އެސްޓްރޮނޯޓުން ޖައްވުގައި ކަޝްރަތުކުރަނީ - ކަޝްރަތުކުރުމަކީ އެސްޓްރޮނޯޓުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ބުނެވޭ
18 ނޮވެމްބަރ 2019 - 07:38
އެސްޓްރޮނޯޓުންގެ ހަށިގަނޑުގައި ލޭހިނގުމަށް ބުރޫއަރާކަން، ހޯދުންތަކުން ދައްކައިފި ކަމަށް ނާސާ އިން ބުނެފި އެވެ. މިއީ ޖައްވުގައި ގިނަ ދުވަސް ހޭދަކުރުމުން، އިންސާނުންގެ ހަށިގަނޑަށް އަންނަ ނުރައްކާތެރި ބަދަލެއް ކަމަށް މިހާރު ވަނީ ގަބޫލުކުރެވިފަ އެވެ.
އެއް ޕްލެނެޓުން އަނެއް ޕްލަނެޓަށް އިންސާނުންނަށް ދަތުރުކުރެވޭ ނިޒާމެއް ހޯދުމަށް ސައިންސްވެރިން ކުރާ މަސައްކަތުގައި، ބިމަށް ދަމާ ބާރު ނެތް ތަންތަނުގައި ހަށިގަނޑަށް އަންން ބަދަލުތައް ދިރާސާކުރުން ވެސް ހިމެނެ އެވެ. އިންސާނުން ބިމުގައި ހިނގައި ބިނގައި އުޅޭ އާންމު އުސޫލުން، އެ ފަދަ ހަރަކާތްތައް ނުކުރެވޭ ހާލަތްތަކުގައި، ލޭހިނގުމަށް ނުރައްކާތެރި ބަދަލުތައް އަންނަކަން މިއަދު މި އޮތީ އެނގިފަ އެވެ.
ނާސާ އިން ބުނާ ގޮތުގައި، އެސްޓްރޮނޯޓުންގެ ލޭހޮޅި ތެރޭގައި، ގަނޑުލޭ ކޮޅުކޮޅު އުފެދޭކަން ވެސް ވަނީ ސާބިތުކުރެވިފަ އެވެ. މިއީ އަދި އޮޅުންފިލުވައިދޭން ދަތި ހާލަތެއް ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. އަދި އެސްޓްރޮނޯޓުންގެ ހަށިގަނޑުގައި ލޭ ދައުރުކުރުން ހުއްޓި، ނުއަތަށް ހިނގައިފާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަށިގަނޑުގައި، ލޭހޮޅި ތެރޭގައި، ގަނޑުލޭ ކޮޅުކޮޅު އުފެދުމަކީ ނުރަނގަޅު ނިޝާނެކެވެ. ނަމަވެސް، ގައިން ތަނެއް ކަފައިގެން ގޮސް ހުންނައިރު، މަސްގަނޑު ފަސޭހަވުމަށްޓަކައި، ކަފައިގެން ގޮސް ހުންނަ ހިސާބުގައި ތަބީއީ ގޮތުން ލޭ ގަނޑުވެ އެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި އެސްޓްރޮނޯޓުން ތިބޭއިރު، ފުރިހަމަ ސިއްހަތުގައި ތިބުމަށް ކޮންމެ ދުވަހަކުހެން ކަޝްރަތުކުރަން ޖެހޭ ކަމަށް ބުނެވެ އެވެ. މި ބުނުން އިތުރަށް ތަފުސީލުކުރުމުގައި، ދުވާ މެޝިންގައި ގިނަ ވަތުގު ދުވުމުގެ އިތުރުން، ބަރުއުފުލައި ގައިގެ މަސްތަކަށް ވާންކުރަން ޖެހޭކަން ފާހަގަކޮށްފައި ހުރެ އެވެ. އެއީ، އެހެން ނޫން ނަމަ، ގައިގެ މަސްތައް ކަށިން ދޫވެދާނެތީ އެވެ.
އެސްޓްރޮނޯޓުން ޖައްވުގައި ދުވަސްތައް ހޭދަކުރުމަށް ފަހު އެނބުރި ބިމަށް އައުމުން، އިތުބާރު ބޮޑު ޓެސްޓްތައް ހައްދުވަ އެވެ. ސިއްހީ ގޮތުން އަދި ނަފުސާނީ ގޮތުން އޭނާ ހުރި ހާލަތު ވަރަށް ރަނގަޅަށް ދެނެގަނެ އެވެ. ބައެއް ފަހަރު ކައުންސެލިން ދޭން ޖެހޭ ކަމަށް ވެސް ބުނެވެ އެވެ.
އިންސާނުންގެ ހަށިގަނޑަށް، ޖައްވުގައި، މި ފަދަ ނުރައްކާތެރި ބަދަލުތައް އަންނައިރު، ދުރު ރާސްތާ ޖައްވީ ދަތުރުތަކަށް ހަށިގަނޑު ފައްކާކުރުން ސައިންސްވެރިންނަށް ވަނީ އަލުން ދަސްކުރަންޖެހިފަ އެވެ. ދުނިޔެއިން ބޭރު އެއްވެސް ތަނެއްގައި، އިންސާނުންނަށް ދުވަހަކު ވެސް ނޫޅެވޭނެ ކަމަށް ބުނާ ސައިންސްވެރިންގެ ބުނުން ބާރުގަދަ ވަނީ މި ސަބަބުތަކާ ހެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާބު
18 November 2019
އިންސާނުން ހެއްދެވީ މިދުނިޔެއަށް، މިމާހައުލަށް، ކަނޑުގެ ދިރުން ލެއްވީވެސް އެގޮތަށް، އެނޫން ގޮތްގޮތަށް ހަދަން އުޅެންޏަމު ބަދަލުއަންނާނެ!
ޑރފަލަޑޭ
18 November 2019
ޓޭންކް ތަކާއި ފެންގަޑުތަކުގަވެސް މަސްތައްވެސް އުޅޭ. ހަމައެކަނި ކަނޑަކުނޫން