އަބީޝެކް (ކ) އަދި ބަންސާލީ.
06 މާޗް 2019 - 07:24
ޕާކިސްތާނަށް ނިސްބަތްވާ މިދިޔަ މަހު ޓެެރަރިސްޓް ޖަމާއަތަކުން ކަޝްމީރުގެ ޕުލްވާމާގައި ތިބޭ އިންޑިއާގެ އަސްކަރީ އޮފިސަރުންތަކަކަށް ހަމަލާދީ ސިފައިންގެ 40 އަށް ވުރެ ގިނަ އޮފިސަަރުން މަރައިލި ހާދިސާ އާއި އެކަމާ ގުޅިގެން އިންޑިއާ އިން ރައްދުގައި ދިން ހަމަލާތަކުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އިންޑިއާ އިން މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ބަލަކޯޓް ސާޖިކަލް ސްޓްރައިކަށް ވަކިން ހާއްސަކޮށް އަލިއަޅުވާލައިގެން ހަދާ ފިލްމު ޕްރޮޑިއުސް ކުރަނީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު އަބީޝެކް ކަޕޫރްގެ އިތުރުން މަހާވީރު ޖެއިން ގުޅިގެން ކަމަށެވެ.
އެގޮތުން ފިލްމުގެ ނަމަކަށް ރަޖިސްޓްރީކޮށްފައިވާ ނަންތަކުގެ ތެރޭގައި "ބަލަކޯޓް"، "ޕުލްވާމާ: ދަ ޑެޑްލީ އެޓޭކް" އަދި "ސާޖިކަލް ސްޓްރައިކް 2.0" ހިމެނެ އެވެ.
ބަލަކޯޓް ސާޖިކަލް ސްޓްރައިކް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގެ ވިންގް ކޮމާންޑަރު އަބިނަންދަން ވަރުތަމަން އިސްކޮށް ހުރެގެންނެވެ. މި ހަރަކާތުގެ ތެރޭގައި އޭނާ ދުއްވި އަސްކަރީ މަތިންދާ ބޯޓް ވައްޓާލައި، ޕާކިސްތާން ސިފައިން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އޭނާ އެ ގައުމުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ނަމަވެސް މި މަހުގެ އެއް ވަނަ ދުވަހު ޕާކިސްތާނުން އަބިނަންދަން ދޫކޮށްލުމުން އިންޑިއާގެ ރައްޔިތުން ވަނީ އޭނާ އަށް ގައުމީ ބަތަލެއްގެ ދަރަޖަ ދީފަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމުން ފެންނާނެ ކަމަށް ބެލެވެނީ އޭ ލިސްޓް ތަރިންތަކެއް ކަމަށެވެ. އެހެންވެ ވަކިން ހާއްސަކޮށް އަބިނަންދަންގެ ކެރެކްޓާ ކުޅޭނެ އެކްޓަރަކީ ކޮބައިތޯ ބަލައިލަން ގިނަ ބަޔަކު މިހާރު ވެސް ޝައުގުވެރި ވާނެ ކަމަށް ބެލެވެ އެވެ.
އަބިނަންދަން: ޕާކިސްތާނުން އޭނާ އަތުލައިގެންފައި ދޫކޮށްލި.
ނަމަވެސް މީގެ ކާސްޓާއި ޑައިރެކްޓަރާއި ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ޖައިޝޭ މުހައްމަދު އިން އިންޑިއާ އަށް ދިން ހަމަލާގައި އެ ގައުމުގެ ސިފައިންގެ 42 އޮފިސަރުން މަރުވެފައިވެ އެވެ. މި ހާދިސާއާ ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ހިނގާފައި ވަނީ ވެސް ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން ކުރިއަށް ގެންދިޔަ ސާޖިކަލް ސްޓްރައިކަކަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
އެއީ ވިކީ ކޯޝަލް ބަތަލުގެ ރޯލް ކުޅުނު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އެވެ. އަދިތިޔާ ދާރް ޑައިރެކްޓް ކުރި މި ފިލްމަކީ ކަޝްމީރުގެ އުރީގައި ގާއިމުކޮށްފައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް 2016 ގައި ދިން ނުރައްކާތެރި ހަމަލާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ހާދިސާގައި އިންޑިއާގެ 19 އޮފިސަރެއްގެ ފުރާނަ ގޮސްފައިވެ އެވެ.
ޖެނުއަރީ މަހުގެ 11 ގައި ރިލީޒް ކުރި "އުރީ" އަށް ބޮކްސް އޮފީހުގައި ޖުމްލަ 353.71 ކްރޯޑް ރުޕީސްގެ އާމްދްނީއެއް ލިބުނު އިރު، އެ ފިލްމުގެ ބަޖެޓަކީ އެންމެ 45 ކްރޯޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްވާ
06 March 2019
ހަފްތާއެއް ނުވެ ފިލުމު ކުޅެނީ. ދެއްކުންތެރިކަމާ، ތާރީޚު އޮޅުވާ، ވަކިބައެއް މޮޅުކަން ދެއްކުމަށް ބޭނުންކުރާ އުކުޅެއް. މިކަން އެންމެ ބޮޑައް ފެންނާނީ އެމެރިކާ ހޮލީވުޑުން. މީހުންގެ ސިކުނޑިތަކާ ކުޅުން މަގްސަދަކީ.
ރަދީފް
06 March 2019
މަހަށް ދޭބަލަ.
ނިކް
06 March 2019
ފިލްމް ނިމޭނީ އިންޑިޔާ ކޮޅައް ހުރިހާ މޮޅެއް ލިބުންް ކަމައް .... ޕާކިސްތާން ޒިންދާބާދު