މާލެ-ހުޅުމާލެ އަށް ދަތުރުކުރާ އެމްޕީއެލްގެ ބަހަކުން އަންހެނަކު ފައިބާއިރު، ބަހަށް ބަޔަކު އަރަން ގޮސް ކިއުގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ޑިސެމްބަރ 2018 - 12:19
މާލެ، ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ބަސް ދަތުރަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަތް ރުފިޔާ ނަގަން ކުރިން ނިންމި ނަމަވެސް، އެއަށް ވުރެ ކުޑަ އަގެއް ނަގަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ކަމަށް އެ ކުންފުނީގެ ކުރީގެ ސީއީއޯ އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅުލެ ގުޅުވައިލުމަށް ހެދި ސިނަމާލެ ބްރިޖުގެ ދަތުރުތައް ފެށި ފަހުން މިހާތަނަށް ހަތަރު މަސް ދުވަސް ވީއިރު، އެމްޕީއެލް އިން ބަހުގެ ޚިދުމަތް ދެނީ ހިލެ އެވެ. އެކަމަކު އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ އެކަކުން ފެށިގެން ބަސް ދަތުރުތަކަށް އަގު ނަގާނެ އެވެ.
އެގޮތުން މާލެ-ހުޅުމާލެ، މާލެ-އެއާޕޯޓު، ހުޅުމާލެ-އެއާޕޯޓަށް އެމްޕީއެލްގެ ބަހުގައި ދަތުރު ކުރާނަމަ، ނެގުމަށް ހަމަޖެހިފައި ވަނީ ކޮންމެ މީހެއްގެ އަތުން 10ރ. އެވެ. ބަހުގެ ޚިދުމަތުން އަގު ނަގާނީ އެ ކުންފުނިން އެކަމަށް ތައްޔާރުކޮށްފައިވާ "ޓަޗްލިންކް" ކާޑުންނެވެ. ކާޑެއްގެ އަގަކީ 20ރ. އެވެ.
އެމްޕީއެލްގެ ކުރީގެ ސީއީއޯ އަބްދުލްރައްޒާގް ހިލްމީ. --- ފޮޓޯ: މިހާރު
Its true that RY officially decided for Rf2. But delayed implementing it cox MPL proposed RF10 for bridge bus transport. Later MPL compromised to reduce to RF7. Govt couldn't come to an agreement on it as PY wanted it to be lower than all other means of transport. pic.twitter.com/pCHNI2Geiv
— Haleem (@22halex) December 25, 2018
ހަލީމް ރޭ ކުރެއްވި ޓުވީޓު.
ނަމަވެސް، ހަލީމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވީ، ބަސް ދަތުރުތަކަށް ކޮންމެ މީހެއްގެ އަތުން ދެ ރުފިޔާ ނެގުމަށް ކަމަށެވެ. އެކަމަކު، އެމްޕީއެލް އިން 10ރ. ނަގަން ނިންމާފައި އޮއްވައި، ފަހުން ހަތް ރުފިޔާ އަށް ބަދަލު ކުރަން ނިންމި ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
ހަލީމް ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވައި، އޭނާ "މިހާރު" އަށް ވިދާޅުވީ ބަސް ދަތުރަކަށް ދެ ރުފިޔާ ނެގުމަށް ރައީސް ޔާމީން އެންގެވުމުން، އެގޮތަށް ހަމަނުޖެހުނީ އެމްޕީއެލްގެ ފީޒިބިލިއަޓީ އަށް ބަލާއިރު، އެ އަގު ކުޑަވުމުން ކަމަށެވެ. އޭރު އެމްޕީއެލް އިން ގިނަ އަދަދެއްގެ ބަސްތަކެއް ރާއްޖެ ގެނެސް، ބޮޑު އިންވެސްޓްމަންޓަކަށް ތައްޔާރުވެފައި އޮތް ކަން ހަލީމް ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެންމެ ފުރަތަމަ އެމްޕީއެލުން ނިންމީ ބަސް ދަތުރަކަށް 10ރ. ނެގުމަށެވެ. ބަސް ދަތުރުގެ އަގު ރައީސް އޮފީހަށް ފޮނުވީމަ، ބްރިޖު ކޮމިޓީން އެ އަގު ދިރާސާކޮށް ބެލި ކަމަށް ހަލީމް ވިދާޅުވި އެވެ. ނަމަވެސް، އެ އަގު ނަގަން ޔާމީން ދެކޮޅު ހެއްދެވި ކަމަށް ހަލީމް ވިދާޅުވި އެވެ.
"ބަހުގެ ދަތުރުތަކަކީ ޕަބްލިކް ޓްރާންސްޕޯޓަކަށް ވީމަ، ޔާމީން ބޭނުންފުޅުވީ އެހެން ދަތުރުފަތުރުތަކަށް ބަލާފައި އެ އަގު ވީހާވެސް ކުޑަކުރަން،" ހަލީމް ވިދާޅުވި އެވެ.
އޭގެ ފަހުން، އެމްޕީއެލްގައި މަޝްވަރާ ކުރުމަށް ފަހު، ބަސް ދަތުރަކަށް ހަތް ރުފިޔާ ނަގަން ނިންމި ނަމަވެސް، ރައީސް އޮފީހުގައި އެކަމަށް ގޮތެއް ނުނިމި އެކަން ހުއްޓިފައި އޮތީ ކަމަށް ހަލީމް ވިދާޅުވި އެވެ. ހަލީމް ވިދާޅުވި ގޮތުގައި، ހަތް ރުފިޔާ ނަގާ ނަމަ، ކުންފުންޏަށް ގެއްލުން ނުވެ ހިދުމަތް ދެވޭނެ އެވެ.
ހަލީމް ވިދާޅުވީ ބަސް ދަތުރަކަށް 10ރ. މިހާރު ނަގާނަމަ، އެމްޕީއެލް އަށް ފައިދާވާނެ ކަމަށެވެ. އަދި ހިދުމަތް ފުޅާ ދާއިރާއެއްގައި ދިނުމަށް އަގެއް ނަގަން ޖެހޭ ކަން ހަލީމް ވެސް ފާހަގަ ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ހުސޭން
27 December 2018
މިއީދެން ބޮޑުވަރު މިދިވެހިރާއްޖޭގައި އާއްމު މީހާގެ މުސާރައަކީ 4000 ރުފިޔާ މީގެން 600 ރުފިޔާ މަހަކު ދިނީމަ ކޯއްޗަކުން ކައިގެން ބޮއިގެން އުޅެނީ ނިކަމެތިންނަށް ބަލާލުމެއްވެސްނޯވޭދޯ
1819
27 December 2018
ބަލަ ރައްޒާގު ހިތި ގަހެއްގެ ބުޑަށް މާމުތް ތި އޮއްސަނީ ޔާމީނަކީ އަހަރެމެން ދަންނަ މީހެކެވެ. ރައްޔިތުންނަށް ތެދުވެރި އިކްލާޞްތެރި ޚިދުމަތެއް ދިނުމާ ޔާމީނު ވަރަށް ބީރައްޓެހި ވާނެއެވެ އޭނާ ބުނެފަ އޮތީ މިސްކިތްދޮށުން ވުޟޫކުރާ މީހުން އަތުންވެސް -/5 ނަގަން ޖެހޭނެ ވާހަކަ އެވެ. އޭނާ ހީކުޅައީ ދިވެހިންނަކީ ހަމަ ކަނޑުކޮހުން ކަމަށެެވެ ހިތު ގޮތަކަށް ކަންކުޅަޔަސް އެކަނން ދިވެހިންނަށް ނޭނގޭނެ ކަމަށެެވެ މިއީ އަނިޔާވެރިންގެ ގޮތެވެ
ހާމިދު ރަޝީދު
27 December 2018
އިކޮނޮމިސްޓެއްނަމަ ނުބުނާނެ ދެކޮޅުނުޖެހޭ އަގެއްގައި ކަމެއް ކުރާކަށް.
ބަސް
26 December 2018
ކޮޅަކަށް 10 ރުފިޔާ, މި ރޭޓުން ދަތުރުކުރެވޭނީ މިޤައުމުގެ އިއްޒަތްތެރިންނަށް. މި ދައްކަނީ ގޭގެ ކުލި ދީފަ , ހުޅުމާލޭގަ އުޅޭ ރަށްވެހިން ކޮންނެ ދުވަހަކު ޒަރޫރީ ބޭނުންތަކަށް ދެބުރު ތިންބުރު ޖަހަންޖެހޭ ވާހަކަ. ކުރީގަ އޮންނަ 5.50 ރުފިޔާ އަށް ދަތުރު ކުރެވޭ ފެރީ ވެސް ހުއްޓާލާ ހަމައެކަނި 10 ރުފިޔާ އަށް , އެއްވެސް އުޅަދެއްނެތް އާދައިގެ ރައްޔިތު މީހާ ކިހިނެތް މި އަގުގަ ކޮންމެ ކޮޅަކަށް 10 ރުފިޔާ ދޭނީ. މި ކަން ކުރާ ބަޔަކަށް ފައިދާ ވާނެ މިއަށް ވުރެ ކުޑަ ކޮށް މި އަގު ނެގިއަސް, ދުވާލަކު ހާހުން މީހުން ދަތުރު ކުރޭ. ނިކަމެތި މީހާ ނިކަމެތި ކޮށްލަން މި އަށް ވުރެ މޮޅު ފޯމިއުލާ އެއް ނުނެރެވޭނެ.
ކަކުނިބޯ
26 December 2018
ޔާމިނު މަގޭކައިރީ ބުނީ އަދި އެމް ޕީ އެލް އިން 7 ރުފިޔާއަށް ޓިކެޓްވިއްިޔަކަ ނުދޭނަމޯ 70 ލާރި އަށް ނޫނީ 7 ލާރިޔަށޯހަދާނީ. އެއީ ތިމަންނަ އައި ޑީ ކާޑު އަގުތަށް ބޮޑުކޮށޮލީމޯ ޕާސްޕޯޓް ވެސް ބޮޑުކޮށްލީމޯ ކަރަންޓް އަދި ކާޑު ވެސް ބޮޑުކޮށްލީމޯ އޮޑިދޯނިފަހރުންވެސް ބޮޑުކޮށްލީމޯ އަދި ކޮންމެ 5 އަހަރަކުން އައިދާގެ އިނވެސްޓްމަންޓަކުން 500 ރުފިޔާ ޓްރޭޑްފީގެ އިތުރަށް ނަގަންހމޖއްސީމޯ އެހެންވީމާ ބަސް 70ލާރި އޯކޭއޭ
ޖަމީލް
26 December 2018
ދެން އަންނާނެ ކޮންމެ އެއްޗަކަށް ޔާމީނުގެ ވާޜަން އެއް،، 10 ރުފިޔާ ގޯހެއް ނޫން.. ޕަންކްޗުއަލް ވާންވީ..
ޙަސަން އަޙްމަދު
26 December 2018
ބޮޑު ބިލްޑިންގެއް ވަރު ބަހެއް ބަރާކޮށްގެން ކުރާ ދަތުރެއްގަ ބޮލަކަށް 10.00 ރފ ނަގަންޏާ އަރާމާ އިއްޒަތުގަ ގޭ ދޮރުމަތިން ދާން ޖެހޭ ތަނުގެ އޮޅިގަނޑު މައްޗަށް ޓެކްސީއެއްގަ 100.00 ކުޑައެއް ނޫން.
ޢަހައްމާ
26 December 2018
ރައީސް ޔާމިނުގެ ވެރިކަމުގައި ރައީސްއަށް ނޭގި ހުޅުމާލެއިން ހުޅުލެއަށް =/20 ރުފިޔާއަށް ދަތުރު ކުރިކަން އެގޭނަމަ =/2 ރުފިޔާއަށް ބަދަލު ކުރީސް ކަންޔަގީނެވެ. މިހެން ބުނުނީމާ ގޯސްވާނީ މިހެން ބުނާމީހާއެވެ.
ފޫހި
26 December 2018
ދެރައީ 10 ރުފިޔާ ނަގައިގެންވެސް ބަސްތައް އަންނަލެއް ލަސްކަން. ކޮންމެ 10 މިނަޓަކުން ބަސް އަންނަނަމަ ރަނގަޅު. ޔާމީނޫގެ ހެޔޮކަމުން ކާޑް ކޮޅުވެސް އަގުބޮޑުކުރިދޯ.
ޖޫން
26 December 2018
މީހެއްގެ އަތުން 10 ރުފިޔާ ބޮޑު!!!!!!!! މިނިސްޓަރ ނަހުލާއަށް ގޮވާލަން މި އަގު ކުޑަކޮށްދިނުމަށް.