ލައިފްސްޓައިލް / ޖަޕާން

ޖަޕާނުގައި އަންހެން މުވައްޒަފުން އައިނު އެޅުން މަނާކުރަނީ

10 ނޮވެމްބަރ 2019 - 09:33

ޖަޕާނުގެ ކުންފުނިތަކުގައި ވަޒީފާއަދާކުރާ އަންހެން މުވައްޒަފުން ނަމްބަރު އައިނު އެޅުން މަނާކުރަމުންދާތީ އެކަމަށް ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަންބަރު އައިނު އަޅާ މުވައްޒަފުން މަސައްކަތްކުރާ، ބޮޑެތި ބައެއް ކުންފުނިތަކާއި ސުޕަމާކެޓްތަކާއި ބައެއް އެއާލައިންތަކުން ވެސް ވަނީ މުވައްޒަފުން އައިނު އެޅުން މަނާކޮށްފަ އެވެ. އަދި މިކަމަކީ ސަލާމަތީ ސަބަބުތަކަށްޓަކައި އަދި ކުންފުނިތަކުގެ ތަސައްވުރު ރަނގަޅުކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެ އެވެ.

ބައެއް ރިޓެއިލް ޗެއިންތަކާ ހަވާލާދީ މީޑިއާތަކުން ބުނީ ޝޮޕް އެސިސްޓަންޓުންގެ ވަޒީފާއަދާކުރާ އަންހެން މުވައްޒަފުން ނަމްބަރު އައިނު އެޅުން މަނާކުރީ އެކަމާ ހުރެ "ކޯލްޑް އިމްޕްރެޝަންތަކެއް" ދެވޭތީ އެވެ. އަދި ބައެއް އެއާލައިންތަކުން އަންހެން މުވައްޒަފުން އައިނު އެޅުން މަނާކުރީ މޭކަޕްކޮށްގެން ތިބޭ އިރު އައިނުގެ ސަބަބުން މޫނުމަތީގެ ރީތިކަން ފާޅުނުވާ ކަމަށް ބުނެފައި ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، ގިނަ ބަޔަކު މިކަން ސިފަކުރަނީ ވަޒީފާގެ މާހައުލުގައި ދެ ޖިންސްގެ މީހުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއްގެ ގޮތުގަ އެވެ. އަދި މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ މިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ #ގްލާސެސްއާފޮބިޑްން ގެނަމުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ.

އަންހެން މުވައްޒަފުންނަށް ނަމްބަރު އައިނު މަނާކުރާ މައްސަލާގައި ޖަޕާންގެ ކިއޯޓޯ ޔުނިވަސިޓީ އޮފް ފޮރިން ސްޓަޑީޒްގެ ސޯޝޮލޮޖީ ޕްރޮފެސަރު ކުމިކޯ ނެމޯޓޯ ވިދާޅުވީ މިއީ ތާކުންތާކު ޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"މިއީ ހަމަ އަސްލު ވެސް އޮއްޓަރެއް ނެތް ތާކުންތާކު ނުޖެހޭ ކަމެއް. މިއިން ނުކުންނާނެ ނަތީޖާ އަކީ ޖިންސްގެ ތަފާތުކުރުންތައް. ވަޒީފާގެ މާހައުލުގެ ތަފާތުކުރުންތައް،" އޭނާ ވިދާޅުވި އެވެ. "މިއީ އަދި މި ޒަމާނަށް ނުފެތޭ ގަދީމީ ވިސްނުމެއްގެ ތެރެއިން ކުރާ ކަމެއް."

ކުމިކޯ ވިދާޅުވި ގޮތުގައި ވަޒީފާ އަދާކުރާ އަންހެނުންގެ އުފެއްދުންތެރިކަމާއި ގާބިލިއްޔަތުކަން ވަޒަންކުރާނީ އެ މީހެއްގެ ސިފައަކަށް ބަލައިފައެއް ނޫނެވެ. އަދި އެއީ އެ މީހެއްގެ މަސައްކަތުގެ އަހުލާގާއި ހުނަރުން ވަޒަންކުރަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އަންހެން މުވައްޒަފުންނަށް ކުންފުނިތަކުން ނަމްބަރު އައިނު މަނާކުރާ މައްސަލާގައި ޖަޕާނުގެ ހެލްތު، ލޭބާ އެންޑް ވެލްފެއާ މިނިސްޓްރީގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވީ އެ މިނިސްޓްރީ އަށް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ލިބިފައި ނެތް ކަށެވެ.

ދާދި ފަހުން ޖަޕާނުގެ ރަސްމީ ޑްރެސް ކޯޑްގައި އަންހެން މުވައްޒަފުން ހައި ހީލްސް އަށް އަރަން ޖެހޭ ގޮތަށް ނިންމުމުން އެކަމާ ދެކޮޅަށް ވެސް ވަރަށް ގިނަ ބަޔަކު އަޑު އުފުލައި، އެ އުސޫލު އުވާލަން އެދި ސަރުކާރަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454