ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސިއްހީ ދާއިރާގެ އެންމެ ބޮޑު މައްސަލައަކީ ފަސޭހަ ކޮށްދޭން ހުރި ކަންކަމަށް ކޮރަޕްޝަން ވަނުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދަައިރާގެ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދޭން ރާވާފައި ހުރި ކަންކަމުގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ

ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށުން އެކަށީގެންވާ ގޮތަށް ސިއްހީ ފަރުވާ ލިބެން ނެތުން ކަމަށެވެ. އެ ފަރުވާތަކަށް މާލެ އައި ކަމުގައި ވިއަސް ވަކި ބައްޔެއްގެ ހާއްސަ ޑޮކްޓަަރަކަށް ދެއްކުމަށް އެތައް ދުވަހަކު އިންތިޒާރުގައި ތިބެންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެކަންކަމަށް ލުއިފަސޭހަ ކޮށްދޭން ތައާރަފްކޮށްފައިވާ އާސަންދަ ފަދަ ނިޒާމުތަކުގެ ހަގީގީ މަގުސަދު ހާސިލްނުވެ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބ. އަތޮޅު ހޮސްޕިޓަލަށް 20 އަހަރަށްވުރެ ގިނަ މުއްދަތެއް ވަންދެން ހިދުމަތްކުރި މީހަކަށް އެވޯޑު ހަވާލުކޮށްދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

"މިހެން ދެންނެވިއަސް ސިއްހީ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހަރުދަނާކުރަން ޖެހިފައިވާ ކަމެއް. އިމާރާތުގެ ދަތިކަމާއި އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހީތެރިން ނެތުމަކީ ކޮންމެ ރަށަކަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ލެބޯޓްރީގެ ހިދުމަތް ވެސް އެކަށީގެންވާ ފެންވަރަށް ތަރައްގީވެފައި ނެތް،" ރައީސް ވިދާޅުވި އެވެ.

އެ ޝަކުވާތައް އުފެދުނީ ރާއްޖެ ތަރައްގީކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށާއި އެއީ މާލެ އަށް މީހުން ތޮއްޖެހޭ ގޮތަށް ރޭވި ތަރައްގީގެ މަޝްރޫއުތައް ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާއަކަށްވީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެކްސްރޭއެއް ނަގަން އަދި ޑޮކްޓަރަށް ދައްކަންޖެހުނަސް މާލެއަށް އައުމެވެ. އެއީ އެ ރައްޔިތުން ކުރަންޖެހޭ ވަރަށް ބޮޑު ހަރަދެެއް ކަމަށް ވިދާޅުވި އެވެ.

އެ ސިޔާސަތުގެ ދަށުން ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް މި އަހަރު ފަށާނެކަން ރައީސް ވަނީ އިއުލާނުކުރައްވައިފަ އެވެ. ދައުލަތުގެ ބަޖެޓުން 53 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެ އިމާރާތް އަންނަ އަހަރު ނިމުމުން، ފިޒިއޮތެރަޕީ އާއި ޑަޔަލިސިސްގެ ހިދުމަތާއި ސްކޭންގެ ހިދުމަތްތައް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ހިދުމަތުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން، އެމީހަކު ހުރި ރަށަކުން ނޫނީ އެ އަތޮޅަކުން އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އެކަން ކޮށްދެވޭނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށްގެންނެވެ. ބޭސްކުރަން މާލެއަށް ކުރާ ދަތުރުތައް ވެސް ހުއްޓުމަކަށް އަންނާނީ އޭރުން ކަމަށް ވިދާޅުވި އެވެ.

ޕްރައިމަރީ ހެލްތު ވޯކަރުންގެ މުހިއްމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެ ދުށް އެންމެ ނުރައްކާތެރި ދެ ރޯގާ ކަމަށްވާ ކޮލެރާ އާއި ޝިގެއްލާ ފަދަ ބަލިތަކުން ސަލާމަތްވުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރީ ޕްރައިމަރީ ހެލްތުކެއާގެ ދަށުން ތަމްރީނުކުރި ހެލްތު ވޯކަރުންނާއި ފޫޅުމައިންނާއި ޑޮކްޓަރުންނާއި ނަރުހުން ކަމަށެވެ. އެހެންވެ އެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމުގެ ފަހަތުގައި ވަނީ ރާއްޖޭގައި ކުރިން އޮތް ޕްރައިމަރީ ހެލްތު ކެއާ ވޯކަރުން، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ކުރި މަސައްކަތުން. ނަމަވެސް މިހާރު މީހުން ގެއްލިގެން އެ ދަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި. މިއަހަރުން ފެށިގެން ޕްރައިމަރީ ހެލްތުކެއާ ޕްރޮގްރާމަށް ހާއްސަ ސަމާލުކަމެއް ދޭނަން،" ރައީސް ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުން ފާހަގަކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިއްހީ މަރުކަޒެއްގެ ގޮތުގައި ހިދުމަތްދޭން ފަށައި 2001 ވަނަ އަހަރު ހޮސްޕިޓަލަކަށް ބަދަލުކުރިއަސް ބ. އަތޮޅު ހޮސްޕިޓަލުގައި ހަގީގީ ހޮސްޕިޓަލަކުން ލިބެންވާ ހުރިހާ ހިދުމަތްތަކެއް ލިބެން ނެތްކަމަށް ވިދާޅުވި އެވެ. ހޮސްޕިޓަލްގެ ރަންޔޫބީލް ފާހަގަކުރަމުން އަންނައިރު ވެސް ރައްޔިތުން އެންމެ ބޭނުންވާ ފެންވަރަށް ހިދުމަތް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ބ. އަތޮޅަކީ ސިއްހަތަށް ވަރަށް ރަނގަޅަށް ސަމާލުކަން ދޭ ބަޔަކު އުޅޭ ތަނެއް ކަން ފާހަގަކުރެއްވި އެވެ.

ބ. އަތޮޅުގައި ޓޫރިޒަމް ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު އެ އަތޮޅުގެ ސިއްހީ ހިދުމަތް ފުޅާކުރުމަކީ ތަރައްގީއަށްޓަކައި ވެސް ވަރަށް މުހިއްމު ކަމެއް ކަމަށާއި މާލެ އާއި އއ. އަތޮޅު ފިޔަވައި އެންމެ ގިނަ ރިސޯޓު ހިންގަނީ ބ. އަތޮޅަށްވުމުން އެ އަތޮޅުގެ ޓޫރިޒަމަށް ފައިދާހުރި ކޮންމެ ކަމަކީ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ސިއްހީ ދާއިރާ ހަރުދަނާކުރަން ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނައިރު ފަރުދީގޮތުން އެ މަސައްކަތް ކުރުމަަށް އިލްތިމާސްކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އެތައް ތަނެއް ކުޑަވެ، ކޮންމެ މީހަކު އުފުލަންޖެހޭ ބުރަ މަދުވާނެ ކަމަށެވެ. ނަމަވެސް އާދަތައް ހުންނަގޮތުން ސިއްހީ ކަންކަމުގައި އަދިވެސް ބުރަވެވެނީ ފަހަތު ފަޔަށް ކަމަށް ވިދާޅުވި އެވެ.

"ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ބަދަލުގައި ގިނަ މީހުންނަށް ތިބެވެނީ ބަލިވުމުން ބޭސްކުރަން. މިއީ އަޅުގަނޑުމެން ކޮންމެހެން ބަދަލުކުރަންޖެހޭ އާދައެއް. ހަރަކާތްތެރި ދިރިއުޅުމަކަށް އާދަވުމަކީ އެތައް ބައްޔަކުން ދުރުކޮށްދޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މިިރޭގެ ރަސްމިއްޔާތުގައި، ބ. އަތޮޅު ހޮސްޕިޓަލަށް 20 އަހަރަށްވުރެ ގިނަ މުއްދަތެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅުންނަށް އެވޯޑު ދެއްވާފައި ވެ އެވެ.

24 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 4%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާމްދި ކާނޫ

31 July 2019

ކޮން ދައިރާއެއްގަތޯ ކޮރަޕްޝަން ނެތީ؟

The name is already taken The name is available. Register?

ހަމަހުން ދަވާލި ޗޯރު

31 July 2019

ނުވާވަރު ކަންތަކާ ހަވާލުވަންޏާ ގޮވޭނީ ކޮސް.

The name is already taken The name is available. Register?

ހޮޓްކިންގ

31 July 2019

އިސްތިއުފާ. މިހާރު އާސަންދައިން ބޭސްނުލިބޭނެ ގޮތްހަދާފައޮތީ.

The name is already taken The name is available. Register?

އަހުސަން ހުސައިން

31 July 2019

މިއީ ރަގަޅުވާހަކައެކެވެ.އާސަންދައާއި،އެންސްޕާ އަދި އެސްޓީއޯގެ ބޭސް ގަތުމުގައި ގިނަ ވައްކަމާއި ކޮރަޕްޝަންވެއެވެ.އެސްޓީއޯ މެޑިކަލްސްގެ ފުރިހަމަ އޯޑިޓެއް ހަދަންޖެހެއެވެ.އަދި އެބައިން ވިޔަފާރިދެނީ ކޮންބަޔަކަށްތޯ ބަލައި އެކުންފުނިތަކާއި ގުޅިގެން އުޅޭ މީހުންހޯދައި ފުރިހަމަ ތަހުޤީގެއް ހިންގަންވެއެވެ.ކޮރަޕްޝަން ނުއޮންނަނަމަ ބޭހުގެ އަގު މިއަށްވުރެ އަގުހެޔޮވާނެކަން ކަށަވަރެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

31 July 2019

ރައީސްއަށް އެގިހުރެ ކީއްވެތަ ކޮރަޕްޝަނަށް މަގުފަހި ކުރުވަނީ. ޜައީސަށް ހުރިހާ މައްސަލައަށްވެސް އިގޭ. 9 މަސްވީއިރު ހައްލުކުރަން ކުރިކަމެއްނެތް. މޮޅެތި ވާހަކަ ދެއްކީމަ ނިމުނީދޯ. ރައްޔިތުން ވަރަށް ފޮނި އުއްމީދާއިއެކު ވެރިކަން ހަވާލުކުރީ. އަދި އެ މަންޒަރެއް ނުފެނޭ.

The name is already taken The name is available. Register?

ފިނރުޓޭ

31 July 2019

އެހެނެއް ނޫންހޭ ވާނީ! އާސަންދަ ހަދައިގެންވެސް، މި އުޅޭ މީހުންގަނޑު ދެ ފަޔަށް ހިނިއަރައިގެން އުޅޭ ހެން ދެ ފައި އެއްތާ ނުޖަހާ ތެޅިބާލަމުން ދަނީ އޭގެ ނާޖާއިޒު ފައިދާ ނަގަން! އަނގައިގެ އެއްކޮޅުގަ އާސަންދަ މި ބަސް ބުނެނުނިމި އުޅޭ އިރު، ބިލް އޮންނަނީ ޑަބަލު ވެ ނިމިފަ! ބޭރުން އާސަންދަ ދޭ ތަންތަނުން ބުަނަނީ، އާސަންދައިގެ ފައިސާ ލިބެން ނަގަޔޯ ހަ މަސް ނޫނީ އަށް މަސް! އެއީ ތެދެއްތަ؟

The name is already taken The name is available. Register?

މުސް

31 July 2019

މިސަރުކާރު އައީވެސް ކޮރަޕްސަންގެ ތެރެއިން އެހެންވީމަ ރައީސް ތިޔާހެން ވިދާޅުވިޔަކަސް ތިކަމަކުން ސަލާމަތެއްނުވާނެ ސަރުކާރުގެ މަތިފަޑީގަ ތިތިބީ މުޅިންވެސް ކޮރަފްޓް މީހުން

The name is already taken The name is available. Register?

ދިޔާނާވެސް

31 July 2019

ފެންފުށީ ހެލްތް ސެންޓަރަށް ސިޔާސީ ގޮތުން ހަމަ ޖައްސަވާފައިވާ ބޭފުޅާއަކީ އެތަނުގައި އެންމެ ބޮޑަށް ކަރަޕްސަން ހިނގާ ފަރާތް... ކުރީގެ ސަރުކާރުގައިވެސް ހުރި ހަމަ އެބޭފުޅާ... މިހާރު ވެސް ހަމަ އެބޭފުޅާ..

The name is already taken The name is available. Register?

އެކްސްރޭ

31 July 2019

ތިއީއޭ މިސަރުކާރުގެ އެއްމެބޮޑު ބަލިފަޔަކީ! ރިޔާސީ އިންތިޚާބަށްފަހު އެއާއިވިދިގެން އައީ މަޖިލީސް އިންތިޚާބު، މަޖިލީހުގެ ގޮނޑި ބޭނުންވާ ނުވަތަ ދިފާއުކުރަންބޭނުންވި ކެނޑިޑޭޓުން މިކުރިކަމަކީ ކުރީއްސުރެ ސަރުކާރުގެތެރޭގެ އިސްމަޤާމްތަކުގައިތިބި ކޮރޮޕްޓް ވެރިންނަށް އެމީހުންގެ މަޤާމްދިފާޢުކޮށްދޭނެކަމުގެ ޔަޤީންކަންދީގެން އެމީހުންފަހަތުލައިގެންނިކުމެ މަޖިލީސްގޮނޑި ކާމިޔާބުކުރީ، ސަރުކާރަށްއޮތް ގޮންޖެހުމެއް ބެލުމެއްނެތް، އޭގެހިތި ނަތީއްޖާ ރައްޔިތުން މިދެކެނީ

The name is already taken The name is available. Register?

ވާނެގޮތަކީ

31 July 2019

ރާއްޖެތެރޭގައި ހޮސްޕިޓާ ތައް ގާއިމް ކުރި ނަމަވެސް ރާއްޖެތެރޭން މާލެ އަށް ހިޖްރަ ކުރާ މީހުން މަދު ނުކުރެވޭނެއޭ އެއީވާނެ ކަމެއް ނޫނޭ އަދި މާލެ އަށް ސިއްޚީ ޚިދްމަތް ހޯދަން އަންނަ މީހުން ވެސް މަދުނުވާނެއޭ ރައީސް އިބޫ ވެސް އަދި ރައީސް އޮފީހުން ގަބޫލު ނުކުރިނަމަވެސް ރާއްޖޭގެ އިގްތިސާދުގެ ހިތަކީ އެއީ މާލެ ސަރަހައްދޭ މާލެ ސަރަހައްދުގައި ރާއްޖޭގެ އާބާދީގެ %95 މީހުންނަށް ގޯތިދީ އެމެންނަށް ދިރިއުޅެވޭނެ ގޮތް މާލެ ސަރަހައްދުގައި ހެދުން އެއީ ކޮރަޕްޝަން ކުޑަ

The name is already taken The name is available. Register?

ގަހާ

31 July 2019

މައްސަލައަކީ ރައީސް އިބޫގެ މައްޗަށް ނަޝީދުގެ އަދި އޭނަގެ މީހުންގެ ނުފޫޒް. މާލޭގެ ބޮޑެތި ވިޔަފާރި ވެރިން އެޑްވައިޒަރުންގެ ގޮތުގައި ބައިތިއްބައިގެން ކުރާ ކަމަކީ އެމީހުންގެ ކަރަޕްޓު މީހުން ހިމާޔަތް ކުރުން. އަދި ފިތުނަ އުފެއްދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454