ޚިޔާލު

ޕްލާސްޓިކާ ދެކޮޅަށް ބޭނުންވަނީ ރަނގަޅު ސިޔާސަތެއް، އެހެން ނޫނީ ނާކާމިޔާބުވެދާނެ

ރާއްޖޭގެ ރަށަކަށް ޕްލާސްޓިކް ކުނިތަކެއް ލައްގާފައި: ޕްލާސްޓިކަކީ ބޮޑު ނުރައްކަލެއް

ޖޯ ރޮއިލް

18 ޖުލައި 2019 - 10:11

2 comments

ތިމާވެށީގެ ވަޒީރު ޑރ. ހުސެއިން ރަޝީދު މި މަހު ކުރެއްވި ޓްވީޓެއްގައި ލިއުއްވާފައިވަނީ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކު ބޭނުންކުރުން މަދުކުރަމުން ގޮސް ރާއްޖޭގައި އެކަން ހުއްޓާލަން ރާވަމުން އަންނަ ކަމަށެވެ. ހަމަ މިމޭރުމުން، ޖޫން 18 ގައި އައްޑޫ ސިޓީ ކައުންސިލުން ފާސްކުރި ގަރާރެއްގައި، ބުނެފައިވަނީ އަންނަ އަހަރު ޖޫން މަހުން ފެށިގެން އެއްފަހަރު ބޭނުންކުރެވޭ (ސިންގަލް ޔޫސް) ޕްލާސްޓިކް ބޭނުންކުރުން މަނާ ތަނަކަށް އައް ޑޫސިޓީ ހަދާނޭކަމެވެ. އަދި މި މަހު ރައްޔިތުންގެ މަޖިލީހުން ވަނީ ސިންގަލް ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަނާކުރުމަށް ހުށަހަޅައި ގަރާރެއް ނެރެފަ އެވެ. ރާއްޖޭގެ ގޮނޑުދޮށްތައް ޕްލާސްޓިކް ފުޅިން ފުރިފައި އޮންނަ ތަނާއި، ޕްލާސްޓިކް ކޮތަޅުތަކުން ރާއްޖޭގެ ފަރުތަކުގެ ދިރުމަށް ގެއްލުން ލިބޭ މިންވަރު އެނގޭ އަދި ރަށްރަށުގައި ޕްލާސްޓިކް ހާމައަށް އަންދާ ތަން ފެންނަ ދިވެހިންނަށް، މިއީ ވަރަށް ވެސް އުފާވެރި ޚަބަރެކެވެ.

މަދުކުރަމުން ގޮސް ނުވަތަ 'ފޭސް އައުޓްކޮށްގެން' ހުއްޓާލާނީ ކޮން ކަހަލަ ޕްލާސްޓިކެއްކަން ތިމާވެއްޓާ ބެހޭ ވުޒާރާއިން އަދި ހާމަނުކުރިއަސް، ދާދި އަވަހަށް އެކަމާ ގުޅޭ ތަފްސީލުތައް އިއުލާނުކުރާނެ ކަމަށް ލަފާކުރެވެ އެވެ. އައްޑޫ ސިޓީން ސިންގަލް ޔޫސް ޕްލާސްޓިކު މަނާކުރާނެ ގޮތުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ދުނިޔޭގެ އެތައް ގައުމުތަކެއްގެ ސަރުކާރުތަކަށް ސިންގަލް ޔޫސް ޕްލާސްޓިކު ފޭސް އައުޓްކުރާނޭ ގޮތުގެ ލަފާދީފައިވާ އެންޖީއޯ ކަމަށް ވާ ކޮމަން ސީސްގެ ފައުންޑަރުގެ ހައިސިއްޔަތުން އަޅުގަނޑުގެ ތަޖުރިބާ ހިއްސާ ކޮށްލާނަމެވެ. އެހެނީ، ޕްލާސްޓިކް މަނާކުރުމަކީ ނުވަތަ މަނާކުރުން ތަންފީޒު ކުރުމަކީ ހީކުރާވަރަށް ވުރެ އުނދަގޫ ކަމެކެވެ.

މި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ދަސްވި ތިން ފިލާވަޅެއް މިތާގައި ހިއްސާކޮށްލާނަމެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގައި އަޅުގަނޑުމެންނަށް ފާހަގަވި ކަންކަން ވެސް ހިމަނާލާނަމެވެ.

ފުރަތަމަ ކަމަކީ ދާން އުޅޭ އަމާޒަކީ ކޮބައިކަން އެނގުމުގެ މުހިއްމުކަމެވެ. ދެތިން ހަތަރު ވައްތަރެއްގެ، އެއްމެ އާއްމުކޮށް ގެންގުޅޭ ޕްލާސްޓިކު އެއްޗެހި މަނާކޮށްފައި ދެން އެޔަށް ތައުރީފުކުރާ ފަލަ ސުރުޚީތަކެއް މާސް މީޑިޔާއަށް އެރީމާ މައްސަލަ ހައްލުވީކަމަށް ނިންމުމަކީ ކޮށްލަން ފަސޭހަ ކަމެކެވެ. އެކަމަކު މިއީ އެދެވޭ ނަތީޖާއެއް ނެރެވިދާނެ ސިޔާސަތެއް ނޫނެވެ. ފާއިތުވެދިޔަ ދިހަވަރަކަށް އަހަރު، އެތައް ސަރުކާރާއި އަމިއްލަ އެތައް ޖަމިއްޔާތަކަކުން ޕްލާސްޓިކު ކުނީގެ މައްސަލައަށް ހައްލެއް ފެނޭތޯ މަސައްކަތް ވަނީ ކޮށްފަ އެވެ. ނަމަވެސް، މި މަސައްކަތަކީ މިންކުރެވިގެން، ދިރާސާކޮށްގެން ރޭވުންތެރިކަމާ އެކު ކޮށްފައިވާ ކަންކަމަށް ނުވާތީ ޕްލާސްޓިކު ބޭނުން ކުރުމާއި ޕްލާސްޓިކު ކުނީގެ ކަންތައް އެއް ދުވަހުން އަނެއް ދުވަހަށް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ.

ކުނިތަކެއްގެ ތެރެއިން ޖޯ ރޮއިލް ހިނގާފައި ދަނީ: އޭނާ އަކީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ކޮމަން ސީސްގެ މެނޭޖިން ޑައިރެކްޓަރު

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ކޮމަން ސީސް އިން ތަޢާރަފުކުރި "ޕްލާސްޓިކް ޑްރޯޑައުން" މޮޑެލްއަކީ މި މަސައްކަތުގައި އިސްވެ ހަރަކާތްތެރިވާ ވެރިންގެ ފެންވަރުގެ މީހުންނަށް އޭގައި ހުރި ދަތި އުނދަގޫތަކާއި ގޮންޖެހުންތައް އޮޅުންފިލުވައިދީ، ކަމުގެ ބިޔަކަން ތަސައްވަރުކޮށްދޭން ތައްޔާރުކުރި މޮޑަލްއެކެވެ. މި މޮޑެލް ފަށައިގަންނަނީ އެ ގައުމެއްގައި އުފެދޭ ޕްލާސްޓިކު ކުނީގެ ބާވަތްތައް ހޯދައި ދެނެގަތުމާ އެކު، އޭގެ ތެރެއިން ކަނޑަށް ނުވަތަ މޫދަށް އުކާލެވޭ މިންވަރު ފާހަގަކޮށްގެންނެވެ. މިގޮތުން ކަނޑަށް މި އެޅޭ ޕްލާސްޓިކް ކުނީގައި، ހިމެނޭ ތަފާތު 29 ބާވަތެއްގެ ޕްލާސްޓިކު ފާހަގަކޮށް، މީގެން ކޮންމެ ބާވަތެއްގެ ހިއްސާއަކީ ކޮބައިކަން ދެނެގަނެވެ އެވެ. ޕްލާސްޓިކު ފުޅިން ފެށިގެން އުޅަނދު ފަހަރުގެ ފުރޮޅުން ނެގޭ ކުދިކުދި އެތިކޮޅުތަކަށް ދާންދެން ވަކި ބައިބައިގެ ގޮތުގައި ފާހަގަކުރެވެ އެވެ.

އިތުރު އަޅާލުމެއް ނެތި މިހާރުވެސް ކަންކަން ކުރަމުން ދާ ގޮތަށް ބަދަލުތަކެއް ނުގެނެސް ކުރިޔަށް ދާ ނަމަ، މި މައްސަލަ ގޯސްވެ ޕްލާސްޓިކް ކުނި އުފެދޭނެ މިންވަރު މި މޮޑެލްއިން ދައްކާ ދެ އެވެ. އަދިހަމަ ސިންގްލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ސިޔާސަތު ކަނޑައަޅާ އެއަށް ޢަމަލު ކުރާ ނަމަ ތިމާވެއްޓަށް ޕްލާސްޓިކުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ މިންވަރު ވެސް މިމޮޑެލްއިން ދައްކާދެއެވެ. މި މަޢުލޫމާތުގެ އަލީގައި ޕްލާސްޓިކް ކުނި މަދުކުރުމަށް އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނަގަނެވި ސަރުކާރުގެ ސިޔާސަތުތައް މިކަންކަމާ އެއްގޮތަށް ބައްޓަންކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މިގޮތަށް ތައްޔާރުކުރެވޭ ސިޔާސަތުތަކަކީ އެޤައުމަކަށް އެންމެ އެކަށޭނެ، އެގައުމެއްގެ އުފެދޭ ޕްލާސްޓިކް ކުންޏައް (ނުވަތަ ޕްލާސްޓިކް ޕޮލިއުޝަންއަށް) އަމާޒުކޮށްގެން ހެދޭ ސިޔާސަތުތަކަށްވާނެއެވެ.

ދެވަނަ ކަމަކީ އެ ގައުމެއްގެ ހާލަތާއި ކަންކަން ވާ ގޮތް، ނުވަތަ ލޯކަލް ކޮންޓެކްސްޓް، ފުރިހަމައަށް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެވެ. އެކި ގައުމުތަކުގައި އުފެދޭ ޕްލާސްޓިކް ކުނީގެ ބާވަތާއި މިންވަރު ތަފާތުވުމުގެ ސަބަބުން އެކި ގައުމުތަކަށް ބޭނުންވަނީ ވެސް ތަފާތު، އެ ގައުމެއްގެ ކޮންޓްކްސްޓަށް ބަލާފައި، އެކަށައެޅޭ ސިޔާސަތުތަކެކެވެ. މިސާލަކަށް އިނގިރޭސި ވިލާތުގައި ކޮމަން ސީސް އިން ކުރި މަސައްކަތަށް ބަލައިލާނަމެވެ. އިނގިރޭސި ވިލާތުގެ ސަރުކާރުން ޕްލާސްޓިކު ކުނި މަދުކުރަން ރާވާފައިވާ ގޮތާ ބެހޭ ގޮތުން ދާދި މިދާކަށް ދުވަހު "ކޮމަން ސީސް" އިން ވަރަށް ތަފްސީލީ މަޢުލޫމާތުތަކެއް ދިރާސާ ކުރީމެވެ. މި މަސައްކަތުން އަޅުގަނޑުމެންނަށް އެނގުނީ އިނގިރޭސި ވިލާތުގެ މޫދާއި ކޯރުތަކަށް އުކާލެވޭ ޕްލާސްޓިކު ކުނީގެ ދެ ބައިކުޅަ އެއް ބަޔަކީ އުޅަނދުފަހަރުގެ ފުރޮޅުގައި އަޅުވާ ޓަޔަރުތަކުން ނެއްޓިގެން އަންނަ ކުދިކުދި އެތިކޮޅުތައް ކަމެވެ. ފުރޮޅު އެހާ ގިނަ ދުވަހު ގޭނިގެން ދާދިއުމަށް އިނގިރޭސި ސަރުކާރުން ސަމާލުކަން ދީފައެއް ނުވެ އެވެ. އަދި މިއީ ހައްލުކުރަން ނުލާހިކު އުނދަގޫ، ބޮޑު މައްސަލައެކެވެ. އެއީ އެގޮތަށް ގިނަ ދުވަސްވެ ބައުވުމުން ޓަޔަރުތަކުން އުތުވި އިރިގެންދާ ކުދި އެތިކޮޅުތައް ގިނަކަމާއި އޭގެ ސައިޒު ކުޑަކަމުން މިކަމަށް އިތުރު ހައްލެއް ނުހޯދޭތީ އެވެ. މީގެ ނަތީޖާއަކީ، އެންމެ ފުރިހަމަ ތަސައްވުރުގައި ވެސް ނުވަތަ ސިނޭރިއޯގައި ވެސް، 2019 ވަނަ އަހަރާ އަޅާބަލާއިރު 2030 ގައި އިނގިރޭސި ވިލާތުގެ މޫދާއި ކޯރުތަކަށް އެޅޭ ޕްލާސްޓިކު އިތުރުވުމެވެ. މިއާ ޚިލާފަށް އިންޑޮނޭޝިޔާގައި އެންމެ ގިނައިން އުފެދޭ ޕްލާސްޓިކު ކުންޏަކީ ފުޅި ފަދަ 'މެކްރޯ' ޕްލާސްޓިކެވެ. އެހެންކަމުން މޫދަށާއި ކޯރުތަކަށް އެޅޭ ޕްލާސްޓިކު ފާހަގަކުރެވޭ މިންވަރަކަށް، ހަރުދަނާ ކުނި މެނޭޖްކުރުމުގެ ސިޔާސަތުތަކެއްގެ ތެރެއިން، އިންޑޮނޭޝިއާގައި މަދުކުރެވިދާނެ އެވެ.

ތިން ވަނަކަމަކީ ޖައްވަށް ދޫކުރާ ކާބަން (އުޅަނދުފަހަރާއި އެހެނިހެން އިންޖީނުތަކުން ނުކުންނަ ދުން) މަދުކުރުމަށް ސައިންޓިސްޓުންގެ ލަފާގެ މަތިން ގައުމުތަކުގެ ސަރުކާރުތަކުން އަމަލުކުރަމުން ގެންދާ 'ވެޖަސް' ގެ މޮޑެލް، ޕްލާސްޓިކް މަދުކުރުމަށް ވެސް ބޭނުންކުރެވިދާނެކެމެވެ. ކޯރުތަކާއި ކަނޑުތަކަށް އެޅޭނެ ކަމަށް، 'ވެޖަސް' މޮޑެލްގެ ދަށުން، އަންދާޒާކުރެވޭ ޕްލާސްޓިކް ކުނި، ތަފާތު ސިޔާސަތުތަކުން މަދުކުރެވޭނެ މިންވަރު ތަސައްވުރުކުރެވެ އެވެ (ކުރެހުން 2). މިގޮތަށް މޮޑެލްކޮށްގެން ސަރުކާރުން އެ ގައުމަކަށް އެންމެ އެކަށޭނެ ގޮތްތަކެއް ރާވައިގެން ޕްލާސްޓިކު ކުނިބުނި މަދުކުރުމުގައި އެދެވޭ ނަތީޖާއެއް ނެރެވިދާނެ އެވެ.

މި ކުރެހުމުން މިފެންނަނީ އެކި ސިޔާސަތުތަކުން ޕްލާސްޓިކު ކުނި ބުނި މަދުވަމުން ދާނެ ގޮތެވެ(ކަނާތް ފަރާތުގައި). އެއާއިއެކު އެއްވެސް ކަމެއް ނުކޮށް ފިޔަވަޅެއް ނާޅައިފިނަމަ އެމައްސަލަ އޮންނާނެ ގޮތެވެ (މުށި ކުލައިގެ ރޮގުން ދައްކުވައި ދެނީ).

ކޮމަން ސީސް އިން މި ވަގުތު މިގެންދަނީ ކޮމަންވެލްތުގެ ތަފާތު 21 ގައުމެއްގައި ޕްލާސްޓިކު ކުނީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދަން މަސައްކަތްކޮށް އެހީތެރިވަމުންނެވެ. ވެއަތުވެ ދިޔަ ދުވަސްތަކުގައި މީގެ ތެރެއިން ބައެއް ގައުމުތަކުން ވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި އަދި ކަންކުރާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް އެކުލަވާނުލާ ޕްލާސްޓިކު ކުނިބުނި މަނާކުރީ ކަމަށް އިއުލާނު ކޮށްފަ އެވެ. މިފަދަ ގައުމުތަކުގެ ތަޖުރިބާއިން އެނގެނީ، ހަމައެކަނި، މިގޮތަށް ޕްލާސްޓިކު މަނާކުރުމުން އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމެވެ. މި ސިޔާސަތު ނާކާމިޔާބުވުމުގެ އެއް ސަބަބަކަށް ވަނީ ސަރުކާރުން ސިޔާސަތު އެކަށައެޅުމުގައި އެކަމަށް މުހިންމު ފަރާތްތަކާ މަޝްވަރާކޮށްފައި ނުވުމެވެ. މިފަދަ ސިޔާސަތެއް ކާމިޔާބުވާނީ ވިޔަފާރިތަކާއި އެހެނިހެން ވެސް މުހިންމު ފަރާތްތައް ސިޔާސަތު އެކަށައެޅުމުގައި ބައިވެރިކުރެވިގެންނެވެ. 'ޕްލާސްޓިކް ޑްރޯޑައުން' މޮޑެލްގެ ދަށުން ޕްލާސްޓިކް މައްސަލަ ހައްލުކުރަން އުޅެނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް އެއްބަސްވުމަކަށް ގޮސް، މައްސަލަ ރަނގަޅަށް ދަސްކޮށް ދިރާސާ ކުރުމަށް ފަހުގަ އެވެ. މައްސަލަ ޙައްލު ކުރަން އަޅާ ހުރިހާ ފިޔަވަޅެއްމެ އަޅަނީ ދިރާސާއިންނާއި އެހެން ގައުމުތަކުގައި ކުރެވުނު މަސައްކަތުގެ ތަޖުރިބާގެ އަލީގައި ނަތީޖާ ނެރެވޭނެކަން ޔަގީކޮށްފަ އެވެ. މި ގޮތަށް ސިޔާސަތު ބައްޓަން ކުރެވިއްޖެ ނަމަ އަޅާ ފިޔަވަޅު ހަރުދަނާވެ ނަތީޖާ ނެރެވި، ޕްލާސްޓިކު ކުނިބުނި މަދުކުރެވޭނެ އެވެ.

ޕްލާސްޓިކް ފުޅި އާއި ޕްލާސްޓިކް އެހެން ކުނިތަކެއް އެއްކޮށްފައި: މިފަދަ ކުނިތަކުން ރާއްޖެއަށް ނުރައްކާ އެބަ އޮތް

ދިވެހި ރާއްޖޭގެ މިރީތީ ވެށި ހަލާކުކުރަމުންދާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްތަކެއްކޮށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ރާވަމުންދާކަމީ ތަޢުރީފު ހައްގު ކަމެކެވެ. ވިސްނުންތެރިކަމާ އެކު މި މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅަމުން ގެންދާ ނަމަ ޕްލާސްޓިކު ކުނިބުނި، ރާއްޖޭގެ ތިމާވެށީގެ ތެރެއިން، އެކަށީގެންވާ ވަރަކަށް މަދުކުރެވިދާނެ އެވެ. މިގޮތަށް މިކަން ކުރެވިއްޖެ ނަމަ ރާއްޖެއަކީ ހަމަ ހަގީގަތުގައި ވެސް ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ ލީޑަރެއްގެ ފާހަގަކުރެވޭނެ ކަމާ މެދު ޝައްކެއް ނެތެވެ.

އެޑިޓަރުގެ ނޯޓު

ޖޯ ރޮއިލް އަކީ އިގިރޭސި ވިލާތުގެ އެންޖީއޯ 'ކޮމަން ސީސް' ގެ މެނޭޖިންގް ޑައިރެކްޓަރެވެ. ކޮމަން ސީސް އަކީ، ބާ އަތޮޅުގައި ހިންގާ ނަމޫނާ ބާގެ ކުނި މަދުކުރުމުގެ މަޝްރޫއުގެ ޕާޓްނަރެކެވެ. އެކަމަށް ލަފާ ދޭ ފަރާތެކެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުނގޫފާރު މީހާ

18 July 2019

ޖޯ ރޮއިލް ވަނަމަކީ މެންޑީތަ؟

The name is already taken The name is available. Register?

ފުންއަސަރު

18 July 2019

ޕްލާސްޓިކް ކޮތަޅު ގެނައުން ހުއްޓާލުމުގެ ކުރިން، ކަރުދާސްކޮތަޅު އަދި ފޮތިކޮތަޅު ހެޔޮއަގެއްގާ އާންމުކޮށް ގަންނަން ލިބޭގޮތް ހައްދަވަންވާނެ. އެއްފަހަރު ބޭނުންކޮށްފާ އެއްލާލާވައްތަރުގެ ފުޅި ގެނައުން ހުއްޓާލުމުގެ ކުރިން، ރިފީލްކުރެވޭ ޒާތުގެ ފުޅިޔާ ބިއްލޫރިފުޅި ހެޔޮއަގެއްގާ ގަންނަން ލިބޭނޭގޮތަކަށް ލިބެން ހުންނަންވާނެ. އެހެންނޫނީ ތިކަންވެސް ވާނީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމަކަށް. މިހާރުވެސް ފަށައިގަތުން ގޯސްވެއްޖެ. އިތުރަށް ވިސްނާ ހައްލު ދެނެގަނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454