ހޮސްޕިޓަލެއްގައި ނާސަރީއެއްގައި ބާއްވާފައި އޮތް އަލަށް އުފަންވި ދެ ކުދިން: ތުއްތު ކުދިން މަރުވި ނިސްބަތް މިދިޔަ ދެ މަސް ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވޭ
03 އޮކްޓޯބަރ 2019 - 08:15
ވޭތުވެ ދިޔަ ދެ މަހުގެ ތެރޭގައި އެކި ސަބަބުތަކާ ގުޅިގެން 16 ތުއްތު ކުއްޖަކު މާލޭގައި މަރުވެއްޖެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ހަތަރު ތުއްތު ކުއްޖަކު މަރުވެފައިވާއިރު މިދިޔަ އޮގަސްޓު މަހު އެ އަދަދު 13 އަށް އަރަ އެވެ. މިކުދިންގެ މައުލޫމާތު ކަށުނަމާދުއެމްވީގެ ޕޭޖުތަކުން ފެންނަން އެބަ ހުއްޓެވެ.
މިއީ މި ފަހުން، ކައިރި ކައިރީގައި މިހާ ގިނަ އަދަދެއްގެ ކުދިން މަރުވި ފުރަތަމަ ފަހަރެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ ކުދިން މަރުވެފައިވަނީ ވިހޭތާ ގިނަ އިރުތަކެއް ނުވެ އެވެ. އަދި ދެ ކުއްޖަކު ހަތަރު މަހާއި ފަސް މަހުގައި ވެސް މަރުވެފައި ވެ އެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އޮގަސްޓު 5 ގައި ތިން ކުއްޖަކު މަރުވި އެވެ. އަދި ޖެހިގެން އައި ދެ ދުވަހު ވެސް ދެ ކުދިން މަރުވި އެވެ. އޭގެ ފަހުން އޮގަސްޓު 26 އިން ފެށިގެން 31ގެ ނިޔަލަށް ފަސް ކުއްޖަކު މަރުވި އެވެ.
ކަށުނަމާދު އެމްވީ ޕޭޖް އިން ފާހަގަވީ ކަމެއް މި ޓްވީޓްއާއި އެކު އަޕްލޯޑްކޮށްލިން. މިއީ ފާއިއިތުވެދިޔަ މަހާއި އަދި މި ސެޕްޓެމްބަރުގައި، ޅަފަތުގައި ނުވަތަ ވިހެއުމުގެ ތެރޭގައި މަރުވި ކުދިންގެ ކަށުނަމާދަށް ކޮށްފައިވާ އިޢުލާންތަކެއް. ކަންބޮޑުވާން ޖެހޭފަދަ ކަމެއް ފާހަގަ ނުވޭތޯ؟ pic.twitter.com/TlNijtX2ti
— Aisha🎈❓ (@datsdawayitz) September 26, 2019
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ގިނަ ތުއްތު ކުދިން މަރުވެފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މީގެ ސަބަބު ހޯދުމަށް ވެސް ގޮވާލާފައި ވެ އެވެ.
ރާއްޖެ އަކީ، އުފަންވާ ތަނުން ނުވަތަ ވަރަށް ޅަ އުމުރުގައި ތުއްތު ކުދިން މަރުވާ ނިސްބަތް މި ސަރަހައްދުން ވެސް އެންމެ ދަށް ގައުމެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކުދިން މަރުވެފައިވާތީ، ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޓްވިޓާގައި ހިޔާލުފާޅު ކުރި ބައެއް މީހުން ބުނިގޮތުގައި މި ކުދިން މަރުވި ސަބަބު ދެނެގަނެ، މިއީ ސިއްހީ ބޮޑު މައްސަލައަކާ ހުރެ ދިމާވާ ކަމެއް ނޫންކަން ކަމާ ގުޅޭ އިދާރާތަކުން ޔަގީންކޮށްދޭން ޖެހެ އެވެ. އަދި މިހާ ގިނަ އަދަދެއްގެ ކުދިން މަރުވުމަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫންތޯ ވެސް ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ
މިކަމާ ގުޅޭގޮތުން ކަމާ ބެހޭ އެއްވެސް ފަރާތެއްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އޭޑީކޭ އަދި އައިޖީއެމްއެޗުން ވެސް ބުނީ ތުއްތު ކުދިން މަރުވި ނިސްބަތް ކުއްލިއަކަށް ގިނަވިތޯ ބަލާނެ ކަމަށާއި އެކަމުގައި އާދަޔާހިލާފު ކަމެއް އުޅޭކަން އެނގޭނީ އެ ތަފާސްހިސާބުތަކަށް ބެލުމަށް ފަހު ކަމަށެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ނިޝާން އަހުމަދު ވިދާޅުވީ ކައިރި ކައިރީގައި ތުއްތު ކުދިން މަރުވެގެން، މީހުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.
"ސްޓިލްބާތުގެ ކޭސްތައް އަބަދު ވެސް އުޅޭނެ. އެކަމަކު ގިނަ ބަޔަކަށް މިކަން ފާހަގަ ވަނީ ކަށުނަމާދު އެމްވީ ކަހަލަ ޕޭޖުތަކުން އެ މައުލޫމާތު އާއްމުކުރާތީ. ނަމަވެސް މި ފަދަ ކޭސްތައް މާ ބޮޑަށް އިތުރުވެފައިވޭތޯ އަޅުގަނޑުމެން ބަލާނަން،" އިތުރު މައުލޫމާތު ފަހުން ދެއްވާނެކަމުގެ ޔަގީންކަމާ އެކު އޭނާ ވިދާޅުވި އެވެ.
އޭޑީކޭން ވެސް ބުނީ އެ މައުލޫމާތުތައް ސާފުވިހާ އަވަހަކަށް މީޑިއާއާ ހިއްސާ ކުރާނެ ކަމަށެވެ.
މީގެ ދެ އަހަރު ކުރިން 2017 ގައި ވެސް، ހަފުތާއެއްގެ ތެރޭގައި ފަސް ތުއްތު ކުއްޖަކު މަރުވުމުން އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އަ އެވެ.
އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފު އޭރު ވިދާޅުވީ ޅަ އުމުރުގައި ކުދިން މަރުވާ ސަބަބު ދެނެގަނެ، އެކަން މޮނީޓާ ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ތުއްތު ކުއްޖަކު މަރުވެއްޖެ ނަމަ، އޭގެ ސަބަބު ބަލައި ރިޕޯޓު ކުރަން ޖެހޭނެ ކަމަށާއި އަދި އޭގެ ފަހުން، ކަމާ ބެހޭ ތަޖުރިބާކާރުންގެ ޕެނަލަކުން ވެސް އެކަން ދިރާސާކޮށް، މަރުގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައިނަބް
04 October 2019
ހޮސްޕިޓަލްތައް ރުގުޔާ ކުރަންވީ ކޮންމެސް ގޯހެއް އެބައުޅޭ
ފެށުން
04 October 2019
ތިކަން ކަމުން ސަލާމަތްވުމަށް ހޮސްޕިޓާތަކުގައި ގުރުއާނުގެ އާޔަތްތަށް ކިޔަވަންޖެހޭ އަދި ތިފަދަ ކަންކަން ރަނގަޅުވާނީ ނަމާދުތަކަށްފަހު އެންމެން ޖަމާއަތުގައި ދުއާކޮށްގެން ﷲ އީ ކޮންމެކަަށް ކުޅަދުންވަންތަ ފަރާތެއް
ދައްސޫރަ
04 October 2019
ސަރުކާރުގެ. ފެންވަރު ހެލްތުމިނިސްޓރ އިސްތިއުފާދޭންވީ ގައު މު ދަރާވިކިއްޖެ.
ނަޖޫ
04 October 2019
ޢަބަދުވެސް ދިރާސާކުރަނީ މައްސަލަ ބަލަމުންދަނީ ކުރިއަށް އޮތްތާގައި މިކަންކަން ރަނގަޅުކުރުމަށް މުއައްސަސާތައް ޒިންމާދާރު ކުރުވާނަން. މިނޫން އަޑެއް އިވެން ނަގާނީ ކިތައް ގަރުނުބާ. ؟ މީވާ ޤައުމެއް.
މަނީޒް
03 October 2019
ބަލަން ޖެހޭ އެހެން ކަމެއްވެސް އެބައޮތް. އެއީ ކައިރި ކައިރީގަ އެއްބާވަތެއްގެ ހަދިސާތައް ރާއްޖޭގައި ސީޒަންތަކެއްހެން ދިމާވާންޖެހުމުގެ އަސްލަކީ ކޮބާތޯއެވެ. މިއީ ސިހުރުވެރީން ގައުމުގައި ގިނަވުމުގެ އަލާމާތަކައް ވެދާނެއެވެ.
ގެރީ
03 October 2019
މިސަރުކާރު އައިފަހުން ހުސް ތިބާވަތުގެ ކަންތަައް
އޮތް
03 October 2019
އެހެން އޮންލައިން ނޫހެއްގައި މީގެ 1 މަސްކުރިން އެބައޮތް މެއިމަހުން ފެށިގެން އެމަހާ ހަމައަށް ވަރަށް ގިނަ އަދަދަކަށް ތުއްތުކުދިން މަރުވި ވާހަކަ. ކޮންމެވެސް ކަމެއް އެބައުޅޭ ނޫންބާ؟
ހަޑިގިއްލާ
04 October 2019
ތަފާތަކީ ތަފާސް ހިސާބު ކޮންމެ މީހެއްގެ ފޯނުން ބަލާލެވޭކަން. މީގެކުރިން މި ސްޓެޓްސްތައް ފެންނަން ނެތުމުން ކިޔޭނެ އެއްވެސް އެއްޗެތް ނޯންނާނެ. ހަފުތާއަކު ނުވަތަ މަހަކު އެއްފަހަރު ފިނޭންސްމިނިސްޓްރީއިން މާލީ ހިސާބު އާއްމު ނުކުރާނަމަ ދައުލަތުގެ މާލީނިޒާމާ ބޭހޭގޮތުން ކިޔޭނެ އެއްޗެތްވެސް ނޯންނާނެ. ނަމަވެސް މިއަދު އެމައުލޫމާތުތައް ފެންނަން ހުރުމުގެ މާނައަކީ މީގެކުރިން އެކަންކަން ނެތެކޭނޫން
ރިއްޔަ
03 October 2019
އަޅުގަނޑުވެސް މިކަމާގުޅިގެން ވަރަށް ގިނަ ކަމާބެހޭ އިދާރާތަކަށް ގުޅިން!! ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބު މިބޭފުޅުން ދެއްވަނީ!! ވަރަށް ދެރަކަމެއް........... ކަމާބެހޭ އިދާރާތަކުން މިކަން ބަލުމަށްފަހު މިވާ ގޮތެއް ރައްޔިތުންނާހަމަޔަށް ހާމަކޮށްދިނުމަށް އަޅުގަނޑު ގޮވާލަން...
ޑަރު
03 October 2019
ކިތައް ކުދިން އެބޯޓުވި
ނަރުސްކުއްޖާ
03 October 2019
އާންމުކޮށް ކަންތައް ދާބީދައިން ތިކަންވެސް ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ ވެރިން އޮއްބާލާނީ ސިޔާސީ ޕުރެޝަރަށް، މިދޭތެރެއަކުން ޑެންގީ ހުން ގިނަވެގެން އުޅުނު ދުވަސްކޮޅު ވަރަށް ސީނިއަރ "ބޭފުޅުން" ތަކެއް ދެކޮޅުހެދީ މީޑިއާއަށް އެމައުލޫމާތު ނުދޭން. ރައްޔިތުން ވާނުވާގަ ބޭތިއްބުމަށާއި ހުރިހާކަމެއް ބަރާބަރުކަން ދައްކަންވެގެން. ގައުމުގެ ސިއްހީދާއިޜާގައި އެބަހުރި ކަންބޮޑުވާންޖެހޭ ބޮޑެތި މައްސަލަ.