އިންދުރަޕްރަސްތާ ސްކޫލް.
22 ނޮވެމްބަރ 2019 - 07:23
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސްކޫލެއްގެ ދަރިވަރުންނަށް ފެން ބޯން ހަނދާންކޮށްދީ އެކަމަށް ބާރު އެޅުމުގެ ގޮތުން، ކިޔަވާ ގަޑިތަކުގައި ފެން ބޯން ހަނދާންކޮށް ދިނުމަށް ރަނގަބީލް ޖަހަން ފަށައިފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި މިކަން ތައާރަފުކޮށްފައި ވަނީ އުއްޕިނަގަންޑީ އަވަށުގެ ދަކްޝީނާ ކަންނާޑާ ޑިސްޓްރިކްޓްގެ އިންދުރަޕްރަސްތާ ސްކޫލްގަ އެވެ. މިކަން ތައާރަފްކުރީ ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތުތަކުގައި ފެން ބޯ މިންވަރު މަދުވެ، ސިއްހީ މައްސަަލަތައް ކުރިމަތިވެ، ޓީޗަރުންނާއި ބެލެނިވެރިންގެ ޝަކުވާތައް ބޮޑުވެގެންނެވެ.
އޭޝިއަން އިންޓަނެޝަނަލް ނިއުސް (އަނީ) އަށް ސްކޫލްގެ ޕްރިންސިޕަލް ޖޯޒް އެމްޖޭ ވިދާޅުވި ގޮތުގައި ދަރިވަރުން ފެން ނުބޯތީ ދިމާވާ ސިއްހީ މައްސަލަތަކުގައި ކުލާސް ދޫކޮށްދާން ޖެހޭ ކަމުގެ ޝަކުވާ ޓީޗަރުން ވަރަށް ބޮޑަށް ކުރާ އެވެ.
"ހަމަމިއާ އެކު ބެލެނިވެރިންގެ ފަރާތުން ވެސް ޝަކުވާތައް ލިބިފައި އެބަހުރި ސްކޫލަށް ފޮނުވާ އިރު، ދޭ ފެންފުޅި ގެއަށް އަނބުރާ ދާ އިރު ވެސް ކުދިން ނުބޮއެ އޮންނަ ކަމަށް،" އޭނާ ވިދާޅުވި އެވެ. "ހަގީގަތުގައި މީގެ ސަބަބުން ކުދިންގެ ސިއްހަތަށް ވަރަށް ބޮޑު އަސަރެއްކޮށް، ކިޔެވުމަށް ބުރޫއަރާ."
އެހެންވެ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެއްދަންފަޅި އަށް ކިޔަވައިދޭ އިންދުރަޕްރަސްތާ ސްކޫލްގައި ފެން ބޯން ހާއްސަކޮށްގެން ތިން ރަނގަބީލު ޖަހާނެ އެވެ. އެއީ ހެނދުނު 10:35 އާއި މެންދުރު 12:00 ގެ އިތުރުން މެންދުރު ފަހު 2:00 ގަ އެވެ. މި ގަޑިތަކުގައި ޖަހާ ރަނގަބީލުތަކާ އެކު ސްކޫލްގެ ހުރިހާ ދަރިވަރުން އެ ގަޑިތަކުގައި ފެން ބުއިކަން ޓީޗަރުން ކަށަވަރުކުރާނެ އެވެ.
ޕްރިންސިޕަލް ވިދާޅުވި ގޮތުގައި މިފަދަ އުސޫލެއް ތައާރަފުކުރުމާ އެކު، ދަރިވަރުންގެ ފަރާތުން ފެންނަ ސިއްހީ މައްސަލަތައް ވަނީ މަދުވާން ފަށައިފަ އެވެ.
"އެކަން ބެލެނިވެރިން ވެސް މިހާރު އެބަ ފާހަގަކުރޭ،" އޭނާ ވިދާޅުވި އެވެ.
އިންދުރަޕްރަސްތާ ސްކޫލުން ތައާރަފުކުރި މި އުސޫލު ނަމޫނާއަކަށް ބަލައިގެން ކަރުނާޓަކާގެ އެހެން ސްކޫލްތަކުން ވެސް މިހާރު މިގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަޖސހބގ
22 November 2019
ނުބޮއެ އޮންނަ ކަމަށް. ރަނގަޅު ގޮތް، ނުބޮއެ ހުންނަ ކަމަށް.
ސަންފޫ
22 November 2019
ވަރަށް ރަނގަޅު ކަ މެއް..ރާއްޖޭގައި ކުރަން މަޖްބޫރުކަ މެއްތީ..ގިނަ ކުދިން ސްކޫލަށް ގެންދާ ފެންފުޅި ގެއަށް އަންނައިރުވެސް އަތްނުލާ..