ކުރީގެ ރައީސް މައުމޫން، ހައުސިން މިނިސްޓަރު އާތިފާއާ މިރޭ ސަލާމް ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
30 މާޗް 2019 - 00:23
މި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކަށް، އާންމު އިންތިޚާބުގައި އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އަނިޔާވެރިކަން އެނބުރި އިޔާދަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރައްވާ މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ކެމްޕެއިން ޖަލްސާގައި ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވައި، މައުމޫން ވިދާޅުވީ އޭރުގެ އަނިޔާވެރިކަން އިޔާދަވުމަކީ ދިވެހިން ދެކެން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
"ކޯލިޝަން ޕާޓީތައް ނޫން އެހެން ޕާޓީތަކަށް މެޖޯރިޓީ ލިބިއްޖެ ނަމަ، އެއްކަލަ އަނިޔާވެރިކަން އަނބުރާ އަންނާނެ. އެއްވެސް ކުށެއް ނެތް އެތައް ބަޔަކު ޖަލަށް ދާން ޖެހޭނެ. މީހުންގެ ވަޒީފާތައް ގެއްލޭނެ. މީހުން މަގުމަތިވާނެ. މީހުންގެ ހައްގުތައް ގެއްލިގެންދާނެ. އެއީ ބޭނުންވާ ކަމެއް ނޫން،" އެމްޑީޕީ ފިޔަވައި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މައުމޫންގެ ފެކްޝަނަށް ނިސްބަތްވާ ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާ ގައި މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑަށް ބޯ އެނބުރުމުގެ ކަމެއް ވެސް އެ ދުވަސްވަރު ދިމާވި. އެހެންވެ، އެކަނި ހުރުމަކީ އަޅުގަނޑަށް ރައްކާތެރި ކަމަކަށް ނުވޭ. ހަތަރު ޑޮކްޓަރުން ލިޔުން ދެއްވާފައި އޮތް. އަޅުގަނޑު ގެއަށް ބަދަލުކުރަން. އާއިލާއެކީގައި ހުންނަން ޖެހޭނެ ކަމަށް. ކާކުތޯ އެ ލިޔުންތައް ދުށީ؟ ކާކުތޯ އަޅާލީ؟ އެއް ކަމެއް ވެސް ނުވި. ހަމަ ހުރި ގޮތަށް ހުންނަން ޖެހުނީ." --- މައުމޫން
އިސްކަންދަރު ސްކޫލްގައި ބޭއްވި ފާރިސްގެ ކެމްޕެއިން ޖަލްސާގައި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މައުމޫން ވިދާޅުވި ގޮތުގައި، ކޯލިޝަން ޕާޓީތައް ނޫން އެހެން ޕާޓީތަކުގެ ކެންޑިޑޭޓުން އިންތިޚާބުވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫނެވެ. ކޯލިޝަންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދަން އެހީތެރިވެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މިނިވަން ކެންޑިޑޭޓަކަށް ވެއްޖެ ނަމަ، ސަރުކާރަށް ތާއީދު ކުރައްވައި ކޯލިޝަންގެ މަގުސަދުތަކާއި އުސޫލުތައް ހިފަހައްޓަން މަސައްކަތް ކުރައްވައި ރައްޔިތުންގެ މަޖިލިހުގައި ވޯޓު ދެއްވަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ. މައުމޫންގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ތާއީދާ އެކު މި ފަހަރުގެ އިންތިޚާބަށް ނުކުމެވަޑައިގެންނެވި ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަތެވެ.
ޔާމީންގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް ވިދާޅުވެ، މައުމޫން މިސާލު ނެންގެވީ، އެމަނިކުފާނާއި ފާރިސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުންނެވެ.
ކުރީގެ ރައީސް މައުމޫން، އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް އާ މިރޭ ސަލާމް ކުރައްވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މައުމޫން ވިދާޅުވި ގޮތުގައި، ކޯލިޝަން އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެއް ކަމުގައިވާ ފާރިސް، ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ހޯއްދަވައިގެން ކުރެއްވި މަސައްކަތާ މެދު އޭރުގެ ސަރުކާރުން ހިތްހަމަނުޖެހިގެން ބަންދު ކުރީ ދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށެވެ. އެކަމަކު، ފާރިސް ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަންކަން ކުރެއްވި ބޭފުޅަކަށް ނުވާތީ، އެކަންކަން ސާބިތުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެކަމަކު، އޭރުގެ ސަރުކާރުން އެކި މީހުންނާ މެދު ގެންގުޅުނު ސިޔާސަތުގެ ސަބަބުން ވަރަށް ގިނަ ދުވަސް ވަންދެން ފާރިސް ޖަލުގައި އޮންނެވި، ފާރިސް ޖަލުގައި ހުންނަވާތީ އަޅުގަނޑަށް ކެތް ނުކުރެވިގެން އަޅުގަނޑު ވެސް ދިޔައިން ފާރިސް ކައިރީގައި ހުންނަން،" ޔާމީންގެ ސަރުކާރުގައި ކުށެއް ނެތި ހަތް މަހާއި 23 ދުވަހު ޖަލުގައި އޮންނަން ޖެހިވަޑައިގެންނެވި ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވި އެވެ.
ދަރިކަލުން ފާރިސްގެ ކެމްޕެއިން ޖަލްސާގައި މައުމޫން މިރޭ ވާހަކަފުޅު ދައްކަަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި މިރޭގެ ޖަލްސާ ގައި މައުމޫން ވިދާޅުވީ އެމަނިކުފާނު ގެ އަށް ބަދަލު ކުރަން ހަތަރު ޑޮކްޓަރުން ލިޔުން ދެއްވި ނަމަވެސް، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ޔާމީންގެ ސަރުކާރުން އަމަލުކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑަކީ މާ ޒުވާން ކުއްޖެއް ވެސް ނޫން މިހާރަކު. އެހެންވީމާ ދިމާވާ ކަންތައްތަކެއް ވެސް ހުންނާނެ. އަޅުގަނޑަށް ބޯ އެނބުރުމުގެ ކަމެއް ވެސް އެ ދުވަސްވަރު ދިމާވި. އެހެންވެ، އެކަނި ހުރުމަކީ އަޅުގަނޑަށް ރައްކާތެރި ކަމަކަށް ނުވޭ. ހަތަރު ޑޮކްޓަރުން ލިޔުން ދެއްވާފައި އޮތް، އަޅުގަނޑު ގެ އަށް ބަދަލުކުރަން. އާއިލާ އެކީގައި ހުންނަން ޖެހޭނެ ކަމަށް،" ޓެރަރިޒަމްގެ ތުހުމަތުގައި މިދިޔަ އަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މައުމޫން ވިދާޅުވި އެވެ.
"ކާކުތޯ އެ ލިޔުންތައް ދުށީ؟ ކާކުތޯ އަޅާލީ؟ އެއް ކަމެއް ވެސް ނުވި. ހަމަ ހުރި ގޮތަށް ހުންނަން ޖެހުނީ."
މައުމޫން ވިދާޅުވި ގޮތުގައި ދިވެހިން ބޭނުން ވަނީ އަމާންކަމާއި އޮމާންކަމާ އެކީ ކުރިއަށް ދިއުމަށާއި މުޖުތަމައުގައި ހަމަޖެހުން އޮތުމަށެވެ. އަދި އެންމެންނަށް އުފާވެރިކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމު ކުރެވޭނީ ކޯލިޝަނަށް އަޣުލަބިއްޔަތު ލިބިގެން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހަިދު
30 March 2019
ވެރިކަން ހިންގާ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު އެއްބައެއްގެ އަތް މަތީގައި 30 އަހަރު ބާއްވައިގެން ވަހުދަތު މޮޑުނު ގޮތަށް ދެން ނުވާނެ. ވޯޓުގެ ފަހުން ބޭބެއަށް މަންޒަރު ސާފު ނުވަންޏާ ދެން ވަރަށް ސަލާމް
ސަމާ އާދަނު ލާރިބެހި
30 March 2019
ވަރަށް ހެއު ބަސްފުޅެއް އަނިޔާވެރިކަން އިޔާދަވާން ފުރުޞަތު ދެވިގެން ނުވާނެ
ކަނބިލި
30 March 2019
ސުބުޙާނަﷲ އަނިޔާވެރި ކަމޭތޯ؟ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމަކީ ބޭއިންސާފާއި އަނިޔާވެރިކަން ނޫންތޯ؟ އެމްޑީޕީ ވުޖޫދުވީ މަނިކުފާނުގެ ވެރިކަން ދިގުލައި އަނިޔާވެރިކަން ހައްދުފަހަނަ އެޅީމާ މަނިކުފާނުގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ނޫންތޯ. މަނިކުފާނު މިކަންކަން ހަނދުފުޅު ނެތަސް ރައްޔިތުން ހަނދާން އެބަހުރި އެނގޭތޯ.
ޤައުމު
30 March 2019
މަނިކުފާނުގެ ވެރިކަމުގަ ތިއީ ބޮޑު އަނިޔާވެރިޔެކޭ ކިޔާ މުޅި މާލެ ސުންނާފަތިކޮށް ހެދީ ތިޔަ ރީނދޫހުން ޖެހިފަ ތިބި މީހުން. ޢޭރު ރީނދޫ ބައިގަނޑަށް މަޢުމޫން ވަރުގެ ނުބައި މީހެއް ވެސް ނެތް. ޢެކަމަކު މިހާރު ހުދު ކާފޫރަށް ވެފަ
ޥަހިދު
30 March 2019
ކޯލިޝަނުގައި ނުހިމެނެނީ ޕީޕީއެމް. ޕީޕީއެމްގެ ގިނަ ދާއިރާތައްް އެހުރީ ޤާސިމަށް ދީފައި. މަނިކުފާނު ކީކޭތޯ ތިކިޔަނީ
އިބްޝާ .
30 March 2019
ކޮންމެބަޔަކު ޕާޓީހެދިޔަސް، ވެރިކަންކުރިޔަސް ދިވެހިރާއްޖޭގަ ހިންގަންޖެހޭނީ އެމްޑީޕީގެ ފިކުރު.. ވީމާ އެމްޑީޕީއަށް ނެތް ގެރެންޓީއެއް ކޮންތާކުންހޯދާނީ.. ރ މައުމޫން ޕޮލިހަށް ހާޒިރުކުރީ ދޭންޖެހޭ ފުރިހަމަ އިއްޒަތާ ށަރަފާއެކު.. އެމަނިކުފާނުގެ 30އަހަރަށް ފާޑުކީނަމަވެސް އެމްޑީޕީން އެމަނިކުފާނަށް ކުޑަވެސް އަނިޔާ އެއް ވާކަށް ބޭނުމެއްނުވާނެ.. އަދި އެމްޑީޕީގެ މެމްބަރުންވެސް ތިބީ އެއްވެސް ބަޔަކަށް އެފުރުސަތު ދޭކަށްނޫން..
ފިރުޝާން ނޫނާ
30 March 2019
ކޮންމެ ލީޑަރެއްވެސް ބޭނުންވަނީ އެމީހެއްގެ އަންބޮޑި ބޮޑުކުރަން، މައުމޫނުވެސް، ގާސިމްވެސް، އިމްރާނުވެސް، އަދި ނަޝީދުވެސް ހަމަ އުޅެނީ ވަކިން އެމީހެއްގެ ޖީބް ބޮޑުކުރަން، ބާރާއި ނުފޫޒް ގަދަކުރަން، ރައްޔިތުންގެ ހައްގަށްޓަކައި އުޅޭ އެކަކުވެސްނެއް، އަދިވެސް ކުރިއަށް އޮތްތަނުގައިވެސް އެކުވެގެން ޤައުމު އިސްލާހްކުރަން އެކަކުވެސް ނުއުޅޭ، އެކަމަކު ބުނަންތަ ވާހަކައެއް، އަދި ތިޔަ 4 ލީޑަރުން އަންނާނެ ރައްޔިތުންގެ ކިބައިން އެހީހޯދުމަށް
ކަޅުކަޅު ދޮނޭ
30 March 2019
ޔާމީން އުޅެނީ ޖަލުން ފިލޭތޯ..
ދީމާ ހަބީބު
30 March 2019
4 ލީޑަރުން ދިވެހި ރައްޔިތުންނަށްވި ވައުދު އޮޔާ ހިނގައްޖެ، ތިޔަ 4 ލީޑަރުންވި ވައުދަކީ ސަރުކާރާއި ހަވާލުވެ، ޔާމީނުގެ ސަރުކާރުގައި ކުރި ވައްކަން ބަލައި، ގެއްލިފައިވާ މީހުން ހޯދައި އޭގައި ބައިވެރިވި މީހުން ޒިންމާ ދާރުކުރުވައި، މުޅި ދައުލަތުގެ އެކި އެކި ޕްރޮޖެކްޓް ދީގެން ވަރަށްނެގި ފައިސާގެ އަދަދު ހޯދައި، ނުހައްގުންދިން ފަޅުރަށްތަކާއި ފަޅުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ އަދި ސަރުކާރުގެ ވެރިންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް ހައްގު އަދަބްދޭން
މައިޝާނު ހަބީބު
30 March 2019
އަނިޔާވެރިވި މީހުންގެ ތެރެއިން ބަދަލުވީ ވަރަށް މަދުބައެއް، ފުލުހުންގެ ތެރޭގައި، ސިފައިންގެ ތެރޭގައި އަނިޔާވެރިވި މީހުން އެބަތިބި، ކޯޓުތަކުގެ ތެރޭގައި ހަމަ އެމީހުން އެބަތިބި، މިހާރު މަޖިލިސް އޮތީ ކޯލިޝަނަށް، ދެން ކީއްވެގެން ކޯލިޝަން ގުޅިގެން ތިޔަ ވިދާޅުވާ އަނިޔާވެރިކަން ނައްތާނުލެވިގެން އުޅެނީ؟ ކީއްކުރަންތޯ 6 އެޕްރީލްއަށް މަޑުކުރަންވީ؟ 6 އެޕްރީލްގެ ފަހުން އެނގެނީތޯ ކޯލިޝަން މެޖޯރިޓީގައި އޮންނާނެކަމަށް؟
ޢަހްމަ
30 March 2019
ކުރެވިފަހުރި ކަންތައްތަކުން ބިރުފުޅުގަންނަނީދޯ