ގާސިމް އިބްރާހިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ފެންފުށީގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ.
16 ފެބުރުއަރީ 2019 - 23:03
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، އެމްޑީޕީ އަށް އަޣުލަބިއްޔަތު ދިނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް މަޖިލިހުގެ ރައީސް އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އާންމު އިންތިޚާބުގައި މާމިގިލީ ދާއިރާގެ ގޮނޑި ތިން ވަނަ ފަހަރަށް ދިފާއު ކުރެއްވުމުގެ ކެމްޕެއިން ފެށުމަށް އދ. ފެންފުށީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ލިބެން ޖެހޭނީ ސަރުކާރު ކޯލިޝަންގެ ޕާޓީތަކަށް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ވެސް ގޮނޑިތަކެއް ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަމަކު، ރައީިސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ޕާޓީތަކުން ވި އެއްބަސްވުމާ އެއްގޮތަށް މަޖިލިހުގެ ގޮނޑިތައް ބަހަން އެއްބަސްނުވީ ކީއްވެތޯ ގާސިމް ސުވާލު އުފެއްދެވި އެވެ. އަދި މަޖިލިހުގެ އަޣުލަބިއްޔަތު ވަކި ޕާޓީ އަކަށް ވުރެ ބޮޑަށް ކޯލިޝަނަށް ލިބުނީމާ ރަނގަޅުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކޯލިޝަނަށް މަޖިލިހުގެ މެޖޯރިޓީ ލިބުމަކީ މައްސަލައެއް ނޫން. ހަމައެކަނި އެމްޑީޕީ އަށް މެޖޯރިޓީ ލިބިގެން ދާން އަޅުގަނޑު ދަންނަވާނީ އެއީ ހެޔޮވާވަރު ކަމެއް ނޫނޭ ކުރަން،" މި ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ނުދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުން ގާސިމް ވިދާޅުވި އެވެ.
"މިއަދު ވެސް މި ހިނގަނީ ކޯލިޝަން ސަރުކާރެއް. ކޮބައިތޯ ނުހިނގާފައި ވަކި ކަމެއް، ވަކި ޕާޓީއަކަށް މިނިސްޓަރަކު ހުރީތީ ނުކުރެވި އޮތް ކަމެއް އެބައޮތްތޯ؟ ނުކުރެވި އޮތް ކަމެއް ނެތް ދެއްތޯ؟"
ގާސިމް ވިދާޅުވި ގޮތުގައި، ސަރުކާރު ޒިންމާދާރު ކުރުވުމަށް އިދިކޮޅު މެމްބަރުން ވެސް ރައްޔިތުންގެ މަޖިލިހުގައި ތިއްބަވަން ޖެހެ އެވެ. އެހެންވެ، އެމަނިކުފާނު ވަނީ ކޯލިޝަންގެ މެމްބަރުންނަށް މަޖިލިހުގެ މެޖޯރިޓީ ލިބުމުގެ އިތުރުން ސަރުކާރު ޒިންމާދާރު ކުރެވޭ ވަރަށް އިދިކޮޅު މެމްބަރުން އިންތިޚާބުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.
ގާސިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ފެންފުށީގައި މިރޭ ބޭއްވި ޖަލްސާ އަށް ދިޔަ ބައެއް މީހުން.
"އެއީ އަޅުގަނޑުމެންނަށް ފައިދާވާނެ، ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ކަން ކަށަވަރު،" ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިތުރު ދައުރަކަށް މާމިގިލި ދާއިރާ އަށް ވާދަ ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް އެހެން ވިދާޅުވި އިރު، މި އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ ބައެއް ދާއިރާތަކަށް ޕީޕީއެމުން ކުރިމަތިނުލާން އަދި ޕީޕީއެމުން ވާދަކުރާ ބައެއް ދާއިރާތަކަށް ޖުމްހޫރީ ޕާޓީން ނުނިކުންނަން އެ ދެ ޕާޓީން އެއްބަސްވުމަކަށް ގޮސްފައިވާ ކަމަ ށްވެ އެވެ. އެކަމަކު، އެކަމާ ގުޅިގެން ގާސިމް މިރޭ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ނަމަވެސް، އެކަމަށް ބާރު ދެއްވައި، ގާސިމް ވިދާޅުވީ "އަޅުގަނޑުމެން މަގުމައްޗަށް ނެރެ އެއްލާލީމާ" ނުކުންނެވީ ނާށިގަނޑު ހިއްޕަވައިގެން ކަމަށެވެ. ރައްޔިތުންގެ ސަލާމަތާއި އަމާންކަމަށްޓަކައި ކުރަން މަޖުބޫރު ކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ބައެއް ސަޕޯޓަރުން ޖުމްހޫރީ ޕާޓީ އަށް އަމާޒުކޮށް ފާޑުކިޔާކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، ޖޭޕީން ނުކުމެ ތިބީ އެއްވެސް ބަޔަކަށް ދުއްތުރާ ކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ.
މިރޭގެ ޖަލްސާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.
"ހުއްޓުމެއް ނެތި، އަޅުގަނޑުމެންނާ ދިމާލަށް ކިތަންމެ އެއްޗެއް ކިޔަމުން ދިޔަޔަސް، އަޅުގަނޑުމެން ޖެހިލުމެއް ނުވޭ. އަޅުގަނޑުމެން އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނާޅާނަން. ހުރި ވަރެއް އަރުވާލަބަލާށޭ، އެނގިދާނެތާއޭ ކަންތައްތައް ވާ ގޮތެއް. މާތް ﷲ ކަންތައްތައް ނިންމަވާ ގޮތް ބަލަހައްޓައިގެން ތިބޭ،" އެމްޑީޕީ އަށް އަމާޒު ކުރައްވައި ގާސިމް ވިދާޅުވި އެވެ.
"އެއްވެސް ހައްގުން ކަމަކާ ނުލައި މީހުންނަށް ފޮށިގަނެ، އެހެން މީހުންނަށް އޮޅުވާލައި މީހުންނަށް މަކަރާއި ދުއްތުރާ ދީ ވައުދެއް ކޮށްފިއްޔާ އެއަށް ހުރުމަތްތެރިކޮށް ނުހިތައި، އަހުދެއް ކޮށްފި ނަމަ، އެ އަށް ބަލައި ނުލާ ކަންތައްތައް ދާން ފެށީމާ، ﷲ ވޮޑިގެންވާ ކަން ހަނދާން ކުރަން ޖެހޭ."
ކޯލިޝަނަށް މަޖިލިހުގެ މެޖޯރިޓީ ލިބުމަކީ މައްސަލައެއް ނޫން. ހަމައެކަނި އެމްޑީޕީ އަށް މެޖޯރިޓީ ލިބިގެން ދާން އަޅުގަނޑު ދަންނަވާނީ އެއީ ހެޔޮވާވަރު ކަމެއް ނޫނޭ ކުރަން.
ޖޭޕީން ނުކުތީ ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިކޮށް، ރައްޔިތުންގެ މަންފާ އަށް މަސައްކަތް ކުރުމަށް ގާސިމް ވިދާޅުވި އެވެ. އަދި ގައުމު ފަސާދަ ކުރުމަށް އެއްވެސް މީހަކަށް އެ ޕާޓީން ފުރުސަތު ނުދޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންވެ، އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
ނަމަވެސް، މަޖިލިހުގެ މެޖޯރިޓީ ޖޭޕީ އަށް އެކަނި ލިބެން ބޭނުން ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ކޯލިޝަންގެ ޕާޓީތަކަށް ވެސް ވޯޓު ދިނުމަށް ގާސިމް ތަކުރާރުކޮށް އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޕިޓަލިސްޓުން ފުޑާލާ
18 February 2019
މީނަ ރައްޔިތުންނަށް ހެޔޮއެދޭނަމަ އޭނަގެ ކޮލެޖުން ހިލޭ ހިލޭ ރައްޔިތުންނަށް ތައުލީމް ފޯރުކޮށްދޭންވީއެއްނޫން މީނަ މިއުޅެނީ ހުރިހާ ކަމެއްވެސް ވިޔަފާރި އުސޫލުން ކޮށް ރައްޔިތުން ފެލަންވެގެން. ހިލޭ ރައްޔިތުންނަށް ތައުލީ ފޯރުކޮށްދިނީތީވެ އެމްޑީޕީ އަށް ޝުކުރިއްޔާ.
ޝޮކްތެރަޕީ
17 February 2019
މި ޤައުމުގެ މިނިވަންކަން ހިފެހެއްޓުމަކީ ދިވެހިންގެ ވާޖިބެ. އަންނި މިގެންދަނީ ދިވެހިން ހަތްދަމުން. ދިވެހިންްނަ އިޅުވާލަމުން. ހަގީގަތް އެގޭއިރު ރާއްޖޭގެ މިނިވަންކަން ގެއްލިފަ އޮންނާނީ.
ނޭގުނު
17 February 2019
ގާސިމް ގެންގުޅޭ ނާށިގަނޑުން ނަރު މަށާލަދޭނެ މީހަކުވެސް ހަމަ ނެތީތަ؟
ކުރކުރ
17 February 2019
އ އަތޮޅުގައި ވެރިކަން ކުރެވުނަސް ޤައުމުގެ ވެރިޔަކަށް ގެންނަވަރުގެ މީހެއްނޫންމިއީ...
ރާބޮޑޭ
17 February 2019
ސޭޓޫ މާ އަނގަދިޔާވެގެން ނޫޅުއްވާ ހިމޭނުންހުންނާށެވެ ވާނެގޮތް އެގޭނީ ކަންވެ ނުމުނީމައެވެ
ދާދޭ
17 February 2019
ސޭޓޫ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވެރިކަންކުރާނަމަ އިދިކޮޅު ޕާޓީއެއް ނޯންނާނެ. ތިބޭނީ ވެރިމީހާއަށް ހެޔޮމަގު ދައްކާނޭ ބަޔެއް. ގޯހެއް ހިންގާނަމަ އެހިންގާ ގޯސް ރަނގަޅުކުރަން ލަފާދޭނޭ ބަޔެއް. އެބޭނުމަށްޓަކައި ކެބިނެޓެއް އެއޮތީ. ކެބިނެޓަކީ ދައުލަތުގެ މާލިއްޔާ ދަމައިގަންނަން އޮތް ބައެއްނޫން. ﷲގެ ގާނޫނު ތަންފީޒު ކުރީމާ އިންސާފު ގާއިމްކުރެވި މުޖުތަމައަށް ހަމަޖެހުން ލިބިގެންދާނެ. ޓްރަމްޕްވެސް އެބުނަނީ ހަމަ އެވާހަކަ. ކުށްކުރާމީހުންގެ ކިބައިން ސަލާމްވުން
ސޭޓޭ
17 February 2019
ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައިއޮވެ އިދިކޮޅު ފަރާތްތަކާއި ޑީލް ހެދުމަކީ މިއީ ހަމަޖެހޭ އުސޫލެއްނޫން. މިހާރުން މިހާރަށް ޖޭ.ޕީ ކޯލިޝަނުން ވަކިކުރުމަށް ގޮވާލަން.
ދާދޭ
17 February 2019
ސޭޓަކީ ވަރަށް ނުބައި ވިސްނުމެއް ގެންގުޅޭ މީހެއްކަން މަޖިލީހުގެ މެންބަރުންނަށް މުސާރަ އެތައް ގުނައެއް ބޮޑުކުރުމާއި ބަޣާވާތް ކުރުމާއި ސިއްރުހެކި ހުށަހަޅައިގެން 2013 ވަނައަހަރުގެ ރިޔާސީ އިންތިޚާބު ފޭރިގަތުމުން އެނގޭ. މިފަހަރުވެސް ރޭވީ ޔާމީނުގެ ގޭންގް ކައިރިކޮށްގެން ބަޣާވާތްކުރަން. ނަމަވެސް މައުމޫނާއި އަދާލަތުން މީނަގެ ދަލުގައި ނުޖެހުމުން ދެން "ބޮޑު" ބޮހާ ބައިއަތު މިހިފީ.
މިއީ ޕްލޫޓަކްރެސީއެއް
17 February 2019
ގާސިމްއަށް ތާއީދުކުރަނވީ އޭނާ ރައްޔިތުން ތަނަވަސް ވުމަށް ނޭދޭތީވެ އަދި މިގައުމުގައި އިންކަމް ޓެކްސް ތައާރަފް ނުކުރުމަށް---- އެއިން ރައްޔިތުން ގެ ދިރިއުޅުމަށް އިންގިލާބެއް އަންނާނެތީވެ.
ްބަޓް
17 February 2019
ގާސިމްގެ ބަސްމަގާ އަމަލު ތިޔަ ބަހައްޓާ ގޮތުން އެތައް ބަޔަކު އެމްޑީޕީއަށް ވޯޓްއަޅަން ހިތްވަރު ލިބޭނެ...ތިވަރަށް އެމްޑީޕީއަށް އެއްޗެހި ކިޔައި ޕީޕީއެމާ ގާތްވުމުން ވާނެ ފައިދާއަށް ވުރެ ބޮޑުވާނީ ލިބޭ ގެއްލުން. އެމްޑީޕީއަށް މެޖޯރިޓީ ދޭން ހެޔޮނުވިއަސް ލިބިފަ އޮއްވާ ފެންނާނީ.