ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
11 ޖޫން 2019 - 16:57
ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކޮށް، އެ ކޮމިޝަނުން އަވަސް ތަހުގީގުތަކެއް ހިންގުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރުން މިއަދު މަޖިލިހުގައި ގޮވާލައްވައިފި އެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ރިޔާސީ ކޮމިޝަންތަކުގެ ބިލް 19 ވަނަ މަޖިލިހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިނެވެ.
ބިލަށް ބަހުސް ކުރައްވައި ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީލް ވިދާޅުވީ ރިޔާސީ ކޮމިޝަންތައް ހަދަން ޖެހުނީ މިނިވަން މުއައްސަސާތައް ފެއިލްވުމުން ކަމަށެވެ. އެއީ ރައްޔިތުންގެ ހައްގުތައް ހޯދައި ދެއްވަން ރައީސަށް މަޖޫބުރުވެވަޑައިގެން އުފެއްދެވި ކޮމިޝަންތަކެއް ކަމަށް ވިދާޅުވި އެވެ.
މީގެކުރިން ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރެއް ނުދެ އެވެ. އެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކޮމިޝަންތަކަށް ގާނޫނީ ބާރު ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ގޮތް ނޭނގޭ އެތައް މަރެއް ރާއްޖޭގައި ހިނގާފައިވާ އިރު، ރައްޔިތުން ތިބީ އެމީހުންގެ އާއިލާތަކަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. ބިލް 18 ވަނަ މަޖިލިހުގައި ފާސް ނުވެ، 19 ވަނަ މަޖިލިހަށް އައުމުން ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ މާ ކުރިން ފާސްވެ، ގާނޫނަކަށްވާން ޖެހޭ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވީ ރިޔާސީ ކޮމިޝަންތައް އުފައްދަން ޖެހެނީ ވޭތުވެދިޔަ އަހަރުތަކުގައި ކަންކަން ހިނގައި ދިޔަ ގޮތުން ރާއްޖޭގެ ރައްޔިތުންގެ އެތައް ހައްގެއް ގެއްލުމާ ގުޅިގެން އެކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.
"އެއްވެސް ތަނަކުން ތަހުގީގެއް ހިންގޭ ގޮތެއް ނުވޭ. ޖަވާބެއް ލިބޭ ގޮތެއް ނުވޭ. ރާއްޖޭގެ އެތައް އާއިލާތަކެއް ކަރުނަ އަޅައި ރޯ މަންޒަރު ގިނަ ރައްޔިތުންނަށް ފެންނަމުންދޭ. ހެޔޮވެރިކަމެއް ކޮށްދިނުމަށް ވައުދުތަކެއް ވެގެން އެމްޑީޕީން ވެރިކަމަށް އައީ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްވެސް އާއިލާއަކަށް އިންސާފު ލިބެން ޖެހޭ ނަމަ، ޒާތީ ނުވެ، ދައުލަތުގެ އިސް ބޭފުޅުން މަގާމުގެ ވާޖިބުތައް އަދާކުރަން ޖެހެ އެވެ. ރައްޔިތުން އަދުލު އިންސާފަށް އެދި ތިބި އިރު، އިންސާފު ނުލިބި ގައުމެއް ތަރައްގީ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި އިންސާފު ލަސްވުމަކީ އިންސާފު ނުލިބުމެވެ. އެތައް އާއިލާއެއް ތިބީ ވޭނާއި ހިތާމައިގައި ކަމަށާއި މުޅި ގައުމު ވެސް އޮތީ ހިތާމައިގައި ފާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ރިޔާސީ ކޮމިޝަންތަކުގެ ބިލް އޮތީ ގާނޫނާއަސާސީއާ ހިލާފަށް ކަމަށާއި ކޮމިޝަންތަކަށް ޖިނާއީ ތަހުގީގެއް ނުހިންގޭނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތާ
12 June 2019
މިލްކިން ދަ ވިކްޓިމްސް ފެމިލީ އަށް ޔާމިނާއި އަދީބު މިކަމުގައި ބައިވެރި ވާކަން އެނގިފައި އޮތްކަމަށް ވަރަށް ބޮޑަށް ބެލެވޭ.
މޭކަރާ
12 June 2019
ކަލޯ މިބިލާ ދެކޮޅު މިހަދަނީ މަޖިލީހުގައި ތިބި ބައެއް މެންބަރުންނަކީ މި ޖަރީމާ ހިންގިކަމަށް ބެލެވޭ މުޖުރިމުންކަން މިހާރު ޔަގީންވާނެ.
އިބްރާ
11 June 2019
ކޮމިޓީތަކަށް ބާރުދިނުމުގެ ކުރީން އަދީބަށް މިނިވަންކަންދީ ބޭރަށްފޮނުވަނީ އެމްޑީޕީގެ ފުރިހަމަ ތާއީދާއިއެކުއެވެ.
ރަންނަ
11 June 2019
ކުރީގެ މަޖުލީހުން އެބިލް ކުރިއަށް ނުދިޔައީ އެމްޑީޕީ މީހުންގެ ރޭވުމުންތޯ؟
ބޮޑުމީހާ
11 June 2019
މަޖްލިސް މެޖޯރިޓީއޮވެ އުފެދިފައިވާ މުއައްސަސާތައް ހަރުދަނާނުކޮށް ރިޔާސީ ކޮމިޝަންތައް ހަދައި ގާނޫނީބާރު ދިނުމަކީ ޑިމޮކްރަސީގައި ފަހަތަށްއެޅި ފިޔަވަޅެއް. ފުލުހުންނަށްނުވި ކަމެއް ކިހިނެއް 5 މީހުންގެ ކޮމިޝަނުންކުރާނީ. އަނެއްކާ މިހާރު ފުލުހުންނަށް ނުވާންވީ ސަބަބެއްނެތް. ހުރިހާބާރެއް ލިބިފަތިއޮތީ. އިތުރުކޮމިޝަން ހަދައިގެން ދައުލަތުން ތިކުރާބޭކާރު ހަރަދު ބަލައިގަންނަން ދަތި.
ބއުންސާ
11 June 2019
އިންސާފެއްނޫން ކޮންމެއެއްޗެއް ހޯދިޔަސް ހޯދަންޖެހޭނީ ގާނޫނާ ހިލާފުނުވެ ގާނޫނުގެ ތެރޭން ކަރުނަޔޭ ހިތާމަޔޭ އިންސާފޭ ކިޔާފަ ހިތުހުރިގޮތަށް ކަންކަމެއް ނުކުރެވޭނެ
މިލްކިންގ ދަ ވިކްޓިމްސް ފެމިލީ
11 June 2019
ތިޔަ ބިލް ފާސްކުރީ ހަމަމަކަރުން. ތިޔަބިލް ސްޕުރީމް ކޯރޓުން ބާޠިލްކުރާނެކަން އެމްޑީޕީއަށް ރަނގަޅަށް އެނގޭނެ. އެމްޑީޕީއިންވެސް މިމައްސަލަތައް ބަލަން ޙަޤީޤަތުގައި ބޭނުމެއް ނުވޭ. ބޭނުމަކީ އަފްރާޝީމް, ޔާމީން އަދި ރިޟްވާންގެ މައްސަލަ ނުބެލި އޮންނަން. އޭރުން އެ ޢަޢިލާތަކުގެ ބޭނުންކޮށްގެން ރައްޔިތުން ވާވައްދައިގެން ވޯޓް ހޯދޭނެ. މައްސަލަ ބަލައިފިއްޔާ ތިއީ ޔަަމީން ނުވަތަ އަދީބު ކޮށްގެންއުޅޭކަމެއް ނޫންކަން ފަޅާއަރާނެ