އަހުމަދު ގައިސް. ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރަން ތަރުތީބު ކުރި ލިސްޓްގެ ދެވަނައިގައި އޮތީ އޭނާގެ ނަން.
29 ނޮވެމްބަރ 2019 - 20:07
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގެންނެވި ލިސްޓުގެ ތަރުތީބަށް، ރައްޔިތުންގެ މަޖިލީހުން އެ މީހުންގެ ނަން ދިރާސާކުރި ކޮމިޓީން ބަދަލު ގެނެސް އެ ލިސްޓުގެ ދެވަނަ އަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހިމަނައިފި އެވެ.
ރައީސް، މަޖިލީހަށް ފޮނުއްވި ލިސްޓުގައި 36 ބޭފުޅަކު ހިމަނުއްވާފައިވާއިރު، އިސްކަން ދެއްވި ތަރުތީބުން އެއްވަނައިގައި އޮތީ ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމެވެ. ދެވަނައިގައި އޮތީ ބްރޯޑްކާސްޓިން އަދި ދިވެހި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ގ. ޑޭޒީފެހި މުހައްމަދު ހިލްމީގެ ނަމެވެ.
އެކަމަކު، ރައީސް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ހިލްމީގެ ނަން އުނިކޮށް، އިސްކަންދޭ ނުވަތަ އެ ކޮމިޓީ އަށް ފެންނަ ނަންތަކުގެ ތަރުތީބުގެ ދެވަނައިގައި އެމްޑީޕީގެ އެކްޓިވިސްޓު ގދ. ތިނަދޫ ސަނީޑޭލް، އަހުމަދު ގައިސް ހިމަނައިފަ އެވެ. ނަމަވެސް، ރައީސް އިސްކަން ދެއްވި ލިސްޓުގައި ގައިސްގެ ނަން އޮތީ ތިންވަނައިގަ އެވެ.
ކޮމިޓީގެ ނިންމުމުގައި ވެސް ފުރަތަމަ ނަމަކަށް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވި ޝިފްލާގެ ނަމެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރަން ކޮމިޓީ އަށް ފެންނަ ދެވަނަ ބޭފުޅަކަށް ގައިސްގެ ނަން މި ގެނައީ މީޑިއާ ގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ މީހުން ވެސް ތިއްބައި އެ މީހުން ކަޓުވައިލުމަށް ފަހު އެވެ.
1- ޝިފްލާ އިބްރާހިމް- ގ. މަސްއޮޑިގެ
2- އަހުމަދު ގައިސް- ސަނީޑޭލް/ގދ. ތިނަދޫ
3- އަލީ ޔޫސުފް- ބާރަނާ/ޅ. ހިންނަވަރު
4- އަހުމަދު ފައިރޫޒް- މއ. ރަސްއައިން
5- ސައުދާ ސަލީމް- ރަބީއުމަންޒިލް/ހއ. ހޯރަފުށި
6- އަބްދުއްލަތީފް އަހުމަދު- ދަފްތަރު ނަމްބަރު ރސ 2345
7- އިބްރާހިމް އަޝްރަފް- ވ. މަށިވެލި
8- މޫސާ ރިލްވާން- މ. ހާވިލާ
9- މުއުމިނާ އާދަމް- ގ. ހާފްސީ
10- ފާތިނާ ގާސިމް- ދަފްތަރު ނަމްބަރު 4055
11- އިސްމާއިލް ސާޖިދު- މއ. ވިލާރޮނދި
12- މުހައްމަދު ސަނޫން- ނައިޓްވިލާ/ބ. ފެހެންދޫ
ގައިސް އަކީ ތިނަދޫގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ ޓިކެޓްގައި ގދ. އަތޮޅު ކައުންސިލަށް ވެސް އިންތިހާބުވި ބޭފުޅެކެވެ. އޭނާ މިހާތަނަށް މީޑިއާގެ ދާއިރާގައި އުޅުއްވި ކަމެއް ނޭނގެ އެވެ.
ޓީވީއެމްގެ ކުރީގެ ޕްރެޒެންްޓަރު އަދި މިހާރު ސަންގު ޓީވީގައި މަސަައްކަތްކުރައްވާ ޝިފްލާ އިބްރާހީމް. ފައިލް ފޮޓޯ
ބްރޯޑްކޮމް އަށް އައްޔަން ކުރާނެ ދެ ބޭފުޅުން ކަނޑައެޅުމުގައި މަޖިލީހުން އިސްކަން ދޭނީ ކޮމިޓީން ލިސްޓް އެކުލަވައިލި ތަރުތީބަށެވެ. އެގޮތުން އެންމެ ފުރަތަމަ ވޯޓަށް އަހާނީ ލިސްޓްގައި ފުރަތަމަ އަށް އޮތް ދެ ނަމަށެވެ. އެހެން ނަމެއް އަންނާނީ އެ ދެ ނަމުގެ ތެރެއިން ނަމެއް ފާސް ނުވާ ހާލަތުގަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ރިޕޯޓުގައި ވާ ގޮތުން ރައީސް ފޮނުއްވި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އިންޓަވިއު އަށް ކިޔުމުން ނުވަ މީހަކު ހާޒިރެއް ނުވި އެވެ. އަދި އިންޓަވިއު އަށް ތަކުރާރުކޮށް ގުޅުމުން ވެސް ހަތަރު މީހަކާ ގުޅޭނެ ގޮތް ނުވި ކަމަށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމައި ދިނުމަށް އެދި ކޮމިޓީން ފޮނުވި ރިޕޯޓުގައި ވެ އެވެ.
ބްރޯޑްކޮމް އިން އިސްތިއުފާ ދެއްވި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި މެމްބަރު ހަސަން ނަބާހްގެ ބަދަލުގައި ދެ ބޭފުޅަކު އައްޔަން ކުރަން އެ މަގާމަށް ހުޅުވައިލުމުން 36 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރޭގައި މީޑިއާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސަައްކަތް ކޮށްފައިވާ މީހުން ހިމެނެ އެވެ.
ސޮފްވާނާއި ނަބާހްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައި އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު ޒައިނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ޝަހީބާއި ޒައިނާގެ ބަދަލުގައި ކޮމިޝަނަށް މެމްބަރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހަ މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އެ މީހުންގެ ނަންތައް ދިރާސާ ކުރަން ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
01 December 2019
ވެރިކަމަށް އަންނަ ކޮންމެ ބަދަލަކާއެކު، މާރުކޭޓްގެގޮޅި ލިބޭފަރާތްތަކާއި، ކޯޓްތަކުގެ ފަޑީޔާރުންނަށް، ސިފައިންނާއި ފުލުހުންގެ މުއްއްސަސާއަށް އަދި އެނޫންވެސް (ނަމުގައި) މިނިވަން މުއްއްސަސާތަކަށް ބަދަލު އެބައާދޭ. މިއީ ހަމަ އާއްމުކަމެއް. މިކަމަށް އޮތް ހައްލަކީ "ދައުލަތް" އަދި "މިނިވަން" މިދެލަފުޒުގެ ބަދަލުގައި "ސިޔާސީ" ނޫނީ "ވެރިކަންކުރާ ޕާޓީ" ބޭނުންކުރަންފެށުން. އޭރުން ހުރިހާކަމެއް ލީގަލައިޒްވީ.
އަދީބު
01 December 2019
މަޖިލީހުން ތަރުތީބު ކުރި ލިސްޓުގައި ހިލްމީގެ ނަމެއް ނުވެސް ނެތް. އެކަމާ ބެހޭ ގޮތުން ނޫސްވެރިއަކަށް ސުވާލެއް ވެސް ކޮށްލާކަށް ހަމަ ނުކެރެނީތަ؟
ބޯގަޅި
01 December 2019
މި ހެޑިން ވ މިސްލީޑިންގ.. ނުޖެހޭ ކޮންމެހެން ބްރޯޑްކޮމް އަށް ޕްރެޒެންޓަރެއް ނޫސްވެރިއެއް ލާކަށް. އެޑިއުކޭޝަނަލް ސެޓްފިކޭޓަށް ބަލަން ޖެހޭނީ. ބިޒްނަސް ނޮލެޖް ހުރިއްޔާ ނިމުނީ
ސޯލިހާ
01 December 2019
ވާސަރީ..... ސަލާމޭ
ގޯޓާބޭ
30 November 2019
ޚޮމިޓީގެ ނިންމުމަކީ މެމްބަރ މެމްބަރކަން ކަށަވަރުވާ ނިންމެވުމެއްނޫން... ޟަޖްލިސް ފްލޯގައި މެމްބަރުން ގޮތްނިންމަވާއިރު، 1،2،3 ވެސް ބަލައި ނުގަތުމުގެ ހައްޤު އޮނާނާނެ....
ޙަސަންމަނިކް
30 November 2019
މީމިކަން އޮތްގޮތް. ހަޖަމުކޮށްލުން އެންމެ އައުލާކަންބޮޑީ.
ރައީސް ނަޝީދުއަށް
30 November 2019
މި ސަރުކާރާއި މަޖިލީސް އަޅުގަނޑިމެން ގެނައީ ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރުމަށް! މި ނަންތައް އިވެލުއޭޓްކުރެވުނުއިރު މާކްސް ދީފައިވާގޮތްވެސް ރައްޔިތުންނަށް ހާމަކޮށްދޭޖެހޭ! މިއީ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީ ވެވޭނެގޮތަކީ!
ޙަސަންމަނިކް
30 November 2019
ކަލޭތީ އެމް.ޑީ.ޕީ އަށް ވޯޓުދިން މީހެއްނޫން. މޮޅުވާހަކަ ނުދައްކާ!
ބެއްޔާބެ
01 December 2019
މިހާރު އޮންނަ ގޮތުން މާކްސް ދިނުމެއް ނޯވޭ. ވޯޓަކުން ނިންމާލާނީ
ސިފްލީން
30 November 2019
، އެމް ޑީ ޕީ މީހަކުލައިފިއްޔާ އެތަނެއްވަނީ މިނިވަން ، ރައްޔިތުން މަޖިލީހުގެ ރައީސް ބުނާކޮންމެއެއްޗަކީ މިނިވަންހިޔާ ލު އެހެންމީހަކު އެއްޗެކޭ ބުނެފިއްޔާ ފިތުނަ ، ހަމަމޮޔަވެދާނެ މިގައުމުމީސްތަކުން
ޢަލީނޫރައްދީން
30 November 2019
ކަ މަކު ނުދޭ. މަށަކަށް ކަ މަކު ނުދޭ ސަރުކާރުން ކަންތައް ކުރާ ގޮތުން.
ހުދާލް
30 November 2019
ވަކި ސިޔާސީ ފިކުރެއް ކުރިއަރުވަން މަރުދަންޖެހޭ ނޫސްވެރިން މިސާލަކަށް ރާއްޖެޓީވީގެ ނޫސްވެރިން ވެސް ވާނީ ހަމަ ސިޔާސީ މީހުންނަށް