ދިވެހި ބަހުގެ އުފެއްދުންތަކެއް
04 ޖޫން 2019 - 08:52
ދިވެހި ބަސް މުއްސަނދި ކުރުވުމަށް، ދިވެހި ބަހާ ބެހޭ ކަންތައްތައް ބެލެހެއްޓުމަށް ސަރުކާރުން ހަވާލުކޮށްފައި އޮންނަ ފަރާތުން ކުރާ، އަޅުގަނޑަށް އެންމެ މުހިއްމު، އެއް މަސައްކަތަކީ އާ ބަސް ހެދުމެވެ. ދިވެހި އަދަބިއްޔާތާ ބެހޭ ތަފާތު އިހުގެ ލިއުންތައް ޗާޕްކުރުމާއި، އަލަށް ފޮތް ލިއާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވަކި އުޞޫލެއްގެ ދަށުންް ފޮތް ޗާޕްކޮށް ދިނުމާއި، ދިވެހި ބަހުގެ ޤަވައިދުތައް ހެދުމާއި ޒަމާނަށް ފެތޭ ގޮތަށް ގަވައިދުތަކަށް ބަދަލުތައް ގެނައުމަކީ ވެސް އެ ތަނުން ކުރާ މުހިއްމު ބައެއް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.
ކަމާ ބެހޭ ފަރާތަށް، އާ ބަސް ހެދުމަށް އެންމެ ބޮޑަށް ފުރުޞަތު ލިބެނީ ސަރުކާރުގެ ކޮންމެވެސް އޮފީހަކުން ރައްޔިތުންނަށް މުހިއްމު ބައެއް މަޢުލޫމާތު ދޭން ބޭނުންވުމުންނެވެ. އެފަދަ މަޢުލޫމާތަކަަކީ ފަންނީ މަޢުލޫމާތު ކަމުގައި ވާ ނަމަ އެވެ. މަޢުލޫމާތު ދިނުމަށް ލިއުން ޗާޕްކޮށްގެން އާއްމުންނަށް ފޯރުކޮށްދޭން ބޭނުންވާ ނަމަ އެވެ. ގިނަ ފަހަރަށް މި ގޮތަށް ދޭން ބޭނުންވާ މަޢުލޫމާތުގެ އަސްލު ލިޔެފައި އޮންނަނީ އިނގިރޭސި ބަހުންނެވެ. އެއީ މައްސަލަ ޖެހޭ ހިސާބެވެ. ފަންނީ ނަންތައް އުފައްދަން ޖެހެނީ އެ ހިސާބުންނެވެ. އަދި ބައެއް ކަހަލަ ޚިދުމަތް ދިނުމަށް، އާއްމުންގެ ފަސޭހައަކަށް، އެ ޚިދުމަތުގެ ނަން ބޯޑު ހަރުކުރަން ޖެހޭ ހިސާބުންނެވެ. ފަންނީ ނަންތަކަށް ވުމުންނެވެ. އެފަދަ ނަންތައް ދިވެހި ބަހުގައި ނެތުމުންނެވެ. ނުވަތަ ތަދު ކަމުންނެވެ.
ޒަމާނުއްސުރެ ދިވެހި ބަހާ ބެހޭ ކަންތައްތައް ނިންމުމަށް އޮންނަ ކޮމިޓީ އަކީ އެ އިރެއްގައި ރާއްޖޭގައި ތިއްބެވި ދިވެހި ބަހުގެ އެންމެ އިސް އުސްތާޒުންގެ މައްޗަށް އެކުލެވިފައި އޮންނަ ކޮމިޓީއެކެވެ. މިސާލަކަށް ދަންނަވާ ނަމަ މަރުޙޫމް ޖަމީލް ދީދީ އާއި، މަރުޙޫމް ޝިހާބު އާއި، މަރުޙޫމް ޢަލީ އަޙްމަދު އާއި، މަރުޙޫމް އިބްރާހިމް ޙިލްމީ ދީދި އާއި، މަރުޙޫމް ޢަދުނާނު ޙުސައިން އާއި މަރުޙޫމް ޢަބްދުﷲ ޙަމީދު ފަދަ ދިވެހި އަދަބިއްޔާތުގައި ފުންނާބު އުސް ބޭފުޅުން އެ ކޮމިޓީގައި މަސައްކަތް ކުރެއްވި އެވެ. އެ ކޮމިޓީގައި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވުމަށް ފަހު ނުރަސްމީ މަސައްކަތްތަކުގައި، ޙަޔާތުގެ ބާކީ ބައި މިހާރު ހޭދަކުރައްވާ މަޝްހޫރު ލިއުންތެރިން އަދި ވެސް އެބަ ތިއްބެވި އެވެ. މިހާރުގެ ބަސް ކޮމިޓީގައި ވެސް މި ޒަމާނުގެ ތަޢުލީމް ޙާޞިލުކުރައްވާފައި ތިއްބެވި، ސުމޭކް ޖީލުގެ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. ޒުވާނުންނެވެ.
އަޅުގަނޑު ދަންނަވަން މި އުޅެނީ އާ ބަސްތައް ވުޖޫދަށް ގެނެވެނީ ބައެއް މީހުންނަށް ހީކުރެވޭ ގޮތަށް، ވަކި މީހަކަށް ފެންނަ ގޮތަށް ނޫން ކަމެވެ. ބަސް ވުޖޫދަށް ގެނެވެނީ އެތައް ބައެއްގެ މަޝްވަރާ އަށް ފަހު ގިނަ ބަޔަކަށް ފެންނަ ގޮތަކަށެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އަޣްލަބިއްޔަތު އޮންނަ ގޮތަކަށެވެ. އަޣްލަބިއްޔަތު ލިބޭ ގޮތަކީ ހާލަތު ބަދަލުވުމުން އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރާއްޖޭގެ ފަހުގެ ތާރީޚުން ވެސް ވަރަށް ގިނައިން ފެންނަން އެބަ ހުއްޓެވެ. ޤާނޫނުއަސާސީގެ މާއްދާއަކަށް އިޞްލާހެއް ގެނެވެނީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އަޣްލަބިއްޔަތެއް އޮވެގެންނެވެ. މީގެ ދުވަސްކޮޅެއް ކުރިން ރައްޔިތުން ކަންބޮޑުވާ ކަހަލަ އިސްލާހެއް ޤާނޫނުއަސާސީގެ މުހިއްމު މާއްދާއަކަށް ގެނައުމަށް ފަހު، ގިނަ ދުވަސްތަކެއް ނުވެ، އަނެއްކާވެސް ކުރިން އޮތް ގޮތަށް އެ މާއްދާ އަށް ގެނައި އިޞްލާޙް ބަދަލުކޮށްފި އެވެ. ބޭނުންވާ އަޣްލަބިއްޔަތު ލިބިގެންނެވެ.
ހަމަ އެގޮތަށް ރާއްޖޭގެ ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއަކަށް އިހުމާލު ވެފައިވާ ކަމަށް ކުރިން ނިންމާ ފައިވާ ކަންތައްތަކެއް ވެސް، ފަހުން، ކުރީގެ ނިންމުމާ ދިމާ އިދިކޮޅަށް ނިންމާފައި ވެއެވެ. ހަމަ އެއް ބައެކެވެ. މި ކަހަލަ އެއް ކަމެއް ދެ ކަމެއް ނޫނެވެ. ބައިވަރު ކަންކަމެވެ. މިހެންވުމާ އެކު ދެވަނަ ވިސްނުމަކަށް ގޮސްގެން، ކުރިން އޮތް ވިސްނުމާ ދިމާ އިދިކޮޅަށް ނިންމުމަކީ ރާއްޖޭގެ ރަސްމީ މަސައްކަތުގެ ސަގާފަތުގައި އަށަގެންފައި އޮތް ކަމެއް ކަަމަށް ޤަބޫލު ކުރަން ޖެހެ އެވެ.
ބައެއް މީހުން ދެކޭ ގޮތުގައި އަލަށް ތަޢާރަފްކުރާ ބައެއް ބަސްތައް، އެގޮތުގައި ބޭނުން ކުރަން އުނދަގުލެވެ. ދެވަނަ ވިސްނުމަކަށް ފޮނުވަން ބޭނުން ވެއެވެ. ބާނދީ، މިސާލަކަށް ނަގަމާތޯ އެވެ. އެ ބަސް އެންމެ ފުރަތަމަ ވުޖޫދަށް އައުމުގައި އޮންނަ ގޮތް ކަމަށް ބުނާ ގޮތާ، ފާއިތުވި އަހަރުތަކުގައި ދިވެހިން އެ ލަފުޒު ބޭނުން ކުރަމުން އައި ގޮތް ތަފާތު ވެދާނެ އެވެ. އެހެންކަމަށް ވާ ނަމަ މުޖުތަމަޢުން އެ އޮތީ އެ ބަސް ވަކި ގޮތަކަށް ބޭނުން ކުރުމަށް ބަލައިގެންފަ އެވެ. އާދަވެފަ އެވެ. ބައެއް ގައުމުތަކުގައި ގިނަ ދުވަސްތަކެއް ވާންދެން، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުން ކުރަމުންދާ ބަހެއް، އެ މީހުން ބޭނުން ކުރަމުން ދިޔަ ގޮތަކީ ރަނގަޅު ގޮތް ކަމަށް ކަމާ ބެހޭ ފަރާތުން ބަލައިގަނެ ނިންމާފައި ވެސް އެބަ ހުއްޓެވެ. ރާއްޖޭގެ މިސާލެއް ނަގަމާތޯ އެވެ. ސަޅި، އެބަހަކީ އެއް އިރެއްގައި ވަކި މަސައްކަތްތަކެއް ކުރާ ބަޔަކު ޢާއްމުކޮށް ވާހަކަ ދައްކާ އިރު ބޭނުންކުރި ބަހެކެވެ. އެ ޒަމާނުގައި އަބުއި ތަނެއްގައި އެބަސް ބޭނުން ކުރުމުން އެންމެންގެ ކަޅި އެ މީހަކާ ދިމާއަށް ހުއްޓެ އެވެ. އެހެންނަމަވެސް އެ އިރު ވެސް ގާތް ރައްޓެހިންގެ މެދުގައި ހިތްގައިމު އެއްޗެއްސަށް ނުވަތަ ރީތި އެއްޗެއްސަށް ސަޅި ބޭނުން ކުރަމުން ގެންދިޔަ އެވެ. މިހާރު ހުރިހާ އެއްޗެއް ސަޅި އެވެ. ކަޅިރަވަ ވެސް ސަޅި އެވެ. ހެދުން ވެސް ސަޅި އެވެ. ތަގުރީރު ވެސް ސަޅި އެވެ. މަސައްކަތް ވެސް ސަޅި އެވެ. މުހިއްމު ބައެއް ބޭފުޅުންގެ ރަސްމީ ވާހަކަފުޅުގައި ވެސް ސަޅި މަޝްރޫޢުއެއްގެ ވާހަކަ ބައެއް ފަހަރު ދައްކަވަ އެވެ. އަޅުގަނޑުމެން ކަހަލަ ބައެއް މީހުންގެ ބަސްކޮށާރުގައި ސަޅި އަކީ އަދިވެސް އާއްމުކޮށް ބޭނުންކުރެވޭ ބަހަކަށް ނުވިޔަސް، މި ސަޅި ދިވެހިރާއްޖެ އިން ސަޅިކަން މިހާރު ކަނޑުވާލެވިދާނެތޯ އެވެ.
ބައެއް ކަހަލަ އާ ބަސްތައް މުޖުތަމައުއަށް ތަޢާރަފްކުރުމުގެ ފަހު ނިންމުމުގެ ކުރިން "ވަކަރަށް ޖަހާލުމަކީ" ރަނގަޅު ކަމެކެވެ. މީސް މީޑިއާގައި އެ ބަސްތައް ދައުރުކުރާނެ ގޮތެއް ހެދުމެވެ. ބައެއް ފަހަރު ހަޖޫ ވެސް ކިޔާފާނެ އެވެ. މަލާމާތް ވެސް ކޮށްފާނެ އެވެ. އެކަމަކު ބައެއް މުހިއްމު ބޭނުންތެރި މަޢުލޫމާތު ލިބޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އަދި ބައެއް ފަހަރު ލިބެން ނުހުންނަ، މުހިއްމު، މުޢުތަބަރު، ބޭނުންތެރި މަޢުލޫމާތު ވެސް ލިބިދާނެ އެވެ.
ނަންތައް ދިވެހި ކުރަނީ ފަސޭހަ އަކަށެވެ. އިނގިރޭސި ބަސް ނޭނގޭ ދިވެއްސަކަށް ދިވެހި ބަހުން ލިޔެފައި ހުރި ނަން ބޯޑެއްގައި ލިޔެފައި އޮތް ދިވެހި ލަފްޒުގެ މާނަ ނޭނގޭ ކަމަށް ވާ ނަމަ އޭނާ އަށް ދިވެހި ބަހުން ނަން ބޯޑު ނެތުމެކޭ އެއްވަރު ވާނެ އެވެ. ބަސް ކުރިއަރުވަން މަސައްކަތް ކުރާ އޮފީހުން "އަމާ ބުނާތީވެ ފަރަށް ދާ އުޞޫލަ" ށް ކަންތައް ކުރާ ކަމަށް ފެންނަ ގޮތަށް ކަންތައް ކުރުމާ ދުރަށް ޖެހިލަންވީ އެވެ. އަލަށް ބަސްތައް ތަޢާރަފްކުރާ އިރު، އެ ބަސްތައް އުފެއްދުމަށް ގެންގުޅުނު ވިސްނުމާއި ބަހުގެ މާނައާ ބެހޭ ގޮތުން ޓެލެވިޒަން އާއި ރޭޑިއޯގެ ޒަރީޢާ އިން ޚާއްޞަ ޕުރޮގްރާމްތައް ފޮނުވަންވީ އެވެ. ރައްޔިތުންނަށް އޮޅުންފިލުވައިދޭންވީ އެވެ. ރައްޔިތުން އެ ބަހަކަށް އަހުލުވެރި ކުރުވުމަށެވެ. އަދި އާ ބަސްތަކުގެ ލިސްޓު ނޫސް ކަރުދާހުގައި ޗާޕް ކުރުމަށް ފަހު ޢާއްމުން ޚިދުމަތް ހޯދުމަށް ދާ ތަންތަނުގައްޔާއި ފޮތް ވިއްކާ ފިހާރަތަކުގައި، ބޭނުން މީހަކަށް ގެންދެވޭ ގޮތަށް ބަހައްޓަންވީ އެވެ. މިހާރު ވެސް އިޝްތިހާރު ކުރުމަށް މިފަދަ އެއްޗެތި، މިފަދަ ތަން ތަނުގައި ބަހައްޓަ އެވެ. މިފަދަ ކަންތަކަށް ސަރުކާރުން ހޭދައެއް ނުކޮށް ވެސް އިޝްތިހާރު ކުރުމުގެ ނިޔަތުގައި ނުވަތަ ޢާއްމު ލާބަ އަށް ހިލޭކޮށްދޭނެ ފަރާތްތައް ތިބޭނެ އެވެ. މިއީ ވަރަށް ކުޑަކުޑަ ޚަރަދެކެވެ.
ދަރުމަވަންތަ ހަސްފަތާލަށް އަޅުގަނޑު އަދި ދާކަށް ނުޖެހެ އެވެ. އަޅުގަނޑު އުއްމީދު ކުރަނީ އެތަނަށް ގޮސް އުޅެނިކޮށް ކޮންމެވެސް ކޮޓާރެއްގައި ބަންދު ވެގެން ބާނދީއެއްގެ އެހީ ހޯދުމާ ހިސާބަށް ދާން ނުޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހީމޫ
10 June 2019
ދަންނަވަންޖެހެނީ މިދަންނަވާފަދައިންނެވެ. " ބަސްބަހީ މީހުންހަދާއެްއްޗެއް ބަލަގަ ނޫނޭ ތެދޭ - އަސްތަ އަސްތާ ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ "
ގިއުޅު
05 June 2019
ތިޔަހެން ޓެކްނިކަލް ބަސްތައް ހެދުމަކީ ހަމަޖެހޭކަމެއްނޫން، އެއީ ދުވާލަކު އެބަ އުފެދޭ އެތައް ބަހެއް ތިޔަކަހަލަ. ތިޔަހެން ބަސްހަދަން ވެއްޖެނަމަ ހަމައެކަނި ކެމިކަލް ސްޓްރަކްޗާތަކަށް ނަންހަދާވެސް ނުނިމޭނެ ދުވަހަކުވެސް. ސައިންސުވެރިން ދުވާލަކު އެތައް ކަމެއް ހޯދާ އެއަށް ނަންދެމުން އެދަނީ.
ސޯބު
04 June 2019
އަވަށްޓެރި ގައުމުތަކުގައި މިއުޅޭ މީހުންގެ އިސްކޮޅާ ހަމުގެ ކުލަޔާ އިސްތަށިގަނޑުވެސް ހަމަ އެއްގޮތް. އެކަމަކު އެއިން ގައުމަކަށް ގޮސް އުޅެނިކޮށްވެސް ނުދަތަސް ދިވެއްސަކު ފެނުނީމާ އެއީ ދިވެއްސެއްކަން އެބައެނގޭ. އެއީ ކޮންމެވެސް ދިވެހިވަންތަކަމެއް ހުންނާތީ. ހަމަ އެގޮތައް ދިވެހި ބަހެއް އަޑުއިވުނީމާ މާނަ ނޭގުނަސް ދިވެހި ބަހެއްކަމުގެ އިހުސާސް ކުރެވެން ޖެހޭނެ.
ބަސް
04 June 2019
ބޮޑު މުސީބާތެއް ކަހަލަ ތަނެއް މިހާރު މި އޮތް އެކަނޑިކި މީ ހެހެ ދިވެހި ބަހަށް ކުރަފި އަރުވާ ބައިގަނޑެއް!
ކަނބާއައިސަާ
04 June 2019
ހުރިހާ އިރެއްގައިވެސް ބަސް ހެދީ އެންމެ ރަނގަޅަކަށް ނޫނެވެ. މިސާލަކަށް ދަނޑުވެރިޔާ މިއީ ކިހިނެތް އައި ބަހެއްތޯއެވެ. ދަނޑުވެރިއާއަކީ އެ ބިމުގެ ވެރިމީހާއެވެ. އިނގިރޭސިން ފާމަރ ކިޔަނީ ދަނޑު ހައްދާ މީހުނަށެވެ. ދަނޑުވެރިޔާއަށް އަސްލު ދިވެހިބަހުން ކިޔަންޖެހޭނީ "ބޯގަ" ކަމުގައި ދެކެމެވެ. އެއީ ސިންގަޅަ ބަހުގައި އެގޮތަށް އޮންނާތީއާއި، ދިވެހި ބަހާއި ސިންގަޅަ ބަހުގެ އޮރިޖިންއަކީވެސް ސާންސްކްރިތް ބަހަށް ވާތީއެވެ.
1111
04 June 2019
ހަމަ ރަގަޅަށްވެސް ފަރަށްގޮސްފަ އެހުރީ! ދިވެހިބަސް ހަދާއިރު އޭގައި ދިވެހިވަންތަކަން، އަމިއްލަވަންތަ ގޮތްވެސް ހުންނަން ޖެހޭ! އުފެއްދުންތެރި ވާންޖެހޭ.
ވީސްނާ
04 June 2019
ނަންބޯޑެއްގައި UGUL Cage ޖަހަންޖެހުނީމަ ނަންބޯޑު ނަހަދާ ތިބެވޭބާ ދިވެއްސަކު ނަމެއްކިޔަންދެން. ދަރުމަވަންތަ ހޮސްޕިޓަލުގަ އޭގެ ތަނެއް ވެސް ހުރޭ. ބޯންސާޖަރީ ނުކިޔާ އޯތޮޕެޑިކް ކިޔަނީ ކީއްވެ؟ ފީމޭލް ރިޕްރޮޑަކްޓިވް ސިސްޓަމް ޑރ ނުކިޔާ ގައިނޮކޮލޮޖިސްޓު ކަހަލަ "އުނދަގޫ" ނަން ކިޔަނީ ކީއްވެ؟ ސްކިން ޑރ ނުކިޔާ ޑާމަޓޮލޮޖިސްޓު ކަހަލަ "އުނދަގޫ" ނަމެއް ކިޔަނީ ކީއްވެ؟ ކިތައް މީހުންނަށްބާ އެނގެނީ އެއީ ހަމުގެ ޑރ ކަން. ޖެހޭނީ ނަމަށް ފަރިތަވެ ޖާހިލުކަން ކަނޑުވާލަން.
ހުސީނާ
04 June 2019
ޢޮތޯޕެޑިކްސްގައި ހިމެނެނީ ބޯން ސާޖަރީ އެކަންޏަކުނޫން. އަދި ފީމޭލް ރިޕްރޮޑަކްޓިވް ސިސްޓަމަކީ އަންހެނުންގެ ތަބައީ ނިޒާމުގެ އެންމެ ބަޔެއް. އަދި ސްކިންއަކީވެސް ޑާމެޓޮލޮޖީގެ އެންމެ ބަޔެއް. އެހެންވީމާ ތިއިން އެއްވެސް ނަމެއް ކިޔައިގެން ނުފުދޭނެ. އކެޑަމީންނަން ހެދުމުގައިވެސް ދިމާވަނީ ތިމައްސަލަ. ސީދާ ތަރުޖަމާޔަށް މާވަރުހުންނަނީ. ހަގީގަތަކީ ދިވެހި އެކަޑަމީއެއް އުފެދި އެތާގެ ރައީސަކަށް މަޖީދިއްޔާގައި ހުރު ޓީޗަރަކުލީފަހުން ތިކަން ވަރަށްބޮޑަށް ފޭލްވެފއިވުން
1111
04 June 2019
ބޭނުމިއްޔާ ސްކިން ޑރ ކިޔަންވީ. އެއީ އިނގިރޭސި ގޮތް. ދެން އތީ ސައިންތިފިކް ނަން. އެ އޭގެ އަސްލު. އެކަމަކު އެބަސްތައް ނެތެއްނު އަމާ ބުނީތީ ފަރަށްދާ ގޮތަށް! ޑިވެހިން ބަސް ހަދާއިރު އޭގައި ދިވެހިވަންތަކަން، އަމިއްލަވަންތަ ގޮތްވެސް ހުންނަން ޖެހޭ! ހަމަ ރަގަޅަށްވެސް ފަރަށްގޮސްފަ އެހުރީ
ޓާކުރު
04 June 2019
ލިޔުމުގައި އޮތީ ބަސް ހަދަން އަމަލުކުރަން އޮންނަ ގޮތް. އެކަމަކު ކަން ހިނގަނީ އެހެނެއް ނޫން. ވަކި މީހަކަށް ނޫނީ ދެމީހަކަށް ފެންނަ ގޮތަށް ނިންމާލަނީ. ހޮސްޕިޓަލު ބަސް ލިސްޓް ވެސް އެހެން. ބަސްކޮމިޓީއަށް ނުގެނެސް ނިންމާލާފަ އެއޮތީ. އަޝްރަފަކަށް ނުދެއްކޭނެ އެ ފާސްކުރިކަމުގެ ހެއްކެއް.
ރަހުމް
04 June 2019
ރަނގަޅު ލިޔުމެއް. އެކެށަމީން ކުރައްވާ މަސައްކަތަށް އަޅުގަނޑު ވެސް ސާބަސް ދެން ހިތްަރުދެން. މިއީ އެބޭފުޅުންނަށް ވަރަށް މުހިންމު ޚިޔާލުފުޅުތަކަށް ވާނެކަމަށް ދެކެން. އައުލަފުޒު އިތުރުވުމަކީކުރިއެރުމެއް. ތައާރަފްކޮށްފަތުރަން ވީ އަހަރެމެން އެންމެން ވެސް. ސަރައްކާލި ދަސްވެއްޖެ. އަރެސް ދަސްވެއްޖެ ބާނދީ އނގިއްޖެ ވިލާސް އެނގިއްޖެ ދަސްތު އެނގިއްޖެ ވ ހަބާޭސް މަށަށް ދަރުމަވަންތަ ލިސްޓު ދޮންބެގެ ރިސޯޓުގެ ޑިލަކްސްއަށަް ކިޔަން ބުނެފިން ވިލާސަ ވ ފައްކާ ހަމަ
އައްލާ
04 June 2019
ދެބެންދިހާރު ދެބެންދުރުވެއްޖެ ބަޑަސް ލިބެނެވާ ބަނަސްލިބިއްޖެ މިގޮތައްވެސް ދިވެހިބަހައް އިތުރުކުރެވިދާނެ އާބަސް ތައް