އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އިންތިޚާބު ފަސްކުރަން ޖެހޭ ސަބަބެއް އޮތް ކަމަކަށް އެ ކޮމިޝަނުން ގަބޫލެއް ނުކުރޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު
23 ފެބުރުއަރީ 2019 - 17:53
އަންނަ އެޕްރީލް ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ވަނީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަން އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އިންތިޚާބު ފަސްކޮށްދޭން އީސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް އެދިފަ އެވެ. އެކަށީގެންވާ މާހައުލެއް ނެތް ކަމަށް އެ ކޯލިޝަނުން ގަބޫލުކުރަނީ، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށްފައި ވުމެވެ.
މާފުށީ ޖަލުގައި ޔާމީން ބަންދުކުރީ، އެމްއެމްޕީއާރުސީ ފައިސާ ވަދެފައިވާ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުން އެމަނިކުފާނު މަނީ ލޯންޑަރިން ހިންގެވި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ދައުވާގެ ޝަރީއަތް ނިމެންދެނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އިންތިޚާބު ފަސްކުރަން ޕީޕީއެމުން އެދިފައި އޮތަސް އީސީގެ ވިސްނުމަކީ މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް އިންތިޚާބު ބޭއްވުމެވެ. އިންތިޚާބު ފަސްކުރަން ޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަކަށް އެ ކޮމިޝަނުން ގަބޫލުނުކުރާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަންގެ ވިސްނުމަކީ މިހާރު ކަނޑައަޅާފައިވާ ތާރީޚުތަކުގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުން،" އަކްރަމް ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވެސް ފަސްކޮށްދޭން ޕީޕީއެމުން އެދުނެވެ. އެ ފަހަރު ސިވިލް ކޯޓުގެ ހުކުމް އައީ، ޕީޕީއެމާ އެއްކޮޅަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާ އަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން، 395 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެންމެ ގިނަ މީހުން ކުރިމަތިލީ އަމިއްލަ ގޮތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު މުނީރު
24 February 2019
އިންތިހާބު ފަސްކުރުން ވަރަށް މުހިންމު، ގާނޫނީކަމެއްނޫން އެކަމަކު އާސަރުކާރުން ކޮންމެހެން މިހާރުން މިހާރަށް ނިންމަންޖެހޭ ވަރަށްބައިވަރު ކަންކަން އެބަހުރި، އެހެންކަމުން ލަސްކުރުން އެންމެ ރަނގަޅުވާނީ
މަރޭމިތުރު
24 February 2019
އިންތިހާބެއް ކުޑަކުޑަކަމަކުން ފަސްނުކުރައްޗޭ! އިންތިޒާރުގަ ވޯޓްލާންތިބި މީހުން ޑިލޭނުކުރައްޗޭ!.................. އަޅުގަނޑު މިހުރީ ވޯޓުލުމަށް ކުރަންޖެހޭ އެންމެހާކަންކަން ކޮށްގެން. އަޅުގަނޑުގެ ވޯޓު ޑިލޭވާ އެއްވެސް ކަމެއް ކޮށްފިނަމަ އެބަޔަކަށް މާފެއްނެތް. މަގޭ ވޯޓަކީ މަގޭ ހައްގެއް. މަގޭ ގައުމުގެ އަމާނާތެއް!
މަވޯޓާ
23 February 2019
ރިޔާސީ އިންތިހާބުން ބަލިވުމާއި އެކު ބަލި ގަބޫލުކޮށް - މަޖިލީހުގެ ކެމްޕެއިން ފެށިނަމަ ތިޔާހެން ތިކަމެއް ނުވީސް - ޔާމީނުގެ ސްޕީޗްގައި ބުނަން ޖެހޭނީ " ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކާއި އެކު މަޖިލީހުގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާކުރަން ކެމްޕެއިން ފަށައިފިން"
ދަތްނެތްކުއްޖާ
23 February 2019
ރައްޔިތުން ބަލައި ނުގަންނަ ތާކުން ތާކުން ނުޖެހޭ ޕާރޓީ ތަކުން ދައްކާ ވާހަކަ ތަކަށް އީސީ އިން ރައްދު ދޭން ނުޖެހޭނެ ކަމަށް މަމެން ރައްޔިތުން ދެކެމު!
ޔެސް
23 February 2019
ބަރާބަރު. އީސީ ޝަރީފުގެ ތިހުރި ވަރެއް ނިކަން ދައްކާލަޗޭ މިފަހަރު
ވިސްނާން އަދިވެސް ވަގުތް . . .
23 February 2019
މިފަހަރު ވެންމަސް ވެނަށް ކާންދެނީ ތޯ ؟؟؟