ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނަށް ތުހުމަތުކުރާ ބޮޑެތި މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުން. ފޮޓޯ: ނިޝާން އަލީ/މިހާރު
08 ޖެނުއަރީ 2019 - 15:10
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ ޚިޔާނާތާއި މަނީ ލޯންޑެރިންގެ މައްސަލަތަކުގެ ތަހުގީގަށް އެމަނިކުފާނު މިއަދު ފުލުހުންގެ އިދާރާގައި ހަ ގަޑިއިރު ހޭދަކުރައްވައިފި އެވެ.
ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން، އެމަނިކުފާނު މިއަދު ވަޑައިގަތީ، މިއަދު މެންދުރުފަހު 2 ޖެހި އިރެވެ. ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގުގައި ހަ ގަޑިއިރު ހޭދަކުރެއްވުމަށް ފަހު އެނބުރި ގެކޮޅަށް ވަޑައިގަތީ މިރޭ އަށެއް ޖެހި ފަހުންނެވެ.
އެ ތަހުގީގަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޔާމީން ހާޒިރުކުރީ ފުލުހުންގެ ތަހުގީގަށް ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެމަނިކުފާނު ހާޒިރުވާން އެންގީ ކުރިން ނެގި ބައެއް ބަޔާންތަކުގައި ސޮއި ކުރައްވާށެވެ.
ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ނުފޫޒު ގަދަ ޔާމީނަށް ކުރާ އެއް ތުހުމަތަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި ފައިސާ ލޯންޑަކުރުމެވެ. އެކަމާ ގުޅޭ ގޮތުން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދެއްވި މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރެ އެވެ.
އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ ދެ ޗެކަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި އެވެ. އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ ޑޮލަރު އެކައުންޓަކަށް ޖަމާކުރި އެ ފައިސާ ދައުލަތާ ހަވާލު ކުރައްވަން އިންކާރު ކުރައްވައި، 2017 ވަނަ އަހަރު އެ ބޭންކުގެ އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށްފައިވާ ކަން "މިހާރު" އަށް އެނގިފައިވެ އެވެ. އެއީ، އެ ފައިސާ އިން ފައިދާ ހޯއްދެވުމުގެ މަގެކެވެ.
ފުލުހުންގެ އިދާރާ އަށް އާދީއްތަދުވަހު ވަޑައިގަތުމަށް ކުރީގެ ރައީސް ޔާމީން ކާރަށް އަރާވަޑައިގަންނަވަނީ. --މިހާރު ފޮޓޯ:ނިޝާތު
އެއް މިލިއަން ޑޮލަރު ހަވާލުކުރަން އޭސީސީން އެދުމުން އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީގެ ބާރު އޮންނަ ގޮތަށް ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހަދައި ފައިސާ ހަވާލުކުރާށެވެ.
ތަހުގީގުގައި ޔާމީނާ ސުވާލުކޮށް، ފުލުހުން އާއްމުކުރި ގޮތުގައި، އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވި ކަމަށް ވިދާޅުވެ ވެސް އެމަނިކުފާނު ހެއްދެވީ އިތުރުފުޅެކެވެ. ރައްޔިތުންގެ ފައިސާ އަދިވެސް ހުރީ އަމިއްލަފުޅު އެކައުންޓުގަ އެވެ.
ޔާމީންގެ ބީއެމްއެލް އެކައުންޓަކުން، ޖޫން، 10، 2018 ގައި އެސްކްރޯ އެކައުންޓަށް ޔާމީން ޖަމާކުރެއްވީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ފައިސާ އެވެ. އޭނާ އަށް އެ ފައިސާ ޓްރާންސްފާކުރީ، އެނގިފައިވާ ގޮތުގައި، ޔާމީނާ ވެސް ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުންފުންޏަކުންނެވެ.
އެއްބަސްވުމާ އެއްގޮތަށް ފައިސާ ޖަމާކުރެއްވި ކަމަށް އޭސީސީ އަށް އެންގެވީ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ. އެނގިފައިވާ ގޮތުގައި އާޒިމާގެ މައްޗަށް ތަފާތު ތިން ތުހުމަތެއް ފުލުހުން ކުރެ އެވެ. އެއީ، މަނީ ލޯންޑަ ކުރުމުގައި ޔާމީނަށް އެހީތެރިވުމާއި ހަގީގަތް އޮޅުވާލުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތެވެ.
ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަން ބަލައިދޭން އެދުނީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެގޮތުން ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް، އެ މައްސަލަ ތަހުގީގުކޮށްދޭން އެފްއައިޔޫ އިން ހުށަހެޅުމާ އެކު، ހުރިހާ މައުލޫމާތެއް އޮތީ ފުލުހުންގެ ތެރެއިން އެމަނިކުފާނާ ހަމައަށް ފޯރައިފަ އެވެ. އެ މައްސަލަ ތަހުގީގު ނުކޮށް އޭރު އޮތީ އެހެންވެ ކަމަށް ތުހުމަތު ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
08 January 2019
ޔާމީނުގެ ގެކޮޅު ހުންނަކަމަށްވަންޏާ އެނާގެ އެކައުންޓުފުޅުގައި ހުންނަވާނީ ފައިސާފުޅު.
ގޫގުލާ
08 January 2019
މި މީހުން އެއްބަޔަކު އަނެއްބަޔަކަށް މިހެން ޖެއްސުން ކުރީމަ އަހަރުމެން އާންމު ރައްޔިތުންނަށް ހުރިހާ ދުއްތުރާއެއް މިޖެހެނީ.. މިއަދުވެސް ބޮޑު ސިންގާ ސަރަހައްދެއް ބަންދު ކޮއްލައިގެން ހަމަ ޖެހިލާފަ.. މަގުތައް ބާރުބޮޑުވެގެން އުތުރިއަރާއިރުވެސް މި މީހުންނަށް ހީނުވޭ ކަމެއްވާހެންވެސް..
ޕޮއްޕަޓު ލާލު
08 January 2019
އޭނާގެ ވެރިކަމުގައި މާލިއްޔަތު ދޮވެލީ މި ދުވަސް އަރާ ހަމަ ކުރާނެ ކަން ހަނދާން ނެތިގެން
ވިންދު
08 January 2019
ޖިނާއީ އިޖްރާއާތުގެ ޤާނޫނާއި ޚިލާފު. 4 ގަޑިއިރަށްވުރެ ގިނަ ވަގުތު ބަންދަކަށް ނުުވާގޮތަކަަށް ފުލހންގެ ބެލުމުގެދަށުގައި ނުބެހެެއްޓޭނެ
ހާމިސު
09 January 2019
ޝަރީޢަތްނިމެންދެންބަންދުގަ ބަހައްޓާ
މާހޯރަ
08 January 2019
ހާޒިރުވާންއަންގާކޮންމެދުވަހަކު ގަޑިޔައްހާޒިރުއެބަވޭ ނުޖެހޭ ބިރުންނުދާންއުޅޭތީގަދަކަމުންގެންދާކައް ހާޒިރުވެފަވެސްނޫޅޭހަނުހުންނާކައް ކުރާސުވާލަކައްވިއްޔާފުރިހަމައައްޖަވާބުދޭ ގަހޓް ރައީސް އެހެންބައެއްމީހުން ތާކައްގެންދަންވިޔަސް ޖެހެނީގަދަކަމުން އޮބިއަޅައިގެން
ތިމާވެށި
08 January 2019
ހަމައެކަނި ޔަމީނުގެ ތަހުގީގު ކުރެވޭނަމަ ބުނެވޭނީ ސިޔާސީ ކަމެކޭއެވެ. މައްސަލަ ބަލަން ޖެހޭ ވަރަށް ގިނަ ބަޔަކު އެބަ ހުއްޓެވެ.
މަރީނާ777
08 January 2019
ތަހްގީގް ދާގޮތުން ޔާމީން ބަލިކުރުމަކީ ވަރަށް އުދަގޫކަމެއް ގޮތުގައި ފެންނަނީ. ތަހްގީގްވެސް ޑިކްޓޭޓްކުރާނީ ޔާމީން. ނޫސްވެރިން އަނގަބަންދުކުރަންވެސް އެގޭ. ކައިރީގައި ތިބި އެއްމެންނަށްވެސް އޮޅުވާލަން އެގޭ.މިވަރުގެ ވެރިޔަކު ގެ ތަހްގީގް ހިންގަންފެންނަނީ ވަރަށް ޕްރޮފެޝަނަލް ކޮށް.
ބިސް
08 January 2019
ކޮބައިތަ މައްސަލަ އަކީ.
ހާމިދު ޝާހިދު
08 January 2019
މިއީ، މީން ދުވަހަކު ދިވެހި ދަރިން ނުދެކޭފަދަ ހިދުމަތްތެރި، ތަރައްގީގެ އެތައް މަޝްރޫޢުތަކެއް ހިންގުވާލި ލީޑަރަށް ހަދަން ހެޔޮވެސް ނުވާވަރުގެ ޢަމަލުތަކެއް. މިއީ ޒާތީ ކަންތައް ގަނޑެއް. މި އަނދަވަޅުން އެމަނިކުފާނު ސާފުވެވަޑައިގެން އަލުން ދިވެހި ދައުލަތް އަސްލު ދިވެހިންގެ އަތްމައްޗަށް ގެންދެވުމަށް މާތްރަސްކަލާންގެ މެދުވެރިކޮށްދެއްވާންދޭވެ. އެމަނިކުފާނަށައި އާއިލާއަށް ކެތްތެރިކަން ދެއްވާ އަދާވާތްތެރިންގެ ނުބައި ރޭވުން ތަކުން ސަލާމަތްކޮށްދެއްވާށި.އާމީން
އެކްސް
08 January 2019
ކިތަންމެ ޚިދުމަތެއްކުރިއަސް ޤާނޫނުން ބޭރުންކޮށްފައިވާ ކަންކަމާއިމެދު ތަހުގީގު ހިންގޭނެ. މިހެންވެ ގާނޫނީ އިމުގެ ތެރޭގައި ވެރިމީހާވެސް ހުންނަންޖެހެނީ.
އައްމި
08 January 2019
މިގައުމުގެ ތަރައްގީގެ ބާނީ ތި ސިޔާސީ ޕޮލިސް އޮފީހަށް ތިޔަ ގެންދަނީ