ރިޔާޒް ރަޝީދު ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީ ބައްދަލުވުމެއްގައި: ކޮމަންވެލްތަކީ ރާއްޖެއަށް މާ ބޮޑެތި އެހީތަކެއް ދެމުންދާ ބައެއް ނޫން ކަމަށްވާއިރު، އެތަނުގެ މެމްބަރެއްގެ ގޮތުގައި އޮތުމުގެ މާނައެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ/މިހާރު
24 ސެޕްޓެމްބަރ 2016 - 19:59
ކޮމަންވެލްތުން ރާއްޖެ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށާއި އެ ޖަމާއަތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުގެ ބޭނުމެއް ނެތް ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތް މިނިސްޓްރީއަލް އެކްޝަން ގްރޫޕް(ސީމެގް) އިން އިއްޔެ ވަނީ ރާއްޖޭގެ ބައެއް ކަންކަން އިސްލާހު ކުރަން އަންނަ މާޗް މަހާއި ހަމައަށް އިތުރު ފުރުސަތެއް ދިނުމަށް ފަހު، ސީމެގްގެ އެޖެންޑާގައި ރާއްޖެ އަލުން ހިމަނައިފަ އެވެ. ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމުން އެ ގުރޫޕުގެ އެއްވެސް ބައްދަލުވުމެއްގައި ރާއްޖެއަށް ބައިވެރިއެއް ނުވެވޭނެ އެވެ.
ރިޔާޒު "މިހާރު" އަށް ވިދާޅުވީ ކޮމަންވެލްތް މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސް އަބްދުﷲ ޔާމީން ކުރިން އެދިވަޑައިގެންފައިވާތީ، އެކަމާ މެދު މަޖިލީހުން ގޮތެއް ނިންމާނެ ކަމަށެވެ. އެކަމުގައި ގޮތެއް ނިންމާނީ ކޮން އިރަކު ކަން ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަކު މިހާރު މިއީ ކޮމަންވެލްތުން ރާއްޖެ ވަކިވާންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން އޮތީ އެ މައްސަލާގައި ބަހުސްކޮށްފައި. ގިނަ މެމްބަރުންގެ ވިސްނުން ހުރީ ކޮމަންވެލްތުން ވަކިވާ ގޮތަށް. ދެން އެކަމާ މެދު ގޮތެއް ނިންމަން އެޖެންޑާގައި ކުރާނީ މަޖިލީހުގެ ރައީސް. އެކަމަކު އަޅުގަނޑު ދަންނަވާނީ މިއީ އެންމެ މުނާސަބު ވަގުތޭ ކޮމަންވެލްތުން ވަކިވާން. އަޅުގަނޑު ހަމަ ގައިމު ވެސް އެގޮތަށް ވަކާލާތު ކުރާނީ،" ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް އެންމެ ބޮޑަށް ބާރު އަޅާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޔާޒު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮމަންވެލްތަކީ މާ ބޮޑެތި އެހީތަކެއް ރާއްޖެއަށް ވާ ޖަމާއަތެއް ނޫނެވެ. އަދި ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުން ވެސް ރާއްޖެއަށް މާ ބޮޑެތި އެހީތަކެއް ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންވީއިރު ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮވެގެން ރާއްޖޭގެ އަމިއްލަ ކަންކަމަށް ބަސް ކިޔުމުގެ ބާރު ދިނުމުގެ އެއްވެސް މާނައެއް އޮތް ކަމަށް ނުދެކޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނުދެކެން 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް މިގޮތަށް އައިސް ރާއްޖޭގެ ކަންކަމާ ބެހި އެ މީހުން އުޅުނު ތަނެއް. އެ މަންޒަރު ފެނުނީ ހަމައެކަނި ނަޝީދުގެ ވެރިކަމުގައި. ރާއްޖެއަކީ މިނިވަން ގައުމެއް. އެކަން އޮންނަންޖެހޭނީ އެގޮތަށް،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމަންވެލްތުން ވަކިވާން ޖެހިއްޖެ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށާއި ދެތިން މީހަކު ބުނެލާ އެއްޗަކަށް ބިނާކޮށް ކޮމަންވެލްތުން ދައްކާހާ ބިރަކަށް ސަރުކާރުން ޖެހިލުން ނުވާނެ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމުމުގެ ގާބިލްކަން ރައީސް ޔާމީންގެ އެބަހުރި ކަމަށާއި ރާއްޖެއާ މެދު އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމަންވެލްތުން ވަކިވާން 2012 ގައި މަޖިލީހަށް ރިޔާޒު ބިލެއް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ބިލް މަޖިލީހުން ފާހެއް ނުވި އެވެ.
ސީމެގުން އިއްޔެ ނިންމާފައިވަނީ އިސްލާހު ކުރަން ރާއްޖެއަށް އެންގި ކަންކަން އިސްލާހު ކުރިތޯ އަންނަ މާޗް މަހު ބާއްވާ ބައްދަލުވުމުގައި ބެލުމަށް ފަހު އެކަން އިސްލާހު ނުކޮށްފި ނަމަ ރާއްޖެއަށް ފިޔަވަޅު އެޅުމަށެވެ. މުޅި ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ސީމެގުން ރާއްޖެއަށް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަރީރު
14 October 2016
މީނާގެ މައްސަލައެއް މިގައުމުގެކޯޓެއްގަ ނުވެސް ބެލޭ މެޑަމްގެ ހިމާޔަތުގަ ތިބެގެން ގައުމު ދޮވެލަނީ ހީވޭތަ ވޯޓު ރައްޔިތުންގެ ވޯޓު ކާމިޔާބު ކުރެވޭނެ ހެން.........
އައްދު
06 October 2016
މިއީ މި ސަރުކާރު ބަދަލުވާން އެންމެ ރަގަޅު ވަގުތު! ޑޮލަރުކޮޅު ކޮބާ؟ ދީފަ ވާހަކަ ދައްކަބަލަ!
ހަނިފަރު
27 September 2016
ކަލޭ މަހައްދޭބަލަ ރިޔާޒު ރަޝީދޫ! ކޮމަންވެލްތުން ވަކިވީމަ ކިޔަވަން ލިބޭ ފުރުސަތެއް އެބަންދުކޮށްލެވެނީ. ކޮންމެ މީހަކީ ރިޔާޒުމެން ކަހަލަ މަހަކު ލައްކައެއް ލިބޭ މީހުނެއް ނޫން. ރިޔާޒު ދެން އިސްތިއުފާދީ.
މަހުމޫދު
28 September 2016
ކޮމަންވެލްތުން ރާއްޖޭގެ ކިވާކުދިންނަށް ކިތައް ފުރުސަތު އަހަރަކު ހުޅުވާލާތޯ. ކޮމަންވެލްތުގެ އެހީގައި ރާއްޖޭގެ ކިތައް ދަރިވަރުން ތަމްރީނުކޮށްފައި އެބަތިބިތޯ؟ ހަގީގަތުގައި ވަރަށްމަދު. ނޭޕާލް ކަހަލަ ފަގީރު ކުޑަ ގައުމަކުން ކިޔެވި ޑޮކްޓަރުން މިރާއްޖޭގައި އެންމެ ގިނައީ. ޗެލެންޖް ކޮށްފަ މިބުނީ. މަދު ޝޯޓް ޓާރމް ޓްރެއިނިންތަކެއް ދީފަ ހުރީ. ދެން ކޮމަންވެލްތުގެ ހުރިގާ ގައުމަކަށް ހޮޅުވާލާ 3 ވަރަކަށް ސީޓަށް ވާދަކުރުމުގެ ފުރުސަތު ދިވެހި ކުދިންނަށް ވެސް ލިބޭ. އެހެންވީމަ ކޮންމެވެސް އެހެން ވާހަކައެއް ދައްކާ. ކޮމަންވެލްތުން މިއަދު ވަކިވިޔަސް ދިވެހި ކިޔަވާ ދަރީންނަށް ވާނެ އެއްވެސް ގެއްލުމެއް ނެތް
ޝިމްހާޒް
18 October 2016
ޗެލެންޖް ކޮށްފަ މިބުނަނީ. ނޭޕާލްގައި ކިޔަވާ ކުދިންނަކީ ސަރުކާރުން 3 ލައްކަ ނުވަތަ 4 ލައްކަ ނުވަތަ އެއަށްވުރެ ގިނަ ރުފިޔާގެ 'ސްޓޯޑެންޓް ލޯން' ނަގައިގެން ސަރުކާރަށް ދަރަނިވެރިވެގެން ކިޔަވާ ކުދިން. ކިޔަވާ ނިމިގެން އަންނަ އިރު ސަރުކާރަށް އަދާކުރަންޖެހޭ އަތް ނުފޯރާވަރުގެ ބޮންޑެއް އޮވޭ. އެ ބޮނޑުން ސަލާމަތްވެގެން އަމިއްލަ މިނިވަންކަމާއެކު ވަޒީފާ އަދާކުރުމުގެ ހައްޤެއް ނުލިބޭ. ބޮންޑުން ވަކިވަންޏާ ސަރުކާރަށް އެތައް ލާރިއެއް ދައްކަން ޖެހޭ. ނުވިތާކަށް ލޯނު ދައްކަންޖެހޭ 10 އަހަރު ދުވަސް ވަންދެން. ކޮމަންވެލްތްގެ ހިލޭ އެހީގެ ދަށުން 3 ފުރުޞަތު ލިބުނަސް ކަލޯ މަހުމޫދު މިޔަށްވުރެ މާ ހިތަށް ފަސޭހަވާނެ.
ދެކިބަލަ
25 September 2016
ކޮމަންވެލްތުން ވަކިވުމަކީ ވިސްނުމެއް ނޫން ޝައިނީ
ވަޒީރު ދޮންބެ
25 September 2016
މީ ރިޔާޒު ރަޝިދު އިސްތިއުފާ ދޭންވީ ވަގުތު
ދޮން އާމިރު
25 September 2016
ވަކިވެގެންވެސް ރައްޔިތުންގެ ފައިސާއިން ނަގާފައޮތް 18 މިލިއަން ރައްޔިތުންނަށްދީ...
އުމަރު
25 September 2016
ކޮމަންވެލްތުން ވަކިވާން ބުނާއިރު ތިޔަދެއްކެނީ ކިހާވަރެއްގެ ވާހަކައެއްކަމަށް ރިޔާޒްރަޝީދުއަށް އެނގިލައްވާތޯ؟ އަދި ކޮމަންވެލްތަކީ ކޯޗެއްކަން އަދި ކޮމަންވެލްތުގެ މެންބަރަކަށްވުމުން މިޤައުމަށާއި ރައްޔިތުންނަށް ލިބޭނެ ފައިދާއާއި އަދި އެހެން ޖަމާއަތް ޖަމާއަތްތަކުން މިޤައުމާއި ދޭތެރޭގައި ދެކޭގޮތް އެނގޭތޯ؟ ސިމާސަޔަކަށްވެސް އަދި ތިމާގެ މާސްޓާރ އުފާކުރަންނަމަވެސް ޤާނޫނު ހަދާމަޖިލިހުގެ މެންބަރުން ތިޔަފަދަ ވާހަކަ ނުދެއްކެވުމަށް ގޮވާލަމެވެ. ރިޔާޒް ރަޝީދުއަކީ ބޭރު ދުނިޔެއާއި ގުޅިގެން މަސައްކަތްކުރާ އަދި އެފަދަ ގާބިލް ބޭފުޅެއްވެސްނޫން އަދި އެފަދަ ވިޔަފާރިއެއްވެސް ކުރައްވާ ބޭފުޅެއްނޫން އެހެންކަމުން މިޤައުމުގެ އިޤްތިސާދާއި ބޭރާއި ގުޅިފައިވާ މިންވަރުނެއެނގި ތިޔަވާހަކަ ނުދައްކާށެވެ. އަދި މިޤައުމު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތުމަށްވެސް ކޮމަންވެލްތުން މިދިޔަ އެތަކެއް އަހަރެއްގެ ތެރޭގައި ކޮށްދީފައިވާ ކަންކަން ދިރާސާކުރިންތޯ؟
އަލީ
28 September 2016
ކޮންކަމެއް ބާ "މިޤައުމު އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތުމަށް" ކޮމަންވެލްތުނ ކޮށްދިނީ! އަދި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގަތީމަ ދިވެހި ގައުމަށް ލިބުނު ފައިދާއަކީ ކޮބާތޯ؟ ބޭރު ދުނިޔެއާއި ގުޅިގެން މަސައްކަތް ކުރުމުގެ މާސްޓަރސް ރިޔާޒަށް އޮތިއްޔާ އުމަރު ތި ހުންނެވީ އެއިގެއިން ޕީއެޗްޑި ހައްދަވަގެން ހެން އަޅުގަޑަށް ހީވަނީ. ރިޔާޒަކަށް ދޫކުރާނެ އުމަރެއްނެތް!
ފފ
25 September 2016
އާސިޔާެން ނޫނީ ޖީ8 ގައި ބައިވެރިވާންވީ!
ޥ
26 September 2016
ކަލޭ ހަމަތަ؟
ގުލޭ
25 September 2016
ވަކިވާންވީ..
ޝަހާމް އިބްރާހިމް
25 September 2016
ކޮމަންވެލްތުން ރާއްޖެ ވަކިވާންވިތާ ކިތަންމެ ދުވަހެކެވެ. އެހެނީ އެ ޖަމާއަތަކީ ރާއްޖެއަށް އެއްވެސް އެހީއެއް ނުވާތާގައި އިދިކޮޅު ފަރާތްތަކުގެ ދޮގު ވާހަކަތައް ގަބޫލުކޮށްގެން ގައުމުގެ އަގުވައްޓާލާ ނޮހޮރުއްޕާން ކުރަމުންދާ ބަޔަކަށް ވާތީއެވެ. މިކަމުން އަރައިގަންނަން އެބަޖެހެއެވެ. އެހެނީ މިއީ، އިނގިރޭސިންގެ އިސްތިއުމާރީ ވެރިކަން ނިމުމަށްފަހުގައިވެސް، އެ ޤައުމުތަކުގެ މައްޗަށް އިނގިރޭސި ސަރުކާރުގެ ނުފޫޒު ފޯރުވުމަށް ހިންގާ ހަރަކާތެކެވެ. އެކި ސިފަ ސިފައިގައެވެ. އެކިނަންނަމުގައެވެ. އަވަހަށް މި ޖަމްޢިއްޔާއިން ވަކިވެ މިނިވަންކަން އިތުރަށް ކަށަވަރު ކުރަންވީއެވެ.