ރިޕޯޓް / ފުލުހުން

ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވާ!

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބުރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އޭރު އިދިކޮޅު ހަރަކާތުން އެމްޑީޕީގެ ހަރުގެ ކައިރީގައި ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކުށަށް އިއުތިރާފްވި ނަމަވެސް އިއްވީ އެންމެ އިންސާފުވެރި ހުކުމް ކަމަކަށް އަދިވެސް ނާސިރާ އަލީ ގަބޫލެއް ނުކުރެ އެވެ. މީގެ ހަތަރު އަހަރު ކުރިން 2015 އަހަރު، އޭރުގެ ސަރުކާރާ ދެކޮޅަށް، މެއި 1 ގައި ކުރި ބޮޑު މުޒާހަރާގެ ތެރެއިން ނާސިރާ ހައްޔަރުކުރީ ފުލުހަކަށް ހަމަލާ ދީގެންނެވެ.

އޭނާގެ ކުށަކީ މުޒާހަރާގެ ތެރެއިން، ކުޑަ ކޯކު ފުޅިއެއް ފުލުހަކާ ދިމާއަށް އެއްލައި މާރާމާރީ ހިންގުމެވެ. އެކަމަކު ހުކުމް އައީ "ތޫނު އެއްޗަކުން" މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފަސް އަހަރު ދުވަހަށް ޖަލަށް ލާށެވެ. އުމުރުން ފަސް އަހަރާއި ހަ އަހަރުގެ ކުޑަ ދެ ކުދިންގެ މަންމައަށް ކުރި އެ ހުކުމަށް ގިނަ ބަޔަކު އޭރު ވެސް ފާޑުކިޔެވެ. ނާސިރާ މިނިވަންވީ، ބަންދުގައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އެކަމަކު އެ ދުވަސްތައް އަދިވެސް އޭނާ ސިފަކުރަނީ ހަޔާތުގެ އެންމެ ކަޅު ދުވަސްތަކުގެ ގޮތުގަ އެވެ.

"ފުޅި އެއްލައިގެން ޕޮލިސް މީހާއަށް އެއްވެސް އަނިޔާއެއް ނުލިބޭ، އެކަމަކު ތޫނު އެއްޗަކުން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފަސް އަހަރަށް ޖަލަށްލުން، އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބޮޑު އަދަބެއް،" ނާސިރާ ބުންޏެވެ.

"އެ ދުވަހު ފުލުހުން އާއްމުންނަށް މާ އަނިޔާކުރި. މުގުރި ބުރިތަކުން ތަޅައި، ސީދާ ލޮލަށް ޕެޕާ ސްޕްރޭ ޖެހި. ކީއްވެ އެ މީހުންނަށް އެއްވެސް އަދަބެއް ނުލިބެންވީ؟"

ނާސިރާގެ އެ ސުވާލު ވެފައިވަނީ މި ދުވަސްވަރު އަނެއްކާވެސް އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ މައުލޫއަށެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ އެކު، އެ ފުލުހުން ސަސްޕެންޑް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު ގިނަ ބައެއްގެ ޝަކުވާ އަކީ އެ ފަދަ ބޮޑު އަނިޔާތަކެއް ފުލުހުންގެ ފަރާތުން ލިބުމުން ވެސް ސަސްޕެންޝަނާ ހަމައިން މައްސަލަ ނިންމާލުމެވެ.

"ޖިނާއީ ތަހުގީގު ކުރަން ޖެހޭ"

ސޯޝަލް މީޑިއާގައި ދައުރުވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން އޭނާގެ ގައިގައި ކޮޅުފައިން އަދި އަތުގައި ގާބުރިއަކުން ވެސް ތަޅަ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި ގައިގެ އެކި ތަންތަނުގައި ތަޅާ މަންޒަރު ވެސް ފެނެ އެވެ. ފަހުން އާއްމުވި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާގެ އަތުގެ ކުޑަ ހުޅާ އެކު އަތް ހުރީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އަދި ބުރަކައްޓާއި ގައިގެ އެކި ތަންތަން ވެސް ހުރީ ނޫފައި ގަނެ، ދުޅަވެފަ އެވެ.

ވީޑިއޯ އާއްމުވުމާ އެކު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މީހުން ސަސްޕެންޑްކޮށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިން ތަހުގީގު ކުރުމުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެ ފުލުހުން ސަސްޕެންޑު ކުރި ކަމެއް މިހާތަނަށް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން މީހުން ހައްޔަރުކުރުމުގައި ފުލުހުން ބައެއް ފަހަރު އަނިޔާކުރޭ.-- ފޮޓޯ: ޕޮލިސް

އެކަމަކު އާއްމުންގެ ޝަކުވާއަކީ، ފުލުހުންގެ ފަރާތުން އެހާ ބޮޑު އަނިޔާއެއް ލިބުމުން ވެސް އެ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގުމެވެ. އެ އަނިޔާ އަށް ފަހު، ދެން އެ މައްސަލަ އޮތީ "ސިއްރެއް" ގެ ގޮތުގަ އެވެ. އެހެންވެ، ފުލުހުންގެ ތެރޭގައި އޮތް އަނިޔާކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކޮމިޝަނަރު ވިދާޅުވި ނަމަވެސް، އެކަމަށް އަމަލީ ސިފަ ގެންނެވުމަށް ހަމީދު މަސައްކަތް ނުކުރައްވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރި އެވެ.

ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ ފުލުހުން ހިންގި އެ އަމަލު، ހަތަރު ގާނޫނެއްގެ ދަށުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ. އެއީ ގާނޫނުލް އުގޫބާތާއި އެންޓި ޓޯޗާ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގެ އިތުރުން ތޫނު ހަތިޔާރު ގެންގުޅުން މަނާކުރާ ކުރާ ގާނޫނެވެ. އެކަމަކު މީހަކަށް ގަސްދުގައި ބޮޑެތި އަނިޔާތަކެއް ދިން އެ އަމަލަށް، ފުލުހުންގެ އިސް ވެރިންގެ ސަމާލުކަން ލިބުނު ނަމަވެސް ޖިނާއީ ތަހުގީގެއް ނުހިންގަން މަސައްކަތް ކުރާތަން ފެނިވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީޕީ ވެސް ވިދާޅުވީ އެ މައްސަލަ އެބަ ބަލަމޭ. އެންމެ ފަހަރަކު ވެސް ވިދާޅެއް ނުވޭ ޖިނާއީ ތަހުގީގެއް ހިންގާނަމެކޭ. ދެން އެޗްއާރުސީއެމާއި އެންއައިސީ [ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން] އިން ތަހުގީގު ކުރާކަމަށް ވިދާޅުވި އިރު، އެ ދެ ތަނަކަށް ވެސް ޖިނާއީ ތަހުގީގެއް ނުހިންގޭނެ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ޖިނާއީ ތަހުގީގެއް ހިންގާފައި ނޫނީ ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ އެވެ. ޖިނާއީ ތަހުގީގެއް ނުހިންގާ ނަމަ، މައްސަލަ ނިމޭއިރު އެންމެ ބޮޑުވަރަކަށް ކުށްކުރި މީހުންނަށް ލިބޭނެ އަދަބަކީ ވަޒީފާ ގެއްލުމެވެ. އެއީ އިންސާފު ކަމަކަށް ޝަމީމް ދެކެވަޑައެއް ނުގަންނަވަ އެވެ.

ފުލުހުން އަނިޔާ ކުރާ މަންޒަރު ވީޑިއޯ ކުރި ކަމަށް ބުނެ، އެ ފުލުހުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ދިރިއުޅުއްވާ ގެއަށް ވަދެ، ބިރު ދައްކައި ވީޑިއޯ ޑިލީޓް ކުރުވަން މަސައްކަތް ކުރި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި ބައެއް މީހުން ވަނީ، އެކަން ކުރި ފުލުހުން އަދިވެސް ހައްޔަރު ނުކުރާތީ އެކަމަށް ފާޑުކިޔައިފަ އެވެ.

ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ ---ފޮޓޯ: މިހާރު

ޝަމީމް ވިދާޅުވި ގޮތުގައި ހެކި ނައްތާލުމަށް މަސައްކަތް ކުރުމާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި ވެސް މިހާރު އެ މީހުން ހައްޔަރު ކުރަން ޖެހެ އެވެ.

"އެ މީހުން މިހާރު ވެސް އެ ދަނީ ބިރު ދައްކަމުން. އެހެންވެ، އެއީ މި ވަގުތު ވެސް ބަންދުގައި ތިބެން ޖެހޭނެ ބައެއް. އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ޖިނާއީ ތަހުގީގު ހިންގުން [ފުލުހުން] އެވޮއިޑް ކުރާ ގޮތުން އެކަން ކުރުމަށް ބޮޑު ހިތްވަރެއް އެ ދެވެނީ،" އޭނާ ވިދާޅުވި އެވެ.

"އެއިން ދެވޭ މެސެޖަކީ ފުލުހުން މީހަކު ރޯނާ ކޮށްލިޔަސް، ބަންދު ނުކުރެވޭނެކަން. ސަސްޕެންޑް ކުރިޔަސް، އެކަން ހަނދާން ނެތޭ ފަހުން އަނެއްކާވެސް އަނބުރާ ވަޒީފާއަށް ނިކުމެވޭނެކަން،"

ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ހައްޔަރު ކުރާ މީހުންނަށް އަނިޔާކުރުމަކީ، އެ މީހުން ބަލަހައްޓަން ތިބޭ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފަތެއް ކަމަށެވެ. އެކަމަކު މިހާރު ގިނަ ބަޔަކު ޝަކުވާ ކުރަނީ، ޖަލުގައި އަނިޔާ ކުރުމަށް ވުރެ ހައްޔަރުކުރާ އިރު ލިބޭ އަނިޔާތައް އިތުރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ޑްރަގްގެ މައްސަލަތަކުގައި މީހުން ހައްޔަރު ކުރާއިރު އާއި މުޒާހަރާތައް ރޫޅާލުމުގައި އެސްއޯ ފުލުހުން މީހުން ހައްޔަރު ކުރާއިރު އަނިޔާ ކުރޭ. މިކަންކަން ހުއްޓުވޭނީ އެކަން ކުރާ މީހުންނަށް ހައްގު އަދަބު ދީގެން،" ސިޔާސީ ގިނަ ކުށްވެރިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ސިރާޖް ވިދާޅުވި އެވެ.

އަނިޔާ ކުރާ ފުލުހުން ނުވަތަ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ސަސްޕެންޑް ކުރުމަކީ ހައްގު އަދަބެއް ކަމަކަށް އޭނާ ވެސް ދެކެވަޑައެއްނުގަންނަވަ އެވެ. އޭގެ ބަދަލުގައި ޖިނާއީ ތަހުގީގެއް ހިންގައިގެން އެއަށް އެކަށީގެންވާ އަަދަބު ދީގެން ނޫނީ، އަނިޔާ ކުރުމުގެ ސަގާފަތަށް ނިމުމެއް ނާންނާނެ ކަމަށް ސިރާޖް ވިދާޅުވި އެވެ.

މި ފަދަ މައްސަލަތަކުގައި، އާއްމު މީހާ އާއި ދައުލަތުގެ ބޮޑެތި މީހުންނަށް އޮންނަ އަދަބު ތަފާތު ވުމަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އާއްމު މީހާ ރިހާކުރު ފުޅިއެއް ނަގައިގެން ޖަލަށް ހުކުމް ކުރާއިރު، ދައުލަތުގެ އިސް ބައެއް މުވައްޒަފުން ކިތަންމެ ބޮޑު ވައްކަމެއް ކުރިޔަސް އަދަބު ނުލިބުމަކީ ގިނަ ބަޔަކަށް އޮތް މާޔޫސްކަމެއް ކަމަށް ސިރާޖް ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި ބައިވެރިވި އަންހެނަކު ފޮނުވާލަން ފުލުހަކު މަސައްކަތް ކުރަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އާންމު މީހާ ކުށެއް ކުރީމައި ލިބޭ އަދަބަށް ވުރެ، ތަންފީޒީ އިދާރާއެއްގެ މީހާ ކުށް ކުރުމުން ލިބޭ އަދަބު ބޮޑުވާން ޖެހެ އެވެ.

މަޖިލިހުގެ ކޮމިޓީތައް "ހިމޭނުން"

މި ފަހުން އާންމުވި ފުލުހުންގެ އަނިޔާވެރި ވީޑިއޯއާ ގުޅިގެން ބައެއް މީހުންގެ އެހެން ޝަކުވާއެއް ވެސް އެބަ އޮތެވެ: ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތައް "ހިމޭނުން" އޮތުމެވެ.

މިފަހަކަށް އައިސް މަޖިލިހުގެ ބައެއް ކޮމިޓީތަކުން ގެންދަނީ އެކި ކޮމިޝަންތަކާއި އިދާރާތަކުގެ އިސް ވެރިން ހާޒިރުކޮށް، ސުވާލުކުރަމުންނެވެ. އެކަމަކު ފުލުހުން އަނިޔާކުރާ ވީޑިއޯއާ ގުޅިގެން، މަޖިލިހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވެސް ފެނުނީ ވަރަށް ވަނދުކޮށް ކަންތައް ގެންދިތަ ތަނެވެ. ވީހާ ވެސް އަވަހަކަށް ބަލަންޖެހޭ މައްސަލައެއް ކަމަށް ވާއިރު، ކަމާ ގުޅޭ މައުލޫމާތު ދިނުމަށް މުއައްސަސާތަކަށް ދެ ދުވަހުގެ ދިގު މުއްދަތެއް ދިނީ އެވެ. މައްސަލަ އެޖެންޑާކޮށް، ކޮމިޓީ ބޭއްވީ އަނިޔާ ކުރިތާ 48 ގަޑިއިރުވާން ކައިރި ވެފައި ވަނިކޮށެވެ. މިއީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުން މިހާތަނަށް ދެއްކި ސަގާފަތާ ފުށުއަރާ ކަމެކެވެ.

ބައެއް މީހުންގެ ނަޒަރުގައި މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ފުލުހުންގެ އިސް ވެރިން ވަގުތުން ހާޒިރުކުރަން ޖެހެ އެވެ. އަދި އެއީ 48 ގަޑިއިރުގެ މުހުލަތެއް ދޭންޖެހޭ ކަމެއް ނޫނެވެ.

ހައްލަކީ އަދަބަކަށް ވާ ކަހަލަ ފިޔަވަޅު އެޅުން

ފުލުސް މީހާގެ ގައިގައި ޖަހައިގެން ނާސިރާއަށް އައީ ބޮޑު ހުކުމެކެވެ. ކުރިން އޮންނަ ގޮތުން ފުލުހެއްގެ ގައިގައި ޖެހި ނަމަވެސް، އޮންނަނީ މާރާމާރީ ހިންގި ކަމުގެ އަދަބެވެ. އެކަމަކު މިދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ އެ އަދަބު ބޮޑުކޮށް، ޖެހުމުގެ ކުށް ބަޔާން ކުރާ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާއަށް ބައެއް އިތުރުކޮށްފަ އެވެ.

މިހާރު އޮންނަ ގޮތުން ގާނޫނު ތަންފީޒު ކުރާ މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގައިފި ނަމަ ދޭ އަދަބު ބޮޑުވާނެ އެވެ. އެކަމަކު މިއީ ހަމަޖެހޭ އަދި ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ އަދަބު އާއްމު މީހާއަށް ވުރެ ކުޑަވާން ޖެހެ އެވެ. އެއީ ފުލުހުންނަކީ ގާނޫނީ ގޮތުން ގިނަ ބާރުތަކެއް ލިބިދޭ ބަޔަކަށް ވާއިރު، ގާނޫނަކުން އިތުރު ރައްކާތެރިކަމެއް އެ މީހުންނަށް ބޭނުން ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ވަކީލުން ވަނީ މީހަކަށް ފުލުހުން އަނިޔާކުރި އެ މައްސަލަ، ކޮމިޝަނަރުގެ ސަމާލުކަމަށް އެހާ އަވަހަށް ގެނެވުނުކަން ފާހަގަކުރައްވައިފަ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އަނިޔާ ކުރުމުގެ ސަގާފަތް ނައްތާލަން ކުރާ މަސައްކަތަށް ލިބުނު ކުރި އެރުމެކެވެ. އެކަމަކު އެކަން އެއްކޮށް ފިލައި ދާނީ ފުލުހުންގެ ތެރެއިން އިންސާފުވެރިކަމާ އެކު ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ވަކީލުން ވިދާޅުވި އެވެ.

32 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 10%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝެމްބި

09 July 2019

ފުލުހުންނަށް ހަމަލާދީގެން ނުވާނެ. މިއީ ވަރަށް ވާހަަކަ.

The name is already taken The name is available. Register?

ދޮންވެލި

08 July 2019

ކޯޓުން ކުރާ ހުކުމައް ފުލުހުން ޒިންމާވާކަށް ނުޖެހެއެވެ.

The name is already taken The name is available. Register?

1828

08 July 2019

"މުގުރި ބުރިތަކުން ތަޅައި، ސީދާ ލޮލަށް ޕެޕާ ސްޕްރޭ ޖެހި" އެއީ ފުލުހުންގެ ގަވައިދުގައިވާ ގޮތަށް ބޭނުން ކުރެވޭނެ އެއްޗެހި. ގަވައިދުގައިވާ ގޮތަށް މުގުރު އަދި ޕެޕަރ ސްޕްރެ ބޭނުންކޮށްގެން ފުލުހުން އަނިޔާ ކުރީކަމަށް ނުބެލެވޭނެ. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވަނީ ނަމަ 'އެކަށީގެންވާ ބާރު' އޮންގުރައުންޑްގައި ހުރި ކޮންމެ ފުލުހަކަށް ބޭނުން ކުރުމުގެ ފުރިހަމަ އިހްތިޔާރް ލިބިގެންވޭ.

The name is already taken The name is available. Register?

ބާން

08 July 2019

އޯގާތެރި ސަރުކާރު އައިފަހުންވެސް މިފުލުހުން މައިތިރިނުވޭ.

The name is already taken The name is available. Register?

‫ހަސަން@

08 July 2019

‫ފުލުސް މީހާ ކުށެކުރިޔައަސް ކުށެއްވާނީ ކުށަކަ އަދި އެކުށަކަށް ކަނޑަ އެޅިފަވާ އަދަބެއްވެސް އެ ފުލުސް މީހަކަށް ލިބެންޖެހޭ އަދި ދޭން ވެސްޖެހޭ ފުލުސް މީހާގެ ޕްރޮފެސަނަލް ކަމަކީ ތުހުމަތު ކުރެވޭ އާމު ރަތްއިތު މީހާޔަ އަނިޔާކުރުމެއްނޫން ?

The name is already taken The name is available. Register?

ލަންބެ

08 July 2019

ކަލޭމެންގެ ހަމައިގަ ފުލުހުން ތިބޭނެ ކަމެއްވެސް ނެތެއްނޫންތޯއެވެ. ގައުމެއްގެ އިޖްތިމާއީ ފޭރާން ވީދި ކުދިކުދިވެ، އެއްވެސް ގާނުނެއް ތަންފީޒު ނުކުރެވިގެން އުޅެނިކޮށް މިއޮށް ދަށްކަން ފެށި ވާހަކައަކުން، މަ މިއުޅޭނީ ހޮޑުލަވާ ވަރުން ބޯހިތްލައި ނުލެވިގެންނެވެ.....ގާނޫނޭ ނުކިޔާ.....ބޭނުންވާ ބަޔަކު ދޫކޮށްލީމާ ނިމުނީނުހެއްޔެވެ....ކޮންމެހެން ލޯއެންފޯސްމެންޓް އެޖެންސީތަކުގެ ހަތަރެސްފައި ނުބަނދެވެސް ތިކަން ނިމިދާނެ ނޫންހެއްޔެވެ.

The name is already taken The name is available. Register?

ލަންބެ

08 July 2019

ފުލުހުންނަކީ ގާނޫނީ ގޮތުން ގިނަ ބާރުތަކެއް ލިބިދޭ ބަޔަކަށް ވާއިރު، ގާނޫނަކުން އިތުރު ރައްކާތެރިކަމެއް އެ މީހުންނަށް ބޭނުން ނުވާ ކަމަށް ޝަމީމު ބުންޏަސް ތިކަން ގަބޫލެއް ނުކުރެވޭ......ރާއްޖެއަކީ ދެކުނު އޭޝިއާގެ އެންމެ ޑިސިޕްލިން ދައް މީހުން އުޅޭ އެއްގައުމު......އަނެއްކޮޅުން މިނިވަންކަން ލިބުނުލެއް ބޮޑުކަމުންނާއި، ގާނޫނުގައި ހުރި ލޫޕްހޯލްތައް ގިނަކަމުން، މިހާރު ކުށެއް ކުރާމީހަކު ކޮންމެ ފަދަ ކުށެއް ކުރަންވެސް ޖެހިލުމެއް ނުވޭ.........

The name is already taken The name is available. Register?

ލަންބެ

08 July 2019

މިހާރު އޮންނަ ގޮތުން ގާނޫނު ތަންފީޒު ކުރާ މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގައިފި ނަމަ ދޭ އަދަބު ބޮޑުވާނެ އެވެ. އެކަމަކު މިއީ ހަމަޖެހޭ އަދި ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި........މިހިތްވަރު ދެވެނި ގާނޫނު ތަންފީޒުކުރާ ފަރާތްތައް އަތްބަނދެ ފައިބަނދެގެން ތިބުމަށް........މިގައުމެއް އެހެންވިއްޔާ ނެތް

The name is already taken The name is available. Register?

ހިދާޔަތު

08 July 2019

ގާނޫނު ތަންފީޒުކުރާ މީހަކަށް ހަމަލާދިނުމުން އޮންނަ އަދަބު ބޮޑުވާން ޖެހޭނެއެވެ. އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އޮންނަ ގޮތެވެ. އޭގެ ބޭނުމަކީ ޕަބްލިކް އޯޑަރ ހިފެހެއްޓުމެވެ. އެފަދަ މީހުންދެކެ ކޮންމެވެސް ވަރެއްގެ ބިރެއް ކުށްކުރާ މީހުންގެ ހިތުގައި އޮތުމަށެވެ. ނޫންނަމަ، އަމާން މުޖުތަމައެއް ނޯންނާނެއެވެ. ހަމައެގޮތަށް، އޭގެ އަނެއް ބޭނުމަކީ ގ.ތަންފީޒުކުރާ މީހުންނަށް ޚާއްސަ ރައްކާތެރިކަމެއް ލިބިދިނުމެވެ.

The name is already taken The name is available. Register?

ޞާނު

08 July 2019

ތިޔަކީ އިސްލާމް ދީން ދަންނަ އުސޫލެއްނޫން. މޫނަކަ ކަދުރާއަކަ ޔުނިފޯމް އަކަ ބެލުމެއް ނޯންވޭ. މިހިގައިގެން އުޅޭ ކަންތަކުގާ ގިސޯސް ހިފުން އޮތީ. ޢެއީ ގާބުރިން ޖެހި ފުލުސް މީހާއަދުގަ ގާބުރިން ޖެހުން. ﷲ ބޮޑަ ދެނެވޮޑިގެން ވާނީ.

The name is already taken The name is available. Register?

ޞާނު

09 July 2019

އިސްލާމީ ނަޒަރަކުން އަލި އަޅުވާތިލީ އޭގެ ދެފަރާތުގެ ވާހަކަ އަޑުއަހަފިންތޯ؟ އިންސާފާއި އެކު ބޭރުފުށަށް ގޮތްނިންމުން އިސްލާމްދީން ދައްކުވައިދެނީ. އަދި އިސްލާމީ ހުކުމް ތަންފީޒުކުރާނަމަ މިއަދު މިފަދަ ހާދިސާއެއްގެ ތުންމައްޗަށް އަޅުގަނޑުމެން ނުވެއްޓުނީސް. މުޖުތަމައުގެ އަފުރާދުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ފުލުހުންނާއި ޤާނޫނީ އިދާރާތަކަށް ފަސޭހަވީސް. الله اعلم

The name is already taken The name is available. Register?

ލޯކަ!

08 July 2019

ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވާ! ވެރިކަމަށް އިސްވާމީހުން ދޮގުހެދުން ހުއްޓުވާ! ރަށްޔިތުންގެ މަޖިލިސް ޣީބަ ބުނުމާއި މީހުންގެ މަސްކެއުން ހުއްޓުވާ! ވެރިން އެކިސިފަސފައިގާ ފަނޑިޔާރުންނަށްދޭ ރިސްވަތުގައި ހިފުން ހުއްޓުވާ! މީޑިޔާ ތަކުން ޚުޝާމަދު ކުރުމާއި ފިތުނަ އުފެއްދުން ހުއްޓުވާ! އަދިވެސް އަދިވެސް!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454