ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމަށް ފުލުހުން ކަނޑުމަތީގައި ހަރަކާތްތެރިވަނީ. --- ފޮޓޯ: ޕޮލިސް
14 ސެޕްޓެމްބަރ 2019 - 17:53
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެނގި ހުރެ، އެކަން އިންޓަލިޖެންސް އިދާރާތަކާ ހިއްސާ ނުކުރާ ނަމަ، އެއީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ މީހުންނަށް ބޮޑު ޖަލު ހުކުމެއް ދެވޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.
ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ޓެރަރިސްޓް ހަމަލާތަކުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލްގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށް މުހިންމު މައުލޫމާތެއް ހިއްސާ ނުކުރުމުގެ ސަބަބުން އެފަދަ އަމަލެއް މެދުވެރިވެއްޖެ ނަމަ، މައުލޫމާތު ހާމަނުކުރި މީހާ އެ ކުރަނީ ކުށެކެވެ.
ބިލްގައި ބުނެފައި ވަނީ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ، ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ، އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަމަށް ބިލްގައިވެ އެވެ.
ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މުދަލަށް ގެއްލުން ލިބިއްޖެ ނަމަ، ދޭނެ އަދަބުތައް ވެސް ބިލްގައިވެ އެވެ.
ބިލްގައި ބުނެފައިވާ ގޮތުގައި މުދަލުގެ އަގު ފަސް ލައްކަ ރުފިޔާ އަށް ވުރެ މަތިވާ ނަމަ، އެ ކުށް ކުރި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މުދަލުގެ އަގަކީ އެއް ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ނަމަ، އެ ކުށް ކުރި މީހެއްގެ އަދަބަކީ ދެ އަހަރާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.
މުދަލުގެ އަގަކީ ބައިލައްކަ ރުފިޔާ އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ ނޫން ހާލަތްތަކުގައި އެ ކުށުގެ އަދަބަކީ ހަ މަސް ދުވަހަށް ވުރެ ގިނަ ނޫން މުއްދަތަކަށް ޖަލަށްލުމެވެ.
ބިލްގައި ބުނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށް ފަހު، ދައުލަތުގެ އިދާރާއަކާ އެ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާނުކޮށް ސިއްރު ކުރުމަކީ ކުށެއް ކަމަށެވެ. މި ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ، އެކަން ފުލުހުންނަށް އަންގަން ވާނެ ކަމަށް ބިލްގައިވެ އެވެ. އެ މައުލޫމާތަކީ އެއްވެސް އިންޓަލިޖެންސް އިދާރާއަކާ ހިއްސާ ކުރަން ޖެހޭ މައުލޫމާތެއް ނަމަ، އެ މައުލޫމާތެއް ފުލުހުން އެ ފަރާތަކާ ހިއްސާ ކުރަންވާނެ ކަމަށް ވެސް ޓެރަރިޒަމް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައިވެ އެވެ.
އިންޓަލިޖެންސް އިދާރާތަކުގެ ގޮތުގައި ބިލްގައި ކަނޑައަޅާފައި ވަނީ ފުލުހުންގެ އިތުރުން އެމްއެންޑީއެފާއި ކަސްޓަމާއި އިމިގްރޭޝަނާއި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ސްޕޮންސަ ކުރެއްވި ބިލް ހުށަހެޅި ބޭނުމެއްގެ ގޮތުގައި ވަނީ ޓެރަރިޒަމްގެ ދައުވާ ނުރަނގަޅު މަގްސަދުތަކަށް ބޭނުން ކުރެވޭ ކުރުން ހުއްޓުވުމަށެވެ. އަދި ޓެރަރިޒަމް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާ އަށް ބަދަލު ގެނައުމަށެވެ.
ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމުގަ އާއި އެ ކުށްތަކުގައި ދައުވާ އުފުލުމުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށާއި ޕްރޮސެކިއުޓަ ޖެނެރަލަށް ލިބިދޭ ގާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅައި ޒަމާނާ އެއްގޮތަށް ގާނޫނީ އިޖުރާއަތުތައް ބަޔާން ކުރުމަކީ ވެސް ބިލްގެ މަގްސަދެކެވެ.
މިހާރު އޮތް ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން މި ސަރުކާރުން ހުށަހެޅީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލި" މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ޑްރާފްޓް ރިޕޯޓުތަކާ ގުޅިގެން އެ ކޮމިޝަންގެ އެދުމަކަށް ފުލުހުން އެއްގަމާއި ކަނޑުގައި އޮޕަރޭޝަންތަކެއް ހިންގާފައިވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
15 September 2019
އެމްޑީޕީ އިސްވެ އޮވެ، ފަޑިޔާރުގެ އިސްލާހުކުރަމުން ދާ އިރު، ކޯޓް އަމުރެއް ނެތި މީހުން ހައްޔަރުކުރެވޭ ގާނޫނެއް ހެދީމަ، އަމިއްލައަށް ބަދަލުގެންނަ ފަޑިޔާރުގެތަކަށް އިތުބާރު ނުކުރާނެކަން ދޭހަކޮށްދޭ
ވާލުސޮރު
15 September 2019
ބިލާދުއްސާމު އާއި ނުސްރާ ފުރޮންޓާއި އައިއެސް ތަޅާފޮޅަނީ އެއްބަޔަކު އަނެއް ބަޔަކާ. ސީރިއާ ސިފައިން ގެ ތެރޭގައިވެސް މުސްލިމުން، މި ބުނާ 3 ޖަމާއަތުގައިވެސް މުސްލިމުން. ހުރިހާ ނިކަމެތިކަމެއް ސީރިއާގެ ރައްޔިތުންނަށް. ޖިހާދޭ ކިޔާފާ ދާ ދިވެހިން ސިކުނޑިނެތީތޯ މި އުޅެވެނީ ބައެއްގެ ދާހިލީ ހަނގުރާމައިގަ ތެރޭގައޭ. މާލޭގަ ނަމަ މާފަންނާއި ހެންވޭރު ފައިޓުކުރުން ކަހަލަ ކަމެއްމީ. މިކަން ކުރަން ފަސޭހައަކަށް ދީން ލަނީ
އަލިހަންޑޯ ޓޮލޭޑޯ
15 September 2019
މަށަށްހީވަނީ މިބިލްހުށަހެޅި މެންބަރާއި ބިލަށް ވޯޓުދެއްވާ މެންބަރުން ހެން އެންމެ ފުރަތަމަ މިޤާނޫނުގެ ދަށުން ހައްޔަރުކުރަންޖެހޭނީ. ސަބަބަކީ މިބިލްގެ ސަބަބުން އަހަރެންގެ ހިތަށް ނުތަނަވަސްކަން ވެރިވެއްޖެ މިޤައުމުގައިތިބި ޓެރަރިސްޓުންނާއިހެދި. އޭގެ ގިނަމީހުންތިބީ މަޖިލީހުގައި. އޭގެ ތެރޭގައި ފެބްރުއަރީ 7-8 ގެ ޖަރީމާތަކުގެ މޭސްތިރިންއެބަތިބި. ސިފައިންނާއި ފުލުހުންނަށް އަމުރުކުރިމީހުންނާއި ހުޅުޖެހިމީހުން.
އަބްދުއްالله
15 September 2019
ޓެރަރިޒަމަކީ، ސިޔާސީ ނުވަތަ ދީނީ މަގުސަދެއްހާސިލު ކުރުމުގެ ނިޔަތުގައި، އާންމުރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އަށަގެނުވުމަށްޓަކައި، ކުރާ ނުވަތަ ކުރުމަށް ރާވާ ކޮންމެ ޖަރީމާއެއް.
ޝޮކްތެރަޕީ
14 September 2019
މިއަހަރުގެ ބަޖެޓައް ހެދީ ކިހިނެއްތޯ ބަލަން ޖެހޭ. ރަސްރަނި ބަގީޗާ ސައިޓަމްޕާކަ ނަންބަދަލުކުރުން ނުންކަމެއް ނުކުރޭ މިސަރިކާރުން.
އަހުމަދުބެ
14 September 2019
ވައްކަން ކުރާމީހާ އާއި މާރާމާރީ ހިން ގާ މީހާ އާއި ރޭޕް ކުރާ މީހާވެސް އެހިންގަނީ ޓެރަރިޒަމް ގެ އަމަލެވެ. ޓެރަރިޒަމް އަށް ވަނީ ހަމައެކަނި ތުނބުޅި ދިގުކޮށް ފައިކުރި ކުރު ކުރީމަ އެއް ނޫނެވެ.
އޭނަ
14 September 2019
ބިދޭސީން އަނބުރާ ފޮނުވާލަބަލަ! އެބައިގަޑާ ހެދި މަގުހިގަން ދަތިވެއްޖޭ! މަގުމަތީގައެބޯ ސިނގިރޭޓާ ތަޅާ ކުޅުންހާދަ ދަތިވެޔޭ.ބިދޭސީންގެ ކަންކަން ހައްލުނުވާ ބަޔަކަށް ޓެރަރިސްޓުންގެ ކަންކަން ބެލޭނެތަ؟ އަހުން ހަމަ އަންތަރީސްވެއްޖޭ ތިޔާ ސަރުކާރާ މަޖުލީސްވެސް އެއްކޮށް ދިނީމާވެސް
ނަނާހުވަފެން
14 September 2019
ދީނާ ހިލާފު ފިކުރުފެތުރުމާ، އެފަދަ ކަންކަން ފަންޑުހޯދައިދީ، ފަންޑުކޮށް، އެފަދަ ފިކުރުބކުރިއަރުވާ ކުންފުނިތަކާ އެންޖީއޯތަކާއި ކެފޭތަކާ ރިޕޯޓުނުކުރުން ވެސް ކުށަކަށް ވާންޖެހޭ.
ހަންޏާމީދޫހަސަނު
14 September 2019
ޓެރަރިސްޓުން އަތުލައިގަނެ ވީހާވެސް އަވަހަކަށް އެފަދަ ނުރައްކާތެރި މީހުން މުޖުތަމައުއިން އެއްފަރާތްކޮށް ބަންދުކުރަންޖެހޭ. އެކަމަކު، ވަކި ކަމެއް ނުކޮށްގެން ބޮޑު ޖަލުހުކުމެއް އައުމަކީ ޚުދުމުޚުތާރު، ލާއިންސާނީ ސިފައެއް. ޓެރަރިޒަމް ގާނޫނަށް ގެންނަ އިސްލާހުތައް ވައްތަރީ ހިޓްލަރާ ސްޓާލިންގެ ޒަމާނުގައި އެމީހުން ހެދި ގާނޫނުތަކާ.