މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
28 ނޮވެމްބަރ 2018 - 23:35
ޗުއްޓީއަށް ދިއުމުގެ ކުރިން ކުރަން ހުރި މަސައްކަތްތައް ގިނަކަމުން، ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލައި، އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން މިރޭ ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވައިދަށް ދާދި ފަހުން ގެނައި ބަދަލާ އެކު، ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ އޮގަސްޓް 27 އިން ފެށިގެން މި މަހުގެ ނިޔަލަށެވެ. އެކަމަކު ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ޖަލްސާތައް ހުއްޓިފައި އޮތުމަށް ފަހު، ޖަލްސާތައް އަލުން ފެށީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އާ ސަރުކާރުން މުހިންމު މަސައްކަތްތަކެއް މަޖިލީހަށް ހުށަހަޅާފައިވާތީ ދައުރު ދިގު ދަންމަން ނިންމީ ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ތިން ވަނަ ދައުރު ދިގު ދަންމާލަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ އަޣުލަބިއްޔަތަކުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
ދެ މަހެއްހާ ދުވަސް ފަހުން، މަޖިލީހުގެ ޖަލްސާތައް ފެށިއިރު، ގިނަ ބިލުތަކެއް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލްތަކާއި ބައެއް ގާނޫނުތަކަށް ބަދަލު ގެނައުމުގެ ބިލްތަކާއި އާ ބިލްތަކެއް އޮތީ ހުށައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
29 November 2018
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާ ނުބާއްވާ 60،000ރ ނަގައިގެން އުޅުނު މީހުން..
އަހުމަދު އިބްރާހިމް
29 November 2018
ދިގުދައްމައިގެން ވިޔަސް ވެރިކަން ހިފެހެއްޓޭތޯ ބަލަންވާނެ....މަޖްލިސް އިންތިހާބަށް ފަހު ކޯޅުން ގަދަވެ އެކަކު އަނެކަކަށް ޖެއްސުމަށް ގާނޫނު ތައް ހެދުމާއި ، ވޯޓް ނުދިނުމާއި މިކަހަލަ ބައިވަރު ކަންކަން ހިނގާނެކަމީ ޔަގީން ކަމެއް...
ތިމާވެށި
29 November 2018
މަޖްލީހުން އާ މޫނުތަކެއް ފެންނަން ބޭނުމެވެ.
ދެބަންދިހާރު
29 November 2018
ކީއްކުރަން ދެކޮޅަށް ވޯޓްދިނީ، ކަލޭ ދާންބޭނުންނެތިއްޔާ ނުދިޔައިމަ ނިމުނީނު. މިހާރުވެސް ހަދާގޮތަށް ޤައިމު ކެނޑޭނެ އެއްޗެއްނޯންނާނެ ތޯއްޗެ. ތި ބޯ ހުންނަނީ ތަލައިގަ އަތްއުނގުޅަށް އެކަނިދޯ. ބީތާ ވިޔަސް ބޮޑުވަރު