ލައިފްސްޓައިލް / ސޯޝަލް މީޑިއާ

އިނގިރޭސި ކޮސްމެޓިކް ކުންފުނި "ލަޝް" ސޯޝަލް މީޑިއާ ބޭނުން ކުރުން ހުއްޓާލައިފި

"ލަޝް" ގެ އައުޓްލެޓަކަށް ކަސްޓަމަރުންތަކެއް ވަންނަނީ.

ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގައި ސޯޝަލް މީޑިއަކީ މިހާރު އެހާ ފަސޭހަ ވަސީލަތަކަށް ނުވާ ކަމަށް ބުނެ، އިނގިރޭސިވިލާތުގެ މަޝްހޫރު ކޮސްމެޓިކް ކުންފުނި "ލަޝް" އިން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓައިލަން ނިންމައިފި އެވެ.

އެކަން އެ ކުންފުނީ ޓްވިޓާ، އިންސްޓަގްރާމް އަދި ފޭސްބުކް އެކައުންޓްތަކުގައި ހިއްސާ ކުރަމުން ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާ މުއާމަލާތްކުރުން ހުއްޓައިލި ނަމަވެސް އެއަށް ވުރެ ގާތުން އެކަން ކުރާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ކަސްޓަމަރުންގެ ސޯޝަލް މީޑިއާ ފީޑުން ލަޝްގެ ޕޯސްޓްތައް ދައްކަން ޚަރަދެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

އެގޮތުން ވަކިން ހާއްސަކޮށް އިނގިރޭސިވިލާތުގެ ކަސްޓަމަރުންނާ ސީދާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ އިތުރުން ކުންފުނީގެ ވެބްސައިޓާއި ހޮޓްލައިނާއި އީމެއިލް މެދުވެރިކޮށް "ލަޝް" އާ މުއާމަލާތް ކުރެވޭނެ ކަމަށް ބުންޏެވެ.

ވިޔަފާރިތައް ކުރިއަރުވައި އަދި ކަސްޓަމަރުންނާ ވީހާ ވެސް ގާތް ގުޅުމެއް އުފެއްދުމަށް މުޅި ދުނިޔޭގައި ވެސް ސޯޝަލް މީޑިިއާގެ ބޭނުން ކުންފުނިތަކުން ހިފަމުން އަންނަ ޒަމާނެއްގައި "ލަޝް" ސޯޝަލް ޕްލެޓްފޯމްތައް ދޫކޮށްލަން ނިންމުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ އެ ކުންފުންޏަށް ފާޑު ވެސް ކިޔައިފަ އެވެ.

އަދި މިކަމުގެ ސަބަބުން ކުންފުންޏަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށާއި ވާނެހާ ވެސް ކަމަކީ ކަސްޓަމަރުން މަދުވެ، ކުންފުންޏަށް ގެއްލުންވުން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

"ލަޝް" އަށް ފާޑުކީ ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ސޯޝަލް ޕްލެޓްފޯމްތައް ދޫކޮށްލަން ނިންމީ އެ ބޭނުން ކުރަން ރަނގަޅަށް ނޭނގުމާއި ކުންފުނީގެ އުފައްދުންތަކަށް އާންމުންގެ ސަމާލުކަން ލިބޭ ގޮތަށް ކޮންޓެންޓް ހަދަން ނޭނގޭތީ ކަމަށެވެ.

އެހެންވެ މިކަމަށް އޮތް އެއް ހައްލަކަށް ވާނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިޔަފާރި ތަރައްގީކުރަން އެނގުމާއި ކަސްޓަމަރުން ޝައުގުވެރި ވާނެ ގޮތްގޮތަށް ސޯޝަލް ޕްލެޓްފޯމްތައް ހޭންޑްލް ކުރަން އެނގޭ ބަޔަކާ އެކަން ހަވާލު ކުރުން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އުފެއްދުންތައް ތައްޔާރު ކުރުމުގައި ކުކުޅު ބިސް ބޭނުން ކުރުން ހުއްޓާލައިފާވާކަން ދާދި ފަހުން އިއުލާން ކުރި "ލަޝް" އިން ސޯޝަލް މީޑިއާ ފްލެޓްފޯމްތަކާ ދުރަށް ދާން ނިންމި އިރު، ޓްވިޓާ އިން އެ ކުންފުނި ފޮލޯކުރާ މީހުންގެ އަދަދު 202،000 އަށް އަރަ އެވެ. އިންސްޓަގްރާމުން "ލަޝް" 596،000 މީހުން ފޮލޯކުރާ އިރު، ފޭސްބުކް ފޮލޯވަރުންގެ އަދަދު 432،000 އަށް އަރަ އެވެ.

ދުނިޔޭގެ ބޮޑެތި އަދި މަޝްހޫރު ކުންފުނިތަކުން އުފެއްދުންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެންމެ ބޮޑަށް މިހާރު ހިއްސާ ކުރަނީ ސޯޝަލް މީޑިއާގެ ޒަރީއާއިންނެވެ. އަދި މިއީ މިހާރު ކަސްޓަމަރުންނާއި ކުންފުނިތަކާ އޮންނަ ގުޅުން އެންމެ ފަސޭހައިން ބަދަހިވާ ގޮތް ވެސް މެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454