ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ޖޮބް ސެންޓަރު މިއަދު އިފްތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
17 ނޮވެމްބަރ 2019 - 12:14
ވަޒީފާ ބޭނުންވާ މީހުންގެ މައުލޫމާތުތަކާއި މާކެޓުގައި ހުރި ވަޒީފާގެ ފުރުސަތުތައް އެނގޭނެ ގޮތަށް ސަރުކާރުން ހެދި ޖޮބް ސެންޓަރުގެ ވެބްސައިޓް މިއަދު އިފްތިތާހު ކޮށްފި އެވެ.
ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، މިއީ ވަޒީފާ ހޯދަން ބޭނުންވާ މީހުންނަށް ވަޒީފާ ހޯދުމަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ޒަމާނީ މިފަދަ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ގިނަ ދޮރުތަކެއް ހުޅުވޭނެ ކަމަށާއި ވަޒީފާގެ ފުރުސަތު ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމް، ޖޮބް ސެންޓަރުން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖޮބް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
"ވަޒީފާ އިޝްތިހާރު ކުރުމާއި ކުރިމަތިލުމުގެ ސަގާފަތް މިހާރު މިވަނީ ބަދަލުވެފައި. ޖޮބް ސެންޓަރަކީ މިއަދުގެ މާހައުލަށް އެކަށީގެންވާ ވަރަށް ފުރިހަމަ އަށް ބައްޓަން ކުރެވިފައިވާ ޕްލެޓްފޯމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖޮބް ސެންޓަރުތަކުން ވަޒީފާ ހޯދައިދޭ މީހުންގެ ވަޒީފާތައް އިޝްތިހާރުކޮށް، ވަޒީފާ ހޯދުމަށް އެންމެ ފުރަތަމަ ބޭނުންކުރާ ރިފަރެންސް ޕޮއިންޓަކަށް އެ ސެންޓަރު ހެދުމަކީ އޭނާގެ އުންމީދެކެވެ.
ހުނަރުވެރި ޒުވާނުން އުފެއްދުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާ އިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނސްޓްރީއާ ގުޅިގެން ވޯލްޑް ބޭންކްގެ އެހީގައި 20 މިލިއަން ޑޮލަރުގެ ހާއްސަ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ޓޫރިޒަމާއި ކޮންސްޓްރަކްޝަނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މީހުން ބިނާ ކުރުމަށް ހާއްސަ ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމާރު
17 November 2019
ކޮބާހޭ ފުލެޓް???????!
ލާމް
17 November 2019
ބޭރުގެ ބައެއް ޤައުމު ތަކުގެ ވަޒީފާދިނުމާބެހޭ ޤާނޫނު ވަރަށް ހަރުކަށި، ބައެއް ޤައުމުތަކުގައި އެ ޤައުމުން ބޭރު ފާރާތަ ތަކަށް %12 ކަނޑައަޅާފައިވޭ އަދި ބައެއް ޤައުމުތަކުގައި އެޤައުމެއްގެ މީހުނަށް ނޫނީ ވޒީފާ ދިނުން މަނާކުރާ ޤާނޫނުތައްވެސް އެބަހުރި ވީމާ، ދިވެހިންނަށް %80 އަދި ބޭރުމީހުނަށް (މެނޭޖްމަންޓަ ލެވެލް%5 ލައިން ސްޓާފް %15) ވަޒީފާ ދޭގޮތަށް ޤާނޫނު ބަދަލުކުރުމަށް ހަރުކަށި އިބާރާތުން ގޮވާލަން!
ލާމް
17 November 2019
ވަޒީފާދިނުމާބެހޭ ޤާނޫނުގައި ވަޒީފާދިނުމަށް މިހާރު ކަނޑައަޅާފައި އޮންނަ ރޭޝިއޯ އަކީ، ދިވެހިންނަށް %45 އަދި ބޭރުމީހުނަށް %55 ވަޒީފާ ދޭން، މިގޮތަށް ޤާނޫނު އޮތުމުން ދިވެހިންނަށް ލިބެންޖެހޭ ވަރަށް ބައިވަރު ފުރުސަތު ގެއްލި އެ ވަޒީފާތަކަށް ކުފޫހަމަނުވާ ބޭރުގެ ބުރާންތިން ގެނައުމުގެ ފުރުޞަތު ކުނަފުނިތަކަށް ލިބިދޭ !
ބޭކާރު
17 November 2019
އެޑިއުކޭޝަން މިނިސްޓްރީން ގުރަހަ ޕޯޓަލް ހެދިތާ މާ ގިނަ ދުވަހެއް ނުވެ އިކޮނޮމިކް މިނިސްޓްރީން ހަމަ އެއްކަމެއް ބޮޑު ޚަރަދުގައި ކުރީމަ ފެންނަނީ ސަރުކާރުގެ ހިންގުމުގެ ދޯދިޔާކަން. ދެ ސައިޓުގެ ޑިޒައިން ވެސް ހަމަ އެކައްޗެއް!!