ބާގާ ކިންގުން ތައާރަފު ކުރި "ރިއަލް މީލް" ގެ ޕެކްތަކެއް.
03 މެއި 2019 - 08:34
އެމެރިކާގެ މަގުބޫލު ފާސްޓްފުޑް ޗެއިން ބާގަ ކިންގުން ކަސްޓަމަރުންގެ މޫޑާ ގުޅޭ ކެއުންތަކެއް ތައާރަފުކޮށްފި އެވެ.
މި ވަގުތު ހަމައެކަނި އެމެރިކާގެ ބައެއް އައުލެޓްތަކުން ލިބެން ހުރި މި މީލް ރޭންޖަށް ދީފައިވާ ނަމަކީ "ރިއަލް މީލްސް" އެވެ. ފަސް ކުލައެއްގައި ތައްޔާރުކޮށްފައިވާ އޭގެ ޕެކްތަކުގެ ބޭރުގައި ލިޔެފައި އިންނަނީ "ނޯ ވަން އިޒް ހެޕީ އޯލް ދަ ޓައިމް" އެވެ.
މީގެ ދަށުން އެ މީހެއްގެ މޫޑް އެ ވަގުތު ހުރި ގޮތަކާ ގުޅޭ ކެއުމަކަށް އޯޑަރު ދެވިދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕިސްޑް މީލް، ބްލޫ މީލް، ސޯލްޓީ މީލް، ޔާސް މީލް އަދި ޑީޖީއޭއެފް މީލެވެ.
މޫޑާ ގުޅޭ މީލްތަކެއް ތައާރަފުކޮށް އޭގެ ވާހަކަ އިންސްޓަގްރާމާއި ޓްވިޓާގައި ހިއްސާ ކުރަމުން ބާގަ ކިންގުން ބުނީ މިކަން ކުރީ ނަފުސާނީ މައްސަލަތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އެ ކުންފުނީގެ ހިއްސާ ވެސް އޮތްކަން ދައްކުވައިދޭން ކަމަށެވެ. އަދި "ރިއަލް މީލް" ތައާރަފުކުރީ މެންޓަލް ހެލްތު އެމެރިކާ (އެމްއެޗްއޭ) އާ ގުޅިގެން ކަމަށް ވެސް ބުންޏެވެ.
not sure who needed to hear this today, but it’s ok not to be happy all the time. all that matters is that you #FeelYourWay. https://t.co/vPmy1sT0cC pic.twitter.com/XmF0GvMjCg
— Burger King (@BurgerKing) May 1, 2019
މިކަމާ ބެހޭ ގޮތުން އެމްއެޗްއޭގެ ސީއީއޯ ޕޯލް ޖިއޯންފްރިޑޯ ބުނީ ފާސްޓްފުޑާއި މެންޓަލް ހެލްތަކީ ނުގުޅޭ ދެ ވާހަކަ ކަމަށް ބަޔަކަށް ހީވެދާނެ ކަމަށާއި އެކަމަކު މިއީ ވަރަށް ގުޅޭ ދެ ވާހަކަ ކަމަށެވެ.
"މީހާގެ މޫޑާއި ކެއުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައި ވަނީ. އެހެންވީމާ މިއީ ހަގީގަތުގައި ވެސް މެންޓަލް ހެލްތާއި ކެއުމާ ހުރި ގުޅުން އިތުރަށް ހާމަކޮށްދީ. އެކަން ގަބޫލުކޮށް ބަލައި ގަންނަން ވެސް ލިބޭނެ ފުރުސަތަކަށް ވާނެ،" އޭނާ ބުންޏެވެ. "މެންޓަލް ހެލްތަކީ ހުރިހާ ފެންވަރެއްގައި ވެސް ދެކެވެން ޖެހޭ ވާހަކައެއް."
ޕޯލް ބުނި ގޮތުގައި ބާގަ ކިންގުން ތައާރަފުކުރި "ރިއަލް މީލް" ގެ ސަބަބުން ނަފުސާނީ މައްސަލަތަކަށް އިތުރަށް ހޭލުންތެރިން އުފައްދައިދީ އެފަދަ މައްސަލަތަކާ ބެހޭ ގޮތުން މިހާރަށް ވުރެ ފުޅާކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ އެވެ.
"ރިއަލް މީލް" ޕްރޮމޯޓް ކުރަން ބާގަ ކިންގުން ބޭނުން ކުރަނީ #ފީލްޔޯވޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުނިޔަ
03 May 2019
މޫޑާ ކިތަންމެ ގުޅުނަސް ސިއްހަތަށް ފައިދާއެއްނެތް ކާތަކެތި!