ޑރ. އަފްރާޝީމް މަޖިލީހުގެ ޖަލްސާއެއްގައި: އޭނާ މަރާލުމާ ގުޅޭ ތަފްސީލު ރިޕޯޓެއް ރިޔާސީ ކޮމިޝަނުން ވަނީ ރައީސަށް ހުށަހަޅާފައި.
04 ޖުލައި 2019 - 21:12
އަނިޔާވެރިކޮށް އަވަހާރަކޮށްލި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ތަފްސީލު ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ރިޕޯޓް ރައީސަށް ހުށަހެޅީ، ކުރީގެ ސަރުކާރުތަކުގައި ހިނގި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންސާފު ގާއިމްކޮށްދިނުމުގެ ވައުދު ފުއްދެވުމަށް ރައީސް އުފެއްދެވި ކޮމިޝަންތަކާއި ކޮމިޓީތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން ވިދާޅުވީ ކޮމިޝަންތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. މަރު ކޮމިޝަނުން ތަހުގީގު ކުރާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ތަފްސީލު މައުލޫމާތު ހިމެނޭ ރިޕޯޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަން ރައީސް އާއްމު ކުރެއްވި އެވެ.
"ޑރ. އަފްރާޝީމް މައްސަލައިގައި ވަރަށް ތަފްސީލު ރިޕޯޓެއް އަޅުގަނޑަށް ލިބިފައި އެބައޮތް، ހަމަ އެއާއެކު [ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާން] ރިލްވާން މައްސަލައިގައި ވެސް ރިޕޯޓެއް އަޅުގަނޑާ ހަމައަށް އައިސްފައި އޮތީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: މަރުތަކާއި ގެއްލުވާލި މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ މަސައްކަތްތަކާ ދޭތެރޭގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެކަމަކު އެ ރިޕޯޓްތަކުގައި ހުރި ވާހަކަތަކުގެ ތަފްސީލެއް ރައީސް ނުދެއްވަ އެވެ.
އަފްރާޝީމާއި ރިލްވާންގެ މައްސަލައިގެ ތަހުގީގާ ގުޅޭ ރިޕޯޓް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އިރު މަރުތައް ބަލާ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަތަކުގެ ފަހަތުގައިވާ މީހުން ވެސް ދެނެގަނެވިފައިވާ ކަމަށެވެ. އެ ދެ މައްސަލައިގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ ތަފްސީލުތައް ވެސް ކޮމިޝަނުން ވަނީ ހޯދައިފަ އެވެ.
ދީނީ އިލްމުވެރިޔާ އަފްރާޝީމަށް ހަމަލަދީ، އަނިޔާވެރި ގޮތަކަށް އަވާހަރަކޮށްލާފައި ވަނީ އޮކްޓޫބަރު 2012 ގަ އެވެ.
އެ މައްސަލައިގައި ކުށް ސާބިތުވެ، ހުކުމް އައީ ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ. ހުމާމް މަރަން ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު އެކަން ރޭވުމުގެ އަޑީގައި ތިބި މީހުން ނުހޯދޭތީ އަފްރާޝީމްގެ އާއިލާ އިން ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނޫސްވެރިޔާ ރިލްވާން އޮގަސްޓް، 2014 ގައި ގެއްލުނު ފަހުން އޭނާ އަށް ވީގޮތެެއް މިއަދާ ހަމައަށް ވެސް ނުހޯދެ އެވެ. އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިޔަސް، އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން، އަނިޔާވެރި ގޮތަކަށް މަރައިލީ އޭޕްރީލް، 23، 2017 ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.
އެކަމަކު މި މައްސަލަތަކުގެ ތަހުގީގާއި ޝަރީއަތްތަކުގެ އިންސާފުވެރިކަމާ މެދު ވަނީ ސުވާލު އުފައްދައިފަ އެވެ. ރިޔާސީ ކޮމިޝަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވީ އެ ސަބަބާ ހެދި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަރުތައް ބަލާ ކޮމިޝަންގެ މަސައްކަތް ލަސްވުމުގައި އެ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ނުލިބުން ހިމެނެ އެވެ. އެކަމަކު އެ ކޮމިޝަންގެ މަސައްކަތްތަކާ ދޭތެރޭގައި ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއަދު
06 July 2019
ޥެރިކަމުގެ ފުރަތަމަދުވަސް އަދިނުވެ ދެން މިސަރުކާރުގެ 5 އަހަރު ހަމަވާނީ ކޮންދުވަހަކުން
ހޭބަލިމިތުރު
05 July 2019
ތިޔަވިދާޅުވާ ރިޕޯޓުއާންމުކުރަންވީނޫންތޯ؟. ނޫނީތީހަމަހުސް ވާހަކަފުޅެއްތޯ؟. އަތައްގޮވާލެއް ގިނަކަމުން ދުއްވާ ދެބޯގެރިއެއްތޯ؟.
ދާންދޫ
05 July 2019
ތިރިޕޯރޓް އަވަހަށް ހާމަ ކުރޭ . އިބޫއަށް ތިމަޤާމް ދީފައި ތިހުރީ އެއްމެ އިސްކަމަކަށް އެކަން ކުރަން ނޫންތޯ ؟
ވާލުސޮރު
05 July 2019
މި ރިޕޯޓޭ ބުނީމާ ތެޅިގަނެގެން ކޮންމެ ރެއަކު މުޒާހަރާ ކުރަން ފަށާނެ، އޭރުންތާ ތިމާމެން ބޭޒާރު ނުވާނީ
ކަދުރޭ2
05 July 2019
ކީއްވެ ހާމަ ނުކުރަނީ. ސިޔާސީ ފައިދާ ނަގަން އެއްޗެއް އަތަށް ގޮވާގަޑީގަ ހާމަކުރަން މަޑުކޮށްލީދޯ؟
ރެކިފުތާ
05 July 2019
ހަސަނަށް ހީވާނެ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާފާނެކަމަށް.
ބަބުރަންޖީ ހާޖީ
05 July 2019
ހީވަނީ ހަމަ ތިތަފްސީލީ ރިޕޯޓުންވެސް ޑރ. އަފްރާޝީމުގެ ގަތުލު ނިމިގެންދާނީ ހުމާމާހަމައިންހެން. މިތިބީ ބަލަން. އިނގިދާނެތާ ވާގޮތެއް.
މަންޑޭލާ
05 July 2019
ރައިސް ނަޝީދު ބުނީ އެމީހުން ފުރައިގެން ގޮސްފިއޯ.
ޝޮކްތެރަޕީ
05 July 2019
މިހާތަނަ މިސަރުކާރުން. ތެދައްވުރެ ގިނައިން ހެދީ ދޮގު.
ސަމްސު
05 July 2019
އަދި ފެންނަނީ ވަރަށް ބޭވަފާތެރިކޮށް. ފަހުން ރަނގަޅުވާނެކަމަށް އުންމީދުކުރަމާހިނގާ.
މިނިވަންނެ
05 July 2019
ސިޔާސީ ޕާޓީއެއްގެ މީހަކު ސިޔާސީ ފިކުރު ފާޅުކުރާ ކުދިންކޮޅަކާއެކު ނެރޭ ތަކެތި ކިހާ ސައްހަވާނެތޯ އެއީ ބަޔަކު ސުވާލުނުކޮށް ދޫކޮށްލާނެކަމަށް ނުފެނޭ.
ގަރުދިތަ
05 July 2019
ދެން އިދިކޮޅުމީހުން ލައްވާތަ ނެރެންވީ؟ އޭރުންބުނާނީ ކީކޭބާ؟ ކޯނީ ރިޕޯޓު ގައި އޮތްއެއްޗަކާ ލޮލުން ފެނުނު މަންޒަރާ ވަރަށް ތަފާތު. ވާނީވެސް އެހެންދޯ؟ ރަސްގެފާނު ސަލާމަތްވާންވެގެން ރަންނަމާރި ތޯލާފުޅިއަކަށްވެސް ލީ ހަމަ މިގައުމުގެ މީހުންދޯ؟