ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީމަައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ޖޭއެސްސީގެ ތަހުގީގު މައްސަލައިގެ ފުރަތަމަ އަޑުއެހުމުގެ ތެރެއިން ފަނޑިޔާރު އަބްދުﷲ ދީދީ ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނަށް ތުހުމަތު ކުރާ ޖިނާއީ މައްސަލައެއް ތަހުގީގު ކުރަނިކޮށް ޑީޑީ ވަނީ ބޭރަށް ފުރާވަޑައިގެންފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
28 ޖުލައި 2019 - 13:36
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ރާއްޖެ އިން ބޭރުގައި ހުންނެވި ނަމަވެސް މުއްދަތު ހަމަވުމުގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ސަލީމް (ރޭނިސް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.
ޑީޑީއާ ގުޅޭ ގޮތުން ޖޭއެސްސީގެ ތަހުގީގު ނިންމައި އެކުލަވާލި ރިޕޯޓަށް ޖަވާބުދާރީވެވަޑައިގަތުމަށް 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ.
މި މައްސަލަ ޖޭއެސްސީން ބަލަމުން ދަނިކޮށް އަދި ތުހުމަތު ކުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ޑީޑީ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ. ޑީޑީ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަވީ ފުލުހުން ބުނެފައިވާ ގޮތުގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތަހުގީގުގެ ތެރެއިންނެވެ.
ޑީޑީ ބޭރުގައި ހުންނަވާތާ މިއަދަށް އެއް މަސް ވާނެ އެވެ.
ޑީޑީގެ ވަކީލް ސަލީމް މިއަދު ވިދާޅުވީ ޑީޑީ ބޭރުގައި ހުންނެވި ނަމަވެސް ޖޭއެސްސީ އަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށެވެ. ޑީޑީއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާ ބެލުމަށް ފަހު ނިންމީ އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށެވެ.
"ޖަވާބުދާރީވެވަޑައިގަތުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 9 އަށް. އޭގެ ކުރިން އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާނެ،" ސަލީމް ވިދާޅުވި އެވެ.
ޑީޑީގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެމަނިކުފާނު މަގާމުން ވަކިކުރަން ނިންމައި މައްސަލަ ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ.
ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ. ތުހުމަތު ކުރެވޭ މީހާ އާއި ޑީޑީއާ ގާތްގުޅުމެއް އޮންނަ ކަމަށް މެސެޖްތަކުގެ އިބާރާތްތަކުން އެނގެ އެވެ.
ޖޭއެސްސީން އެ ބޭފުޅެއްގެ ނަން އާއްމެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ. އެކި ޝަރީއަތްތަކާ ގުޅޭ ގޮތުން ފޯނުން، ދެ ބޭފުޅުން ދައްކަވާފައިވާ ބައެއް ވާހަކަތައް ޖޭއެސްސީގެ ތަހުގީގުގައި ވަނީ އާއްމުކޮށްފަ އެވެ.
ޑީޑީ އަށް ކުރާ ހުރިހާ ތުހުމަތުތަކެއް އެމަނިކުފާނު ދޮގު ކުރައްވަ އެވެ. ޑީޑީ ވިދާޅުވެފައި ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
29 July 2019
ތި ހުރިހާ އެންމެ ޖަމާވެފަ ތިބީ މެލޭޝިޔާގައި. ރާއްޖޭގެ ސްޕރީމް ކޯޓުގެ ފަނޑިޔާރެއް އުޅޭގޮތް މިއީ ލަދު ގަންނަން ޖެހޭ
މަރޭމިތުރު
29 July 2019
ހިޔާނާތްތެރިންގެ މައްސަލަ ހައްލުކުރަން އުޅޭނީވެސް ހިޔާނާތްތެރީން، ހިޔާނާތްތެރިންގެ އަތުން ފައިސާ ނަގައިގެންއުޅޭމީހުން............................... ހިޔާނާތްތެރިން ސަލާމަތްކުރަންއުޅޭނީވެސް ހިޔާނާތްތެރިން.
ދިއްޕަޅޭ
29 July 2019
ނިހާނާއި އަދުރޭފަދަ އަނގަގަދަ ރައްޔިތުންނާއި ވަތަންދެކެލޯބިވެވަޑައިގަންނަ އިއްޔެގެނަމަވެސް ޢިއްޒަތްތެރި މެންބަރުން މިފަދަޖަރީމާ ހިންގާފައި ފިލައިގެންގޮސްއުޅޭމީހުން ގެނައުމާބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނުތިއްބަވާކަންތައް މިހާރު އެބަވިސްނެއެވެ. މިމީސްމީހުންގެ ސިޔާސީ ދުޝްމަނުން ބޭރުގައިތިބިއިރު ހާދަވަރެއް އަރުވާލިދޯއެވެ!
ބޮޑުމީހާ
29 July 2019
ދެން ޑީޑީ ފެންނާނީ ވެރިކަން ބަދަލުވީމަ، ނޫނީ ކޮޅު ބަދަލުކޮށްލައިގެން
މާލިކު
28 July 2019
މިމީހުން ބޭރުގަ ޗުއްޓީގަ އުޅެންވެސް ވަކި ލިމިޓެއް ނޯވޭ! އެންމަސް ދެމަސް ވާއިރުވެސް ހަމަ ބަރާބަރު! މިލިއަނުން ފައިސާ! ހެދިހާ ގޮތއއ ހެދިގެން ދިވެހިން ތިބޭނެ! ޢާންމު މީހަކުނަމަ މިހާރު ކަނޑާ ބޭރުކުރީސް! މިއީދޯ އިންސާފަކީ! ބޯ ހަލާކު!
ދޮގެއްތަ؟
28 July 2019
ބަލަ އޭނަގެވެސް މައިބަދަ ހުރެއޭ. ކިތަންމެ ދުވަހެއް ވަންދެންވެސް ފަރުވާ ކުރަން ޖެހުދާނެނު.
ދިހި
28 July 2019
ޑީޑީމެންގެ ޕާސްޕޯޓް ވެސް އަތަކު ނުޖެހޭ ދާންވީމަ ދާންވީ ހަމަ މިނިވަނުން އުޅޭހެން
ސަޅި
28 July 2019
ކުރީ ސަރުކާރުގައި ސިިޔާސީ ވެރިންނާ މީހުން ބޭސްފަރުވާއަށާ އެކި ނަންނަމުގައި ރާއްޖޭން ބޭރަށް ގޮސް ފިލީމަ އެވީ ރީތި އަދި ކުރަންވާ ކަމަކަށް. މިހާރު މީހަކު އެހެން ދިއައީމަ ފިލީ ކަމަށްވަނީ. ލިބެން އުޅޭ އަދަބަށް ފިލުމަކީ އެންމެ ރަގަޅު ގޮތްކަމަށް މިދިޔަ ދައުރުގައި ހުރިހާ ވެރިން ދަސްކޮށްދިނީ. މިހާރު އެހެން މީހަކު އެގޮތަށް ކަންކުރީމަ ބަލައިނުގަނެވޭ؟
ކޯޑިނޭޓަރ
28 July 2019
ހާދަ ލަހޭ .. އަވަހަށް ބޭރު ކުރޭ..
ޒަކަރިއްޔާ އިބްރާހީމް
28 July 2019
ޒީރޯ ޓޮލަރެންސް ސަރުކާރު. އެސްއެމްއެސްތަކުން އެނގެނީ ހަމައެކަނި ސުލޫކީ މައްސަލައެއް ނޫން. ބޮޑެތި ކޮރަޕްޝަންތައް އެހެރީ. ކީއްވެ ބޭރަށްދާން ޗާންސްދިނީ މި ސަރުކާރުން. ކޮބާތަ އޭނާގެ ތަހުގީގު؟ ޒީރޯ ޓޮލަރެންސްއަކީ ކެވުނު ގޮތަކަށް ކައިގެން، މަގާމުން ދުރުވެލާފަ ލިބުނު ލާރިތަކުން އުފާ ހޯދަން ރާއްޖެއިން ބޭރަށް ދިިރިއުޅުން ބަދަލުކޮށްލަން ފުރުސަތު ދިނުންތޯ؟
ފިލީކީ ނޫން!
28 July 2019
ބެޗީ! ރައްކާވީ! ފެއްސުނީ!
ބާގިރު
29 July 2019
ގެއްލުނީ! ކަނޑާލީ! ޢައިބުވީ!