ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. މުސްތަގިއްލު ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރަން ވަކި ކޮމިޓީއެއް ހަދަން އެމަނިކުފާނު ތާއީދު ކުރެއްވި--- ފޮޓޯ: މަޖިލިސް
06 އޯގަސްޓް 2019 - 13:44
މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ވަކިކުރުމަކީ ޖަޒުބާތުގައި ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ގޮތަށް މިނިވަން މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމާއި ފަނޑިޔާރުން ނެގުމަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަށް ނަޝީދު ނިންމަވައި، މަޖިލިހުގެ ގަވައިދަށް އެ އިސްލާހު ގެނައުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
މަޖިލިހުގެ ގަވައިދަށް ބަދަލުތަކެއް ގެނެސް، 17 ކޮމިޓީއެއް އުފައްދައި އެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ކަނޑައެޅި އިރު، މިނިވަން މުއައްސަސާތަކަށް ލިބޭ ބައެއް ބާރުތައް ވަނީ އެހެން ކޮމިޓީތަކަށް ބަހާލައިފަ އެވެ. އެގޮތުން، ބައެއް މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އެހެން ކޮމިޓީތަކަށް ދީފައިވެ އެވެ. އެކަމަކު، ނަޝީދު ބޭނުންފުޅު ވަނީ މުއައްސަސާތަކަށް މީހުން ނެގުމަށް ވަކި ހާއްސަ ކޮމިޓީއެއް ހެދުމަށެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގައި މުޅި މަޖިލިސް ޝާމިލް ކުރެވޭތޯ ބެލުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތާއި އައްޔަން ކުރުމާއި ވަކިކުރުމަކީ ތަފާތު ދެ މަސައްކަތެކެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުގެ ބައެއް އިސް ބޭފުޅުން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކި ކުރުމުގައި ހަމައެކަނި އެމްޑީޕީގެ ބައިވެރިވުން އޮންނަން ބޭނުންފުޅު ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ދާއިމީ 17 ކޮމިޓީގެ މުގައްރިރުންނާއި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިނިވަން މުއައްސަސާތައް މެދުވެރިކޮށް ޖަވާބުދާރީކުރުވަނިވި ދައުލަތެއް ހިންގުން އެއީ މި މަޖިލިހުގެ ވަރަށް ބޮޑު އަމާޒެއް. އަދި އެމްޑީޕީ އާއި އެހެން ޕާޓީތަކަށް އަމާޒު ރޭވިފައި އޮންނަނީ އެ މަގުގައި،" މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ނަޝީދު މަޖިލިހުގައި ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މުސްތަގިއްލު މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމާއި ވަކިކުރުމަކީ ހަމައެކަނި މަޖިލިހުގެ އެއް ކޮމިޓީއަކުން ކުރާ ބާވަތުގެ ބޮޑު މަސައްކަތެއް ނޫނެވެ. އެކަމަށް މަޖިލިސް ޝާމިލް ވާނެ ފަދަ ކޮމިޓީއެއް އުފެއްދުން މުހިންމު ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އެރީ އެފަދަ ކޮމިޓީއެއް ވީމާ، އަޅުގަނޑު، މަޖިލިހުގެ ރައީސަށް އެ ކޮމިޓީ ބެލެހެއްޓިދާނެއޭ. ނަމަވެސް އެއީކީ އެހާ މުހިންމު ކަމެއް ނޫން، ކޮމިޓީގެ ރިޔާސަތު ބަލަހައްޓަނީ ކޮން ބޭފުޅެއްތޯ؟ ތިން އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކަށް މީހުން ނެގުމުގައި މަޖިލިހުން އަމަލު ކުރަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަން ކަށަވަރު ކުރުމަށް ބޭނުންފުޅުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ހަމަ މަޖިލިހުގެ ކޮމިޓީއެއްގައި މެމްބަރުން ތިއްބަވާފައި ޖަޒުބާތުގައި، ޖޯޝުގައި އަޅުގަނޑުމެން ކުރާ ކަމެއް ނޫން އެއީކީ،" ކޮމިޓީ ހައްދަވަން ތާއީދު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރޭގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
ނަޝީދު ވިދާޅުވީ މުޅި ގަވައިދު އިސްލާހުވެގެން އަންނަ އިރު، ނަޒާހަތްތެރި މަޖިލިހެއްގެ ސިފަތައް ގަވައިދުގެ ތެރެއިން ހިންގުމަށް ހިމެނިގެން ހިނގައިދާނެ ކަމަށެވެ. ގަވައިދު ދިރާސާ ކުރުމުގެ މަސައްކަތް ނިމުނު ނަމަވެސް އަދިވެސް ގަވައިދަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލިހުން ފާސްކުރި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އައްޔަން ކުރުމުގެ ބާރު މާލިއްޔަތު ކޮމިޓީ އަށް ލިބޭ އިރު، ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު އޮތީ ޖުޑިޝަރީ ކޮމިޓީ އަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުން ކަނޑައެޅުމުގެ ބާރު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް އޮތް އިރު، މީރާގެ ވެރިން ކަނޑައެޅުމުގެ ބާރު އޮތީ އިގްތިސާދީ ކޮމިޓީތަކަށެވެ.
ބާކީ ހުރި މުއައްސަސާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. ކޮމިޓީއަކުން ކަމެއް ނިންމިޔަސް، އެކަމާ މެދު މަޖިލިހުގެ ތަޅުމުގައި ވޯޓަކަށް އަހަން ގަވައިދު ލާޒިމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުޒާ
06 August 2019
އޭސީސީ މެންބަރުން ފުރިހަމައަށް ހޮވީމަ ޖަޒުބާތުގަ ޖެހުނީ ނަޝީދު. އިބޫގެ ބާރެއް ނެތް
އަނދުން
06 August 2019
ކޮމިޓީއަކުން ކޮންމެ ކަމެއް ނިންމިއަސް ތަޅުމުގައި އަހާ ވޯޓް އެއީ ފަހުބަސް ކަމަށްވާއިރު، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖްލިހަކުން ވޯޓްނަގައިގެން ކަންކަން ނިމޭނެ ގޮތް އެންމެންނަށް އެނގޭއިރު ތިޔަ ނަގާ ކޮމިޓީ ކިތަންމެ ފާޓުފުޅާކޮށް ގެންދިއައަސް އެއަކުންވާނެ ފައިދާއެއް ނޯންނާނެއިރު، ތިޔައީ އަޅުވާ އަނދުނަކަށްނޫނީ ނުވޭނު؟
ލަކުޑި ހަމީދު
06 August 2019
"މިނިވަން" މުއައްސަސާއެއް އެބައޮތްބާ؟
ދުނިޔޭގެ ރަައީސް
06 August 2019
ޤާނޫނުއަސާސީ ވީ ކޮންތާކުތޯ؟ މިއީ ތޯ ރޫލް އޮފް ލޯ ނަގަހައްޓާގޮތަކީ؟
ހޔއދ
06 August 2019
ހިތުގައި ފޮރުވާފައިވާހާތަކެއްޗެއް ދެނެވޮޑިގެންވާ ﷲސވޢގަންދީ ހުވައިކޮށްގެންތިބިބައެއްގެ ޢަމަލުތަކަކީ އެހިނދުން އެހިނދަށް ދެނެވޮޑިގެންވުމާއިއެކު ފަތުގައި ލިޔެވިފައިވާނެއެއްޗެއްކަންދަނެ. ހުވަޔާއިއެއްގޮތަށް ވަކިފަރާތަކަށްނުޖެހި، ދިވެހި ރަޢިއްޔަތުންގެ މަންފާއަށާއި ލާބަޔަށް މެންބަރުން މަސައްކަތްކުރުއްވާނަމަ، ތިގޮތަށް ކަންތައްކުރުމުގައި މައްސަލައެއްނެތެވެ. އެކަމަކު އެއާއި ޚިލާފަށް އަމިއްލައެދުން ވަދެއްޖެނަމަ، ހުރިހަލާކެއްގެމަތިން ވިސްނުން ރަނގަޅުވާނެ.
މިލިޓަރީ
06 August 2019
ރާއްޖޭގެ އަމިލްލަ ވަންތަކަން މިދަނީ ގެއްލެމުން.
ޢަނޭ
06 August 2019
17 މުގައްރިރުން އަދި ޕާޓީތަކު ލީޑަރުންނޭ. މަޖުލިހަކު މައުމޫނެއް ޔާމީނެއް އިމްރާނެއް ހުރީކީ ނޫން. ދެން ކިހިނެއްހޭ ތިފަދަ ކޮމިޓީއެއް އެކުލަވަނީ. އަނެއްކާ އެއްވެސް ބާރެއް ނުލިބޭ ގޮތަކަށް ތިހެން އެކުލަވާ ކޮމިޓީއެއްގަ ދެންތިބި ޕާޓީން ނުވެސް ރުހޭނެދޯ.މެޖޯރިޓީ އެމްޑީޕީއަށްވީމަ.ކޮންމެ ގޮތެއްވިޔަސް އެމްޑީޕީ މެންބަރުން ނިންމާ މީހެއްދޯ އައްޔަންވާނީ. އެހެންވީމަ ތިއަކުން ހާސިލްކުރަންއުޅޭ އެއްޗެއް ނެތް. ނަމަވެސް ބާރުތިނަގަނީ ސަރުކާރުގެ.ނުފޫޒު މެންބަރުންނަގަން
ކަނބިލި
06 August 2019
ރައްޔިތުންނަށް އޮޅުވާލަން މިކަހަލަ ވާހަކަ ދައްކާނެ. ތިޔަ ތަންތަނަށް ނަގާނީ ޕާޓީ އެކްޓިވިސްޓުންގެ ތެރެއިން ނަޝީދަށް ލޯޔަލް މީހުން
ހަސީނާ
06 August 2019
ވަރަށް މަޖާ ވާހަކަ އެއް!! މަނިކުފާނު ގެ އެކްޓިވިސްޓުން އެވެސް ތައުލީމެއް އަދި ގަބިލް ކަމެއް ނެތް މިހުންނަށް ސަރުކާރުގެ މަގާމް ތަށް ދެނީ ޖަޒުބާތުވެގެން ތޯ؟ މަށެއް ނުދެކެން ނަޝީދު، މައުމޫނު އަދި ޔާމީން ވަރުގެ އަމިއްލަ އެދުން ބޮޑު ބައެއް!
ސްޓަރ
06 August 2019
މޮޅު ވާހަކަ ދައްކަވާނެ ކަމެއް ނެތް. އޭސީސީ އަށް ނަގަން ނަންތައް ފައިނަލްކުރެވުނު ގޮތުން ބޭނުންވާ ބާރުތައް ނުލިބި، ހަމައެކަނި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފެންނަ ނަންތަކެއް ތަޅުމަށް ގެންނާތީ މިއުޅެނީ ކަންބޮޑުވެގެން. ފެކްޝަން އެބައޮތް ރަގަޅަށްވެސް. ރައްޔިތުން ވޯޓު ދިނީ ރައީސް ސޯލިހުއަށް ކަން ހަނދާން ނައްތާނުލާތި