ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރު މަސް މަނާ ކުރެއްވުމަށް މަޖިލިހަށް ގަރާރެއް ހުށަހެޅުއްވީ ޖާބިރު.--- ފޮޓޯ: މަޖިލިސް
24 ޖުލައި 2019 - 14:31
ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރަލާއި އޫރު މަސް މަނާކޮށް، އެ އާ ގުޅޭ ގަވައިދުތައް ބާތިލް ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރު މަޖިލިހުން ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.
މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރެއްވީ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 87 މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެކެވެ. އެއީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރެވެ. އެ ގަރާރަށް ބަހުސް ކުރުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލައިލި އިރު، މަޖިލިހުގެ ތަޅުމުގައި އެހެން ބައެއް މެމްބަރުން ވެސް ތިއްބެވި އެވެ.
ޖާބިރުގެ ގަރާރު މަޖިލިހަށް ބަލައިނުގަނެ ބޭރުކޮށްލީ 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ އަށް މެމްބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު މަޖިލިހުގައި ތިއްބެވި އެވެ.
މިދިޔަ ހަފުތާގައި ފުރަތަމަ ކިޔުން އިއްވި ގަރާރުގައި ވަނީ ރާއްޖެ އަކީ 100 ޕަސެންޓު އިސްލާމީ ގައުމަކަށް ވީ ހިނދު، ދީނުގައި ހަރާންކޮށްފައިވާ އެއްވެސް ކަމެއް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރުމަށް ހުއްދަ ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޓޫރިޒަމްގެ ސިނާއަތް ވެސް ކުރިއަށް ގެންދަން ޖެހޭނީ އިސްލާމް ދީނާއި ގާނޫނުއަސާސީއާ ހިލާފު ނުވާ ގޮތެއްގެ މަތިން ކަމަށް ގަރާރުގައިވެ އެވެ.
ޓޫރިޒަމްގެ ސިނާއަތުގައި ފާއިތުވެ ގޮސްފައިވާ 40 އަހަރަށް ވުރެ ގިނަ ދުވަހު، މި ސިނާއަތުގެ ތެރެއިން ހިންގޭ ވިޔަފާރިއެއްގެ ގޮތުގައި ބަނގުރަލާއި އޫރު މަހާއި އޫރު މަހުން އުފައްދާ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުމަކީ 100 ޕަސެންޓު މުސްލިމް ގައުމެއްގެ ގޮތުގައި އޮވެމެ، އެއްވެސް ސަރުކާރަކަށް ހުއްދަ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ޖާބިރުގެ ގަރާރުގައި ބުނެފައިވެ އެވެ.
އެހެންވެ، އޭނާ އެދިވަޑައިގެންފައި ވަނީ ރާއްޖެ އަށް މި ތަކެތި އިމްޕޯޓް ކުރެވޭ ގޮތަށް ހަދާފައި އޮތް ގަވައިދުތައް ބާތިލްކޮށް މިއީ އިސްލާމް ދީން ހަރާމްކޮށްފައިވާ އެއްވެސް ކަމަކަށް ޖާގަ ނުދޭ ކީރިތި ގުރުއާނުގައިވާ ގޮތުގެ މަތިން ހިންގޭ އިސްލާމީ ދައުލަތެއް ކަމުގައި ހެދުމަށެވެ.
ގަރާރުގައިވާ ގޮތުން، މި މައްސަލައިގެ މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ އިސްލާމް ދީނާ ހިލާފު އެއްވެސް ވިޔަފާރިއެއް އެ ސިނާއަތުގެ ތެރެއިން ހިންގުމުގެ ފުރުސަތު ނެތް، އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގޭ ސިނާއަތަކަށް ޓޫރިޒަމް އިންޑަސްޓްރީ ބަދަލު ކުރުމެވެ.
މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ، ބަނގުރަލާއި އޫރު މަސް ރާއްޖެ އަށް އެތެރެކޮށް، ވިޔަފާރި ކުރަން ޖެހޭ ހާލަތެއް އޮތްތޯ ބަލައި ދިރާސާ ކުރަން ޖެހޭ ކަމަށެވެ. އަދި ބައެއް ތަންތަނުގައި ބަނގުރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ އޮވެފައި އެހެން ތަންތަނުގައި ވިއްކުމުގެ ހުއްދަ ނޯންނާތީ އެ ކަމަށް ފާޑު ވިދާޅުވި އެވެ. އަދި ރަލާއި އޫރު މަސް ވިއްކާފައި، ކެސީނޯ ނޭޅޭތީ އެކަމަށް ވެސް އޭނާ ފާޑު ވިދާޅުވި އެވެ.
ޖަލްސާގައި ވަނީ ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވި ގަރާރު މަޖިލިހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" ގާއިމު ކުރަން ގޮވާލައި ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވި ގަރާރު މަޖިލިހަށް ބަލައިގަނެ، އިގްތިސާދީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
މީގެ އިތުރުން، ސަރުކާރުގެ ފަރާތުން އިސްލާމިކް ޔުނިވާސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ. އަދި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އާމިރު ހުށަހެޅުއްވި އާންމު ގަވައިދުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ މަޖިލިހުން ބޭރުކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެއްޔާ، އެކުވެރިސުވައިދީބް
26 July 2019
މާތް ވެގެންވާ އިސްލާމް ދީނުގައި ހަރާމް ކުރެވިފައިވާ ކަމެއް ހަލާލެއް ނުކުރެވޭނެއެވެ. އެއްވެސް ޤާނޫނަކުން ޤަވައިދަކުން ވެސް އެކަމެއް ނުކުރެވޭނެއެވެ. އަޅުގަނުޑުމެނަށް އޮތީ ދީނުގެ ކަންކަމަށް ބޯ ލަނބައި ކިޔަމަންގަތުމެވެ.
ގާނޫނީ އިސްލާމުން
25 July 2019
ބަޔަކަށް ބަނގުރާ ހުއްދަވެފައި ކެސިނޯ ހުއްދަނުވިޔަސް ރަލަކީ ހުރިހައި ނުބައެއްގެ މަންމަކަން ނުދަންނަ މުސްލިމަކު ނުހުންނާނެ، އެންމެހާ ދިވެހިންނަކީ ގާނޫނީ ގޮތުން މުސްލިމުންކަން ޔަގީން
ސޫލާސިރާޒު
25 July 2019
ޖާބިރުގެ ގަރާރަށް ތާއީދު، ގަރާރު އޮތްތާ ބާއްވާފައި މީހާއަށް ފާޑުކިޔަނީ ގޮތްހުސްވުމުން، ޖާބިރު މަޖިލީހުގައި ކުރަނީ ޒިންމާދާރު މަސައްކަތެއް، އެޔާ ޚިލާފަށް އެމްޑީޕީން އުޅެނީ މަޖިލިސް މެދުވެރިކޮށް އެކިއެކިމީހުންގެ ކިބައިން ބަދަލު ހިފުމުގައި ، ކޮމިޓީތަކަށް މީހުން ގެނެސް މީހުންނަށް ނޮހޮރޮއްޕާން ކުރުމުގައި
ޢަބްދުﷲނާފިޒް
24 July 2019
ޖާބިރު މިޒާތުގެ މައްސަލައެއް ހުށަހެޅީމަ އަހުންގާތަށް އަންނަނީ އަމަށަކު ހިންޏެއް ނޫން، އިސްލާމްދީން ޤަބޫލުކޮށް އިސްލާމަކަށްވެހުރެ ޤައުމުން ބޭރުގަ ބަނގުރަލުގެ ވިޔަފާރި ކުރައްވަނީ ކީއްވެގެންބާ!؟
ކަރީމުއްދީން ބާޝާ
24 July 2019
ބަނގުރާ މަނާކޮށްފިއްޔާ އެންމެއަވަހަށް ބޯގޮވާނީ ކާކުބާ؟
ހަސަނު
24 July 2019
ވަރަށް ރަނގަޅު ނިންމުމެއް.. މި މައްސަލައިގައު ޖާބިރު އެ ދައްކަވާ ވާހަކަވެސް މުޅިއަކުން ގޯހެއް ނޫން.. ރާ ވުއްކެންޏާ ކަސީނޯ ވެސް ނޭޅެންވީ ސަބަބެއް ނެތް...
ހޮނޑާ ފުށީ ބޮޑު ހުސައިނު
24 July 2019
ބަނގުރާ މަނާކުރީމަ ހޮނޑާ ފުށިން އަތުލައިގަންނާނެ ބަޔަކު ނުތިބޭނެ
ކޮތަރު
24 July 2019
ޖާބިރު ކެސިނޯ ނޭޅިގެން އުޅެނީ ބަގުރަލޭ އޫރުމަހޭ އެކިޔަނީ.
މަގުފުޅާޓިނު
24 July 2019
އޭނާ އެއުޅެނީ މޫނުގަ ހުދު ފުށްޖަހައިގެން ހަނު ހުންނަން ނޭގިގެން ، ހީހީހީ.....
00__
24 July 2019
ތިޔަ ގަރާރު ބޭރުކުރީ ވަރަށް ގަޓު ހުރި މެމްބަރުންތަކެއް. އެކަމު ގަޓުކަން އެ ދެއްކީ ދީނާ ދެކޮޅަށް. ނަފާއާ ވިޔަފާރިއާ ދުނިޔަވީ އެދުންތަކަށް އިސްކަން އެދެވުނީ. ދީނީ ކަންކަމަށް އިސްކަންނުދޭކަމަށް ފެންނަ މީހެއްގެ ފަރާތުން އައި ދީނަށް އިސްކަމެއް ދޭ ގަރާރެއް އެއީ. އޭނާގެ ނިޔަތް ކޮންމެ ގޮތަކަށް އޮތަސް އެ ބޭރުކުރަން ވޯޓްދީގެން އަމަލުން އެ ދައްކައިދެވުނީ ވަރަށް އެހެން ކަހަލަ ސިފައެއް. ދީނުގެ ކުރިއަށް އެތައް ކަމެއް އިސްކުރެވޭކަން ފާޅުވެގެން އެ ދިއައީ.
ޢަބްދުﷲނާފިޒް
24 July 2019
ތިޔާހެންވީރު، އިސްލާމީ އުސޫލުތަކާ ޚިލާފަށް ރާއްޖޭގައި ހިންގާ ހުރިހާ ބޭންކެއްވެސް މިހާރުން މިހާރަށް ބަންދު ކުރަން ޖެހޭނެ، ކިތައްމެ ކުޑަ މިންވަރެއްވިއަސް ޙަރާމް ހަމަ ޙަރާމް، މިބުނީ ރިބާ ޙަރާމޭ.....
ފުންއަސަރު
24 July 2019
ތީކީ ތިކަން ހުއްޓުވަން ލީ ބިލެއްނޫން. އަދި މިފަހަކަށްއައިސް ތިބޭފުޅާލާ އެއްވެސް ބިލަކީ އެކަން ކުރަން ބޭނުންވެގެން ލާފާވާ ބިލްތަކެއްނޫން. މުޅިންވެސް ބަޔަކު ރުޅިއެރުވުން. ފިތުނައުފެއްދުން. ތިބޭފުލާ މިހާރު ތިހައްދަވާ ގޮތުން ހަގީގަތުގާ ވަރަށް ބޭނުންތެރި ބިލްވެސް ބޭރުވަމުން އެބަދޭ. ތިމާގެ އިކްލާސްތެރިކަމެއް ހުރިއްޔާ ރަނގަޅުމީހަކަށް ވެބަލަ. އެރަށުގެ ހަނދާންތައް ހިތަށް ނުގެނެސް.