ނާޒިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރިޔާޒް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
18 ޖެނުއަރީ 2019 - 10:27
ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލިހުގައި ކުލަގަދަކޮށް އޮވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިމާޔަތް ކުރާނެ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ވާނެ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރިޔާޒް ވިދާޅުވީ، ޖޭޕީ އަކީ ޖުމްހޫރީ ވެރިކަން ދިފާއު ކުރުމުގައި އުފައްދާފައި އޮތް ޕާޓީއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން އަބަދުވެސް ތާއީދު ކުރަނީ ޖުމްހޫރީ ވެރިކަމަކަށް ނުވަތަ ރިޔާސީ ނިޒާމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް، (ކ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް (ކ-2) އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ގައުމު އިސްކޮށްގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ސިޔާސީ ގޮތުން ކާމިޔާބީ ހާސިލް ކުރެވޭނެ ހަމައެކަނި ޕާޓީ އަކީ ވެސް އެ ޕާޓީ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމަށް މިހާރު ވެސް ފާރަވެރިވާން ޖެހޭ. އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން އަބަދުވެސް ތާއީދު ކުރާނީ ޖުމްހޫރީ ވެރިކަމަކަށް. ރާއްޖޭގެ ރައްޔިތުން ނިންމާ ނިންމުން ހިމާޔަތް ކުރުމަށް މަޖިލީހުގައި ވާނެ ބަޔަކީ ޖުމްހޫރީ ޕާޓީ،" މިދިޔަ ފަސް އަހަރު ކިނބިދޫ ދާއިރާގެ ގޮނޑި ފުރުއްވުމަށް ފަހު، މި ފަހަރުގެ އާންމު އިންތިޚާބުގައި އުފަން ރަށް ތިމަރަފުށި ހިމެނޭ ދާއިރާ އަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ ރިޔާޒް ވިދާޅުވި އެވެ.
"ރައްޔިތުން އެބައޮތް ނިންމުމެއް ނިންމާފައި. ދިިވެހި ރައްޔިތުން ބޭނުން ވަނީ [ގައުމުގެ ވެރިޔާ ހޮވުމުގައި] އެ މީހުންގެ ބަސް އޮންނަ މީހަކު ގައުމު ހިންގުމުގައި، ވެރިކަމުގައި ހުންނަން. އެ ނިންމުން އަދިވެސް އޮތީ. އެ ނިންމުމާ އެއްކޮށް، ނިންމުން ދިފާއު ކުރުމަށް މަޖިލީހުގައި މަސައްކަތް ކުރާނެ ބަޔަކަށް ޖުމްހޫރީ ޕާޓީ އިސް ސަފުގައި ވާނެ."
ރިޔާޒް އެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިހުގެ މި ފަހަރުގެ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ނިންމެވީ، ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމުގެ އަމަލީ މަސައްކަތް މަޖިލިހުގެ ތެރެއިން ކުރައްވަން ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި މި އިންތިޚާބުގައި ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ކުރިމަތިލައްވައި އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ހޯދުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ބޭނުންފުޅަކީ ވެސް އެއީ ކަމަށް އެތައް ބަޔަކު ބުނެ އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ދަގެނތި ދާއިރާ އަށް ކުރިމަތިއްލަވާ، ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ މާލޭގައި ބޭއްވި ހަފްލާގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރިޔާޒް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަޖިލީހުގެ އިންތިހާޚާގައި ޖުމްހޫރީ ޕާޓީން ނުކުންނާނީ ގާބިލް، ތަޖުރިބާ ހުރި ބޭފުޅުންތަކެކެވެ. އެހެންވެ، އެބޭފުޅުންނަށް ތާއީދުކޮށް ދީ، އެ ޕާޓީގެ ކުލަ މަޖިލީހުގައި ފެންނާނެ ގޮތް ހަދައި ދިނުމަށް ރިޔާޒް އެދިވަޑައިގެންނެވި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒް ޖުމްހޫރީ ޕާޓީ އިހްތިޔާރު ކުރެއްވި ސަބަބު ހާމަކުރައްވައި، އޭނާ ވިދާޅުވީ ގައުމަށް ހިދުމަތްކުރަން ބޭނުންވާ ހުރިހާ އެންމެންނަށް ހަމަހަމަ ފުރުސަތެއް އޮތް ޕްލެޓްފޯމަކީ ހަމައެކަނި އެ ޕާޓީ ކަމަށެވެ.
މި ފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ވާދަކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން، ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ޓިކެޓު ދޭނެ ބަޔަކު ކަނޑައެޅުމުގެ ޕްރައިމަރީ މިއަދު މެންދުރު 2:30 ން ފެށިގެން ކުރިއަށް ގެންދާނެ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓު ބޭނުންވާ މީހުންނަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަ
18 January 2019
އެމްޑީޕީ ބޭނުންވާ ބާރު ލިބެންދެން އެތިބެނީ. އިބޫ ސޯލިހުގެ ސަރުކާރު ހިމާޔަތްކުރެވެނީއޭ ހިތައި ތި ތިބެވެނީ އަވާމެންދުރެއްގައި. ސަރުކާރުން ބޭރުކުރުމުން ދެން ދިފާއުކުރާނެ ވެރިކަމެއް ނޯންނާނެ.
ދާދޭ
18 January 2019
ރިޔާޒު ނުބުންޏަސް ތިޔަޕާޓީން ކުރިމަތިލާނީ މިހާހިސާބަށް ރާއްޖޭގައި އަނިޔާވެރިކަމަށް ހިތްވަރުދީ ގާނޫނާ ޚިލާފު އެތައް ޢަމަލެއް ފާޅުގައި ރައްޔިތުންގެ ކުރިމަތީގައި ހިންގައި ބަޣާވާތް ކުރުމުގެ ތަޖްރިބާ ލިބިފައިވާ މީހުންކަން ރައްޔިތުން ދަންނާނެ.
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
18 January 2019
އިބޫގެ ސަރުކާރު ހިމާޔަތް ކޮށް އެސަރުކާރު ހިންގުމުގެ އެއމެހައި އެހީތެރިކަމެއްދޭނީ ޖޭ ޕީ އެއްނޫން. އެކަން ކުރާނީ އެމް ޑީ ޕީ ސަރުކާރު ގެނައުމަށް އަދި ޔާމިނުގެ އަނިޔާ ވެރިކަމާއި ދެކޮޅަށް ނިކުތް ހިތްވަރުގގަދަ އެމް ޑީ ޕީ ގެ ފަހުލަވާނުން.. ކަލޭމެން ތިއެތި ހަދާނެ ކަން އެނގޭތީ އަހަރުމެންގެ އިތުބާރު ތިބި ކަލޭމެނަށް ނުވިކޭނެ މީހުން ޑިފެންސަށް ލައިފައިއ ެތިބީ.. ކަލޭމެނަށް ލޮލުންފެންނާނެ އެމްޑީ ޕީ މިސަރުކާރު ގެބނައުމަށް މުޅިގައުމު.ޖޭ ޕީ އޭ ބުނުމުން ހޮޑުލެވޭ
އަސްލުތަ
18 January 2019
ހޮޑުނުލެވުނުތަ ރިއާސީ އިންތިޚާބު ކާމިޔާބުކުރަން ޖޭޕީގެ އެހީ ހޯދިއިރު؟
ހަނު ހުންނަ މީހާ1
18 January 2019
ރިޔާޒުމެން މާޒީގައި ދައްކައިދިން މަންޒަރުތަކުން، ވަރަށް ސާބިތުކަމާއެކު ބުނަންކެރޭ ތިހަދަނީ އިތުރުފުޅުކަން. އެމްޑީޕީގެ ސަޕޯޓުގައި ގޮޑިހޯދަން ހަދާ ބުހުތާނު ދޮގެއްކަން. ސޮރީ ނޯ ވޯޓް 4 ޖޭޕީ.
މަންސޫރު
18 January 2019
ތިޔައީ ބޮޑު ބާގީ ޕާޓީއެއް. ހިމާޔަތް ކުރާނީ އަމިއްލަ ވިޔަފާރިތައް އެކަނި.
އަހައްމާ
18 January 2019
ރިޔާޒު އެބުނާނީ ސަރުކާރުގެ ޖޭޕީ މަގާމު ދިފާއު ކުރާ ވާހަކައެވެ. ރައީސް ވިދާޅުވެގެން މަޖުލިސް ނުބޭއްވުނު މަޖުލިސްގެ ރައީސްއާއި މައިނޯރިޓީ ލީޑަރަކަށް ކޮން ސަރުކާރެއްތޯ ދިފާއު ކުރެވޭނީ އެހެން ނޫންތޯ ؟
އަލީރާޖާ
18 January 2019
ތިޔަހެން ރިޔާޒު ވިދާޅުވިޔަސް ބޮޑު ސޭޓުގެ އަމަލުތައް ހުރީ ތިޔައާއި ދިމާ އިދިކޮޅަށް.
ސީދި
18 January 2019
މަބުނީ، ކޮލެޖުތަކުގެ ފީކަނޑާ ނުލެވިގެން މިއުޅެނީ ޖޭޕީ ކަންތަކާހުރެޔޯ ތެދެއްތަ؟
..........
18 January 2019
ހިލޭ ކިޔަވައިދޭނެކަން އިއުލާނު ކުރީ ވިލާއިން އެކަނި. ކަލޭމެން ސަރުކާރުގެ ވައުދެއް ނުފުއްދުނު. ދެން ކޯޗެކޭ ތިކިޔަނީ.
ސީދީގެ އަމާ
18 January 2019
ޖޭޕީގެ ކިއްލި ކުންފުނިން ހިލޭ ކިއްލި ތަޅަން ދަސްކޮށްދެއެވެ. ބެއްޔާ ސީދީގެ ސަރުކާރުގެ ނޯވޭ ކިއްލިތެޅުން
ނައީމް
19 January 2019
ފީވެސް ކަނޑަންވީނު ސަރުކާރުގެ ހުރިހާ މަގާމެއް ފުރަނީ ޖޭޕީއިން
ޙަމްދާނަ
18 January 2019
ޢެބުނީ ހެޔޮކޮއް!
ބިސްބެ
18 January 2019
ސިޓީ ހިފއިގެން ނިކަން ބާރު ބާރަށް ހިގީ މީނަ އުތަ.