އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެލި ބަޖެޓު ފޮތެއް.--ފޮޓޯ: ހުސައިން ވަހީދު/މިހާރު
28 ނޮވެމްބަރ 2018 - 23:44
އަންނަ އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރުގެ ބަޖެޓް 30 ބިލިއަން ރުފިޔާ ފަހަނައަޅާ ދިޔައީ ކޮމިޓީ މަރުހަލާގައި ގެނައި ބަދަލުތަކުންނެވެ.
ރާއްޖޭގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓަށް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުން ވެސް ވޯޓު ދެއްވި އެވެ.
ބަޖެޓު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލައިފަ އެވެ. އެކަމަކު މަޖިލީހުން ބަޖެޓު ފާސްކުރީ، ކޮމިޓީން ނިންމި ގޮތަށް، 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް، 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ.
ކޮމިޓީ މަރުހަލާގައި ބަޖެޓުގައި އަލަށް ހިމެނީ ޕީއެސްއައިޕީގެ ބަޖެޓަށް 452 މިލިއަން ރުފިޔާ، ފޮރިން މިނިސްޓްރީގެ ބަޖެޓަށް 25 މިލިއަން ރުފިޔާ، ޖުޑިޝަރީގެ ބަޖެޓަށް 37 މިލިއަން ރުފިޔާ، ހަޔާ އެޑިއުކޭޝަންގެ ބަޖެޓަށް 50 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް 31 މިލިއަން ރުފިޔާ، ފެމިލީ ޕްރޮޓެކްޝަން އެޖެންސީ އަށް ދެ މިލިއަން ރުފިޔާ، ރައީސުލްޖުމްހޫރިއްޔާ ކަންކޮށްފައިވާ ފަރާތްތަކަށް އިނާޔަތް ދޭން 1 މިލިއަން ރުފިޔާ އެވެ.
މަޖިލީހުގެ ތަޅުމުން ބަޖެޓު ފާސްކުރީ ވެސް އެއިން އެއްވެސް ކަމަކަށް އުނިކަމެއް ނުގެނެސް އަދި އެއްވެސް އިސްލާހެއް ވެސް ހުށައެޅުމެއް ނެތި އެވެ.
ބަޖެޓު ފާސް ކުރިއިރު، އިންކަމް ޓެކްސް ނަގަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި ޑޮމެސްޓިކް އެއާޕޯޓުތަކުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމާއި އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓެއް ހެދުމާއި ބޮޑެތި މަޝްރޫއުތައް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލަން އޮޑިޓެއް ހެދުން ފަދަ ރިކޮމަންޑޭޝަންތައް ވަނީ ހިމަނައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އަހަރަށް ފާސްކުރީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރުގެ މުއްދަތުގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އިބްރާހިމް
29 November 2018
ޕީޕީއެމްގެ ވޯޓާއި އެކު ފާސްވި ބަޖެޓެއް.... ޔާމީން ވެރިކަމުގައި ޖެއްސުމަށް ބަޖެޓަށް ވޯޓް ވެސް ނުދިން...
ހޮޓްކިންގ
29 November 2018
ބަލަން މިތިބީ ރައީސް ޔާމީނުން ހިންގެވި ވަރަށް ތަރައްގީގެ މަޝްރޫޢުތައް ހިންގާތޯ؟ ތިޔަފައިސާ ބޭކާރު ކޮށްލާފައި ތިބެފިނަމަ ބޮލަށް އަރާނަން.
ރަނިލް
29 November 2018
ބަޖެޓް ފޮތް މަތީވެސް ދުފާ މަޑިސީލަ... ކޮންކަހަލަ ނަމޫނާއެއް ތިޔަ ދައްކަނީ!!! މުޑުދާރު ކަމެއްވިއްޔާ އެކަމެއްގެ ނަމޫނާ ދައްކާތި!!! ހޫނ...ޝުކުރިއްޔާ...
ހަޝިމުނީރު
29 November 2018
ސަލާން ޖަހާ! އަވައްޓިރި ގައުމުތަކުން! ރަށް ތަށް ކައިރީގައިވާ ރިސޯޓު އޯނަރުންގެ އަތުން ސަލާން ޖަހާ! ރައްޔިތުމީހާ މަހުޖަނުން އަތުން ސަލާން ޖަހާ! އަންނި، ވަހީދު، ޔާމީން، އިބޫ އަދި މައުމޫނުގެ ވެރިކަމުގައިވެސް ރައްޔިތުން، ރަށްވެހިން، ގައުމު ސަލާން ޖެހުން އޮތީ ސަލާންޖުހުމުގެ ސަގާފަތެއް! ވާ ސަޅި!
ހޯރަފުށީ ފަންކާ
29 November 2018
ޓޫރިޒަމް ކުރިއަރާގެން އަތްނުފޯރާ ފަށަށް ދާއިރުވެސް ޑޮލަރ ޖަމާކުރާ 3 އޭޓީއެމް މެސިން މުޅިރާއްޖޭގަ މި ހުންނަނި. ކޮންމެ އަތޮޅެެއްގަ ތިންހަތަރު ބެންކު ބުރާންޗު ހުންނައިރުވެސް އެތަންތަނުން ޑޮލަރގެ މުއާމަލާތެއް ނުކުރެ. މީ އަރަތެއް. އެކަމް މުޅި ރާއްޖޭގަ ގެސްޓްހައުސްތަކާއި ރިސޯޓްތައް މިކަމަށް އަވަސް ހަލެއް ބޭނުން.
ހޯރަފުށީ ޗާލުނަޔ
28 November 2018
ވަރަށް އުފާވެއްޖެ ހޯރަފުށީ ރަށްއިތުންގެ ވިންދާ އެއްގޮތަށް ބަޖެޓް ފާސްވެގެން ދިޔައީމަ. އަޅުގަނޑުމެން މި އިންތިޒާރު ކުރަނި އެއާރފޯޓްގެ މަސައްކަތްފެށި ވީހާވެސް އަވަހަކަށް ދާއިރާގެ ރަށްތަކާއައި އެނޫންވެސް ރަށްތަކުގެ ރަށްއިތުންނަށް ހިދުމަތް ލިބޭނެ ދުވަހަކަށް. ސުކުރިއްޔާ. ރައީސް ސޯލިހް.