ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އަބްދުﷲ ނަޒީރާއި (ވ) ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވާހަކަ ދައްކަވަނީ.--ފޮޓޯ/މިހާރު
21 އޯގަސްޓް 2019 - 14:29
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، ޖޭއެސްސީގެ ގާނޫނަށް ހުށަހެޅުއްވި ބިލް ޖުޑިޝަރީ ކޮމިޓީން ގެނައި ބަދަލުތަކާ އެކު ފާސް ކުރީ 63 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ޖުޑިޝަރީ ކޮމިޓީން ބިލް ދިރާސާ ކުރި އިރު، އެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.
ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުވުމާ އެކު، ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދޭނެ އެވެ. އަދި ސުޕްރީމް ކޯޓުގެ ދަށުން މިހާރު ހިނގަމުންދާ ޑީޖޭއޭ އުވޭނެ ކަމަށް ރިޕޯޓުގައިވެ އެވެ.
ޑީޖޭއޭގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މިހާރު ހުންނަވަނީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ނަޒީރެވެ. ކޮމިޓީން ނިންމި ގޮތުން ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދުމުން ނަޒީރުގެ މަގާމު ގެއްލޭނެ އެވެ. ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި އޮތީ ވެސް ޖޭއެސްސީއަށެވެ.
ރިޕޯޓުގައި ވަނީ ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަމަށެވެ. ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.
މާޖިދަކީ ޖުޑިޝަލް އެކަޑަމީ އަށް އައްޔަން ކުރާ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށްވާތީ އާއި ޖުޑިޝަލް އެކަޑަމީ ޑީޖޭއޭގެ ދަށަށް ބަދަލުވާނެތީ އެ އިސްލާހު ފާސްވުމާ އެކު، ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް އާ ބޭފުޅަކު ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެ އެވެ.
ކޮމިޓީން ގެނައި އެހެން ބަދަލުތަކުގެ ތެރޭގައި ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެ އެވެ. ބިލް ހުށަހެޅި އިރު އުމުރުގެ ގޮތުގައި ކަނޑައެޅީ 40 އަހަރެވެ. އަދި މިހާރު ގާނޫނުގައިވާ ގޮތުން ޖޭއެސްސީގެ މެންބަރަކަށް ވެވޭނީ އުމުރުން 25 އަހަރުވެފައިވާ މީހަކަށެވެ.
ޖޭއެސްސީ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ ވަކީލެއް ނަމަ އޭނާ އަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ ވަކީލަކަށް ވާން ޖެހޭ ގޮތަށް ބިލު ވަނީ އިސްލާހުކޮށްފަ އެވެ. މީގެ ކުރިން ބިލްގައި އޮތީ ޖޭއެސްސީ އަށް އައްޔަންކުރާ މީހަކަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
22 August 2019
ދެން ކިޔަވައިގެންތިބި ނަޒާހަތްތެރި ހުނަރު ވެރު މީހުން ބޭރުކޮއްފަ ޓްވިޓަރޭމެން ތިތަނަށް ލާ. އޭނުން އެޖެންޑާ19 އަކީ
6666
22 August 2019
ޔުނިވަރސިޓީއެއް ނޫނަސް ޗާންސެލަރު ހުރޭތަ؟ ބޮޑު މުސާރަކާން
ހުތާނި
22 August 2019
އާނ. ޗާންސެލަރ އޮފް އެކްސްޗެކަރ ވެސް ހުރޭ. އެކަމަކު އެއީ އިންގްލެންޑްގައި. އެތާގެ ފިނޭންސް ކަންކަމުގައި ކެބިނެޓު މިނިސްޓަރެއްގެ ދަރަޖައިގެ މީހެއް ނުވަތަ މާލީ ވަޒީރު އެއީ. އަދިވެސް ކިތަންމެ ވައްތަރެއްގެ ޗާންސެލަރުންވެސް އިންގްލެންޑްގައި ތިބޭ. ޖަރުމަނުގައިވެސް ޗާންސެލަރަކު ހުރޭ. ޖަރުމަނުގެ ޗާންސެލަރަކީ އެހެން ގައުމު ތަކުގެ ބޮޑުވަޒީރު ދަރަޖައިގެ މީހެއް. އެތާގެ ލީޑަރު އެއީ.
އަރަރެން
22 August 2019
މުހަންމާދީގެ ކޮމެންޓަށް ތާއީދު ކުރުމާއެކު ބުނެލަން ބޭނުންވަނީ:- 1. ވަކި މީހަކު ވަކިބަޔަކު ވަޒީފާއިން ވަކިކުރަން ގާނޫނާއި ގަވާއިދުތަކަށް ބަދަލުކުރުމަކީ ރަގަޅުކަމެއްނޫނޭ މިކަންފެށީ ޔާމީންގެ ސަރުކާރުން 2. ސިޔާސީއެއްވެސް މަގާމެއް އަދާކުރުމަށްފަހު 5 އަހަރު ވީމާނޫނީ ޖުޑިޝަރީ އާއި މިނިވަން މުއައްސަސާ ތަކަށް ޝަރުތު ހަމަނުވާގޮތް ހަދަންޖެހޭ
ރަދީފް
21 August 2019
ޑރ ނަޒީރް އެއީ ވަރަށް ކިބުރުވެރި މީހެއް.ތަޖްރިބާއާއިއެކު މިހެން މިބުނީ..ވ.ވެދުން
ހުތާނި
22 August 2019
ތަޖުރިބާޔާއެކު މިދަންނަވަނީ ޑރ ނަޒީރަކީ ވަރަށްވެސް ހުނަރުވެރި ލޯހުޅުވޭ ތަޖުރިބާކާރު މޮޅު ބޭފުޅެއް.
ރަދީފް
22 August 2019
އަހަރެންވެސް ނުބުނަން ދޯ ނަޒީރް އެއީ ދެރަމީހެކޭ.ކިބުރުވެރިކަމުގެ ހުތުރު ސިފަ ހުރިވާހަަކަ މިބުނީ.
ބެރެބެދި
22 August 2019
މީހަކާދޭތެރޭ ދެކޭގޮތް އެކި މީހުންގެ ޕަރސްޕެކްޓިވް އިން ބެލީމަ ތަފާތުވާނެ. ޜަދީފަށް ނަޒީރު ކިބުރުވެރި މީހެއްގެ ގޮތަށް ފެނުނަސް އަހަންނަށް ފެނުނު ތަނުގަ އެއީ ވަރަށް މީހުންނާ ގުޅޭ ހިތްހެޔޮ މީހެއް. ޢެޑިއުކޭޝަން ދާއިރާގެ ގިނަ މީހުން މަގޭ މިވާހަކަ ގަބޫލު ކުރާނެ
މުހަންމާދި
21 August 2019
ޔާމީން ސަރުކާރު ނިމެން ދިޔައިރު ސިޔާސީ ވަޒީފާގައި ތިބި ބައެއް މީހުން ދެމިގަތީ ޖުޑިޝަރީއަށް. ގާނޫނެއް ހަދަންވީ ސިޔާސީ ވަޒީފާއެއް އަދާކުރުމަށްފަހު 5 އަހަރު ނުވަނީސް ޖުޑިޝަރީ އާއި މިނިވަން މުއައްސަސާ ތަކުގެ ވަޒީފާ އަކަށް ޝަރުތު ހަމަނުވާނެކަމަށް. އެއް ދުވަހު ސިޔާސީ ފިކިރު އަނެއް ދުވަހު މިނިވަން ފިކުރެއް ނުގެން ގުޅެވޭނެ.
ހުސީނާ
22 August 2019
އެހެންތަ؟ ނަޒީރުވީމަ މައްސަލަޔަކަށް ވެއްޖެ. އެކްޓިވިސްޓަކާ ގައުމީ ޔުނިވަރުސިޓީ ހަވާލުކުރުން އޯކޭ. މިއީ އެޖެންޑާ 19އިގެ ސަޅިތަންކޮޅަކީ.
އިވެއްޓޭ
21 August 2019
ކިޔަވައިގެން ތިބި ދިވެހިން މިއީ. މިމީހުންގެ ވަޒީފާ ގެއލުވާލާފައި ޕާޓީ ކުދިންނަށް ހަަޖައްސާދީ
މާސްޓާސް އޮފް ޕަބްލިކް ޕޮލިސީ
22 August 2019
މި މީހުން ނޫނި ނެތީތަ ކިޔަވައިގެން ތިބި ފާސްތައް އޮތް ބަޔަކު؟
ނަޝީދުއެލެކްސް
21 August 2019
ސަރުކާރު ފެއިލްވީމާ ހަދާނީ މިކަހަަލަ ގޯސް. އެންޑީޕީ ކުދިންނަށް މި ގޯސް ވިސްނޭނީ ފަުން.
އިވެއްޓޭ
21 August 2019
ތިއީ ކަޑަަކަމެއް ނަޝީދޫ! ތިކަން ތިގޮތަށް ކުރުން ހުއަޓާލާ. ތީގެ ހުރިހާ މޮޅެއް ނަގާނީ އިދިކޮޅު މީހުން.
އިބްނު ސީނާ
21 August 2019
ސަރުކާރު ދުވަހެއް ދުވަހަަކަށް މިދަނީ ފަަހަތަށް. މިގޮތަށް މީހުން ވަކިކުރުމުން ސަރުކާރަށް ވާނެ މޮޅެއް ނުވިސްނުނު.
ހަނުހުންނަ މީހާ1
21 August 2019
އަތްޖަހާލާކަށް ދެރައެއް ނޫން