އިދިކޮޅު ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުން ހޮޓެލް ޖެން ކައިރީގައި ބާއްވަމުން ދިޔަ އިރު، ފުލުހަކު ޓޯކީ އިން ވާހަކަ ދައްކަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 އޮކްޓޯބަރ 2019 - 13:21
އިސްލާމްދީނަށާއި ރަސޫލާ އަށް ފުރަައްސާރަކޮށް، ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ޔޫތު މިނިސްޓްރީ އަށް ސިޓީއެއް ހުށަހެޅުމަށް ފަހު، ވެލާނާގޭ ބިލްޑިންގް ކައިރީގައި ނިއުސް ކޮންފަރެންސެއް ދޭން އުޅުމުން ފުލުހުން މިއަދު އެކަމަށް ހުރަސް އަޅައިފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބައެއް އިސްވެރިން ޔޫތު މިނިސްޓްރީ ހުންނަ ވެލާނާގެ އަށް މިއަދު ވަޑައިގަތީ، އެމްޑީއެންގެ މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ ލިސްޓެއް ހޯދުމަށެވެ. އެ ސިޓީ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.
ޔޫތު މިނިސްޓްރީ އަކީ ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތެވެ.
ތޯރިގާ އެކު، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސުން ކަމަށްވާ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ލަންކާ ސަފީރު ކަން ކުރެއްވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތެވެ.
އިދިކޮޅު ބޭފުޅުން ޕްރެސް ދެއްވި ގަޑީގައި ފުލުހުން ހުރަސް އަޅަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ސިޓީ ހުށަހެޅުއްވުމަށް ފަހު، ވެލާނާގޭގެ ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަން މަސައްކަތް ކުރެއްވުމުން ފުލުހުންގެ ދެ ތިން މީހަކު އެ ބޭފުޅުން ވަށާލައި، ގްރީން ޒޯނުން ބޭރަށް ދިއުމަށް އެންގި އެވެ. އަދި ފުލުހުންގެ އެންގުމާ އެއްގޮތަށް ނޫސްވެރިން އަމަލު ކުރި އެވެ. އޭރު، އިދިކޮޅު ސަޕޯޓަރުން ތިބީ އެމްޑީއެން އުވައިލުމަށް ގޮވާލައި ތަފާތު ޕޯސްޓަރުތައް ލިޔެފައިވާ ލިޔުންތައް ހިފައިގެންނެވެ.
ވެލާނާގޭ ކައިރި އަށް ފުލުހުން ދިއުމުގެ ކުރިން ޕީޕީއެމް ނައިބު ރައީސް ޝިޔާމް ވިދާޅުވީ އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ދިވެހިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެމްޑީއެން އަކީ ސަރުކާރަށް ވުރެ ވަރުގަދަ ޖަމިއްޔާ އެއް ކަމަށާއި އެ ޖަމިއްޔާގެ މަގްސަދާ މެދު ދިވެހިން ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީއެން އަކީ ރާއްޖޭގައި އޮތް ސައްތަ އިން ސައްތަ އިސްލާމީ ވަންތަކަން ފޮހެލުމަށް، ވަރަށް ރޭވުންތެރިކަމާ އެކު މަސައްކަތް ކުރާ ޖަމާއަތެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެހެން އޭނާ ވިދާޅުވެ ނިމުނު ތަނާ، ދެން ފެނުނީ ފުލުހުންގެ ދެ ތިން މީހަކު ގޮސް ނޫސްވެރިންގެ ބައްދަލުވުން ހުއްޓުވި މަންޒަރެވެ.
އިދިކޮޅު ސަޕޯޓަރުން ވެލާނާގޭ ކައިރީގައި، އެމްޑީއެންއާ ދެކޮޅަށް މިއަދު އަޑު އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ފުލުހުން ބުނީ، ގްރީން ޒޯންގައި ނޫސްވެރިންގެ ބައްދަލުވުން ނުބޭއްވޭނެ ކަމަށެވެ. އެއާ އެކު، އިދިކޮޅު ސަޕޯޓަރުންތަކުގެ އަޑު ގަދަވެ، "ލާދީނީ އެމްޑީއެން" އުވާލަން ގޮވާލި އެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ފުލުހުން ހުރަސް ނޭޅުމަށް ވެސް އެމީހުން އިލްތިމާސް ކުރި އެވެ.
ވެލާނާގެ ކައިރި އަށް މިއަދު އެއްވި މީހުން ހޮޓެލް ޖެން ކުރިމައްޗާ ހަމައަށް ފުލުހުން ގެންދިޔަ އެވެ. ދެ ޕާޓީގެ ވެރިން ހިންގަވާއފައި އެ ހިސާބަށް ވަޑައިގަންނަވަމުން ދިޔަ މަގުމަތީގައި ޝިޔާމް ވިދާޅުވީ "މި ގައުމުގައި ނޫސްވެރިކަމުގެ މިނިވަން ކަމެއް ނޯންނާނެ" ކަމަށެވެ. ޝުޖާއު ވިދާޅުވީ ހުރަސް އަޅާ މީހުންނަކީ "ލާދީނީ ކަންކަމަށް ހިތްވަރުދޭ" މީހުން ކަމަށާއި އެކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
"ގާނޫނުގެ ކުރިމަތީގައި ހަމަހަމަވާނެ،" ޝުޖާއު ނޫސްވެރިންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
ޝިޔާމް ވެސް ވިދާޅުވީ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު (އެމްސީ ހަމީދު) ގެ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ބޯލަނބަމުން އަންނާތީ ހިތާމަ ކުރައްވާ ކަމަށެވެ.
އެއްވެފައި ތިބި ބައެއް މީހުން ވެސް ގޮވަމުން ދިޔައީ މި ސަރުކާރު ވެރިކަމަށް އައީ މީޑިއާގެ މީހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ވައުދާ އެކު ކަމަށެވެ. އެކަމަކު، ވެރިކަމަށް އައުމަށް ފަހު، ނޫސްވެރިންނަށް އެ ފުރުސަތު ނުލިބޭތީ ސަރުކާރުގެ ވެރިން ދެކޮޅު ނުޖެހޭ ކަމަށް ބުންޏެވެ.
އެއްވި މީހުން، ރައްޔިތުންގެ މަޖިލިހުގެ ކައިރިން ހިނގާފައި ދިޔަ އިރު، ޝުޖާއު ވަރަށް ބާރަށް "މިއީ އެމްޑީޕީގެ އެކަނި ގައުމެއް ނޫން" ކަމަށް ވިދާޅުވި އެވެ. އަދި ބައެއް މީހުން ބުނީ މި ވެރިކަން އައި ފަހުން ވެލާނާގެ އާއި މަޖިލިސް ކައިރީގައި ވެސް ޕްރެސް ދީފައި ހުރި އިރު، އެކަން ނުހުއްޓުވާ ކަމަށެވެ.
ޝުޖާއު ވަނީ މީޑިއާ އަށް ތިބެވޭނެ ހިސާބެއް އެންގުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އޭގެ ޖަވާބުގައި ފުލުހުން ބުނީ ހޮޓެލް ޖެން ކުރިމައްޗަށް ދިއުމަށެވެ.
ހޮޓެލް ޖެންގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝިޔާމް ވިދާޅުވީ ޔޫތު މިނިސްޓްރީ އަށް ސިޓީ ފޮނުވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޕޮލިސް ކޮމިޝަނަރު ހަމީދު އެމްޑީއެންގައި އުޅުއްވި ދުވަސްވަރު ބެލުން ކަމަށެވެ. އެމްޑީއެން މެމްބަރުންގެ މައުލޫމާތު އެނގެން ދިވެހިން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޮޓެލް ޖެން ކައިރީގައި ޝިޔާމް، ނޫސްވެރިންނާ ވާހަކަ ދައްކަވަން ޖެހިވަޑައިގަތީ ވެސް ފުލުހުންގެ ހުރަސް އެޅުމުގެ ތެރެއިންނެވެ. އޭނާ މީޑިއާއާ ވާހަކަ ދައްކަވަމުން ގެންދެވިއިރު ވެސް އޭނާ އާއި ނޫސްވެރިންނާ ދެމެދަށް ފުލުހަކު ވަދެ ހުއްޓެވެ.
ޝިޔާމް ވިދާޅުވީ އެމްޑީއެން އުވާނުލައި ދިގުލައިގެން ދިއުމަކީ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. އެ ޖަމިއްޔާގެ މެމްބަރަކު، ސަރުކާރުގައި ހުރި ނަމަ ވަޒީފާތަކުން ވަކިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީއެންގެ މައްސަލައިގައި ތަހުގީގު ކުރަން ޖެހޭ އެއްޗެއް ނެތް ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ފުލުހުންގެ ފަރާތުން ފެނުނީ ނޫސްވެރިކަމަށް ހުރަސް އެޅި މަންޒަރު ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ނޫސްވެރިންނާ ބައްދަލުކުރީ ސިޓީގެ މައުލޫމާތު ދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީތޯ ޑިމޮކްރަސީގައި އޮންނަ ގޮތަކީ؟ ދައްކާ ވާހަކައިގެ ދެކޮޅެއް ނުޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ވެލާނާގެ އަށް ވަޑައިގަތީ ބޮޑު ކަމެއް ކުރަން ނޫން ކަމަށެވެ. އެކަމަކު، މިއަދު ހިނގި ކަންކަމުގެ ސަބަބުން ސަރުކާރު ތެޅޭ މިންވަރު އެނގިވަޑައިގެންފައިވާ ކަމަށާއި މި ފެނުނީ "ރޯމަހެއް ތެޅޭ ގޮތަށް ތެޅޭ މަންޒަރު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އައީ ވެސް ފަންސާހަކަށް މީހުން ނޫންތޯ؟ އެހެންވީމާ ސަރުކާރުން މީޑިއާތަކަށާއި މީހުންނަށް އަނިޔާދޭ ނަމަ، އަޅުގަނޑުމެން ޖެހޭނީ މިކަން ކޮންޓިނިއު ކުރަން މާލޭގެ މަގުތަކުގައި. އަޅުގަނޑުމެންގެ ދެ ޕާޓީގައި އެ ހިތްވަރު އެބަހުރި،" ޝުޖާއު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ނޫސްވެރިންނަށް ހުރަސް އެޅި ކަމަށް ބުނި އިރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގްރީން ޒޯންގައި އޭރުގެ އިދިކޮޅު ފަރާތްތަކަށް ޕްރެސް ބޭއްވުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާ
27 October 2019
ކަލޭމެން ބުނާހާކަމެއް ކުރާކަށް ސަރުކާރަކަށް ނުޖެހޭނެ! އުވާލަން ޖެހުނީމާ އެކަން އެގޭނީ ކަލޭމެންނަކައް ނޫން!
ދޮންނޭ
26 October 2019
ވެލާނާގޭ ދޮރުމަތީ ކުރެވޭނީ ތިިމާވެށިި މުޒާހިިރާ. ސްކޫލް ކުދިިން ބައިިވެރިި ކޮށްގެން ހެނދުނު 6 އިިން ހަވީރު 3 އަށް ހުއްޓާނުލާ އަޑުގަދަކޮށް މުވައްޒަފުންނަށް އޮފީސްތަކަށް ވަނުމަށް ހުރަސްއެޅިި މަސައްކަތް ކުރަން ދަތިިވާވަރަށް އަޑުގަދަކޮށް ހެދޭނީ ތިިމާވެށިިންނަށް. އެކަމަކު އެމްޑީއެން އުވާލާ.
ކަނބިލި
25 October 2019
އެ މްޑީއެން މައްސަލާގައި ސިޔާސީ ފައިދާ ނެގު މަށް މަސައްކަތް ކުރު މަކީ ރަނގަޅު ގޮތެއް ނޫން. އަނެއްކޮޅުން އިދިކޮޅުގައި ތިބޭ ބަޔަކު އެއިރަކު އޮންނަ ސަރުކާރަކުން ކަންކުރަނީ ޑި މޮކްރަސީގެ ރޫހާ ޚިލާފަށް. ޚުދު މުޚުތާރު ވެރިކަން އޮންނަ ތަން ތާ ކަންކުރާ އުސޫލުން.
ކާފަދ
25 October 2019
އޮފީހަކަށް ސިޓީއެއް ލާންވެސް ދާންޖެހެނީ ޓައީ އަޅައިގެންތަ
ކެކެކެ
26 October 2019
އަނހަ ޓައީ އަޅައިގެން ދޯ މިތިބީ؟ ވަރަށް ބޮޑު ގޯހެއް ތީ. އެއްގޮތަކަށްވެސް ޓައީ އަޅައިގެން ގޮސްގެން ނުވާނެނު.
ރައްޔިތުމީހާ
24 October 2019
އޮފީހަކަށް ސިޓީއެއްލާންށޭ ކިޔާފަގޮަސް މިއުޅެނީ މުޒާހަރާ ކުރަން. ހުރިހާ ކަމަކުންވެސް ވައްކަމާ އޮޅުވާލުން.
8888
24 October 2019
ވައްކަން ކުރާމީހުން ފރނުނީމަ އެނގޭތަ؟
އެޖެންޑާ 19...
26 October 2019
ވައްކަން ކަޑަ. "ބަދަލު" އޯކޭ. ތަފާތު ގޮތަކަށް ތަފާތު ނަމެއްގަ. ސަޅި.
ކަރޭ
26 October 2019
ބަދަލު ދޭން ޖެހޭނެތާ ޖީއެމް އާރު އަށް ވެސް ދިނީތާ، އިހުމާލު ވިމީހުން ޓައި އަޅާފަ،
ޢަބްދުﷲނާފިޒް
24 October 2019
އެމްޑީއެން އުވާލާ، ކަންކުރިމީހުނަށް ޤާނޫނީ ހަމަތަކުގެ މަތިން އަދަބުދޭން ގޮވާލަން، އެކަމަކު އޮފީހަކަށް ސިޓީއެއްލާންށޭ ދިޔައީކިޔާފަ، ސިޓީލާފަ ނުކުމެ ގްރީން ޒޯންގަ މުޒާހަރާކޮށް ނިއުސްކޮންފަރެންސް ދީގެން ނުވާނެ، ދެވިގެންވެސް ނުވާނެ، އެކަން ހުއްޓުވަން ޖެހޭނެ، ހިންގަވާ މުޒާހަރާ ކުރުން ހުއްދަ އޮންނަ ސަރަހައްދަކަށް އަޅުގަނޑުވެސް ދާނަން.
ހަހަހަހަ
26 October 2019
ކަލޭ ދާނެ ކަމެއް ނެތް. ކަލޭ މަޑުކޮށްލާ. ކަލޭގެ ނެތެއްނު ބޮލެއް. ކަލޭ ގޮސްގެން އިތުރު ބޮލެއް ނުފެންނާނެ. ބޭކާރު.
ޢުސްތާޒް
24 October 2019
ﷲ ގެ ދީން އެކަލާންގެ ހިމާޔަތްކުރައްވާނެ އެކަލާންގެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ ކަލާންގެ ކޮންމެހެން ބަޔަކު ނުޖެހޭ ދީންހިމާޔަތްކުރާށޭ ކިޔާފަ މަގުތަކަށް ނުކުއްނާކަށް އިންސާނުން ދީންހިމާޔަތް ކުރަންޏާ ވައްކަންނުކޮށް ދީނުގައި އެންގެވިގޮތަށް އުޅޭ ދީން ހިމާޔަތްކުރަން މަގުމަތީގަ އުޅުމުގެ ބަދަލުގައި މިސްކިއްތަކުގައި ގިނަވަގުތު ހޭދަކުރޭ
ކީކޭބުނާނީ
26 October 2019
މުންކަރާތް މަނާކުރުން މީ މިސޮރު އަޑުވެސް އެހި ވާހަކައެއް ނޫންތާ. އޯކޭ. ކަލޭ ކަހަލަ މީހަކު ދައްކަން ހަމަ އެންމެ ރަނގަޅު ވާހަކަ ކަލޭ ތިދެއްކީ. ބަނީއިސްރާއީލުންވެސް ބުނީ ހަމަ ތިހެން. އެކަމަކު ބަޔަކު ދީން ހިމާޔަތް ކުރަން އުޅުނީމަ ކަލެއަކާ ކޮން ބެހޭ ކަމެއް. ކަލޭ މިސްކިތުން ނުފައިވާ އިނީމަ އެނިމުނީނު.
އެހެންތޭ
24 October 2019
ސަރުކާރާއި އިދިކޮޅު ވިނަމަވެސް ދީން ހަތިޔާރަކަށް ހަދައިގެން ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުވާލަން މަސައްކަތް ކުރުން އެއީ ގައުމަށް އެއްގޮތަކަށް ވެސް ފައިދާ އެއް ކުރާނޭ ކަމެއް ނޫނޭ ތިޔާ ޑިމޮކްރަސީ ނެޓްވާރކް ގެ މީހުން ނެރުނު ރިޕޯރޓް ވެސް ހުޅުވާލެވިފައިވާ ސިކުނޑި ތަކުން ދިރާސާ ކޮށްގެން ތިޔާ ކަން މަޝްވަރާ ކޮށްގެން ހަމަޖެހެން ޖެހޭނެއޭ ސަރުކާރަށް ރާއްޖޭގައި އޮތް އިސްލާމް ދީން ބަދަލު ކުރަން އުޅޭނެ ކަމަށް މަމެންނަށް އެއްގޮތަކަށް ވެސް ގަބޫލު ނުކުރެވެއޭ...
ވާޢިޟު
24 October 2019
ރައީސް އިބޫ ވެސް ޖުމުހޫރީ މައިދާނަށް މުޒާހަރާޔަށް ވަނޭ، ދައުވާ އަނބުރާ ގެންގޮސް ކުށެއްނެތް މީހަކަށް ވީމަތާ ރައީސަކަށް ކުރިމަތި ލެވޭނީ! ކޮންމެ ރައްޔިތަކުވެސް ހަމަހަމަވާނެ!
ގިޓާ
24 October 2019
ފުލުހުން ދީނީ ފުރައްސާއަށް ސަޕޯޓުރާތަން އެފެންނަނީ