އިންޑިއާ އަށް ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޓޫރިސްޓުންނެއް ދަތުރު ކުރޭ. --ފޮޓޯ:އޭއެފްޕީ
30 އޯގަސްޓް 2016 - 10:54
ނިއު ދިއްލީ (އޮގަސްޓް 30) - ބޭރު ގައުމުތަކުން ޒިޔާރަތް ކުރާ ޓޫރިސްޓުން އިންޑިއާގައި އުޅޭ އިރު ސްކާޓް ނުލުމަކީ ސަރުކާރުން އެދޭ ގޮތް ކަމަށް އެ ގައުމުގެ ކަލްޗާ މިނިސްޓަރު މަހޭޝް ޝަރުމާ ވިދާޅުވެއްޖެ އެވެ.
ޝަރުމާ ވިދާޅުވީ ޓޫރިސްޓުން އިންޑިއާ އަށް އެތެރެވާ އިރު އެ މީހުންނަށް އިންޑިއާގައި ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތަކުގެ ލިސްޓެއް ހަވާލު ކުރާ ކަމަށެވެ. މީގެ ތެރޭގައި ސްކާޓްލައިގެން ނޫޅުމާއި ކުދި ޓައުންތަކުގައި ރޭގަނޑު އެކަނި ބޭރަށް ނުދިއުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. ކަލްޗާ މިނިސްޓަރުގެ މި ކޮމެންޓާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މިނިސްޓަރު ފަހުން ވަނީ އޭނާ ވިދާޅުވި އެއްޗެއް ސާފުކޮށް ދެއްވައިފަ އެވެ. ޝަރުމާ ވިދާޅުވީ ސްކާޓް ލައިގެން ނޫޅުމަށް އޭނާ އެދިފައިވާނީ ދީނީ ތަންތަނުގައި ކަމަށެވެ.
ޝަރުމާ ކުރިން ވިދާޅުވި ބައެއް ކޮމެންޓްތަކަށް ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އޭނާ މިދިޔަ އަހަރު ވަނީ އަންހެން ކުދިން ރޭގަނޑު ބޭރަށް ދިއުމަކީ އިންޑިއާގެ ސަގާފަތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އެއާޕޯޓްތަކުން ޓޫރިސްޓުންނަށް ދޭ މަރުހަބާގެ ކިޓުގައި އޮންނަ ކާޑުގައި ވާނެ ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތަކުގެ ލިސްޓެއް. އޭގައި އޮންނާނެ ޓޫރިސްޓުން ކުދި ޓައުންތަކުގައި އުޅޭ އިރު ރޭގަނޑު އެކަނި ބޭރަށް ނުދިއުމާއި ސްކާޓްލައިގެން ނޫޅުމަށް. އަދި ޓޫރިސްޓުން ދަތުރުކުރާ ކާރުގެ ފޮޓޯއެއް ނަގާ ރައްޓެއްސަކަށް ފޮނުވަން ވާނެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަރުމާ އާދިއްތަ ދުވަހު ވިދާޅުވި އެވެ.
އިންޑިއާ އަށް އަންނަ އަންހެން ޓޫރިސްޓުންނަށް ޑްރެސް ކޯޑެއް ކަނޑައަޅަނީތޯ ނޫސްވެރިން ސުވާލު ކުރުމުން ޝަރުމާ ވިދާޅުވީ "އިންޑިއާ އަކީ ވަރަށް ސަގާފީ ގައުމެއް" ކަމަށާއި ފައްޅިތަކަށް ދާއިރު ވެސް ވަކި ގޮތަކަށް ހެދުން އަޅާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޘަޤާފަތް
31 August 2016
އިންޑިއާގެ ޘަޤާފަތުގެ ވާހަކަ އެގައުމުގެ މިނިސްޓަރު ދެއްކީ ދިވެހިރާއްޖޭގެ އޮތް ޘަޤާފަތަކީ ޓޫރިސްޓުން އުޅޭނެގޮތަކަށް އުޅުންކަމަށްވަނީ. އެހެންވީމަ ހުރިހާކަމެއް ދަނީ ރަނގަޅަށްކަމަށް ބެލެވެނީ. ދީނީ ވާހަކަ ދައްކާނަމަ އެންމެ ފުރަތަމަ ފަށަންވީ އެންމެ މަތިން. މަތިވެސް ތިރިވެސް މެދުވެސް އެކިއެކި ފަރާތްތައްވެސް އެބަޖެހޭ އިސްލާހުކުރަން.
ޖިލްބާބު
30 August 2016
ރާއްޖެ ކަހަލަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ މިނިސްޓަރެއް މިތަނައް ޒިޔާރައްކުރާ ފަތުރުވެރިން ނިވާކަންކުޑަ ހެދުން ނުލާން ދުވަހަކުވެސް ނާންގާތީ ހައިރާންވޭ. ހަމަ ސައްތައިން ސައްތައީ، އުތަ
އަކުރަމް
30 August 2016
މިކިޔަނީ ރާއްޖޭހަގައިވެސް ކުރެވޭނެ ހެދުން އެޅޭނެ ގޮތާއި ތަންތަން ހަމަޖައްސާށޭ، ރާއްޖެއަށް އަންނަނީ އެވެރިންގެ ގައުމުން އޫރުމަހާ ބަނގުރަލާ ނުލިބޭތީ އެ ކާން އަދި ބޯކަށްވެސް ނޫނޭ. އެވެސް ހުއްޓާލާށޭ. ފަތުރުވެރިން ވަކި އަންނަލެއް މަދެއްނުވާނޭ