ޗައިނާ ސަފީރާ އެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ދެ ގައުމުގެ ގުޅުން ބަދަހިކޮށް ދެމިއޮންނާނެ ކަމަށް ޝާހިދު ވިދާޅުވި.
10 ޖެނުއަރީ 2019 - 20:51
ޗައިނާ އަކީ ރާއްޖެ އަށް ވަރަށް ގިނަ ދީލަތި އެހީތަކެއް ދިން ގައުމެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ދުރުވިޔަ ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންގާރަދުވަހު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރި ގޮތުން، ރާއްޖެ އާއި ޒަމާންވީ ގާތް ގުޅުން އޮންނަ ގައުމުތަކާ ދުރުވެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެއާއެކު ޗައިނާ އާއި ސައުދި އަރަބިއްޔާއާ ދެމެދު އާދަޔާޚިލާފު ގާތް ގުޅުމެއް އުފެދުނެވެ. މި ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ޗައިނާ އިން ލޯނުދީ، ދަރަނި އިތުރުވެފައިވާ މައްސަލައިގައި ވަނީ ފާޑުކިއުން ވެސް އަމާޒުވެފަ އެވެ.
ޔާމީންގެ ސަރުކާރުން ބޮޑެތި ގިނަ މަޝްރޫއުތައް ހިންގީ ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުންނެވެ. އެ ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ ތެރޭގައި ކޮންސެޝަނަލް ލޯނު ވެސް ހިމެނެ އެވެ. އެ ލޯނުތަކާއި ސޮވެރިން ގެރެންޓީތަކުގެ އިންޓަރެސްޓް ރޭޓް އުޅެނީ ވަރަށް މަތީގައި ކަމަށް ރައިީސް އޮފީހުން ވަނީ ބުނެފަ އެވެ.
މިނިސްޓަރު ޝާހިދު "މިހާރު" އަށް ވިދާޅުވީ ޗައިނާ އަކީ ރާއްޖެއާ ވަރަށް ރަހުމަތްތެރި ގައުމެއް ކަމަށެވެ. ޗައިނާ ސަރުކާރާ، ރާއްޖެއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުނަމުން މިދާ ވާހަކައަކީ ޗައިނާގެ ސަރުކާރުން ދީލަތިކަމާ އެކު ވެދީފައިވާ އެހީ ބޭނުންކުރުމުގައި ކުރީގެ ސަރުކާރުން ހުރީ އިހުމާލުވެފައި. ރައްޔިތުންނަށް ދިން އެހީތައް ބޭނުންކޮށްފައި ވަނީ އެކަށީގެންވާ ގޮތަކަށް ނޫނޭ،" ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ދައްކާ ގޮތަށް ޗައިނާގެ ބޭންކުތަކުން ބޮޑެތި އިންޓްރެސްޓްތަކުގައި ސަރުކާރުން ލޯނު ނަގާފައި އެބަހުއްޓެވެ. އެ އިންޓްރެސްޓް ރޭޓުގައި ލޯނު ނެގުމަކީ ބައިނަލްއަގުވާމީ މުޖުތަމައަށް ނުކުމެ ރާއްޖެ އިން ކުރަން ޖެހޭވަރުގެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެއަށްވުރެ އަގު ހެޔޮކޮށް، އެއަށް ވުރެ ރަނގަޅަށް ލޯނު ލިބޭނެ ގޮތް ޗައިނާގެ ނިޒާމްގެ ތެރޭގައި ވެސް އަދި ބައިނަލްއަގުވާމީ އެހެން ދިމަދިމާލުން ވެސް ހޯދޭނެ. އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ،" ޝާހިދު ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ، ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިކޮށް ދެމެހެއްޓޭނެ ގޮތްތަކަކަށް ވިސްނައިގެންނެވެ.
"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެ ދެއްވި ގޮތަށް ރާއްޖެއާ އެކު ގުޅުން ބާއްވަން ބޭނުންވާ ހުރިހާ ގައުމަކާ އެކު ގުޅުން ބާއްވާނަން،" ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ޝާހިދު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެ ގައުމުތައް ވާންޖެހޭނީ، ޝާހިދު ވިދާޅުވި ގޮތުގައި، ގާނޫނުތަކަށް ބޯލަނބާ ގައުމުތަކަކަށެވެ. އެ މިންގަނޑުގެ ތެރޭގައި ދެމިތިބޭ ހުރިހާ ގައުމަކާ އެކު ރާއްޖެ އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެއާ ގުޅުން ނޯންނާނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ނިންމުންތަކަށް ބޯނުލަނބައި އުޅޭ ގައުމުތަކާ އެކަނި ކަމަށް ވެސް ވިދާޅުވި އެވެ. އެ ގައުމުތަކުން ވެސް ސުލްހައިގެ މަގަށް ބޯލަނބަން ހަނދާންކޮށްދިނުމަކީ ކުޑަ ގައުމެއްގެ ގޮތުގައި އޮވެމެ ރާއްޖެ އިން ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އާއި ޗައިނާގެ ގުޅުން ހީނަރުވިޔަ ނުދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއިރު، ޗައިނާގެ ސަފީރާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ. ޗައިނާ އިން ރާއްޖެ އަށް ވެފައިވާ އެހީތަކަށް ރައީސް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކުރުމާއި އިންޓަރެސްޓް ރޭޓް ކުޑަ ކުރަން އެ ގައުމާ އެކު މަޝްވަރާކުރަން ވެސް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Haruge
11 January 2019
ހާދަ ވަފާތެރިޔެ ދޯ ގައުމު އަޅުވެތިކޮށްފަ 1.4 ބިލިޔަން ޑޮލަރގެ ލޯނު އިންޑިޔާއިން ނެގީ. ޢެފައިސާ ބޭނުންކުރަނީ ރާއްޖެ އައް އެއްމެ ގެއްލުން ބޮޑުކޮށް. ތިތިބީ ޤައުމުގެ ޚާއިނުން.
ޔޫސޭ
11 January 2019
1.4 ބިލިއަން ޑޮލަރު ނެގިކަން ޔަގީންތަ؟ ވާނުވާ އެނގިބަލަ. 1.4 ބިލިއަން ޑޮލަރު ދޭނަމޭ ބުނީ. އަދި ނެގީކީ ނޫން. ?♂️
ޢަލީބަލީ
11 January 2019
އިންޑިއާއިން ނުދޭ ތިޔަބުނާ ލޯނެއް. ރައީސްގެ ނޫސް ކޮންފަރެންސް އަޑުއެހިނަމަ އެނގޭނެ ތަފްސީލް.
އަހައްމަދޭ
11 January 2019
ކެމްޕޭނުގައި ދެއްކި ވާހަކަ ބައެއް މީހުން އޮޅުވާލަނީ. އެމްޑީޕީއިން ބުނީ ޗައިނާއާއެކު ގުޅުން އޮންނާނެއޭ. އެކަމަކު ޔާމީން ހެދިހެން ހައްދުފަހަނައަޅައި ނުދާނަމޭ. މިހާރު މިގެންދާ ގޮތް ސަޅި. ޗައިނާއާ ނުލައި ނޫޅެވޭނެ. އެހެނަސް އިންޑިއާ ބާކީ ކޮށްގެން ނުވާނެ! ސާބަސް ޝާހިދު.
ދދފދދ
11 January 2019
އޮޅުވާލަން އުޅޭ މީހާ ތިއޮތީ އެނގޭކަށްނު.
ސަރުދާރު
11 January 2019
ހަހަހަހަހަ ...އަދި ކިރިޔާ ދޯ ނިދިން ހޭލެވުނީ. ބަލަ ދުނިޔޭގަ ނެތޭ މިހާރު ގައުމެއް އަދި އިގްތިސާދެއް ޗައިނާ ނޫނީ. ދެން ހުރީ މުޅިން މާފިޔާ ސްޓޭޓްސް. މާފިޔާ އިގްތުސާދުތައް. ނަސީބެއް ނުން ލަހުން ނަމަވެސް ރޭކާލިކަން
ބޮޑު ބަންޑާރަ
11 January 2019
ދެން ތިހެން ވިއްޔާ ގުޅުން ކަޑާލި ޤައމު ތަކާ ގުޅުން އާކުރައާވާފީމުތޯ
އަހައްމަދޭ
11 January 2019
ޤައުމުތަކާ ގުޅުން ގާއިމްކުރަނީ ކިހިނެތްކަން އެގޭތަ؟ އެއީ 2 ގައުމު އެއްބަސްވެގެން، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ތެރެއިން ކުރާ ކަމެއް. އިބޫއާ ޝާހިދަށް ހަމަތިބެފަ ކުރެވޭ ކަމެއް ނޫން. ވާނުވާ ދަސްކުރޭ.
ޖަމީކު
11 January 2019
މަހީހީ ހަލާކު
ޝޮކްތެރަޕީ
10 January 2019
މިރާއްޖެ މިއޮތީ ނޭގުމެއްގެ ތެރޭ. އޮޅުވާލުމާ މަކަރުހެދުމުގަ މި ސަރުކާރު ހައްދުފަހަނަ އަޅަފަ މިއޮތީ.
ށޖދޖަ
10 January 2019
މިހާރު ނޫހަށް ޔާމިން ހާދަ ގޯސްވެއްޖޭ ދޯ. މިސަރުކާރުން އިންޑިއާ އާއެކު ޖަހާ ސަކަރާތް މިހާރަށް ނުފެންނަނީބާ
ޅިޔަނާ
10 January 2019
ކެންޕޭނުގަ ކީ ތިހިނެއް ނުން
ޝިހާން
11 January 2019
ހަމަ މިހެން ކީ. ކެމްޕޭނު ތެރޭ ދެއްކި ވާހަކަ އަޑު ނާހާކަން މިއެނގުނީ.
ޝިނާނަ
10 January 2019
ޢަހަރެމެންނަށް އޭރުވެސް ޔާމީނު މައްސަލައަކަށްވީ ޗައިނާއިން ލޯނު ނެގުމެއް ނޫން، އަދި ޕްރޮޖެކްޓް ހިންގުމެއް ވެސް ނޫން. ޙިޔާނާތުގެ ތުހުމަތު ކުރެވޭތީވެ، އެމްއެމްޕީއާރުސީ ލާރި ގެއްލުނީތީވެ. ޢިންޑިއާ ދެކެ ވަރަށް ފޫހިވޭ.
ޣަފޫރު
10 January 2019
ދެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހަމަ ޖައްސާލާ.
އަހަު
10 January 2019
ޝާހިދުމެންނަށް މިހާރު ޗައިނާ އޯކޭ. އިންޑިއާއި ޖީއެމްއާރު ރުއްސަން އަދި ޔާމީނު ވެރިކަމުން ދުރުކުރަން ވީމަ ޗައިނާ ގޯސްވީ. ކޮންމެ ގޮތެއް ވިޔަސް ޗައިނާ އާއި ނުލާ ނުއުޅެވޭނެ މިރާއްޖެއަށް ވެސް. ޢެމެރިކާ ވެސް އެެއުޅެނީ ސަލާމަތް ނުވެގެން. ޢަދި ކޮބާ އިންޑިއާ؟ މޯދީ ޗައިނާއިން ލޯނު ހޯދީ އިހަކަށް ދުވަހު. ޗައިނާ އަކީ ސުޕަރ އިކޮނޮމީ މިހާރު
ފިރުޝާން
11 January 2019
ޗައިނާ ގޯސްވެގެން ނޫޅޭ އެކަކުވެސް. ޢޭރުވެސް ދެއްކި ވާހަކައަކީ ޗައިނާއިން ލޯނުނެގުން ހައްދުފަހަނައަޅައިފިޔޭ... އެހެން ނަހަދާށޭ.