ. ވެރިކަމަށް މިހާ ދަހިވެތި ބަޔަކު ތިބެގެން މި ޤައުމު ދުވަހަކު އިސްލާހެއް ނުވާނެ. ޢެބަޔެއްގެ އަމިއްލަ އެދުން ފުރަތަމަ އިސް ކުރެވޭތޯ ބަލާނީ.
ފާތިން
29 November 2018
ސޭޓަށް ނުވެގެން އުޅުނު ކަންތައްވީނު