ޓެރަރިޒަމްގެ ގާނޫނު ބޭނުންކޮށްގެން ސަރުކާރުން ބޭނުން އެއްޗެއް ނަހަދާނެ: ޣަފޫރު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ބޭނުން އެއްޗެއް މި ސަރުކާރުން ނަހަދާނެ ކަމަށާއި އަދި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެކަމަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުގެ ފަރާތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މިއަދު ވަނީ އިއްވައިފަ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރީގެ ސަރުކާރުގެ ދުވަސްވަރު ވަނީ އޭރުގެ ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުންނާ ދެކޮޅަށް ދައުވާކޮށްފަ އެވެ. ސިޔާސީ ލީޑަރުންގެ އިތުރުން ސިޔާސީ އެތައް އެކްޓިވިސްޓުން ޓެރަރިޒަމްގެ ގާނޫނުގެ ތެރެއަށް ފައްތައި، އެމީހުންނަށް ބޮޑެތި އަދަބުތަކެއް ދިނެވެ.

މިހާރު އޮތް ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން މި ސަރުކާރުން ހުށަހެޅީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން "ގެއްލުވާލި" މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ޑްރާފްޓް ރިޕޯޓުތަކާ ގުޅިގެން އެ ކޮމިޝަންގެ އެދުމަކަށް ފުލުހުން ބައެއް ގެތަކާއި ރެސްޓޯރަންޓުތައް ބަލައި ފާސްކުރަމުން ދަނިކޮށެވެ. ބިލްގައި ބޮޑަށް އޮތީ ޓެރަރިޒަމްގެ އަމަލުތައް އިތުރަށް ތަފްސީލްކޮށްދީ، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް

މިއަދުގެ ބަހުސްގައި ޣަފޫރު ވިދާޅުވީ މެމްބަރުން ޗުއްޓީގައި ވަނިކޮށް ޖަލްސާ ބާއްވަން ޖެހުނީ ގައުމީ ސަލާމަތަށް ނުރައްކާ އޮތީމާ ކަމަށެވެ. އަދި ވެގެން އުޅޭ ގޮތާއި ހިނގަމުންދާ ގޮތް ރައްޔިތުންނަށް ސާފުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ އޭނާ ވިދާޅުވީ މިކަންކަން ހައްލު ކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

"ރައްޔިތުން ގަބޫލުކުރާނެ އެ ބަދަލަކީ މިއަދު ގެންނަން ޖެހިފައިވާ ބަދަލެއް ކަން،" ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނު ބޭނުންކޮށްގެން ގައުމުގައި ތިބި ސިޔާސީ މީހުންނާއި އެހެން މީހުންނަށް ކުރި އަނިޔާ ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަދި ހަމަ އެ ނޭވާގައި ވިދާޅުވީ މި ޓެރަރިޒަމްގެ ގާނޫނު ބޭނުންކޮށްގެން ބޭނުން އެއްޗެއް ހަދަން ސަރުކާރަށް ފުރުސަތު ދީގެން ވެސް ނުވާނެ ކަމަށެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެކަންކަން ކުރުމުގެ ފުރުސަތެއް މި ސަރުކާރަކަށް ނޯންނާނެ. މި ސަރުކާރުން އެގޮތަށް ނުވެސް ކުރާނެ. ސަރުކާރުން އަމަލު ކުރާނީ ޒިންމާދާރު ގޮތެއްގައި. މިއިން އެއްވެސް ކަމެއްގައި ގާނޫނެއްގެ ނަހަމަ ބޭނުން ހިފަން މަޖިލިހުން ފުރުސަތު ނުދޭނެ،" ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވެފައި އޮތް ދަނޑިވަޅުގައި މިކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރަން ޖެހެނީ މި ގައުމުގައި ކަމެއް ހިނގައިފި ނަމަ، އެކަމުގެ ޒިންމާ މަޖިލިހާއި ސަރުކާރު އުފުލަން ޖެހޭނެތީ ކަމަށް ވިދާޅުވި އެވެ.

"މި މަސް ނިމި އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ދާންވާ އިރަށް ކަމެއް ގޯސްވެއްޖެ ނަމަ، އެކަމުގެ ޒިންމާ އުފުލާނީ ކާކުތޯ؟ މިއީ އެންމެން ކުރާނެ ސުވާލެއް،" ޣަފޫރު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޚިޔާލު ފާޅުކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.