ރިޕޯޓް / ޖުޑީޝަރީ

ޝަރުއީ ނިޒާމަށް އެމްޑީޕީގެ ސިޔާސަތު: ހައްލު ރަނގަޅުވާން ޖެހޭނެ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް: ޝަރުއީ ނިޒާމަށް އިސްލާހު ގެންނަން އެމްޑީޕީން ވަނީ ސިޔާސަތެއް ހުށަހަޅާފައި -- ފޮޓޯ/މިހާރު

އާ ގާނޫނުއަސާސީގެ ދަށުން ވޭތުވެދިޔަ 10 އަހަރުގެ ތަޖުރިބާގައި އިސްލާހު ކުރަން ޖެހޭ ގިނަ ދާއިރާތަކެއް ހުރި ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާ ހިމެނެ އެވެ. އެ ދާއިރާގައި އިސްލާހު ކުރަން ޖެހޭ ކަންތައްތައް ހުރި ކަމަށް ބޭރުގެ ތަޖުރިބާކާރުން ވެސް ފާހަގަކުރެ އެވެ. އަދި އެކަމަށް އެކި ދުވަސްވަރު އެކި ގޮތްގޮތަށް މަސައްކަތްތަކެއް ވެސް ކުރި އެވެ.

އަންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ހުށަހެޅި ސިޔާސަތުތަކުގެ ތެެެރެއިން ޝަރުއީ ނިޒާމަށް ގެންނަން އެ ޕާޓީން ބޭނުންވާ އިސްލާހުތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. ހާއްސަކޮށް ސުޕްރީމް ކޯޓުގެ ބާރުތަކަށް ބަދަލު ގެންނަން އެ ސިޔާސަތުގައި ހިމެނުމުން އުފެދުނު ބަހުސް ބޮޑެވެ.

އެމްޑީޕީގެ ސިޔާސަތުގައިވާ ގޮތުން ސުޕްރީމް ކޯޓުން އިސްނަގައިގެން އެއްވެސް މައްސަލައެއް ނުބެލޭނެ އެވެ. އަދި އަޑުއެހުމެއް ނުބާއްވައި އެއްވެސް ނިންމުމެއް ނުނިންމޭ ގޮތް ހެދުމާއި އެއްވެސް ކޯޓެއްގައި ހިނގާ މައްސަލައެއްގެ ފައިލް ފޮނުވަން އެންގުމުގެ ބާރު ސުޕްރީމް ކޯޓަށް ނުދިނުން ހިމެނެ އެވެ. މީގެ އިތުރުން ހައި ކޯޓާއި ދަށު ކޯޓުތަކަށް އިރުޝާދު ދިނުމުގެ ބާރު ވެސް ސުޕްރީމް ކޯޓު އަތުން ނަގަން ސިޔާސަތުގައި ވެ އެވެ.

ރާއްޖޭގެ ގާނޫނުއަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ބާރެވެ. ގާނޫނު އަސާސީ އާއި ގާނޫނުތައް މާނަކުރުމާއި ޝަރީއަތުން ބަލާ އެ ނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ބާރުތައް ތަފްސީލީ ގޮތެއްގައި ބަޔާން ކޮށްފައިވަނީ ކޯޓުތަކުގެ ގާނޫނުގަ އެވެ.

ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން އިސްތިއުނާފް މައްސަލަތައް ބެލުމާއި ގާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލަތަކުގެ އިތުރުން ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތަކާއި އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތައް ބެލުމުގެ އަސްލީ އިހްތިސާސް ވެސް ސުޕްރީމް ކޯޓަށް އޮންނާނެ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓަށް ޚާއްސަ އިހްތިސާސްތަކެއް އެ ގާނޫނުގެ 22 ވަނަ މާއްދާ ދީފައި އެބަ އޮތެވެ. އޭގެ ތެރެއިން އެއް ކަމަކީ އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފިޔަ ނުދިނުމަށްޓަކައި ކޯޓުގެ އަމިއްލަ އިސްނެގުމަށް އެކި އަމުރުތައް ނެރުމުގެ ބާރެވެ. މިސާލަކަށް ސުމޯޓޯ މައްސަލަތަކެވެ.

އެކަމަކު އެމްޑީޕީގެ ސިޔާސަތު އޮތީ އެ ބާރުތައް އަތުލުމަށެވެ. އެ ސިޔާސަތު އެގޮތަށް ކަނޑައެޅީ ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު ބައެއް މީހުންގެ ފާޑުކިޔުން ވަނީ އެ ސިޔާސަތަށް އަމާޒުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ބާރުތައް ހައްދެއްގެ ތެރެއަށް

ސުޕްރީމް ކޯޓުގެ އިސްނެގުމުގައި އަމުރުތައް ނެރުމާއި ނިންމުންތައް ނިންމުމުގެ ބާރު ކޯޓުތަކުގެ ގާނޫނުގައި ދީފައި އޮތީ ދެބަސްވެވެން ނެތް މިންވަރަށް ސާފުކޮށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލުތަކެއް އެ ގާނޫނުގައި ނެތެވެ. އެމްޑީޕީގެ ސިޔާސަތާ ގުޅިގެން ބަހުސް ފެށިގެން އަންނަ ހިސާބަކީ މިއީ އެވެ.

ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް އެ ގައުމެއްގެ އެންމެ މަތީ ކޯޓަށް އެހެން ކޯޓުތަކާ ތަފާތު ޚާއްސަ ބާރުތަކެއް ގާނޫނީ ގޮތުން އޮވެ އެވެ. ވަކި ހާލަތްތަކެއްގައި އަމިއްލަ އިސްނެގުމުގައި ނިންމުންތައް ނިންމުމުގެ ބާރު ވެސް ހިމެނެ އެވެ. ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ބޮޑު ކަމަކާ ގުޅިފައިވާ ކަންކަމުގައި ލިބިދޭ އެ ބާރު ސުޕްރީމް ކޯޓުން އަތުލުމަކީ ހައްލެއްތޯ، ބައެއް މީހުން ސުވާލު އުފައްދަ އެވެ.

މިސާލަކަށް ގައުމު ދުސްތޫރީ ގޮތުން ބޮޑު އޮޅުންބޮޅުމަކަށް ދާ ހާލަތެއްގައި ނުވަތަ ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގާ ހާލަތެއްގައި ވެސް، ވަކި ފަރާތަކުން މައްސަލަ ހުށަނާޅާ ނަމަ، ސުޕްރީމް ކޯޓުން އެކަމުގައި ފަރުވާއެއް ނުދެވިފައި އޮންނަން ވެއްޖެ ނަމަ މާ ބޮޑު މައްސަލައަކަށް ވެދާނެ އެވެ. އެކަމަކު މީގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. އެއީ އަމިއްލަ އިސްނެގުމުގައި ފިޔަވަޅުތައް އެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ހައްދެއް ނެތި ދިނުމުގެ ނުރައްކަލެވެ. ރާއްޖޭގައި މި ފަހުން އޭގެ އެތައް ކަމެއް ފެނުނެވެ.

ސުޕްރީމް ކޯޓު: -- ފޮޓޯ/މިހާރު

މަޖިލިހުގެ ދަށަށް ޑީޖޭއޭ ދިއުމުން މިނިވަންވެދާނެ ބާ؟

އެމްޑީޕީގެ ސިޔާސަތުގައި ދެވަނަ އަށް އެންމެ ބޮޑު ބަދަލެއް ގެންނަން ހުށަހަޅާފައި އޮތީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ސީދާ ރައްޔިތުންގެ މަޖިލީހުގެ ބެލުމުގެ ދަށުން ހިނގާ މުއައްސަސާއަކަށް ހަމަޖައްސައި، ކޯޓުތަކުގެ ރަޖިސްޓްރާއިންގެ ދައުރު ފުޅާކުރުމެވެ. އަދި ރަޖިސްޓްރާ އިން އައްޔަން ކުރުމުގެ ބާރު ކޯޓުތަކުން ނެގުމަށް ފަހު އެ ބާރު ސީދާ ޑީޖޭއޭ އަށް ދޭން ވެސް ހުށަހަޅާފައިވެ އެވެ.

ކޯޓުތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަޖިސްޓްރާއިންނަކީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމުމާއި ހުށަހަޅާ މައްސަލަތަކާ ބެހޭ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރާ އެންމެ އިސް ފަރާތެވެ. އެކަމަކު އެމްޑީޕީގެ ސިޔާސަތުގައި ހުށަހަޅާފައިވަނީ ކޯޓުތަކުގެ އިސް ފަނޑިޔާރުން މިހާރު އަދާކުރާ ބައެއް ޒިންމާތައް ރަޖިސްޓްރާގެ ޒިންމާތަކުގެ ގޮތުގައި ބަދަލު ކުރުމަށެވެ. އެގޮތުން ޝަރީއަތްތަކަށް ފަނޑިޔާރުން ކަނޑައެޅުމާއި ބެންޗް އެކުލަވާލުން ފަދަ ކަންކަން ވެސް ހިމެނެ އެވެ.

ޑީޖޭއޭއަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ދަށުން ހިނގާ ތަނަކަށް ހަމަޖައްސައި، ރަޖިސްޓްރާއިންނަކީ ސީދާ ޑީޖޭއޭ އިން އައްޔަން ކުރާ ބަޔަކަށް ހެދުމުން ރަނގަޅު ނަތީޖާއެއް ފެނިދާނެތޯ ހެއްޔެވެ؟ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނާނީ އަބަދުވެސް ކޮންމެވެސް ސިޔާސީ ޕާޓީއަކަށެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކަށް މަޖިލީހުގެ ކޮމެޓީތަކުގެ އަޣުލަބިއްޔަތު ވެސް ކޮންޓްރޯލް ކުރެވެ އެވެ. އެހެންވުމުން ޑީޖޭއޭގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވެ އެވެ.

ގާނޫނު އަސާސީގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައި އޮތް ގޮތުން ވެސް، ސިޔާސީ މީހުން އެ ކޮމިޝަންގައި ގިނަވުމަކީ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ ސަބަބެވެ. އެހެންވީއިރު، ޑީޖޭއޭ އަކީ ވެސް އެފަދަ ގޮތަކަށް މަޖިލީހުގެ ދަށުން ހިނގާ މުއައްސަސާއެއްގެ ގޮތަށް ހަމަޖެއްސުމުން އަންނާނެ ވަކި ރަނގަޅު ބަދަލެއް ނޭނގެ އެވެ. ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ހާލަތު ރައްޔިތުންނަށް މިހާރު ވެސް އެނގެ އެވެ. އެހެންކަމުން ޑީޖޭއޭއަށް ގެންނަ ބަދަލުތަކާ މެދު ވެސް ފަރުވާތެރިވާން ޖެހޭނެ ކަމަށް ފެނެ އެވެ.

ޗެކް އެންޑް ބެލެންސް މުހިންމު

ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވާ ގޮތުގައި ޝަރުއީ ނިޒާމް އިސްލާހު ކުރުމަކީ މުހިންމު ނަމަވެސް ސުޕްރީމް ކޯޓަށް ގާނޫނު އަސާސީން ދީފައިވާ ބާރުތަކާ އެމްޑީޕީގެ ސިޔާސަތު ހިލާފުވެ އެވެ. ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް، ސުޕްރީމް ކޯޓުގެ އިސް ނެގުމުގައި ސުމޯޓޯ އާއި ދުސްތޫރީ މައްސަލަތައް ނިންމުމުގެ ބާރު ދީފައިވާ ކަން އޭނާ ފާހަގަކުރައްވަ އެވެ.

"ވަކިވަކި ފަރާތްތަކަށް އަމާޒު ކޮށްގެން ގާނޫނު ހެދުމުގެ ސިލްސިލާ ހުއްޓާލައި، މުއައްސަސާތައް ހަރުދަނާ ކުރަން މަސައްކަތް ކުރަން އެބަ ޖެހޭ،" ޖަމީލް ވިދާޅުވެފައިވެ އެވެ.

ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ބައެއް ހާލަތްތަކުގައި ކޯޓުގެ އިސް ނެގުމުގައި މައްސަލަތައް ބެލުމުގެ ބާރު ކުރިއަރާފައިވާ އެހެން ބައެއް ގައުމުތަކުގައި ލިބިދެނީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަ ކަންކަމަށެވެ. އެހެންވެ، ރާއްޖޭގައި ވެސް އެ ބާރު ދޭ ނަމަ، ހަރުދަނާ އުސޫލުތަކެއް ގާނޫނުގައި ލިޔުން މުހިންމު ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ޖިނާއީ މައްސަލަތަކުގައި ނެރޭ އަމުރުތައް ފިޔަވައި އެހެން އަމުރުތަކާއި ނިންމުންތައް ނިންމުމުގެ ކުރިން އަޑުއެހުމެއް ބާއްވަން ޖެހޭ ގޮތަށް އެ ސިޔާސަތުގައި އޮތް އޮތުން މުހިންމު ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެގޮތަށް ބަދަލު ކުރުމަކީ ޝަރުއީ ނިޒާމާ މެދު އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"އަޑުއެހުމެއް ބާއްވާފައި އަމުރު ނެރުނީމަ ހާމަކަން ބޮޑުވެެ، އިތުބާރު ދަމަހައްޓަން މަގުފަހިވާނެ،" ވަކީލް އިބްރާހިިމް ޝަމީލް ވިދާޅުވި އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޑީޖޭއޭ މަޖިލީހުގެ ދަށަށް ގެންދިއުމާއި ކޯޓުތަކުގެ ރަޖިސްޓްރާއިންގެ ދަައުރު ފުޅާކުރާ ނަމަ، އެކަން ކުރަން ޖެހޭނީ ސިޔާސީ ނުފޫޒު ނުވަންނާނެ ފަދަ ގޮތަކަށެވެ. އެގޮތުން އެޓާނީ ޖެނެރަލް އާއި ޕްރޮސެކިއުޓާ ޖެނެރަލާއި އަލަށް އުފައްދާ ބާ ކައުންސިލްގެ ދައުރު އެކަމުގައި އޮންނަ ގޮތަށް ހަމަޖެއްސުން މުހިންމު ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

"ޗެކް އެންޑް ބެލެންސް ނިޒާމެއް ގެނެވޭނެ ގޮތަކަށް އެކަން ކުރަން ވާނީ،" އެހެން ވަކީލަކު ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން ޖެހޭ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ކޯޓުތަކަށް މާ ބޮޑެތި ބާރުތައް އޮތް ނަމަ އެކަން ހައްދެއްގެ ތެރެއަށް ވެސް ގެންނަން ޖެހޭނެ އެވެ. އެކަމަކު އެއީ ކުރީގެ ތަޖުރިބާތަކަށް ބަލާއިރު، ހަރުދަނާކަމާއި ވިސްނުންތެރިކަމާ އެކު ހޯދަން ޖެހޭ ހައްލެކެވެ.

38 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރިނަގާ

04 February 2019

މިހާރުމަޑުންތިއްބަސް ރައްޔިތުންގެމަޖްލިސް މެޖޯރިޓީ އެމްޑީޕީއައް ލިބިއްޖެނަމަ ތިންބާރުމުށުތެރައައް ކަހާލާނެކަމީ ޝައްކެތްނެތްކަމެއް

The name is already taken The name is available. Register?

ކަނބިލި

04 February 2019

ޝަރުޢީ ނިޒާމު އިސްލާހު ކުރުން މުހިންމު. އެކަމަކު ފުރަތަމަ އިސްލާހުކުރަންވީ ސިޔާސީ ލީޑަރުންތައް.މިވެރިން އިސްލާހީ މަރުކަޒަކަށް ލައިގެންވެސް މިކަން ކުރަން އެބަޖެހޭ. އެއީ މިހާރު ސިޔާސީ ލީޑަރުންގެ ހަމައަކީ އެވެރިއަކު ބޭނުން ނޫންގޮތަކަށް ހުކުމެއް ނެރެފިނަމަ ކޯޓް ގޯސްވީ. ބޭނުންވާ ގޮތަށް ހުކުމެއް އަތުވެއްޖެ އިންސާފުވެރިވީ.

The name is already taken The name is available. Register?

ޝަކޫ

04 February 2019

ޝަރުއީ ނިޒާމުގެ ހާލަތު ހުރިގޮތުން މިހާރު ޝަރުއީ ދާއިރާ ހިންގަން އޮބިނޯންނަވަރުގެ ބޮޑު އިމާރާތެއްވެސް ދީފަ ހުންނާކަށްނުފެނޭ. ބޮޑަށް ބަލަންވީ ވޮލަންޓިއަރކޮށް ފަނޑިޔާރުކަން ކޮށްދެއްވާނެ ބޭފުޅުން ލެވޭތޯ. ކުރެވޭ ހުކުންތަކަކީ ރަނގަޅަށްކުރެވޭ ހުކުންތަކެއްތޯވެސް ބަލަންބަޖެހޭ! އެތައް ރައްޔިތުންނަކަށް މިހާހިސާބަށް ވަނީ ބޮޑަތިގެއްލުންތަކެއް ލިބިގެންގޮސްފައި! އެތާތިއްބަވާ ބޭފުޅުން ބޮޑަތިމުސާރަ ރައްޔަތުންގެ ފައިސާއިން ނަންގަވައިގެން ހަމަ ހިނިއައިސްފަ

The name is already taken The name is available. Register?

ބޭރުމީހާ

04 February 2019

އެމްޑީޕީގެ ދުލުން މިކިޔަނީ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށާ އަދި ބޮޑު އަޣުލަބިއްޔަތަކުން މެޖޯރިޓީ ނަގާނެކަމަށެވެ. ދެން މިބުނަނީ ޖުޑިޝަރީގެ ކޮންޓްރޯލާ ކަނޑައަޅާނީ މަޖިލީހުން ކަމަށެވެ. އޭރުންވާނެ ގޮތަކީ 3 ބާރު އެއްފުރާޅެއްގެ ދަށަން އައީއެވެ. މިކަން މިހެން ނުވާހާ ހިނދަކު އެމްޑީޕީއިން ކިޔާނީ ޖުޑިޝަރީ އިޞްލާޙު ނުވެގެން ގައުމު ނުހިންގޭ ވާހަކައެވެ. ޚޮދުމުހުތާރީ ޔާމީން ބާއެވެ؟

The name is already taken The name is available. Register?

އިމަނާ

04 February 2019

ކުރިން ކޮށްފައިވާ ބޮޑެތި ހުކުންތަކެއް އެގޮތަށް ކުރީމާ އެމީހުންނަށް ރަގަޅުވި. ހަމައެހުކުން އަނެއްކޮޅަށްޖަހާލީމާ މިހީހުންނަށް ވަރަށް ރަގަޅުވެފައި މިހާރު ކިހިނެއްވީބާ؟ ވަރަށް ގިނަ މީހުން ޖަލުގައި އެބަތިބި ކޮބައިތޯ އެމީހުންގެ ހައްޤު؟ އެއާއިލާގެ މީހުންގެ އުންމީދުތައްކޮބައިތޯ؟ އެމީހުންގެ ވާހަކަ މިސަރުކާރުން ނުދައްކަނީ ކީއްވެތޯ؟ ވަކިކަމެއް ބޭނުންވެގެން ތިއެނބުރިގަތީ އަދިވެސް ތިމަތިމާ މެންމަށް ބޭނުންވާގޮތަށް އަދިވެސް ކުޑަދަތިކަމެއް ހުރީދޯ.

The name is already taken The name is available. Register?

ކަތީއްބެ

04 February 2019

މަރުވެގެން ކައްވަޅަށް ދައިރުވެސް ތިޔަ ހިތްހަމަޖެހުމެއް ނުލިބޭނެ، މާތްﷲ ނަހީކުރެއްވި ކަންތައްތަކަށް މަގުފަހިވޭތޯ ގަދައަޅައި ކުރާ މަސައްކަތްތަކެއް ކާމިޔާބު ނުވޭތޯ ދުޢާކުރާ އެތައް އެތައް މުސްލިމު ރައްޔިތުންނެއް މި ދިވެހި ފަސްގަނޑުގައި ތިބީތީ އަދި އެހާފަސޭހައިން ތިކަން ނުވެގެން ތިއުޅެނީ، ތިޔަ ސިޔާސަތުތައް ޢާންމުކުރާ މީހުން އުޅޭގޮތާ އަޚްލާޤާއި ތިޔަ މީހުން ނިސްބަތްވާ ކަންތައްތަކަށް ބަލާއިރު މަޤްޞަދު ވަރަށް ސާފުކޮށް އެނގޭ.

The name is already taken The name is available. Register?

ޥަސް

04 February 2019

އެމްޑީޕީން ކަމެއް އިސްލާހުރުމުގެ ޚިޔާލު ހުށަހެލީމާ އެހެން ޕާޓީތަކުން ފާޑުކިޔާނެ. ޢެކަމަކު ދުވަހަކު އެމީހުންގެ ރަންބުއްދިއަށް ފެންނަ އެއަށްވުރެ މޮޅުގޮތެއް ނުބުނާނެ.

The name is already taken The name is available. Register?

އަލީގ

04 February 2019

ކޮންމެ ފަދަ ގާނޫނެއް ހަދައިގެން ވިޔަސް އަދި އެ ތަންފީޒުކުރުން އޭލިޔަނުންގެ ބަޔަކާ ހަވާލުކޮއްގެން ވިޔަސް މިގައުމުގަމިއޮތް ފުޅާވެ ކުރިއަރަމުންދާ ކަރަޕްޝަންގެ ކަންތައްތަކައް ނިމުމެއްގެންނަންވީ އޭރުން އަމިއްލައައް އޭގެ ޒާތުގަ ހުރިހާކަމެއްވެސް ހަމަމަގައް އެޅިދާނެ.

The name is already taken The name is available. Register?

ިިއިންސާފް

04 February 2019

ﷲ ތަޢާލާ އެކަލާނގެ ފޮތުގަ މީގެއެތަކެއް އަހަރުތަކެއްކުރިން މުސްލިމުން ކަންކަމުގަ ނިޔާ ކަނޑަ އަޅަންވާ ގޮތް އޮތީވަރަށް ސާފްސީދާކޮްއް ބަޔާން ކޮްއްދެއްވާފަ އެޤާނޫަނަށް ވުރެމޮޅަށް ވަ ޟު ޢީ ޤާނޫން ހަދަން އުލުނީމަ ވާނެގޮތް ވެފަ މިތިބީ ދެންވެސް ﷲ ގެ އެމާތްފޮތުގަވާ ގޮތަށް ޤާނޫންތައް ހަދާބަލަ އޭރުން ތިހުރިހާ ނިޒާމެއް ހިނގާނީ އެއްވެސްމީހަކަށް އެނިޒާމަށް ގޮންޖަހާފާޑު ނުކިޔޭ ފުރިހަމަނިޒާމަކަށް

The name is already taken The name is available. Register?

ޑެލްބޯއި

04 February 2019

ކުށްވެރިންތަކެއް އެމީހުން ތިބި ޖަލުގެ ކަންކަން ހިންގަން އެމީހުންގެ ތެރޭން ހޮވާ އެމީހުންގެ މަންދޫބުންތަކެއް ގާވާއިދުތަކެއް ހަދާ އެ ގަވާއިދުގައި ބުނާ ކަންކަން ތަންފީޒު ކުރުމަށް އެމީހުންގެ ތެރޭން ބަޔަކު އައްޔަނު ކުރެވިދާނެއެވެ. އެކަމަކު އެ އައްޔަނު ކުރާ މީހުން އެ ގަވާއިދުތަކަށް އިންސާފުވެރިކަމާއެކު އަމަލު ކުރާނެ ކަމަށް ޤަބޫލުކުރާނީ ކޮން ބުއްދިއަކުން ވިސްނައިގެންތޯއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454