ލައިފްސްޓައިލް / ޑިޕްރެޝަން

ފޭސްބުކް ޕޯސްޓަކުން ސިއްހަތު އަންދާޒާކުރެވިދާނެ؟

މީހަކު ސޯޝަލް މީޑިއާ ބޭނުން ކުރަނީ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން، ހާއްސަކޮށް ފޭސްބުކްގައި މީހުން އާންމުކުރާ ޕޯސްޓްތަކުން ވެސް އެ މީހެއްގެ ސިއްހީ ހާލަތު އަންދާޒާ ކުރެވިދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ސްޓޯނީ ބުރުކް ޔުނިވަސިޓީ އާއި ޔުނިވަސިޓީ އޮފް ޕެންސިލްވޭނިއާ ހެލްތު ސިސްޓަމުން ހެދި ދިސާރާގައި ބުނި ގޮތުގައި ފޭސްބުކް ޕޯސްޓްތަކުގައި ބޭނުންކުރާ ބަހުރުވަ އަކީ ސިއްހީ ތަޖުރިބާކާރުންނަށް މީހުންގެ ސިއްހީ ހާލަތު ދެނެގަނޭވެ ގޮތެކެވެ. އެގޮތުން އެ މީހަކީ ޑިޕްރެޝަން ފަދަ ނަފުސާނީ މައްސަތަކެއް ހުރި މީހެއްތޯ ނުވަތަ ހަކުރު ބަލި ފަދަ ބައްޔެއް ހުރި މީހެއްތޯ ވެސް ދެނެގަނެވޭ ކަމަށް ބުންޏެވެ.

މި ދިރާސާ އަށް ދެ ޖިންސްގެ 1،000 މީހެއްގެ އެފްބީ ޕޯސްޓްތައް އެއްކޮށް، އެ އެއްޗެހި ދިރާސާކޮށްފައިވެ އެވެ. އެގޮތުން ޕޯސްޓްތަކުގައި ހިއްސާކޮށްފައިވާ ވާހަކަތަކުން މީހާގެ ސިއްހީ ހާލަތު އަންދާޒާ ކުރުމަށް ފަހު، އާންމުކޮށް ބަލިތައް ދެނެގެތުމަށް ހަދާ ޓެސްޓްތައް ހަދައިގެން ބަލި ކަށަވަރު ކުރެވިފައިވެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އެފްބީ ޕޯސްޓްތަކުން އެކަނި ވެސް މީހާގެ ސިއްހީ ހާލަތު 21 ގޮތަކަށް ދެނެގަނެވެ އެވެ. އޭގެ ތެެރޭގައި އެންޒައިޓީ އާއި ޑިޕްރެޝަނާއި ބަނގުރާ ފަދަ އެއްޗިއްސަށް ދެވިހިފާފައިވާ މީހެއްތޯ ދެނެގަނެވޭ ކަމަށް ބުންޏެވެ.

"މިއީ އާންމުކޮށް ޑިމޮގްރެފިކް ޑާޓާތަކުން ލިބޭ މައުލޫމަތުތަކަށް ވުރެ މީހާގެ ސިއްހީ ހާލަތު އަންދާޒާ ކުރަން މާ ބޮޑަށް ވެސް ފަސޭހަ ގޮތެއް،" ދިރާސާގައި ބުންޏެވެ.

ދިރާސާ އިތުރަށް ތަފުސީލުކޮށް ދެމުން ބުނީ އެފްބީ ޕޯސްޓްތަކުގައި އާންމުކޮށް މިސާލަކަށް "ޑްރިންކް" އާއި "ބޮޓްލް" ފަދަ ލަފުޒުތައް ބޭނުން ކުރާ މީހުންނަކީ ބަނގުރާ ފަދަ މަސްތުވާ އެއްޗިއްސަށް ދެވިހިފައިވާ މީހުންނަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި "ގޯޑް" އާއި "ޕްރޭ" ފަދަ ލަފުޒުތައް އާންމުކޮށް ބޭނުން ކުރާ މީހުންނަކީ ހަކުރު ބަލީގައި އުޅޭ މީހުން ކަމަށްވުމުގެ ފުރުސަތު ބޮޑެވެ.

މި ދިރާސާއާ ބެހޭ ގޮތުން ޕެން މެޑިސިން ސެންޓަރުގެ ޑިޖިޓަލް ހެލްތު ޑިރެކްޓަރު ރައިނާ މާޗަންޓް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާ އާއި މީހާގެ ސިއްހަތާ އޮތް ގުޅުމަކީ މިހާރު އެހާ ބޮޑަށް ސުވާލު ވެސް އުފެދޭ ކަމެއް ނޫނެވެ.

"އެކަމަކު އެބަޖެހޭ މިކަމާ ގުޅޭ ގޮތުން މިއަށް ވުރެ ފުންކޮށް އަދި ދިރާސާތައް ކުރެވެން. ފޭސްބުކް ޕޯސްޓްތަކުން މީހާގެ ސިއްހީ ހާލަތު ވަޒަން ކުރެވުމަކީ އަދި ފެށުމެއް،" އޭނާ ވިދާޅުވި އެވެ. "މިކަމާ ބެހޭ ގޮތުން ކުރަން ހުރި މަސައްކަތައް އަދި ވަރަށް ގިނަ."

ނަމަވެސް ރައިނާ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާއަކީ މިހާރު ގިނަ ބައެއްގެ ލައިފް ސްޓައިލާއި މީހުންގެ ހާލަތު ވަޒަންކޮށްދޭ ވަރަށް ބޮޑު އަދި އެހާމެ މުހިއްމު ވަސީލަތެކެވެ. އެހެންވެ މި ދިރާސާގެ ބޭނުންތެރިކަން މިހާރުން މިހާރަށް ވެސް ވަރަށް ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ސްމާޓްފޯނުތަކާ އެކު މީހުންގެ ދިރިއުޅުމަށް ގެނައި ބޮޑު ބަދަލާ އެކު މިހާރު ފޭސްބުކް ފަދަ ސޯޝަލް މީޑިއާތައް ބޭނުން ނުކުރާ މީހަކު ނެތޭ ވެސް ބުނެވިދާނެ އެވެ. އަދި މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް ވަގިތު ހޭދަ ކުރަނީ ވެސް ސޯޝަލް މީޑިއާގެ ދުނިޔޭގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454