06 ފެބުރުއަރީ 2019 - 11:12
މީގެ އަށް އަހަރު ކުރިން މިޔަރު ބޭނުން ރާއްޖޭގައި މަނާކޮށް ހިމާޔަތްކުރުމުން އޭގެ ރަނގަޅު އަސަރު މިޔަރުގެ އާބާދީއަށް ވަނީ ކޮށްފަ އެވެ. އެކަމަކު މިޔަރު ގިނަވެ އޭގެ އުނދަގޫ މަސްވެރިކަމަށް ފޯރާފައިވާ ކަމުގެ ޝަކުވާ މަސްވެރިން ކުރަން ފަށައިފި އެވެ.
ބައެއް މަސްވެރިން ބުނަނީ އައިންމަތީ މިޔަރު ގިނަވެ، ބާނާ މަސް ކާލުމުގެ އުނދަގޫ ބޮޑު ކަމަށެވެ. އެގޮތުން މަސް އޮޑިއަށް ނަގާ ވަގުތު އޭގެ އެއް ބައި މިޔަރު އޮންނަނީ ކާލައިފައި ކަމަށް، އެ މީހުން ބުނެ އެވެ.
"މިހާރު މިޔަރު އެބަ އޮތް އިންތިހާއަށް. މިޔަރު އައިންތައް. އެކަމަކާ ހުރެ މަސްވެރިކަން ކުރެވޭ ވަރެއް ނޫން،" ކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިއަކު ބުންޏެވެ.
އެން ދަމާ ދަލަށް އަރައި ދާ ހަލާކު ކުރުން ފަދަ ކަންކަން ވެސް ގިނަވެފައިވާ މިޔަރުތަކުގެ ސަބަބުން ދިމާވެ އެވެ.
"އެހެރަ ބޮޑެތި މަސް އަރުވާއިރު މިއޮންނަނީ އެއްބުރި ކާލައިފައި. ހަމައެކަނި މަހެއް ނޫން. އެތައް ބުޅިއެއް، ނަނެއް ކަނޑައިފި،" މަސްވެރިޔަކު ކިޔައިދިނެވެ.
ބައެއް މަސްވެރިން ބުނާ ގޮތުގައި މިޔަރުގެ އާބާދީ މިހާރު ބޮޑުވަމުން އަންނަ ގޮތަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި މޫދަށް އެރި އުޅެން ވެސް ބިރަކަށް ވެދާނެ އެވެ.
މިޔަރުގެ ސަބަބުން ދިމާވާ އުނދަގޫތައް ހިއްސާކޮށް މަސްވެރިޔަކު ހިއްސާކޮށްފައިވާ ފޭސްބުކް ޕޯސްޓެއް
މިޔަރުގެ މަސްވެރިކަމަކީ 2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ވަރަށް ފުޅާކޮށް ކުރަމުން އައި ކަމެކެވެ. މިޔަރުގެ އުރަހަ އާއި ތެޔޮ ވިއްކުން ފަދަ އެތައް ކަމަކުން އާމުދަނީ ހޯދި އެވެ. އެކަމަކު މީގެ އަށް އަހަރު ކުރިން މިޔަރު މަސްވެރިކަން ރާއްޖޭގައި މަނާކުރީ އޭގެ އާބާދީ ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
މަސްމަހާމެހީގެ ތަޖުރިބާކާރެއް ކަމަށް ވާ އަހުމަދު ހާފިޒް ވިދާޅުވީ މަސްވެރިންނަށް މިޔަރުގެ ސަބަބުން ބައެއް ދަތިތަކާ ކުރިމަތި ނަމަވެސް އޭގެ މަސްވެރިކަމަށް އަލުން ހުއްދަ ދިނުން ރަނގަޅު ނޫން ކަމަށެވެ. ރާއްޖެއަކީ ޓޫރިޒަމް ފުޅާވެފައިވާ ގައުމަކަށް ވާއިރު މިޔަރު ގިނަވުމުގެ ފައިދާ އެ އިންޑަސްޓްރީއަށް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑައިވް ކުރާ ސަރަހައްދުން މިޔަރު ފެންނަލެއް އިތުރު. އޭގެ ސަބަބުން ޑައިވިންނަށް ދާ މީހުންނަށް ރާއްޖޭގެ ކަނޑުގެ ދިރުމުގެ މުއްސަނދިކަން އެނގޭނެ،" ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރިން ކުރެއްވި ހާފިޒް ވިދާޅުވި އެވެ.
މިޔަރުގެ މަސްވެރިކަން ހުއްދަ ދުވަސްވަރު، އުރަހަތަކެއް ހިއްކަން ބަހައްޓާފައި
މެރިން ރިސާޗް ސެންޓަރާ ހަވާލުވެ ދާދި ފަހަކާ ޖެހެންދެން ހުންނެވި، އަދި މިހާރު ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް، ޑރ. ޝިހާމް އާދަމް ވިދާޅުވީ މިޔަރަކީ ވަރަށް ލަހުން އޭގެ އާބާދީ ބޮޑުވާ ބާވަތުގެ މަހަކަށް ވާތީ އަދިވެސް އެ މަސް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.
"މިޔަރަކީ ވަރަށް މައިގްރޭޓްވާ ބާވަތެއް. އެއް ހިސާބުން އަނެއް ހިސާބަށް. އެއް ގައުމުން އަނެއް ގައުމަށް ވެސް. އަދި ވިހާ ނިސްބަތް މަދު،" މިޔަރު ހިމާޔަތް ކުރަން ޖެހޭ ސަބަބު ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާދަޔާ ހިލާފަށް މިޔަރު ގިނަވާކަން ދިރާސާތަކުން ނުދައްކަ އެވެ. އަދި މިޔަރު ގިނަވެ އުނދަގޫ ވެގެން އެހެން ގައުމުތަކުގެ މީހުން ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާޒް
08 February 2019
މިޔަރު ހޭލުންތެރި ކުރުވަންވީ! ޙުރަޞް ބޭނުން ކުރާނެ ގޮތާއި ނުވިހާ އޮޕަރޭޝަން ކުރުމާ ބެހޭ ގޮތުން.......
އަލީ5
07 February 2019
އަސްލުވެސް މިޔަރުގެ އުދަގޫ ހައުދަހާބޮޑެވެ.
ބިން ޢަލީ
07 February 2019
ޚަބަރުން އިޙްސާސްވަނީ ރާއްޛޭގައި ފުދޭވަރަށް މެރިން ރިސާޗު ނުކުރެވޭކަން ނުވަތަ ނުކުރާކަން ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ވީހާވެސް ގިނަ ބާވަތްތަކުގެ ދިރުންތައް ދިރާސާ ކުރެވެންވާނެ، އުޅޭބާވަތްތަކުގެ ތަފާސްޙިސާބު ހުންނަންވާނެ، ބޭރުގެ ދިރާސާތައް ބޭނުންކުރިޔަސް ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރަންވާނެ
މޯޑުބެ
07 February 2019
އިތުރު މަައުލޫމާތު ބޭނުން
ހިޔާލީ ދިރާސާ
07 February 2019
"މިޔަރު ގިނަވާކަން ދިރާސާތަކުން ނުދައްކާ" ކަމަށް ބުނާއިރު، މިޔަރު ގިނަވޭތޯ ނުވޭތޯ ބަލަން ރާއްޖޭގަ މީންދުވަހަކު ހެދި ދިރާސާއެއް ކޮބާތޯ؟ "ދިރާސާތަކުން ދައްކައޭ" ބުނާއިރަށް ހަގީގަތް ނުބަލާ ގިނަވާހަކަތައް ބަލައިގަންނަން ތައްޔާރަށް އާންމުކޮށް ތިބެނީ ޕާޓީ ބަލި ޖެހިފަ ތިބޭ މީހުންކަން ފާހަގަ ކުރެވޭ. ހުރިހާ ޕާޓީއެއް ވެސް އެގޮތް.
ތަކަނޭ
07 February 2019
ރަގަޅު ވާހަކައެއް މީޔަރަށް ހައްލެއް ބޭނުން
ތެދު
07 February 2019
މިޔަރު ގިނަ ވެއްޖެ. ހިފުން ހުއްދަ ދޭން ވީ މިހާރު މަހަކަށް ވިއަސް މިޔަރުން ނަފާ ހޯދުމަށް. ނަމަވެސް މިކަން ކުރުމުގެ ކުރިން ރިސާޗެއް ކުރުން މުހިންމު.
މުހައްމަދު އަލީ
06 February 2019
ޑރ. މުޙައްމަދު ޝިހާމް އާދަމްއަކީ ސައިންޓިސްޓެކޭ ބުނާ އަޑު އިވޭ. މިއަދު ތިބުނި އެއްޗަކުން އެކަމާއި މެދު ސުވާލު އުފެދޭ. ދިވެހިރާއްޖެއިން މިޔަރު މަސްވެރިކަން މަނާކުރީ ކޮންމެހެން މިޔަރުގެ އާބާދީ ދަށްވާތީކީ ނޫން. މެރިން ރިސަރޗް ސެންޓަރުގައި އޭރު ހުރި މަރިޔަމް ރޯސްލީން ސަލީމް ބޭނުންވެގެން ކުރިކަމެއް އެއީ. ފޯނު ސަރވޭއަކަށް ބިނާކޮށްގެން ރާއްޖެއިން މިޔަރު މަދުވެއްޖެއޭ ކިޔައިގެން ހުއްޓާލީ. ދެން މިހާރު މިޔަރު ގިނަވާނެތާ ނުހިފާ ކަމުގައިވާނަމަ.
ޝާހދު
06 February 2019
ހާފިޒް އަދި ސިހާމް ރަނގަޅު ދިރާސާއެއް ހަދާބާ! މިޔަރުގެ އުނދަގޫ ފިނިކޮޓަރިއައް ވާނަމަ މިޔަރު މިހާރުން މިހާރައް ހުސްކުރަން އަނގާނެ. ޓޫރިޒަމް އަކީ ރާއްޖޭގަ ހަމައެކަނި އިގްތިސާދީ މަސައްކަތެނޫނޭ. އަހަރެމެން މަސްވެރިނވެސް މިރާއްޖޭގަ އުޅެންޖެހޭކަން ހަނދާނުގަ ބަހައްޓާ! ނޫނީ ހުރިހާމީހުންނައް ރިޒޯޓް ތަކުން ވަޒީފާދޭންވީނު؟
މުލޭ
08 February 2019
ބާނާ މަހުގެ ނިސްބަތުން ކިތައް ޕަަސެންޓް މިޔަރު ކާލަނީ؟ މިސުވާލުގެ ޖަވާބު މަސްވެެރިންގެ ފަރާތުން ހޯދަންޖެހޭ.
ވަރަށް ދެރަވަން
06 February 2019
މަސްވެރިން މިޔަރުގެ ޝަކުވާ އެކުރަނީ ދެރަވެގެން. މިހާރު ފަރުމަހަށް ދިއުންވެސް އެއީ އިތުރަށް މިޔަރަށް ކާންދިނުމަކަށް ވެއްޖެ. ބޭނޭ މަސް އަތުނުވާ ތަނުގައި އާލާތް ހަލާކުކޮށްލާ. މިޔަރަކީ މަދުން ވިހެއަސް ގިނަވާން އުނދަގޫ އެއްޗެއް ނޫން. އެސޮރުމެން ކާލާނެ ޕްރީޑޭޓާއިން އެހާ ނުތިބޭ.